ވާހަކަ މުނިފޫހިފިލުވުން

ފޯވީތީ މިހިތް ކަރުނުން ( ފުރަތަމަ ބައި)

އަޒްކީ ، ދެން އޮންލައިން

ފަތިހުގެ ވަގުތުގައި ފަޒާގައި ފެތުރިފައިވަނީ ހިތްގައިމު ފިނިކަމެކެވެ. އެވަގުތަކީވެސް އޭގެ ޒާތުގައި ތަފާތު ހިތްގައިމުކަމެއް ލިބިފައިވާ ވަގުތެކެވެ. އެހެނަސް އެހިތްގައިމުކަން އެންމެ ފުރިހަމަ ގޮތުގައި އިހުސާސް ކުރެވޭނީ ފަތިސް ނަމާދު އޭގެ ވަގުތުގައި އަދާކުރާ ﷲގެ އަޅަކަށެވެ.

Ads by STELCO

ހުދު ކުލައިގެ ބުރުގަލުގެ ތެރެއިން ފެންނަމުންދިޔަ ދޮން ދޮން މޫނުމަތީގައިވަނީ އުޖާލާ ކަމެވެ. ރަތްކުލައިގެ ތުނިތުނި ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. ދުއާއަށް ދެއަތް އުފުލުވިފައިވާއިރު ނަޒަރުވަނީ މައްޗަށް ހުއްޓާލެވިފައެވެ. އެހެނީ ދުއާ ކުރުމަކީ މީހާގެ ނަފްސަށް މަތިވެރިކަމާއި ހަމަޖެހުން ގެނުވާ ކަމެކެވެ.

ނަމާދުކޮށް ނިންމައިލުމަށްފަހު ދޮޅި ފަތްޖަހާލާފައި ގެންގޮސް ކަބަޑަށް ލިއެވެ. މުސައްލަވެސް ނަގާ ފަތްޖަހާލާފައި އޮންނަ ތަނުގައި ބާއްވައިލިއެވެ. ފުންނޭވައެއްލި ސަނަމްގެ ނަޒަރު ދަތުރުކޮށްލީ އެނދުމަތީގައި ނިދިފައި އޮތް ލޯބިވާ ފިރިމީހާ އައިދް އަށެވެ. އައިދް އަކީ އެނިޢުމަތެއް ލިބުނުކަމަށްޓަކައި ކޮންމެ ދުވަހަކުވެސް ސަނަމް ޝުކުރުވެރިވާ ނިޢުމަތަކެވެ. ސަނަމްއަށްވުރެ ކުރިން ކޮންމެ ދުވަހަކުވެސް އެންމެ ފުރަތަމަ ނަމާދަށް ތެދުވާނީ އައިދްއެވެ. މިއަދުވެސް އާދައިގެ މަތިން ސަނަމްއަށް ނަމާދަށް ގޮވުމަށްފަހު އައިދް އޮށޯވެލީ ހެނދުނުގެ ޒިކުރުތައް ކިޔާލުމަށެވެ. އަނެއްކާވެސް ނިދުނީ ޒިކުރުތައް ކިޔަން އޮއްވާކަން އެނގެނީ އަތުތެރޭގައި ފޯނު އޮތުމުންނެވެ. ހިނިތުންވެ ހުރެ ސަނަމް ގޮސް އެނދުގެ އަނެއްފަރާތުގައި ކުރު އަތްމައްޗަށް އޮށޯވެލިއެވެ. އައިދްގެ މޫނަށް ސަނަމް ބަލައިލީ ލޯބިން ފުރިގެންވާ ބެލުމަކުންނެވެ. މަޑުމަޑުން އަތްހިލައިލުމަށްފަހު އައިދްގެ މޫނުގައި ސަނަމް ފިރުމައިލިއެވެ. އެހިނދު ކުއްލިއަކަށް ގެނައި ހަރަކާތަކާއެކު ސަނަމްގެ ތުނި ހަށިގަނޑުގައި އައިދް ބައްދައިލިއެވެ. ލިބުނު ސިހުމުގައި ސަނަމްގެ އަނގައިން އަޑެއް ނިކުތެވެ. މިވީހާއިރު އައިދް އޮތީ މަކަރުހަދައިގެންކަން އިހުސާސްވެ " އައިދް ގަނޑާ..." އޭ ބުނެލިއެވެ.

