ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި
▾ މި ވާހަކައިގެ ޢަދަދުތައް
" މާފު ނުދޭންވީ އަހަރެން ކަންނޭނގެ... އަހަރެން ލޯބިވީ ވަރު މެލެކްއަށް އެނގޭނެ.. އެ ލޯބި ބަލައިނުގަތީ މެލެކް.. އަމިއްލައަށް އަމިއްލަ ދަރިފުޅު މަރާލި މީހަކީ ތިއީ.. އެކަން ސިއްރުކުރަން މަސައްކަތް ކުރީވެސް މެލެކް... ދުވަހަކުވެސް އެ ކުށަށް މެލެކްއަށް މާފު ހައްޤެއް ނުވާނެ.. ވީއިރު ކުށްވެރިއަކީ ކާކު؟.. ".. އަފްރާހުގެ އަޑުގައިވީ ހަރުކަށިކަން ފިލައި ދިޔައީ ކުއްލިއަކަށެވެ. އެހެނަސް އަދިވެސް އެ މޫނުގައިވީ ނުރުހުންވުމެވެ. އެ ލޮލުން ބުނެދެނީ ފަސްއަޅާ ފޮރުވިފައިވީ ހަޤީޤަތެކެވެ.
***************
ހުއްޓާލާ!... އަފްރާހު އަށް އެނގޭނެ އަހަރެން އެބޯޝަން ތަކާއި ދެކޮޅު މިންވަރު.. އަހަރެން ހަމަހޭގައި ހުއްޓާ އަހަރެންގެ ލޭ ހިނގާ ދަރިއަކަށް ކުޑަ ނަމަވެސް ގެއްލުމެއް ލިބޭފަދަ ކަމެއް ނުކުރާނަން.. އަހަރެންގެ ދަރިފުޅަށް ވީ ގޮތަށް އެއީ އަފްރާހުގެ ވެސް ދަރިއެއް.. ކަލޭގެ ނުލަފާކަމުން އެހެންވީ.. އަހަރެންގެ ނުރުހުމުގަ ކީއްވެ އެގޮތަށް އަހަންނާއި މެދު ކަންތައް ކުރީ.. އަމިއްލަ އެދުމުން ފޯވެ ހުރެ އަހަރެންގެ އާދޭސްތަކަށް ބީރު ކަންފަތެއްދީ އަހަރެންގެ ނަފްސު ނަޖިސް އެއްޗަކަށް ހެދީ އަފްރާހު.. ދުނިޔެއަށް އުފަން ނުވެ އެ ދަރިފުޅު މަރުވިކަން އެއީ ކާކުގެ ނަސީބުކަމެއް ނޭނގެ.. އެކަމަކު މިއަދު އެގޮތަށް އެކަން ވީތީ އަހަރެން ހަމްދު ކުރަން.. ކަލޭގެ ލޭ ހިނގާ ކުއްޖަކު އަހަރެންގެ ބަނޑުން އުފަން ނުކުރެވުނީތީ ހާސްފަހަރު ހަމްދުކުރަން... އެއީ އަހަރެންގެ ކުށެއް ނޫން.. އެއްވެސް ހާލަތެއްގައި އެ ދަރިފުޅު ބައިގެން ދިޔައީ އަހަރެން ކުރި ކަމަކުން ނޫން.. އަދިވެސް އަފްރާހުއަށް ހަޤީޤަތާ ކުރިމަތި ނުލެވިގެން ތި އުޅެނީ.. ޤަރުނެއް ވިޔަސް ތި އަފްރާހު ދެކެ އަހަރެން ލޯތްބެއް ނުވާނަން އެނގިއްޖެ!.. އަހަރެންގެ ދިރިއުޅުމަށް ވަދެގަންނަން އަފްރާހު ނުކުރަނީ ކޮންކަމެއް.. ނުވިތާކަށް އެންމެ ފަހުން ބަދަލު ހިފުމުގެ ރޫހުގަ ކަލޭ މަލިކާއާއި ކައިވެނި ކުރީވެސް.. ލޯބި ވާތީ އެއް ނޫން..."... ފަހަރަކަށް ވުރެ ފަހަރެއް މެލެކްގެ އަޑު މަޑުވަމުން މަޑުވަމުން ގޮސް އެންމެ ފަހުން ރަނގަޅަށް ވެސް އޭނާ އަށް ގިސްލެވެން ފެށުނެވެ. ހަށިގަނޑަށް ވެރިވި ވަރުބަލި ކަމާއެކު ސޯފާގައި އިށީނދެނވުމާއެކު ދެއަތުން މޫނު ފޮރުވާލިއެވެ. އެތަށް އަހަރުތަކެއް ވަންދެން ހިތުގައި ފޮރުވައިގެން އުޅުނު ސިއްރެއް ދުލުން ބޭރުކޮށްލުވުމުން ކުރެވުނީ ތަފާތު އިހްސާސެކެވެ. އެއީ އޭނާ ބީކާލްއާ ނޫނީ ހިއްސާ ކޮށްފައި ނުވާ ވާހަކައެކެވެ. އެ ހާދިސާއަށް އަހަރުތަކެއް ފާއިތުވެގެން ދިޔައިރުވެސް މެލެކްގެ ހިތުގައި އަފްރާހުއަށް އޮތް ރުޅިވެރިކަން ހާމަކުރެވުނު މިއީ ފުރަތަމަ ފަހަރެވެ.
" މަލިކާ!!....".. ކުއްލިއަކަށް އެއްޗެއް ވެއްޓުނު އަޑާއެކު އިވުނީ އަފްރާހުގެ ބާރު އަޑެވެ. ސިހިފައި މެލެކްއަށް ވެސް އިސްއުފުލާލެވުނެވެ. ދެލޯ ބޮޑުވެފައި ހުރެ އޭނާއަށް ދުއްވައިގަނެވިއްޖެއެވެ. އޭރު އަފްރާހު ގޮސް ވެއްޓިފައި އޮތް މަލިކާގެ ބޯ ނަގައި އޭނާގެ އުނގުގައި ބާއްވައިފިއެވެ. މަޑުމަޑުން މަލިކާގެ ކޯތާފަތުގައި ދެތިން ފަހަރު ޖަހާލަމުން އަފްރާހު އޭނާގެ ނަމުން ގޮވާލިއެވެ. ނަމަވެސް މަލިކާގެ ހަބަރެއް ނުވިއެވެ.
