ވާހަކަ މުނިފޫހިފިލުވުން

ފޯވީތީ މިހިތް ކަރުނުން (ތިންވަނަ ބައި)

އަޒްކީ ، ދެން އޮންލައިން

ސަނަމްއަށް މުޅި ކޮޓަރިއަށް ނަޒަރު ހިންގައިލެވުނެވެ. އިހުސާސް ކުރެވުނީ ފަޅުކަމެވެ. އެނދުމަތިން ތެދުވެގެން ގޮސް އަލަމާރި ކައިރިއަށް ހުއްޓުނެވެ. ދޮރު ދެފަރާތަށް ހުޅުވައިލުމަށްފަހު ހެދުންތައް ދަށުގައި އޮތް އަލްބަމެއް ނެގިއެވެ. އެއަށްފަހު އަލަމާރީގެ ދޮރު ލައްޕައިލުމަށްފަހު ދޮރުގައި ލެގިލިއެވެ. މަޑުމަޑުން އިށީންނަމުން ގޮސް ޓައިލްސްތައް މަތީގައި އިށީނެވެ. އަލްބަމް ހުޅުވާލުމާއެކު އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ކައިވެނީގެ ފުރަތަމަ ރޭ ދެމީހުން ނަގާފައިވާ ފޮޓޮއެކެވެ. އައިދް ސަނަމްގެ އިނގިލީގައި އަނގޮޓި އަޅުވަން ތައްޔާރުވެގެން ހުރި އެފޮޓޯގައި ދެމީހުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހިނިތުންވުމެކެވެ. އެހިނިތުންވުމަކީ ފޮޓޯއަށް ތައްޔާރުވުމުގެ ގޮތުން ނޫނީ ފޮޓޯ ރީތި ކޮށްލުމުގެ ނިޔަތުގައި ވެފައިވާ ހިނިތުންވުމެއް ނޫނެވެ. އެހެނަސް އެއީ އެރޭ އެދެމީހުންނަށް ލިބުނު ބަޔާންކުރަން ދަތި އުފަލާއި ހިތްހަމަޖެހުން ދައްކުވައިދޭ ރަމްޒެކެވެ.

Ads by STELCO

ފޮޓޯއިން ފެންނަމުން ދިޔަ އައިދްގެ މޫނުގައި ސަނަމްގެ އަތުގެ ހިމަ އިނގިލިތައް ހިންގާލިއެވެ. އެހިނދު ދެކޯތާފަތް ތެންމާލީ ލޮލުން އޮހުނު ހޫނު ކަރުނައިންނެވެ. ކެތްތެރިވެވޭތޯ މަސައްކަތް ކުރަމުން ސަނަމް ތިރީ ތުންފަތުގައި ދަތްއަޅައިލިއެވެ. ނަމަވެސް ފޮޓޯތައް ބެލިވަރަކަށް އެހިތުގައި އަޅަމުން ދިޔަ ވޭނާއި ލޮލުން އޮހެމުން ދިޔަ ކަރުނަތައް ވީ އިތުރެވެ. ދެން ދުވަހަކުވެސް އެހިތާމައިން އަރައިގަނެވޭނެ ކަމުގެ އުއްމީދެއް ސަނަމްގެ ނެތެވެ. ފޮޓޯތަކުން ފޮޓޮއެއް ފެނި ސަނަމްގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. އެފޮޓޯގައި ސުކޫލު ޔުނީފޯމުގައި ހުރި ސަނަމް އަތްދިގު ގަމީހެއްގައި ހުރި އައިދަށް މަލެއް ދިއްކޮށްލަނީއެވެ. އިސްޖެހި ހިނިތުންވެފައިހުރި ސަނަމްގެ މޫނުމަތިން ލަދުވެތިކަމެއް ފެންނަން ހުރިއިރު އައިދް މައުނަވީ ގޮތަކަށް ސަނަމްއާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އެފޮޓޯ ފެނުމުން އެންމެ ފުރަތަމަ އެދެމީހުން ބައްދަލުވީ ދުވަހުން ފެށިގެން ކަންތައްވަމުން އައި ގޮތް ފިލްމެއްގައި ސިފައިގައި ސިކުނޑީގައި ރޯލްވާން ފެށިއެވެ.