" ހެހެހެ.. މަޅިފަތި ޖަހައިން އޮންނަތާ ކިތަންމެ އިރެއް.. ހައްޔަރުވީމަ ދެން އެހާ އަވަހަށް ދޫކޮށްލާކަށް ބޭނުމެއްނޫން.." ލާނެތްގޮތަކަށް އައިދް ބުނެލިއެވެ.

" ދެން އެހެން ނުހަދާ އައިދޫ.. އިރުކޮޅަކުން އިރުއަރާނެ.. މަންމައަށް ނަމާދު ކުރެވޭނީ އަހަރެން ދިޔައިމަ..."

" ދުވަހެއް ދުވަހަކަށް ދޫނި ރީތިވާހެން ހީވަނީ.. ބަލަން އޮވެ އޮވެ ފޫހިނުވާނެކަން ޔަގީން.. އަހަރެން ވަރަށް ލޯބިވޭ ސަނަމްދެކެ.. ލޯބިވާވަރު ބަޔާންކޮށްދޭންވެސް ދަތި.. " ސަނަމް ދައްކާ ވާހަކައަކަށް ނުބަލާ އައިދް ބުނެލިއެވެ. އެހިނދު ލަދުން ގޮސް ސަނަމްގެ ދޮން މޫނު ރަތްވެގެން ދިޔަތަން އައިދް ދުއްޓެވެ. އެއީ ސަނަމްގެ ކިބައިން އައިދްއަށް ފެންނަ އެންމެ ކަމުދާ އެއް ސިފައެވެ.

" އަހަރެންވެސް ވަރަށް ވަރަށް ލޯބިވޭ އައިދް ދެކެ.. ތިފަދަ ހަޔާތުގެ ބައިވެރިއެއް ލިބުނު ކަމަށްޓަކާ ﷲގެ ހަޟްރަތަށް ޝުކުރުވެރިވަން.. އައިދްއާއެކު ހޭދަވާ ކޮންމެ ދުވަހަކީވެސް އުފާވެރި ދުވަހެއް.. އަހަރެންދެކެ ތިހާ ލޯބިވާތީ، އަހަރެންނަށް ތިހާ އަޅާލާތީ ޝުކުރިއްޔާ ވަރަށް ބޮޑަށް..." އައިދްގެ މޫނުގައި ފިރުމައިލަމުން ސަނަމް ބުންޏެވެ.

" ކިތަންމެ ލޯބިން ވާހަކަ ދެއްކިޔަސް ދުލެއް ނުކުރެވޭނެ އިނގޭ..." ކުރިއަށްވުރެވެސް ބޮޑަށް އޭނާގެ އަތު ތެރޭގައި ސަނަމް ފިއްތާލަމުން އައިދް ބުންޏެވެ.

" މިއަދު ތިއުޅެނީ ހަމަ ޖެއްސުމަށް.. އިރުކޮޅަކުން އައިދް ވަޒީފާއަށް ދާން ގަޑިޖެހޭނެ.. ދެން ދޫކޮށްލަބަ ޕްލީޒް.. މަންމަ ވަރަށް ދެރަވާނެ ވަގުތު ފާއިތުވުމުގެ ކުރިން ނަމާދު ނުކުރެވިއްޖިއްޔާ.." އާދޭހުގެ ރާގެއްގައި ސަނަމް ބުންޏެވެ. އައިދް ފުންނޭވައެއް ދޫކޮށްލިއެވެ. މޫނުމަތިން ދެރަވާކަމަށް ހެދުނެވެ. ނަމަވެސް އެއީ ހުސް ދެއްކުންތެރިކަން ކަން ސަނަމްއަށް އެނގެއެވެ.