" އެމްބިއުލާންސަށް ގުޅާ.." އަފްރާހު އަތްދަނޑި މައްޗަށް މަލިކާ އުފުއްލާލަމުން މެލެކް ކައިރީ ބުނެލިއެވެ. އެއާއެކު މެލެކް އަވަސް އަވަހަށް ބޯ ޖަހާލުމަށްފަހު ފޯނު ނަގައި ހޮސްޕިޓަލަށް ގުޅުމަށްފަހު އެމްބިއުލާންސް ފޮނުވަން އެދުނެވެ.
********************
އެއަރޕޯރޓު ތެރޭ ދެތިން ގަޑި ހޭދަކުރުމަށްފަހު ސެހްރާންއާއި ރާސިލް ގެއަށް އައި އިރު އެ މޫނުތަކުން ފެންނަނީ މާޔޫސީކަމެވެ. ސާޔާ ހޯދަން އެމީހުން ކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެވެ. ގޭގެ މައި ދޮރު ހުޅުވުމަށްފަހު އެތެރެއަށް ވަތްއިރު ވެރިވެފައި އޮތީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. ރާސިލް ދެތިން ފަހަރު މެލެކްއާއި މަލިކާއަށް ގޮވާލި ނަމަވެސް ޖަވާބެއް ނުލިބުނެވެ. ޔަލާއާއި ނަވާރް އަދިވެސް ތިބީ މަތީގައި ކަމުން ރާސިލް އާއި ސެހްރާން ގެއިން ނުކުމެ ލިފްޓަށް އެރިއެވެ. އެހެން ނަމަވެސް އެ ހިޔާލު ދޫކޮށްލުމަށްފަހު ރާސިލް ވަނީ މަލާންގެ އެޕަރޓްމެންޓަށެވެ. އޭރު ސޯފާގައި މަލާންގެ އުނގުގައި އިން ކިރާޒް ރާސިލް ފެނުމާއެކު އަނގައިން އަޑުތަކެއް ލައްވަން ފެށިއެވެ. ކޮންމެވެސް ވަރަކަށް މިހާރު ކުދި ކުދި ބަސްތައް ކިޔަން ކިރާޒް އަށް އެނގޭތީ ރާސިލްއަށް ބައްޕިގެ ނަމުން ގޮވުމަށް މަސައްކަތް ކުރަމުން ދިޔައެވެ.
" ބައްޕި ދޫނި...".. ކިރާޒް އުރާލުމަށްފަހު ރާސިލް އެ ކޯތާފަތުގައި ބޮސް ދިނެވެ. އެވަގުތު ކިރާޒް ހީލުމާއެކު ކޯތާފަތަށް އެޑުނު އަޑިކޮޅުން ރާސިލްގެ ލޯ ކުރިމައްޗައް ސިފަވީ ސާޔާއެވެ. އިސާހިތަކު އެ މޫނުގައިވީ ފަނޑު ހިނިތުންވުން ވެސް ނެތިގޮސް މޫނުގެ ކުލަ އޮއްސުނެވެ. ހިތުގައި ވީ ނުތަވަސްކަން އިތުރުވެ ސާޔާގެ ހިޔާލުން އޭނާއަށް އުނދަގޫވިއެވެ.
އެއްބަނޑު އެއްބަފާ ކޮއްކޮ ގާތުގައި ހުރެމެ އަޅާނުލެވުނު ކަމުގައި ވިސްނި ދެރަވިއެވެ. ކިތަންމެ ވަރަކަށް ސާޔާ އެނބުރި ގެންނަން ބޭނުންވި ނަމަވެސް އެކަން ކުރާނީ ކިހިނެތް ކަމެއް ރާސިލްއަށް ނުވިސްނުނެވެ.
" ރާސިލް، ހުރިހާ ކަމެއް ރަނގަޅުތަ؟..".. މަލާން އަހާލިއެވެ. ރާސިލް ބަސްމަދުވެފައި ހުރިކަން އޭނާއަށް ފާހަނގަ ކުރެވުނެވެ. ހިޔާލަކަށް ގެއްލިފައި ހުރެ އެ މޫނަށް ވެރިވަމުންދާ ކުލަވަރު ފެނުމުން ކަމެއް ގޯސްވެއްޖެ ކަމުގައި މަލާންގެ ހިތް ބުނެލިއެވެ.
މަލާންގެ އަޑު ކަންފަތުގައި ޖެހުމުން ރާސިލް ހަށިގަނޑު ސީދާކޮށްލިއެވެ. އެހެނަސް އިތުރަށް ކަންކަން ސިއްރު ކުރުމުގެ ވިސްނުމެއް އޭނާގެ ނެތެވެ.
" ސާޔާ ގޮއްސި...".. ރާސިލް ބުނެލިއެވެ. އެވަގުތު މަލާން ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.
" ހިތްހަމަ ނުޖެހިގެން ދިޔައީ.. އިޓް ވޮޒް އަވަރ ފޯލްޓް.. ސާޔޫ އަށް ހަޤީޤަތް ކިޔައި ނުދެވުނީ... ހީކުރެވުނީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް.. އެކަމަކު އެހެނެއް ނުވި.. ކޮންމެވެސް ގޮތަކުން ސާޔޫއަށް ހުރިހާ ކަމެއް އެނގިއްޖެ...".. ރާސިލް އިނީ އިސްޖެހިފައެވެ. މަލާން ކުރިމަތީގައި އެވާހަކަ ދެއްކުމަށް އޭނާއަށް ފަސްޖެހެވުނެވެ. އާއިލީ އެހާ ބޮޑު ސިއްރެއް އެއްވެސް މީހަކާ ހިއްސާ ނުކުރެވުނީތީ ނަފްސު ކުށްވެރި ކުރެވުނެވެ.