އެއް ރަށެއްގައި އުޅެ ބޮޑުވި ނަމަވެސް ސަނަމްއަށް އައިދްއަކީ ކާކުކަން އެނގުނީ ވަގުތީ ޓީޗަރެއްގެ ގޮތުގައި އައިދް ސަނަމް ކިޔަވަމުން ދިޔަ ސުކޫލާ ގުޅުނު ފަހުންނެވެ. ސަނަމްގެ ކުލާހަށް ކިޔަވައިދޭން އައި ފުރަތަމަ ދުވަހުން ފެށިގެންވެސް އައިދްގެ މައުނަވީ ތޫނު ބެލުންތައް ސަނަމްއަށް އަމާޒުވަމުން ދިޔައެވެ. އެކަން އިހުސާސް ކުރެވި ސަނަމްގެ ހިތުގައިވެސް އައިދްއަށް ޙާއްސަ މަގާމެއް ދެވުނެވެ. ދެމީހުންވެސް އެކަކު އަނެކަކަށް އޮތް ޝައުޤުވެރިކަން ބޮޑުވެ ސިއްރުން ބައްދަލުކުރަން ފެށިއެވެ. އެދެމެދުގައި އޮތް ގުޅުން އެނގޭ ހަމައެކަނި މީހަކީ ސަނަމްގެ އެކުވެރި މާއިފާއެވެ. އަލްބަމްގައި އެވާ ފޮޓޯއަކީ ޓީޗަރުންގެ ދުވަހު ސަނަމް އައިދްއަށް މަލެއް ދިން ވަގުތު މާއިފާ ނެގި ފޮޓޮއެކެވެ. ސަނަމްއަށް އަށާރަ އަހަރު ފުރުމާއެކު އައިދް ސަނަމްއާ ކައިވެނި ކުރިއެވެ. އައިދް ސަނަމްއާ އަބަދުގެ އަބަދަށް ވަކިއެވީ އެކައިވެންޏަށް އަހަރެއްވެސް ނުވަނީހެވެ.

އިތުރަށް ފޮޓޯތައް ބެލުމަށް ދަތިވެ ސަނަމް އަލްބަމް ލައްޕައިލުމަށްފަހު ތިރީގައި ބާއްވައިލިއެވެ. ދެކަކޫ ގެނެސް މޭގައި ޖައްސައިލަމުން ކަކޫމަތީގައި ބޯއަޅައިލިއެވެ. އެގޮތުގައި އެތައް އިރެއް ވަންދެން ސަނަމްގެ ގިސްލުމުގެ އަޑު އިވި އިވި ހުއްޓެވެ.

ކަކޫ މަތިން ސަނަމް ބޯހިއްލައިލީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. ފަތިސް ނަމާދަށް ގޮވަން ދެން ދުވަހަކުވެސް އައިދް ނާންނާނެކަން އިހުސާސްވި ހިނދު އިހުނަށްވުރެ ބޮޑަށް ތުންފިއްތައިލެވުނެވެ. އިންތަނުން ތެދުވާނެހާ ހިތްވަރެއް ސަނަމްގެ ނެތެވެ. ނަމަވެސް ބަންގީގެ ކަލިމަތަކުން އެބުނެދެނީ ނަމާދަށް އަވަސްވުމަށެވެ. ފަލާހާއި ކާމިޔާބު ލިބޭނީ އޭރުން ކަމަށެވެ. ހިތްވަރެއް ނެތަސް އަމިއްލަ ނަފްސަށް ބާރުލަމުން ގަދަކަމުން ކަހަލަ ގޮތަކަށް ސަނަމް ތެދުވިއެވެ. އަލްބަމް އަލުން އަލަމާރިއަށް ލުމަށްފަހު ފާހާނައާ ދިމާލަށް މިސްރާބުޖެހިއެވެ. ވުޝޫކޮށްލައިގެން ނިކުމެ ނަމާދަށް އެރިއެވެ. ނަމާދުކޮށް ނިންމާލިއިރު ސަނަމްގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިއްޖެއެވެ. ސިލްމާ ކައިރިއަށް ދާން އުޅެފައިވެސް ހަބީބާ އުޅޭނެކަން އެނގޭތީ ސަނަމް އެނދުގައި އޮށޯވެލިއެވެ. އެއާއެކު ފުން ނިންޖެއްގެ ތެރެއަށް ގެނބޭކަށް މާގިނައިރެއް ނުވިއެވެ.