" މިއަދު އޮފީހަށް ދާހިތެއް ނެތް.. ބޭނުންވަނީ މުޅި ދުވަސް އެއްކޮށް ދޫނިއާ  އެކު ހޭދަ ކުރަން.. "

" އައްދެ.. މިއަދު ހާދަ ލޯބިވެގެންނޭ ތިއުޅެނީ.. އެންމެ ރަނގަޅޭ.. ދޫކޮށްލީމަ ދޯ އަވަހަށް މަސައްކަތްތައް ނިންމާފަ އައިދް ކައިރިއަށް އާދެވޭނީވެސް.. މިއަދު އައިދްގެ މަންމަމެން ގެއަށްވެސް ގޮސްލަންވާނެ.." އައިދް ދޫކޮށްލުމާއެކު އެނދުން ތެދުވަމުން ސަނަމް ބުންޏެވެ.

" އަވަހަށް އަންނައްޗެ... އިންތިޒާރުގައި އޮންނާނަން..." ބޯދަށައް ދެއަތްތިލަލަމުން އައިދް ބުންޏެވެ.

" އުނހު އިންތިޒާރު ކުރާނެ ކަމެއް ނެތް.. އަހަރެންނާއެކު ވަގުތު ހޭދަކުރަން ބޭނުމިއްޔާ އާދޭ ބަދިގެއަށް އެހީވާން.. ހެނދުނަށް ސައިހަދާފަ މެންދުރަށް ކައްކާފަ އަހަރެންނަށް ވަގުތެއް ވާނީ.. " ސަމާސާ އެކުލެވިފައިވާ ރާގެއްގައި ސަނަމް ބުންޏެވެ.

"  އޯކޭ.. ހަމަ ތައްޔާރު.. މިއަދު ސައި ތައްޔާރު ކުރާނީ އަހަރެން.. ދޫނި ހުރޭ އަހަރެންނަށް އެހީވެދެން.. މިއަދު ތަންކޮޅެއް މީރު ސައެއް ލިބޭނެކަން ޔަގީން.." ތެދުވެގެން ދަމުން ސަނަމްއާ ދިމާލަށް އެއްލޯ މަރައިލަމުން އައިދް ބުންޏެވެ. އެހިނދު އައިދްއާ ދިމާލަށް ސަނަމް ލޯ އަޅައިލިއެވެ.

*********

މަންމަ ސިލްމާގެ ކޮޓަރީ ދޮރު ހުޅުވާލައިރު ދޮރާ ދިމާލަށް ބަލަހައްޓައިގެން ސިލްމާ އޮތެވެ. ސިލްމާ އޮތް ގޮތުން އޭނާ އެއޮންނަނީ ސަނަމްގެ އިންތިޒާރުގައިކަން އެނގުނެވެ.

" ސޮރީ މަންމާ.. މިއަދު ލަސްވެއްޖެ ދޯ މާބޮޑަށް.. އިރުއަރަން ތިރީސް މިނިޓަށް ވެއްޖެ.. " ސިލްމާއަށް އޮތްތަނުން ތެދުވަން އެހީތެރިވަމުން ސަނަމް ބުންޏެވެ. ކުޑައިރު ދިމާވި ހާދިސާއެއްގެ ސަބަބުން ސިލްމާއަކީ ހިނގުމުގެ ނަސީބުން މަޙުރޫމްވެފައިވާ މީހެކެވެ. ސަނަމް، ސިލްމާ އޭނާގެ ފުރޮޅުލީ ގޮނޑީގައި ބޭންދިއެވެ. އެއަށްފަހު އަތްގަނޑުގައި ހިފައިގެން ފާހާނާއާ ދިމާލަށް މިސްރާބު ޖެހިއެވެ.