" ރާސިލް.. މަންމަ އަށް އެނގޭ ރާސިލްމެން ކޮންމެ ކަމެއް ކުރިޔަސް ކުރާނީ ތި ކުދިންނަށް ފެންނަ އެންމެ ރަނގަޅު ގޮތަށް ކަން.. ހިތްވަރު އެލުވާނުލާ އަދި މަސައްކަތް ކުރޭ... ފަހަރެއްގަ ސާޔާ އަށް އެނގުނީ ހަޤީޤަތް ކަމުގައި ނުވެދާނެ.. ނޫނީ ހަޤީޤަތް އެއްކޮށް ނޫން ކަމުގައި ވެސް ނުވެދާނެ.. މަންމަ އަށް އެނގޭ ތިކުދިން ނުބުންޏަސް ސާޔާއަކީ ވަރަށް ޚާއްސަ ކުއްޖެއްކަން.. މެލެކް އައުމަށްފަހު ސާޔާ އެ އެޕަރޓްމެންޓަށް ނުދާތީ ހިތުގައި ސުވާލު އުފެދުނު.. ތިކުދިންގެ ސިއްރު ހަރަކާތްތަށް ފާހަނގަ ކުރެވޭ.. ލިއަމްއާއި ސާޔާ އެއީ ވަރަށް ގުޅޭ ޖޯޑެއް.. ނަވާ އާއި ރައުލްވެސް.. މަންމަ ދެރަވީ މެލެކްއަށް ތިކުދިން އެ ހަޤީޤަތް ސިއްރު ކުރީތީ.. އަލާރާ ވަކިވެދިޔުމަށްފަހު މެލެކް އުޅުނު ގޮތް އެންމެ ރަނގަޅަށް އެނގޭ އެކަކު މަންމައަކީ.. އެހާ ގާތުގައި އުޅެފަ ސާޔާ ދިޔަކަން އެނގުނީމަ މެލެކްއަށް ވާނެގޮތް އަންދާޒާ ކުރަންވެސް ދަތި.. އެކަމަކު އަދިވެސް ވަގުތު ފާއިތު ނުވޭ... މަންމަގެ ހިތެއް ނުބުނޭ ސާޔާ ދިޔައީ މަންމަމެންނާއި ދުރަށޭ.. ސާޔާ އެދިޔައީ ލިއަމްއަދި ރައުލްއާއި ދުރަށް.. އެހެންވީމަ އަދިވެސް ސާޔާ ގެނެވޭނެ.. މަންމަ ރާސިލްއަށް އިތުބާރު ކުރަން".. މަލާން ހިނިތުންވެލިއެވެ.
" މަންމަ މޮޅު.. ސެހެރްއަށް ވުރެ ކުޑަ ތަންކޮޅެއް ވެސް ދެރައެއް ނޫން.. ".. ރާސިލްއަށް ހެވުނީ ސެހްރާންގެ އުޅުން ސިފަ ކޮށްލެވުމުންނެވެ. މަލިކާގެ ފަރާތުން ވާރުތަކުރި ސިފައެކޭ ހިތަށް އެރުމާއެކު އޭނާއަށް ބޮޑަށް ހިނިތުންވެވުނެވެ.
މަލާންއާއި ރާސިލްގެ ވާހަކަ މެދުކެނޑުނީ މަލާންގެ ފޯނު ރިންގުވާން ފެށުމުންނެވެ. އަތުގެ އިޝާރާތުން މަޑުކުރަން ބުނަމުން މަލާން ފޯނަށް ޖަވާބު ދިނެވެ.
*********************
ސިޓިންގރޫމުގައި އެންމެން އިށީނދެލައިގެން ތިބިއިރު އެ މޫނުތަކުން ފެންނަނީ މާޔޫސީކަމާއި ނާއުންމީދީ ކުލަވަރެކެވެ. ލިއަމް އިސްޖަހައިގެން އިންއިރު ހީވަނީ އަނގައިން ބަހެއް ނުބުނަން ހުވާކޮށްގެން އިންހެންނެވެ. އަދިވެސް އޭނާއަށް ލިބިފައިވާ ޝޮކް ފިލައިގެން ނުދެއެވެ. ސާޔާ ހަމައަސްލުވެސް ދިޔައީ ތޯ އަދިވެސް އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ. ފުން ނޭވާއެއް ދޫކޮށްލުމާއެކު ލިއަމް މޫނާއެކު އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ.
" ސާޔޫ ނުފެނުނު.. އަސްލުވެސް ދިޔައީ.. ".. އެޕަރޓްމެންޓުގެ ދޮރު ހުޅުވުމަށްފަހު އެތެރެއަށް ވަތް ސެހެރާންއަށް އެންމެންގެ ސަމާލުކަން ހުއްޓުނެވެ. އަނެއްކާވެސް އެ މައުޟޫއަށް ވާހަކަ ދެއްކެން ފެށުމާއެކު ލިއަމްގެ ތަބީއަތް ގޯސްވާންފެށިއެވެ. އެވާހައަކީ އޭނާއަށް އަޑުއަހަން ފަސޭހަވި ވާހަކައެއް ނޫނެވެ. އެ މޫނަށް ވެރިވި ނުތަނަވަސްކަން ނަވާރްއަށް ފާހަނގަކުރެވުނެވެ. އެއީ ކީއްވެކަން އެނގުނު ނަމަވެސް ނަވާރް އެކަމަށް ވަކި އެއްޗެކޭ ބުނަން ގަސްތު ނުކުރީ އަދިވެސް ލިއަމް ދެކެ ހިތްހަމަނުޖެހިފައި އިނދެވުމުންނެވެ. ލިއަމް އިސްޖަހާލި ނަމަވެސް އެ ލޮލުގައި ވީ ހިތާމައިގެ އަސަރު ނަވާރްއަށް ފެނުނެވެ. ހިތަށް ކުރި އަސަރާއި އެ މައުޟޫއިންވީ އުނދަގޫތައް ލިއަމްއަށް ނުފޮރުވުނެވެ. އެހެންނަމަވެސް އެތަނުން ދިޔުމުގެ ހިޔާލު ލިއަމްގެ ނެތެވެ.
އެ ޒުވާނުންގެ ވާހަކަ މެދުކެނޑުނީ ރައުލްގެ ފޯނު ރިންގުވާން ފެށުމުންނެވެ. ފޯނު ކަންފަތުގައި ޖައްސާލެވުމާއެކު އޭނާ ކުޑަކޮށް ހުއްޓުން އެރިއެވެ.
" ވަޓް.. މަންމަ ފެއިންޓް ވީއޭ؟..".. ރައުލްއަށް އަހާލެވުނެވެ. އެ މޫނުގެ ކުލަވަރު ބަދަލުވެ ސީރިޔަސްކަން ފާޅުވާން ފެށީ އެކޮޅުން މެލެކް ދައްކަމުން ދިޔަ ވާހަކަތަކުންނެވެ. މަލިކާގެ ހާލަތު އެންމެ ރަނގަޅު ނޫންކަން ރައުލްއަށް އެނގުނު ހިނދު އޭނާއަށް ބޭއިހްތިޔާރުގައި ނިތްކުރީގައި ހިފަހައްޓާލެވުނެވެ.