***********

ސަނަމްއަށް ހޭލެވުނީ މެންދުރުވާން އުޅެނިކޮށެވެ. ހަށިގަނޑަށް ލޮޑުކަމެއް ވެރިވެފައި ވިޔަސް އެނދުން ތެދުވިއެވެ. އައިދް ނެތުމުގެ ފަޅުކަން އަބަދުވެސް އިހުސާސް ކުރެވޭނެއެވެ. އެފަދަ ހިތާމައެއްގައި މީހާ ނިމިގެން ދިއުމަކީ އަމިއްލަ މީހާއާ މެދު ވެވޭ ވަރަށް ބޮޑު ބޭއިންސާފެކެވެ. ވަރުގަދަ އިހުމާލެކެވެ. ހިތާމައިން އަރައިގަތުމަށް އެމީހަކަށް ކުރެވުނު ކޮންމެ މަސައްކަތެއް ކުރަން ޖެހެއެވެ. ކޮޓަރީގައި އެކަނިވެ އޮތުމުން މީހާއަށް ކުރާ އަސަރު އިތުރުވެ ނަފްސު ހަލާކުގެ ތެރެއަށް ވެއްޓިގެން ދިއުން އެއީ ސަނަމް ބޭނުންވާ ގޮތެއް ނޫނެވެ. ކުރިއަށް އޮތްތަނުގައިވެސް އައިދް ނެތުމުގެ އިހުސާސް ކުރެވޭނެއެވެ. ހިތްދަތިވެ ދެރަވެ ރޮވެންވެސް ރޮވޭނެއެވެ. އެހެނަސް އިންސާނުންނަށް އޮތީ އިމްތިޙާނުތަކަށް ކެތްތެރިވުމެވެ.

ފެންވަރާ ތާޒާ ވެލައިގެން ކޮޓަރިން ނިކުތްއިރު ހަބީބާއާއި ސިލްމާ ސޯފާގައި ވާހަކަ ދައްކަން ތިއްބެވެ. އެދެމީހުންގެ ނަޒަރު ސަނަމް އަށް ދަތުރުކޮށްލި ހިނދު ސަނަމް ހިނިތުންވެލަން މަސައްކަތް ކުރިއެވެ. ހަބީބާއާއި ސިލްމާވެސް ހިނިތުންވެލިއެވެ. ނަމަވެސް ސަނަމްގެ ތުންފަތްމަތިން ފެނުނު ހިނިތުންވުމާއި ލޮލުން ދައްކުވައިދިން އަސަރުގެ ނުބައްދަލުކަން އެދެމީހުންނަށްވެސް އިހުސާސްވިއެވެ.

" ހަބިއްތަ ހުންނާނެ ވަރަށް މީރުކޮށް މަސްހުނި ހަދާފަ... " ހަބީބާ ބުނެލިއެވެ.

" ރޮށި ކާހިތެއް ނެތް.. ސައިތައްޓެއް ބޯލާނި.. މަންމަ ފެންވެރީތަ..؟ " ބަދިގެއާ ދިމާލަށް ދަމުން ސަނަމް އަހައިލިއެވެ.

" އުނހު.. ދަރިފުޅު ސައިބޮއެގެން އަރާމުކޮށްލަން.. ހަބިއްތަ މަންމަ ފެންވަރުވަން އެހީވެދޭނެ.." ސިލްމާ ބުންޏެވެ.

" ނޫން މަންމާ.. ކޮޓަރީގަ އޮންނާކަށް ބޭނުމެއް ނޫން.. މެންދުރަށް ކައްކާލާފަ މަންމަ ފެންވަރުވަދޭން ދާނަން.. ހަބިއްތައާ އެއްކޮށް ދޯ ކައްކަންވީ..." ސައިތައްޓެއް ހަދައިގެން އައިސް އެމީހުން ކައިރީގައި އިށީންނަމުން ސަނަމް އެހިއެވެ.

" އާނ ހަބިއްތަވެސް މިއަދު ކާނީ މިގެއިން.. " ހަބީބާ ބުންޏެވެ. ސަނަމްގެ ހިތްވަރުގަދަކަން ފެނި އެދެމީހުންވެސް ތިބީ ހައިރާންވިނަމަވެސް އުފާވެފައެވެ. ސަނަމްގެ ކޮންމެ ހަރަކާތަކުން އެމީހުންނަށް ފެންނަމުން ދިޔައީ ނޯމަލް ވުމަށް ސަނަމް ކުރަމުން ދިޔަ މަސައްކަތެވެ. އެކަމުގައި މިވަގުތު ސަނަމްއަށް އެންމެ ބޮޑަށް  ބޭނުންވާނީ އެމީހުންގެ އެއްބާރުލުންކަން ދެމީހުންވެސް ދެނަހުއްޓެވެ.

" މަންމާ!! އައިދްގެ މަންމަގެ ޙަބަރެއްވިތަ..؟" އިރުކޮޅަކު ވިސްނަން އިނުމަށްފަހު ސަނަމް އެހިއެވެ. ސިލްމާއާއި ހަބީބާ އެކަކު އަނެކަކަށް ބަލައިލިއެވެ. ސަނަމްއަށް ޖަވާބެއް ދޭން އެމީހުން ފަސްޖެހޭ ކަހަލައެވެ. ސިލްމާއާއި ހަބީބާއަށް ވީގޮތް ފެނި ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ސަނަމްއަށް އެނގުނެވެ.