" މަންމައަށް އެނގޭ ސަނަމް އަންނާނެކަން.. އެހެންވެ ނުގުޅަންވެސް އޮތީ... " ސިލްމާ ބުންޏެވެ. ސަނަމް ހީނލިއެވެ. މަންމަ އޭނާއަށް ކުރާ އިތުބާރު އެނގުމުން ކުރެވުނީ އުފާވެރި އިހުސާސެކެވެ.

ސިލްމާ ނަމާދުކޮށް ނިމުމުން އޭނާ ގޮވައިގެން ސަނަމް ނިކުތީ ސިޓިންގްރޫމަށެވެ. ސޯފާގައި ސިލްމާ ބޭންދުމަށްފަހު ބަދިގެއަށް ދިޔައީ އޭނާއަށް ކިރުތައްޓެއް ތައްޔާރުކުރުމަށެވެ.

" ދަރިފުޅާ އިއްޔަގަވެސް ހަބިއްތަގެ ހަބަރެއް ނުވޭ.. މިއަދު އެގެއަށް ގޮސް ބަލާލައްޗެ ކިހިނެއްވީތޯ.. އިޝާރާ ނޭނގެ ރަށުގަ ހުރިކަމެއްވެސް.. ކިތަންމެ ދުވަހެއްވިޔަސް އެމީހުން ހަބަރެއް ބަލައިނުލާނެކަން ޔަގީން.." ސިލްމާ އެބުނީ އޭނާއާ ދެބެންގެދެދަރި ހަބީބާގެ ވާހަކައެވެ. ސިލްމާގެ ފިރިމީހާ ރިޒްވާން ނިޔާވިފަހުން އެހީތެރިކަމުގެ އަތެއް ދިއްކޮށްލި ހަމައެކަނި މީހަކީ ހަބީބާއެވެ. ސަނަމް ބޮޑުވެ ތަސައްރުފު ފުދެންދެންވެސް ސިލްމާގެ ހުރިހާ ކަމެއް ކޮށްދިނީވެސް ހަބީބާއެވެ. އިޝާރާއަކީ ހަބީބާގެ ހުރި ހަމައެކަނި ދަރިއެވެ. މީހަކާ އިނދެގެން އެހެން ގެއެއްގައި އުޅޭ އިޝާރާއަކީ ފޮނިބޮޑު ޒީލަ ގަދަ އަންހެނެކެވެ. އޭނާގެ ކުރިމަތީގައި އާއިލާއާއި ލޯބި އެއީ މާބޮޑު އަގެއް ހުރި އެއްޗެއް ނޫނެވެ. އޭނާއަށް ހުރިހާވެސް އެއްޗަކީ ފައިސާއެވެ. އޭނާގެ ފިރިމީހާ މައުޒްއަކީ ރިސޯޓެއްގެ މެނޭޖަރަކަށްވުމާއެކު އެމީހުންނަކީ އެރަށުގައި އެންމެ ފުދިގެން އުޅޭ އެއް އާއިލާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

" އާނ މިއަދު ގޮސްލާނަން އިރާދަކުރެއްވިއްޔާ.. މިއަދު މިއުޅެނީ އައިދް މަންމަމެންގެއަށްވެސް ގޮސްލަން ކަމަށް.." ބަދިގޭގައި ހުރި ސަނަމް ވާހަކަ ދެއްކީ ފުދޭވަރަކަށް ބާރަށެވެ. ބަދިގެއާއި ސިޓިންގްރޫމާ ދެމެދު ކޮންމެވެސް ވަރެއްގެ ދުރުމިނެއް ހުރީމައެވެ. އެވަގުތު ކޮޓަރިން ނިކުމެގެން ބަދިގެއާ ދިމާލަށް ދިޔަ އައިދް ސިލްމާއާ ދިމާލަށް ބަލައިލަމުން ތުންފަތުގައި އިނގިލި ހުރަސްކޮށްލިއެވެ. އައިދްގެ ލާނެތްކަން ހިތަށް އަރާފައި ސިލްމާ ކައިރިއަށް ހިނިއައެވެ.