ރައުލް ފޯނުން ވާހަކަ ދެއްކީ ކާކާއި ކަން ނޭނގުނު ނަމަވެސް އެ ނަޒަރު ލިއަމްއާއި އަމާޒުވި ގޮތުން މަލިކާއަށް ބޮޑު ކަމެއް ވެއްޖެކަން ލިއަމްއަށް ޔަޤީންވިއެވެ. ހަތަރުއުދަރެސް ފެނުޖެހުނު ކަމުގެ އިހްސާސް ލިއަމް ކުރެވުނެވެ. ކައިރީގައި އިން ނަވާރްއާއި ނޯޔާގެ ހަރަކާތްތަށްވެސްވީ މަޑުޖެހިފައެވެ. އަދި ދެ އަންހެން ކުދިންނަށް ރައުލްގެ ވާހަކަ ފަހުމު ނުވާކަން ލިއަމް އަށް އެނގުނެވެ.
" ނަވާ.. ސްޓޭ ވިތް ނޯޔާ..".. ލިއަމް ތެދުވިއެވެ. އޭނާގެ ފަހަތުން ނަވާރް ތެދުވާން އުޅުމުން ހިފެހެއްޓީ ރައުލްއެވެ. މަލިކާ މާ ސީރިޔަސް ނޫން ކަމަށާއި މިހާރު ހާލު ރަނގަޅުވަމުން އަންނަކަމުގައި ބުނެލިއެވެ. މިވަގުތު ރަނގަޅީ ގޭގައި މަޑުކުރުން ކަމުގައި ބުނަމުން ލިއަމް އާއެކު ދާނީ ރައުލް ކަމުގައި ބުނެލިއެވެ. ނަވާރްވެސް ރައުލްގެ ބަސް ޤަބޫލުކޮށް އިށީނެވެ. ނަމަވެސް އޭނާގެ ތަބީއަތަށް ބޮޑެތި ބަދަލުތަކެއް އައެވެ. ދެލޯ ފެންކަޅިވެގެން ދިޔުމާއެކު ތުން ފިއްތާލިއެވެ. އެބަ އަންނަމޭ ބުނެ ނަވާރް ވަނީ ކޮޓަރިއަށެވެ. އޭނާގެ ފަހަތުން ޔަލާއާއި ނޯޔާވެސް ގޮސް ވަނެވެ. ސިޓިންގރޫމުގައި އެކަނިވެފައި އިނީ ސެހްރާނެވެ. ސޯފާގައި ހަމަޖެހިލި ގޮތަށް އޭނާ ހިޔާލަކަށް ގެއްލިފައި އިނެވެ.
********************
" ބްލޮސޮމް" ހޮސްޕިޓަލްގެ ޕްރައިވެޓް ރޫމެއްގައި މަލިކާ އޮތްއިރު އޭނާގެ ކައިރީގައި ހުރި ގޮނޑީގައި މެލެކް އިނެވެ. ގިނަ އިރުތަކެއް ނުވެ ކޮޓަރިއަށް ރައުލްއާއި ލިއަމް ވަނުމުން މެލެކް ތެދުވިއެވެ. ލޮލަށް ޖަމާވި ކަރުނަތަށް އޭނާއަށް ހިފަހައްޓައި ނުލެވުނެވެ. ރައުލްގެ ހަށިގަނޑުގައި ބައްދާލިގޮތަށް އަޑުން އަޑުނަގާ ރޮވެން ފެށުނެވެ. މަލިކާގެ އެ ހާލުގެ ޒިންމާ ނަގަން ޖެހޭނީ ހުދު މެލެކް ކަމުގައި ޤަބޫލު ކުރެވުނެވެ. ކަންބޮޑުވެފައި ހުރެ ރައުލް ބަލާލީ ލިއަމްއަށެވެ.
މަޑުމަޑުން މެލެކްގެ ބޮލުގައި ފިރުމަމުން ރައުލް ދިޔައީ މަންމަ ހަމައަކަށް އެޅެންދެނެވެ. ދެ ޒުވާނުންނަށްވެސް ޤަބޫލު ކުރެވުނީ މަލިކާއަށް އެގޮތަށް ދިމާވުމުން މެލެކް މާބޮޑަށް ދެރަވީ ކަމުގައެވެ.
ދިހަ ވަރަކަށް މިނިޓް ފަހުން މެލެކް ހަމައަކަށް އެޅުނެވެ. ނަމަވެސް އަދިވެސް އޭނާއަށް ގިސްލެވެމުން ދިޔައެވެ. މުޅި މޫނު ރަތްވެފައި ހުރި އިރު ދެލޯ ވަނީ ދުޅަވެފައެވެ.
" ކޮބާ ބައްޕަ؟.. ބައްޕައަށް އެނގޭތަ؟.. ".. މެލެކްއަށް ވާހަކަ ދެއްކޭ ވަރުވުމުން ލިއަމް ސުވާލު ކޮށްލިއެވެ. ނަމަވެސް މެލެކް ވަކި އެއްޗެކޭ ނުބުނެ ގޮސް މަލިކާގެ ކައިރީގައި މަޑުކޮށްލިއެވެ. އަދި މަޑުމަޑުން މަލިކާގެ އަތުގައި ހިފަހައްޓައިގެން އެ ހުރި ގޮތަށް ހުރީއެވެ.
މެލެކްގެ ޖަވާބެއް ނުލިބުމުން ލިއަމް ޖީބުގައި އޮތް ފޯނު ނަގައި އަފްރާހުގެ ނަންބަރަށް ގުޅާލިއެވެ. އެހެން ނަމަވެސް ފޯނު ރިންގުވަމުން ގޮސް ކެނޑުނު އިރުވެސް އެކޮޅުން ޖަވާބެއް ނުދިނެވެ. އިތުރަށް އަފްރާހުއަށް ގުޅުމަށް މަސައްކަތް ނުކޮށް ލިއަމް ސަމާލުކަން ދިނީ އެ ކޮޓަރިއަށް ވަތް ޑޮކްޓަރަށެވެ.