" ކިހިނެއްވީ..؟ މަންމައަށް ކަމެއްވީތަ..؟ " ސައި ޖޯޑު މޭޒުމަތީގައި ބަހައްޓަމުން ސަނަމް އެހިއެވެ.

" އޭރުއްސުރެން ފެށިގެން ތަލްޔާ ހޭނާރާ.. ޑޮކްޓަރުން ބުނަނީ ޝޮކުގެ ސަބަބުން ކަމަށް އެހެން އެވީ.. ވީހާވެސް އަވަހަކަށް މާލެ ގެންދަން ބުނީ.. ތަލްޔާ ގޮވައިގެން ތީން މިއަދު ހެނދުނު ފުރައިފި.. " ސިލްމާ ކިޔައިދިނެވެ. ސަނަމްގެ ދެލޯ ފެންކަޅިވެގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ.

" އެވަރުވީއިރު އެކަކުވެސް އަހަރެންނަކަށް ނުގުޅި.. ތީން ހަމަ އެހާ ރުޅިއައީތަ... " ކުރެހިފައިވާ އަޑަކުން ސަނަމް ބުންޏެވެ.

" ދެން އެކަމާ ނުވިސްނާ ދަރިފުޅާ.. ތީން ސަނަމްއާ ދިމާލަށް ގޮވި އެއްޗިއްސަށްފަހު މަންމަ ބޭނުމެއްނޫން ސަނަމް އެމީހުންނާ ގުޅުން ބާއްވާކަށް.. " ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހިފައި ސިލްމާ ބުންޏެވެ.

" ތިހެން ނުބުނޭ މަންމާ.. އައިދްގެ މަންމަ އަހަރެންނަށް ގޯހެއް ނޫން.. އެމަންމައަށް ކަމެއް ވެއްޖިއްޔާ އެއީ އަހަރެންނަށްވެސް ލިބޭ ދެރައެއް.. މަންމަ ކަންބޮޑުނުވޭ އަހަރެން ތީންއަކަށް ނުގުޅާނަން.. އެކަމަކު އައިދްގެ މަންމަ ރަނގަޅުވެގެން އައި ދުވަހަކުން އަހަރެން އެގެއަށް ދާނަން..." ދެލޯ ފޮހެލަމުން ސަނަމް ބުންޏެވެ. އެވަގުތު ގެއަށް ވަދެހެން އައި އިޝާރާއެވެ. އޭނާ ކައިރީގައި އޭނާގެ ދަރިފުޅު ލުހަމް ހުއްޓެވެ. ސަނަމްއަށް ގޮވާލާފައި ހާލު ކިހިނެއްތޯ އިޝާރާ އެހިއެވެ. ރަނގަޅު ކަމުގައި ބުނެލި ސަނަމް ލުހަމްއަށް ހިނިތުންވެލިއެވެ.

" މިގަޑީގައި މިސޮރު ގޮވައިގެން ކީއްކުރަން ތިއައީ.. މިއަދު ސްކޫލު ނެތީތަ..؟ " ހަބީބާ އަހައިލިއެވެ.

" ސާބަސް މަންމާ.. މިދެން ހަމަ އައިސްލީއޭ.. އަހަރެން އައިމަ މަންމައަށް އުނދަގޫ ވަންޏާ އަހަރެން ހިނގައިދާނަން.. ލުހަމްވެސް މިއަދު ސަމް ދޮންތިގެ ހާލު ބަލައިލަން އަންނަންވެގެން ސްކޫލަށް ނުދިޔައީ.. ދޯ ލުހަމް.." އިޝާރާ ބުންޏެވެ.

" އެތެދެއް ލުހަމް.. ސަމް ދައްތަ ކައިރިއަށް ތަ ތިއައީ.. " ސަނަމް އެކުއްޖާ ގެނެސް އޭނާގެ އުނގުގައި ބައިންދާލިއެވެ.

" އެނގޭތަ.. އެލޯންޗް ދުއްވަން އިން މީހާ ހައްޔަރުން ދޫކޮށްލައިފި.. " އިޝާރާ ބުންޏެވެ. ސަނަމް ހިންދިރުވައިލަމުން އިސްޖަހައިލިއެވެ.

" އެއީ ކީއްވެ؟ ކިހިނެއް އިޝާރާއަށް އެނގެނީ..؟ " ހަބީބާ ހިތްހަމަނުޖެހިފައި ބުންޏެވެ. ސިލްމާވެސް އިނީ ދެބުމަ ގޮށްޖަހާލައިގެންނެވެ.