ސިއްރު ފިޔަވަޅުތަކެއް އަޅަމުން އައިދް ގޮސް ފަހަތުން ސަނަމްގެ ގައިގައި ބައްދާލިއެވެ. އެވަގުތު ސިހިގެން ގޮސް ސަނަމް އަތުގައި އޮތް ސަމްސާ ތިރިއަށް ވެއްޓުނެވެ.

" ސާބަސް... މިއަދު އަނެއްކާ ކިހިނެއްވެގެން ތިއުޅެނީ.. ދޫކޮށްބަލަ އައިދް... މަންމަ އެބައިނޭ ބޭރުގަ.." ސަނަމް މަޑުމަޑުން ބުނެލިއެވެ. ވަކި އެއްޗެއް ނުބުނެ އައިދް ސަނަމްގެ ކޮނޑުގައި ހިފާ އޭނާއާ ދިމާލަށް އަނބުރުވައިލިއެވެ. އެއަށްފަހު ސަނަމްގެ ކޮލުގައި ބޮސްދިނެވެ.

" އައިދް...." ސަނަމް ބުނަން އުޅުނެވެ. އެހެންނަމަވެސް އައިދްގެ ތޫނު ނަޒަރުގެ ސަބަބުން ސަނަމްގެ ހިތަށް ކުރުވީ ތަފާތު އަސަރެކެވެ. އެބެލުމުގައި ހުރި ޖާދޫވީ ބާރެއްގެ ސަބަބުން ސަނަމް މަންމަން ކުރުވި ކަހަލައެވެ. އިރުކޮޅަކުން ހީނލުމަށްފަހު އައިދް ސަނަމްގެ ގައިން ދޫކޮށްލިއެވެ.

" މިއަދު ހާދަ ލާނެތް ވެގެންނޭ ތިއުޅެނީ.. އަނެއްކާ ހުމެއް އައީތަ.." ތިރިއަށް ވެއްޓިފައި އޮތް ސަމްސާ ނަގައިގެން އަތްދޮންނަ ތަށި ކައިރިއަށް ޖެހިލަމުން ސަނަމް ބުންޏެވެ.

" ނޫން.. މިއަދު ހަމަ ލޯބި ބޮޑުވަނީ.. ނޭނގެ.. އެންމެ ހިނދުކޮޅެއްވެސް ދޫނިއާ ދުރަށްދާކަށް ބޭނުމެއް ނޫން.." އައިދް ބުންޏެވެ.

" އެހެންތަ؟ މިއަދު އަހަރެންނަށް ވާގޮތެއް އެނގޭތަ؟ " ކިރުތަށި ގިރަމުން ސަނަމް ވާހަކަ ދެއްކިއެވެ. އައިދް ދެފަރާތަކަށް ބޯހޫރައިލިއެވެ. " ބޯވަ ކާހިތްވަނީ.. ރޭގަ ހުވަފެނުން ފެނުނީ ބައިވަރު ބޯވަތަކެއް.."

" އެހެންވިއްޔާ ހަމަމިހާރު މިއުޅެނީ ތިކަމާ.. އަހަރެންގެ ސަނަމް ބޭނުންވާ ކަމެއް އޮންނާނެތަ އަހަރެން ނުކޮށްދޭނެ.." ޖީބުގައި އޮތް ފޯނު ނަގަމުން އައިދް ވާހަކަ ދެއްކިއެވެ.

" ތިއުޅެނީ ކީއްކުރަން..؟" ސަނަމް އަހައިލިއެވެ.
" ފިރޭއަށް މިގުޅަނީ.. ކުއްލިއަކަށް ބޯވަ ނަގަން ދާހިތްވެއްޖެ.." އެއްލޯ މަރައިލަމުން އައިދް ބުންޏެވެ.