" ޔޫކް.. ކިހިނެތް މަންމަ މިހާރު. އިޒް ޝީ ސްޓޭބަލް...".. ޑޮކްޓަރ ޔޫކް އަކީ ލިއަމްގެ ގާތް އެކުވެރިއެއް ކަމުން އޭނާ ވާހަކަ ދެއްކީ ނުހަނު ގާތް ކޮށެވެ. ޔޫކް ބޯ ޖަހާލަމުން މަލިކާ ކުޑަކޮށް ޗެކް ކޮށްލުމަށްފަހު ކޮޓަރިން ނުކުތުމުގެ ކުރިން ލިއަމް ކައިރީ އޭނާއާއެކު އައުމަށް އެދުނެވެ.
ޔޫކް އާއެކު ލިއަމް ގޮސް ވަނީ ޔޫކްގެ ކޮޓަރިއަށެވެ. ޔޫކްގެ ކުރިމައްޗަށް ވާގޮތަށް ހުރި ގޮނޑީގައި އިށީނުމަށްފަހު ލިއަމްގެ ނަޒަރު ޔޫކަށް އަމާޒުކޮށްލިއެވެ. އޭރު އޭނާގެ ހިތް އަވަސްވެފައިވީ ޔޫކް ދައްކަން އުޅޭ ވާހަކައެއް އެނގުމުށް ބޭނުންވެފައި ހުރި ވަރުންނެވެ.
" ލިއަމް.. ޔޯރ މަމް އިޒް ލަކީ.. ޝީ ސަވައިވްޑް ފްރޮމް އެ ހަރޓް އެޓެކް.. ބޮޑަށް ލަފާ ކުރެވެނީ ޕޭޝަންޓްއަށް ލިބުނު ކުއްލި ސިހުމެއް ނޫނީ އެފަދަ ހާދިސާއެއް ދިމާވީ.. މާ ގިނަ އިރުކަތެއް ނުވެ ހޮސްޕިޓަލަށް ގެނައިމަ ފަރުވާ އަވަސް ކުރެވި ޝީ އިޒް އޯލްމޮސްޓް ސްޓޭބަލް.. ދެން ބައެއް ކުދި ކުދި ޓެސްޓުތަކެއް ހެދީމަ ރަނގަޅުވާނެ.. "... ޔޫކް ކިޔައިދިނެވެ.
ލިއަމްގެ މޫނުން ފާޅުވާންފެށީ ހައިރާންކަމެވެ. ޔޫކްގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް މަލިކާއަށް އެގޮތަށް މެދުވެރިވި ސަބަބު މެލެކްއަށް އެނގޭނެކަން ލިއަމް ޔަޤީން ކުރިއެވެ.
" އަދި އެއްވާހަކަ.. މި ވާހަކަ ލިއަމް ކައިރީ ބުނުން އެއީ އެންމެ ރަނގަޅު ގޮތް ކަމެއް ނޭނގެ.. އެކަމަކު ޔޯރ ޑޭޑް ވޮޒް ހިއަރ ޓޫ.. އަހަންނަށް އަޑު އިވުނު އަފްރާހު ބޮސް އާއި އެތާ ދެން ހުރި އަންހެން މީހާއާއި ދެކެވުނު ވާހަކަ.. އަފްރާހު ސަރ ދެކެ ވަރަށް ހިތްހަމަ ނުޖެހިފަ އޭނާ ހުރީ.. ބުނި އަފްރާހު ސަރ ގެ ކުށުންނޭ ހުރިހާ ކަމެއް ވަނީ.. އިތުރަށް އެމީހުން ދެއްކި ވާހަކައެއް އަޑު އަހަން ނުހުރެވުނު.. އެހެން ނޫނަސް އެގޮތަށް ދައްކާ ވާހަކަ އަޑު އެހުން އެއީ ރަނގަޅު ކަމެއް ވެސް ނޫންތާ.. ލިއަމް ބަލައްޗޭ މިކަން ހިނގި ގޮތް.. އައި ތިންކް އިޓްސް އެ ފެމިލީ މެޓަރ...".. ޔޫކް ބުނެދިން ވާހަކަތަކުން ލިއަމްއަށް އޭނާގެ ޝައްކު ޔަޤީންކުރެވުނެވެ. ޔޫކްއަށް ޝުކުރު އަދާ ކުރުމަށްފަހު ލިއަމް ތެދުވީ މެލްކްއާއި ސުވާލުކުރަން ނިންމައިގެންނެވެ.
********************
" މަންމާ.. ".. ޝެހެނާޒް ކޮޓަރީގެ ދޮރުގައި ދެތިން ފަހަރު ޓަކި ޖަހާލަމުން އައިރާ ގޮވާލިއެވެ. ގިނަ އިރުތަކެއް ނުވެ ޝެހެނާޒް ދޮރު ހުޅުވާލަމުން ބޯ ދިއްކޮށްލިއެވެ. ވަރަށް އަވަސް ކޮށްލައިގެން މި އަންނަނީ ކަމުގައި ބުނެ އޭނާކޮޓަރިތެރެއަށް ދެމިގަތެވެ. އޭގެ ފަސް ވަރަކަށް މިނިޓް ފަހުން ޝެހެނާޒް ނުކުތްއިރު އެ ތުންފަތުގައި ފުޅާ ހިނިތުންވުމެއް ވިއެވެ.
" ސާޔޫ.. ދޫންޏާ.. ހާދަ ބޮޑު ވެއްޖެއޭ ދަރިފުޅު...".. ޝެހެނާޒް އައިސް ސާޔާގެ އިސްތަށިގަނޑުގައި ފިރުމާލިއިރު ދެލޯ ފެންކަޅި ވެއްޖެއެވެ.
އައިރާ ވަނީ ޝެހެނާޒަށް ހުރިހާ ވާހަކަތެއް ކިޔައިދީފައެވެ. މިވަގުތު އެންމެ ރަނގަޅު ގޮތަކީ އެ މާހައުލާއި ދުރަށް ދިޔުން ކަމުގައި ސާޔާ ޤަބޫލުކުރުމުން އައިރާ އެދުނީ ޝެހެނާޒް ކައިރިއަށް މެލޭޝިޔާއަށް ދިޔުމަށެވެ. އެގޮތާއި ސާޔާވެސް އެއްބަސްވުމުން ފުރުމުގެ ހުރިހާ ކަމެއް ކުޑަ ވަގުތު ކޮޅެއްގައި ހަމަޖައްސައިދިނީ ޝެހެނާޒެވެ. ދެ ދުވަސް ވަންދެން ރިސޯޓެއްގައި ތިބުމަށްފަހު ސާޔާއާއި އައިރާއަށް މެލޭޝިޔާއަށް ދެވުނީ އެދުވަހުއެވެ.
އޭރު ކޮންމެވެސް ވަރަކަށް ސާޔާ ހަމައަކަށް އެޅިފައި ހުރި ނަމަވެސް އޭނާގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވިއެވެ. މަޑުމައިތިރިކަން ވަނީ އިހްތިޔާރުކޮށްފައެވެ. އޭނާގެ ސަކަމިޒާޖެއްވެސް ނެތެވެ. އެ ރީތި ހިނިތުންވުން ވެސް ފެންނަނީ މަދު ފަހަރެއްގައެވެ. އަބަދުވެސް ފެންނަނީ ފުން ވިސްނުމަކަށް ގެއްލިފައި އިންނަ ތަނެވެ.
" އަރ ޔޫ އޯކޭ..؟..".. ސުވާލު ނުކުރަން އައިރާ ތަކުރާރުކޮށް ޝެހެނާޒް ކައިރީ ބުނި ނަމަވެސް އެގޮތުގައި އޭނާއަށް ހުރެވުނީ ކުޑަ ވަގުތުކޮޅަކަށެވެ. ސާޔާ ފެނުމުން އަޔާނާގެ ހަނދާން އާވެ ޝެހެނާޒް ހުރީ ދެރަވެފައެވެ.
" ލައްބަ.. ".. ސާޔާ ދިނީ ނުހަނު ކުރު ޖަވާބެކެވެ. ގަދަކަމުން މޫނަށް ވެރިކޮށްލި ހިނިތުންވުމާއެކު އޭނާ އެހެން ވާހަކަތަކެއް ދައްކަން ފެށި ނަމަވެސް ހިތާއި ސިކުނޑިއަށް ވެރިވެފައިވަނީ އާދަޔާ ޚިލާފު ހުސްކަމެވެ. ހަށިގަނޑުން ބައެއް އުނިވެފައިވާ ކަހަލަ އިހްސާސެއް ކުރެވެއެވެ. ލިއަމް ކައިރިއަށް ދާން ހިތް އެދޭ އިރުވެސް އޭނާގެ ސިކުނޑި އެކަމަށް ހުރަސް އަޅަނީއެވެ.
ޝެހެނާޒް އެދުނީ ތާޒާ ވެލައިގެން ކާން އައުމަށެވެ. ސާޔާއަށް އޭނާގެ ކޮޓަރި ދެއްކުމަށްފަހު އައިރާ ގޮވައިގެން ގޮސް ޝެހެނާޒް އޭނާގެ ކޮޓަރިއަށް ވަނެވެ.
ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމާއެކު ސާޔާ ދޫކޮށްލީ ފުން ނޭވާއެކެވެ. ލޮލަށް ޖަމާވާން އުޅުނު ކަރުނަތައް އަވަސް އަވަހަށް އެސްފިޔަ ޖަހާލުމަށްފަހު ހިންދާލިއެވެ. ދެތިން ފަހަރު ފުން ކޮށް ނޭވާއެއް ދޫކޮށްލުމަށްފަހު ނަފްސު ހަމައަކަށް އަޅުވާލިއެވެ.
ލަސް ހިނގުމެއްގައި ގޮސް ސާޔާ ކުޑަދޮރު ކައިރީ މަޑުކޮށްލިއެވެ. އުސްކޮށް ހުރި އެ އިމާރާތުގެ ބޭރުން ފެންނަ ރީތި މަންޒަރުތަކަށް ސިކުނޑި ހުސްކުރެވޭތޯ ބެލި ނަމަވެސް ހުއްޓުމެއްނެތި އަސަދު ކިޔައިދިން ވާހަކަތައް ކަންފަތުގައި ގުގުމަމުން ދިޔައެވެ.
********************
އަސަދު ބުނެލި ވާހަކައިން ސާޔާއަށް ސިހުން ގެނުވިއެވެ. އެތަނުން ދިޔުމުގެ ހިޔާލު ދޫކޮށް އެނބުރި ގޮސް ސާޔާ ކުރިންވެސް އިށީނދެ އިން ގޮނޑީގައި ހަމަޖެހިލިއެވެ. އެވަގުތު އަސަދުގެ ތުންފަތަށް ވެރިވި ހިނިތުންވުން ސާޔާ ދުށްޓެވެ.
" ގުޑް.. ދެން މިދައްކާ ވާހަކަ އަޑު އަހާ.. ސާޔާ އަކީ އެމީހުން އަމިއްލަ ބޭނުމަކަށް ގެން ގޮއްސަ ހުރި މީހެއް.. ހީވޭތަ ލިއަމް ލޯބި ވާނަމަ މިހާ ދުވަސް ވިއިރު ކައިވެނި ނުކޮށް ހުންނާނެހެން.. ހުރިހާ ވެސް ކަމަކީ އޭނާގެ ކުރީގެ އަންހެންނާއި ސާޔާ ވައްތަރުވުން.. އެގޭގައި ތި އުޅެވެނީ އެ އާއިލާއަށް ނިސްބަތް ވާތީ.. އެކަމަކު ހަޤީޤަތުގައި ސާޔާއަށް އެ އާއިލާއިން ޖާގައެއް ނެތް.. ރައުލްމެންނަށް އެކަން އެނގޭތީ ސާޔާގެ ހަޤީޤަތް އެއްވެސް މީހަކަށް ކިޔައި ނުދެނީ.. ދުވަހަކުވެސް ރައުލްގެ މަންމައަށް ސާޔާ ނުދައްކައެންނު.. ސާޔާ ތިއީ މެލެކް ބޭނުންވި ދަރިއެއް ނޫން.. އަޔާނާ އަށް ސާޔާ ވިއްކާލީ އެމީހުން... އެއްމާބަނޑު ދެކުދިން ލިބުމުން މެލެކް ބޭނުންވީ އެތަނުން އެއް ދަރިފުޅު... މެލެކްއަށް ސާޔާ ދުނިޔޭގައި ހުރިކަން އެނގިއްޖެނަމަ މަރާލާނެތީ ރައުލް މެން ސާޔާ ފޮރުވައިގެން ގެންގުޅެނީ.. ރައުލް އަހަރެން ދެކެ ރުޅި އަންނަނީ މި ހަޤީޤަތް އަހަންނަށް އެނގޭތީ.. ސާޔާ އަހަންނާއި ބައްދަލު ކޮށްފާނެތީ ބިރުން އެމީހުން އުޅެނީ... "... އަސަދު ކިޔައިދިން ވާހަކަތައް ޤަބޫލު ކުރަން ސާޔާއަށް އުނދަގޫ ނުވީ ރައުލްމެންގެ ހުންނަ ސިއްރުން ފުރިގެންވީ ދިރިއުޅުން އޭނާއަށް ފެނިފައިވީތީއެވެ.