 

ދެމީހުންވެގެން ހެނދުނު ނާޝްތާ ތައްޔާރުކޮށް އެކީގައި ސައިބޮއެ ނިންމާލުމަށްފަހު ބޯވަ ނަގަން ދާން އައިދް ތައްޔާރުވިއެވެ. އޭނާގެ އުއްމީދަކީ މެންދުރަށް ސަނަމް ބޭނުންވާ ފަދައިން ބޯވަ ކާންދިނުމެވެ. އައިދް ތައްޔާރުވެގެން ނިކުތުމުގެ ކުރިން ސަނަމް ގައިގާ ވަރަށް ލޯބިން ބައްދާލުމަށްފަހު ނިތުގައި ބޮސްދިނެވެ. އެދުނީ އޭނާ އަންނަންދެން އިންތިޒާރުގައި ހުރުމަށެވެ.

އައިދްގެ މަންމަ ތަލްޔާ އެގެއަށް އައިސްވަނީ އައިދް ކޮޓަރިން ނިކުތް ވަގުތުއެވެ. ތަލްޔާ ފެނުމުން އައިދް ވަރަށް ލޯބިން މަންމާއޭ ކިޔާ ގޮވައިލިއެވެ.

" އަނހަ.. ތަލްޔާ... އެކުދިން މިއަދު ތިގެއަށް ދާން އުޅެނިކޮށް ތިއައީ.. އާދެބަލަ މިތާ އިށީންނަން.." ސޯފާގައި އިން ސިލްމާ ބުންޏެވެ.

" އެހެންތަ؟ ސިލް ކިހިނެއް؟ ރަނގަޅު ދޯ.. " ސިލްމާ ކައިރީގައި އިށީންނަމުން ތަލްޔާ އަހައިލިއެވެ.

" މަންމާ ހިނގާ ސައިބޯން... މިއަދު ސައި ތައްޔާރު ކުރީ އައިދް.." ސަނަމް ބުންޏެވެ.

" އެހެންތަ؟ އައިދް ހާދަ މޮޅުވެއްޖޭ މިހާރު.. މަންމަ މިއައީ ސައިބޮއެގެން.. ތީން ވަރަށް މީރުކޮށް ކުޅިމަސް ހަދާފަ ހުރީ.. އެކަމަކު ތީންއަށް ރަހަ ދައްކާލަން އައިދް ތައްޔާރު ކުރި އެއްޗެހި ހިފައިގެން ދާނީ.. މަންމަ އަސްލު މިއައީ ދަރިފުޅު އޮފީހަށް ނުދާ ޙަބަރު ލިބިގެން.. ބަލީތަ އައިދް.." ތަލްޔާ އަހައިލިއެވެ.

" ނޫން.. މިއަދު ހަމަ އާއިލާއާ އެއްކޮށް ހޭދަކޮށްލަން ބޭނުންވެގެން.. ސަނަމް ބޯވަ ކާހިތުން އުޅޭތީ ބޯވަހެއް ނަގާލަން މިދަނީ.. މަންމަވެސް ތީން ގޮވައިގެން މެންދުރު ކާން އަންނަންވާނީ މިގެއަށް.. އަހަރެން ދެން ގޮސްލަނީ މަންމާ.. ލަސްވިއްޔާ މެންދުރަށް ނާދެވިދާނެ..." އައިދް ބުންޏެވެ. އެވަގުތު ގޭ ދޮރުމަތިން ފިރުޝާން ބޯދިއްކޮށްލުމަށްފަހު އަވަސްކުރުމަށް އައިދް ކައިރިން އެދުނެވެ.

" ދަނީ.... " ގެއިން ނިކުތުމުގެ ކުރިން އަދިވެސް އެއްފަހަރު އެނބުރި އެތާތިބި މީހުންނަށް ވަކިވަކިން ބަލައިލަމުން އައިދް ބުންޏެވެ.

 

**************

ތަލްޔާ އެނބުރި ގެއަށް އައިއިރު ސޯފާގައި ފޯނަށް ގެއްލިފައި ތީން އޮތެވެ. ތަލްޔާގެ އަތުގައި ހުރި ތަށިބަރި ކުރިމަތީގައި ހުރި ކޮފީ މޭޒުމަތީގައި ބެހެއްޓުމަށްފަހު ސޯފާގައި އިށީނެވެ.