އެރޭ ރެސްޓޯރެންޓަށް ސާޔާ ދިޔައީ އެފަދަ ހަޤީޤަތެއް އެނގިދާނެ ކަމަށް ނޫނެވެ. ނަމަވެސް އެތަނުން އޭނާ ނުކުތީ ދުވަހަކުވެސް ހީކޮށްފައި ނުވާ ވާހަކަ ތަކަކާއި އެކީގައެވެ. އަސަދު އެބުނީ ތެދެކެވެ. ލިއަމްގެ އަމަލުތަކުން ލޯބިވާކަން ހާމަވިޔަސް ދުލުން ބުނެފައި ނެތެވެ. އަލާރާގެ ސިއްރުވެސް ހާމަނުކޮށް ހުރީއެވެ.
ރައުލްއާއި ރާސިލްއަކީ އެއްބަނޑު އެއްބަފާ ބޭބެއަށްވި އިރު އެކަން ވެސް ނޭނގުނީއެވެ. އެއް ހިޔާވެއްސެއްގައި އުޅުނު އިރު އެފަދަ ޝައްކު ކުރެވުނަސް އެކަން ޔަޤީން ކުރަން ސާޔާއަށް ފުރުސަތު ނުލިބުނީ ހަމަ ރައުލްމެންގެ ހުށިޔާރު ކަމުންނެވެ. އޭނާއަށް ހަޤީޤަތް އަންގަން އެ ޒުވާނުން ބޭނުން ނުވީތީއެވެ.
ނަމަވެސް އޭނާއަށް ޤަބޫލުކުރަން އުނދަގޫވީ މެލެކްއޭ ކިޔައިގެން އަސަދު ބުނި ވާހަކަތެކެވެ. އެއީ ހަޤީޤަތަކަށް ވެދާނެ ކަމާއި މެދު އޭނާއަށް ޝައްކެވެ. އެހެނަސް ވަގުތު ފާއިތު ވެއްޖެއެވެ. އިތުރަށް އެނގެން ޖެހޭ ހަޤީޤަތެއް ނެތް ކަމުގައި ސާޔާ ޤަބޫލު ކުރިއެވެ. މި ހުރިހާ ދުވަހު އުޅެވުނީ އަވާމެންދުރެއްގައެވެ. ކުލަނެތް ހުވަފެންތަކެއް ބެލުމުގައި ވަގުތު ބޭކާރު ކުރެވުނީއެވެ.
*********************
މަލިކާ ކިތަންމެ ވަރަކަށް ހިނިތުންވެލައިގެން އޮތް ނަމަވެސް ހިތުގައި ވަނީ މާޔޫސްކަމާއި ނާއުންމީދެވެ. އެންމެ ބޮޑަށް ހިތުގައި ޖެހުނީ ހަފްތާއެއް ފާއިތުވި އިރުވެސް އަފްރާހު އޭނާ ދެކިލަން ނައިސް ވަރިކުރުމުންނެވެ. ފަހަރެއްގައި އަމިއްލަ އަށް ކުށް ޤަބޫލު ކުރެވި އޭނާގެ ކުރިމައްޗަށް އަރަން އަފްރާހު ޖެހިލުންވަނީއެވެ. މަލިކާގެ މާފު ހައްޤު ނޫންކަން އަފްރާހު އަށް ވެސް ޤަބޫލު ކުރެވެނީއެވެ. ފާއިތުވެ ދިޔަ ހަތާވީސް އަހަރު އެކީގައި އުޅުވެނު އިރު އަފްރާހުގެ ހިތުގައި އޭނާއަށްޓަކައި ކުޑަ ނަމަވެސް ލޯތްބެއް ހަމަ ނެތީހެއްޔެވެ؟.. އަފްރާހު އޭނާއަށް ހަޤީޤަތް ކިޔައިދިން ނަމަވެސް މަލިކާ އޭނާއަށް މާފު ކުރީހެވެ. ނަމަވެސް މިއަދު ހާލަތު ތަފާތެވެ. ހަޤީޤަތް އެނގުނީ އެންމެ ހީނުކުރާ ގޮތަށެވެ. ކަންފަތަށް އިވުނު ވާހަކަތައް ޤަބޫލުކުރަން ދަތިވި ނަމަވެސް މެލެކްގެ ލޮލުން އޮހުނު ކަރުނައާއި އެ އަޑުގައިވީ ޝަކުވާ ދޮގު ކުރެވޭކަށް ނެތެވެ.
ލޮލުގެ ހިމަ ކޮޅުން ފޭބި ކަރުނަތިކި މަލިކާ އަވަސް އަވަހަށް ފޮހެލިއެވެ. ސޯފާގައި އިން ނަވާރްއަށް އޭނާ ރޮނީކަން އެނގެން މަލިކާ ބޭނުމެއް ނުވިއެވެ. ދަރިންނަށް އަފްރާހުގެ ނުބައިކަން އެނގުނު ނަމަވެސް އެއްވެސް ކުއްޖަކު އެކަމާއި ގުޅިގެން މަލިކާއަށް އަޑު އިވޭހެން ވާހަކަ ނުދައްކައެވެ.
" މަންމަ ހޭލީތަ؟.. ".. ނަވާރްގެ އަޑު އިވުމާއެކު މަލިކާ ސިހުނެވެ. ތުންފަތަށް ވެރިކޮށްލި ހިނިތުންވުމާއެކު އޭނާ ބޯޖަހާލިއެވެ.
އެއާއެކު ނަވާރް ތެދުވެ އައިސް ކައިރީގައި މަޑުކޮށްލިއެވެ. އަދި މަލިކާގެ އިސްތަށިގަނޑުގައި ލޯބިން ފިރުމާލިއެވެ. މަންމަގެ ހާލާއި މެދު ނަވާރް ހަމްދަރުދީވިއެވެ. ހަޔާތުގައި ވެސް މިފަދަ އުނދަގޫ ދުވަސްތަކަކާއި ނަވާރް ކުރިމަތިލާފައެއް ނުވެއެވެ. އެހެންނަމަވެސް ކޮންމެ ކަމެއްގައި ކެތްތެރިވުން އެއީ ނަވާރްގެ އާދައެވެ. ހާއްސަކޮށް މަލިކާގެ ކުރިމަތީގައި ކެތްކުރަން އޭނާ ބޭނުމެވެ.