" ތެދުވެބަލަ ތީން މިހިރީ ދޮންބެ މިއަދު ތައްޔާރު ކުރި ނާޝްތާ... މިހާރު ވެއްޖެ ސަނަމް ކާހިތްވެގެން އުޅޭތީ ބޯވަ ނަގަން ގޮސް.. މެންދުރު އެގެއަށް ކާން އަންނައްޗޭ ބުނީ... " ތީންގެ ފައިގައި ޖަހައިލަމުން ތަލްޔާ ބުންޏެވެ. ތީން އެތަށިބަރިއަށް ބަލައިލީ ހިތްހަމަނުޖެހިފައެވެ.

" މިހާރު ދޮންބެ ލައްވާ އެމީހުން ނުކުރުވާ ކަމަކީ މިއީދޯ.. އަހަރެން ނޫޅެން ކާން.. " އަނެއްކާވެސް ފޯނަށް ނަޒަރު ހުއްޓާލަމުން ތީން ބުންޏެވެ.

" ތިހެން ވާހަކަ ނުދައްކާށޭ މަންމަ ބުނީމެއްނު. ފިރިހެނުން ބަދިގެއަށް ވަނުމަކީ ހުތުރުކަމެއް ނޫން.. އަހަރެންގެ އައިދް އެފަދަ ދަރިއަކަށް ވީތީ އުފާކުރަން.. " ބޮލުގައިވާ ބުރުގާ ދަމައިގަންނަމުން ތަލްޔާ ބުންޏެވެ. ބުރުގާ ސޯފާގެ އަތްގަނޑުގައި އަތް އަޅުވައިލުމަށްފަހު ހޭވިފައިވާ އިސްތަށިގަނޑު އަލުން އައްސައިލިއެވެ.

" ތި ނޫން ވާހަކަ އެއް އަހަރެން ނުބުނަން.. އެކަމަކު އެ ސަނަމް ހަމަ ގަސްދުގަ ދޮންބެ އަހަރެމެންނާ ދުރުކުރީ.. މިގޭގަވެސް އިތުރު ފިރިހެނަކު ހުރީއެއް ނޫން ދޮންބެ ގޮސް އެގޭގަ އެއުޅެނީ.. ދޮންބެ ހުންނަނީ އެ ސަނަމްގެ ދަށުވެފަ.. މިއަދުވެސް މަންމަ ކައިރީގައި އެގެއަށް ނުދާށޭ ބުނީމަ ތިދިޔައީ.. އެމީހުންވެސް އެންމެ ރަނގަޅެއްނު މިގެއަށް ވަދެލަން.. " ތީންގެ އަޑުގައިވީ ނުރުހުމެވެ.

" ސަނަމްގެ މަންމައަކީ އެކަނި އުޅެވޭވަރު މީހެއް ނޫންވީމައޭ އެގޭގަ އުޅެނީ.. އައިދް އެގޭގަ އުޅުނަސް އަހަރެމެންނަށް ކޮށްދޭންވާ ހުރިހާ ކަމެއް ކޮށްދެއެއްނު.. ތީންއަށް ނުވިސްނޭތީ ތިގޮތަށް ވާހަކަ ތިދައްކަނީ.. އަހަރެން ނޫޅެން ތީން އާ ދެބަސްވާކަށް..." ބުރުގާ ހިފައިގެން ތެދުވެގެން ދަމުން ތަލްޔާ ބުންޏެވެ. ދެބުމަ ގޮށްޖަހާލައިގެން ފޯނަށް ބަލަހައްޓައިގެން ތީން އޮތީއެވެ.

**********

ހެނދުނަށް ފިހުނު ރޮށިން ނުވެދާނެތީ އިތުރު ރޮށިކޮޅެއް ފިހުމަށް ސަނަމް އުޅުނެވެ. ހަބީބާ އައީ ޙަބަރެއް ބަލައިލަން އެގެއަށް ދާން އުޅެނިކޮށެވެ. މުރަނގަ ފަތް ދޮލަނގެއް ހިފައިގެން ފަތް ފިލުވަން ތިބިއިރު ހަބީބާ ސިލްމާ ކައިރީ ދައްކަމުން ދިޔައީ އޭނާއަށް ނާދެވިގެން އުޅުނު ސަބަބެވެ. އިޝާރާގެ ހަތް އަހަރަށް ދާ ފިރިހެންކުއްޖާ ހަބީބާ ކައިރީގައި ބެހެއްޓުމަށްފަހު ރައްޓެހިންނާއެކު ކޮންމެވެސް ރިސޯޓަކަށް އިޝާރާ ދިޔައީއެވެ. އެހެންވެ އެކުއްޖާގެ ކަންތައްތައް ކުރަންވެގެން ނާދެވުނީއެވެ. ރޮށި ފިހެ ނިންމާލައި ތަންތަން ސާފުކޮށްލުމަށްފަހު ފިޔާ ކޮށަން ސަނަމް ފެށިއެވެ. އައިދް އަންނަންވާއިރަށް ހުރިހާ އެއްޗެއް ކޮށާލާފައި ބެހެއްޓިއްޔާ ފަސޭހަވާނޭ ހިތާއެވެ. ސަނަމްގެ އެންމެ އެކުވެރި މާއިފާ ގެއަށް އައިސްވަނީ ސަނަމް ފިޔާ ކޮށަން ހުއްޓައެވެ.

" އައްދެ.. މިއަދު ހާދަ ބިޒީކޮށްލައިގެން.. މިއައީ ސަނަމްއާއެކު އެއްކަލަ ފިލްމު ބަލާލާހިތުން.. އައިދް އަންނަންވާއިރަށް މޮޅު އެއްޗެއް ތައްޔާރުކޮށްލަން ދޯ ތިއުޅެނީ.. " ބަދިގޭ ދޮރުގައި ލެގިލައިގެން ހުރެ މާއިފާ ވާހަކަ ދެއްކިއެއެވެ.

" ނޫނޭ.. މިއަދު އައިދް އޮފީހަކަށް ނުދޭ.. ބޯވަ ނަގަން ގޮސް ވެއްޖެ.. އަންނަންވާއިރަށް ރެޑީކޮށްލަނީ މި.. އަންނައްޗޭ މެންދުރުކާން.." ސަނަމް ބުނެލިއެވެ. މާއިފާއަށް ވަކި އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އިވުނީ ކޮންމެވެސް ފިރިހެނަކު ވަރަށް ބާރަށް ސިލްމާއަށް ގޮވަމުން އެގެއަށް ވަން އަޑެވެ. އަވަސް އަވަހަށް ބަދިގޭގައި ހުރެފައި ސަނަމް ނިކުތީ ވީކިހިނެއްތޯ ބަލައިލުމަށެވެ. އަވައްޓެރި ފަޔާޒު ހުރީ ވަރުބަލިވެގެން މައިނޭވާ އަޅައަޅައެވެ. ހީވަނީ އެތަނަށް އޭނާ އައީ ދުވެފައި ހެންނެވެ.

" ކިހިނެއްވީތަ ފަޔާޒު..." ސިލްމާ ހައިރާންވެފައި އިނދެ އަހައިލިއެވެ. ވާހަކަ ދައްކަން އުނދަގޫވެ ހުރެ ފަޔާޒަށް ބަލައިލެވުނީ ބަދިގޭ ކައިރީގައި ހުރި ސަނަމްއަށެވެ.

Ads by Ooredoo
  1. އުމްމު

    ކޮންދުވަސްތަކެއްގަ މިވާހަކަ ގެނެސްދެނީ

  2. ރާފި

    ވަރަށް ރީތި ފެށުމެއް. ހީވަނީ އެސޮރު މަރުވީހެން ބޯވަ ނަގަން އުޅެނިކޮށްޥ

  3. ރައު

    ޔަގީން އައިދް އަށް ކަމެއް ވީ ކަން