ނުބުނި ކަމުގައި ވިޔަސް ސާޔާ ނެތްކަމުގެ ފަޅުކަން އެންމެންގެ ދިރިއުޅުމުގައި ވެސް ވިއެވެ. ހާއްސަކޮށް ލިއަމް ކުރިއަށް ވުރެ މަޑުމައިތިރިވިއެވެ. އެ މޫނުން އެއްވެސް ވަރަކަށް ހިނިތުންވުމެއް ނުފެނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރައުލް ވެސް ފެންނަނީ އަބަދުވެސް ވިސްނުމަކަށް ގެއްލިފައި އިންނަ މަންޒަރެވެ. އެ ހުރިހާ ކަމުން އެންމެ ބޮޑު އަސަރެއް ކުރީ ނޯޔާއަށެވެ. އެ ދާއިރާއިން ކިޔަވައިގެން ހުރި ނަމަވެސް ނޯޔާއަށް ލިބިފައިވަނީ ބަޔާން ކުރަން ދަތި ހުސްކަމެކެވެ. ގެއަށް ވަން ނަމަވެސް ގޭގައި ދިރުމެއް ނެތެވެ. ހާއްސަކޮށް އަފްރާހު ނެތުމުން ނޯޔާ ދެރަވެއެވެ. އަފްރާހު ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް ބައްޕަ ދެކެ ނޯޔާ ވާ ލޯތްބަށް ބަދަލެއް ނާދެއެވެ. އެހެނަސް އަފްރާހު ކުރީ ކުށެއްކަން ނޯޔާ ޤަބޫލު ކުރެއެވެ.
***********************
ޓްރެއިނިންގ ސެޝަންތަކެއްގައި ރާއްޖެއިން ބޭރުގައި އުޅުމަށްފަހު ޖާވިން އައިސް ފުރަތަމަ ވެސް މަސައްކަތް ފެށީ އަލާރާގެ ކޭސްގެ ހަޤީޤަތް ހޯދުމަށެވެ. އެކި ގޮތް ގޮތުން ވާހަކަދައްކައިން އެކަމުގައި އެހީވެދޭނެ މީހުން އޭނާ ހޯދިއެވެ. އިނޓެލް މައުލޫމާތުތައް ލިބޭނޭ ގޮތްތަށްވެސް ފަހި ކުރިއެވެ. އޭނާއަށް ޔަޤީންވީ އެއް ކަމެވެ. އެއީ އެ އެކްސިޑެންޓަކީ ނުހަނު ގިނަ ބަޔަކު ބައިވެރިވެގެން ކުރެވިފައި އޮތް ކަމެއް ކަމެވެ.
ކެބިންގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވުމާއެކު އެތެރެއަށް ވަނުމަށް ޖާވިން އެދުނެވެ. ކެބިންއަށް ވަތް ސުހެއިލް އަތުގައި އޮތް ފޯނު ޖާވިން އަށް ދިއްކޮށްލުމާއެކު ފޯނުގައި ޖާވިން ހިފަމުން ސުހެއިލް ދިޔަޔަސް އެންމެ ރަނގަޅު ކަމުގައި ބުނެލީ ހިނިތުންވަމުންނެވެ.
" އައްސަލާމް ޢަލައިކުމް ސަރ.. މިއީ ޖާވިން..".. ޖާވިން ސަލާމް ގޮވާލިއެވެ. އަދި އެކޮޅުން ލިބޭނޭ ޖަވާބެއްގެ އިންތިޒާރުގައި އިނެވެ.
" ވަޢަލައިކުމުއްސަލާމް... ޖާވިން އޭ ބުނީމަ ނޭނގުނު.. ".. އެކޮޅުން އިވުނީ ޖާވިން އުއްމީދު ކުރި ފަރާތުގެ އަޑެވެ.
" ޒާހިރް ސަރ މިކޮޅުގަ އުޅޭ ވާހަކަ އެނގިފަ އޮތީމަ ބައްދަލު ކުރެވިދާނެތޯ އަހާލަން.. އޭރުން އެނގިދާން ފަހަރެއްގަ އަޅުގަނޑު މިއީ ކާކުކަން...".. ޖާވިންގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. އޭނާގެ ސިކުނޑީގައި ކަންކަން ރޭވިފައި އޮތް ގޮތަށް ހުރިހާ ކަމެއްވެސް ކުރިޔަށް ދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޭނާގެ އެބޮއޮތެވެ.
ޒާހިރު އެއްބަސް ވުމާއެކު ޖާވިން ފޯނު ކޯލު ކުރުކޮށްލިއެވެ. އަދި ގޮނޑިން ތެދުވެ ކުޑަދޮރު ކައިރީ މަޑުކޮށްލީ ދެން ކަންތައް ކުރިއަށް ގެންދަންވީ ގޮތް ވިސްނާލުމަށެވެ.
" ސާރާ.. ".. ޖާވިން މަޑުމަޑުން ކިޔާލިއެވެ. ޒާހިރުގެ ކުރިމައްޗަށް އޭނާގެ "މަރު"ވެފައިވާ އަނބިމީހާ ގެންނަންވީތޯ ޖާވިން އޭނާގެ އަމިއްލަ ނަފްސާއި ސުވާލު ކޮށްލިއެވެ. އިތުރަށް ލަސްކުރަން ވެއްޖެ ނަމަ ކަންތައްތައް މާ ގޯސް ވެދާނެހެން ޖާވިންއަށް ހީވަނީއެވެ.
" ސުހެއިލް.. މެއިޑް ކައިރީގަ ބުނެލާ އަންހެންމީހާ ރެޑީ ކޮށްލާށޭ..." ވަރަށް ވިސްނަން ހުރެފައި ޖާވިން ގުޅާލީ ސުހެއިލްއަށެވެ.
= ނުނިމޭ =
ވވވ ރީތި
ދެންއިންބައި އަވަސްކޮށްދެއްޗެ. ޕްލީޒް �
ޥަރަރސެސެެރރދރރދދރރރދދދދދދދރރރރރރރރރ
ޙުސްހާސަރު މިފަހަރު މިއޮތީ