" އިތުރު މީހެއް ކައިރީގައި ނުބުނައްޗެ.. އަމުދުން މައުޒްއަށް އެނގިގެންނުވާނެ އަހަރެން މިވާހަކަ މަންމަމެން ކައިރީގައި ދެއްކިކަމެއް.. " އިޝާރާގެ އަޑުމަޑުވެލިއެވެ. " އެމީހާ އެއީ މައުޒް އުޅޭ ރިސޯޓުގެ ބޮޑުމީހާގެ ދަރި.. ފުލުހުން ތަހުޤީޤު ކޮށްފައި ބުންޏޯ އެމީހާގެ އިހުމާލެއް ނެތޭ.. ބޮއެގެން ކަމަށް ސާބިތެއް ނުވިޔޯ.. "

" މުއްސަންޖެއްގެ ދަރިއަށް ވީމަ ތިސާބިތުނުވީ.. އަހަރެމެންގެ އައިދްއަށް އިންސާފު ލިބޭނެ ދުވަހެއް ޔަގީނުންވެސް އަންނާނެ.. " ހަބީބާ ބުންޏެވެ. ސަނަމް އިންތަނުން ތެދުވީ ކުއްލިއަކަށެވެ. ތެދުވެގެން ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ. ހަބީބާ ސަނަމްއަށް ގޮވަން އުޅުމުން އެކަން ހުއްޓުވީ ސިލްމާއެވެ.

" ސަނަމް މިވަގުތު އެކަނިވެލަން ދޫކޮށްލަން އަހަރެންނަށް ފެންނަނީ.. އިވިގެން އެދިޔައީ އޭނައަށް އަހަން ފަސޭހަ ވާހަކަތަކެއް ނޫން.. " ސިލްމާ ބުންޏެވެ.

**************

ތިން އަހަރު ފަސް

 

މާލެއިން ރާއްޖެތެރޭ ރަށަކަށް ދަތުރުކުރަމުން ދިޔަ މަތިންދާ ބޯޓުގެ ތެރޭގައި ތިބި މަދުމީހުންގެ ތެރޭގައި ޝަޖާހުއާއި އޭނާގެ ފިރިހެން ދަރިފުޅު ރޫވިން އިނެވެ. ރޫވިންގެ އަތުގައި އޮތް ނޫކުލައިގެ ފައިލްގައިވާ ގަނޑުތައް ހިފައިގެން ތިބެ ކޮންމެވެސް ވާހަކައެއް ދައްކަނީއެވެ. ފްލައިޓް ލޭންޑް ކުރަން އުޅޭ ވާހަކަ ބުނުމާއެކު ފައިލް ލައްޕާލުމަށްފަހު އަތުގައި އޮތް ދަބަހަށް ލިއެވެ. އެއަށްފަހު ސީޓް ބެލްޓް އަޅުވާ ބާރުކޮށްލިއެވެ.

" ލޭންޑް ކުރީމަ މަންމައަށް ގުޅާފަ ބުނާތި ދެވުނު ވާހަކަ.. ބައްޕަގެ ފޯނު އޮތީ ޑެޑް ވެފަ.." ޝަޖާހު ބުންޏެވެ. ރޫވިން ދަބަހުގައި ޒިބު އަޅުވައިލަމުން ބޯޖަހައިލިއެވެ.

" ސޯ.. ޒެކް ނައޭ ދޯ ހަމަ.. އަހަރެން ހީކުރީ ފަހަރިގެ ރަށް ވީމަ ވަރަށް އަންނަ ހިތް ވާނެ ކަމަށް... " ރޫވިން އެބުނީ ޝަޖާހުގެ ހަގު ފިރިހެންދަރި ރުޒައިކްގެ ވާހަކައެވެ.

" ހުދު އެމަންޖެވެސް ބޭނުމެއްނުވޭ މިރަށައް އަންނާކަށް.. ހީވަނީ އެމަންޖެ ޤަބޫލުނުވެގެންހެން ޒެކް ނައީ.. ހިތަށް އަރާ މިދަތުރު ނިމޭއިރު ވިނީ އަށް ކަމުދާ ކަހަލަ ކުއްޖަކު ފެންނާނެ ނަމައޭ.." ޝަޖާހު އެހެން ބުނުމުން ރޫވިން ހިނިގަނޑެއް ޖަހައިލިއެވެ.

" ބައްޕައަށް ކަމުދާ ކުއްޖަކު އަހަރެންނަށްވެސް ކަމުދާނެ.. އެކަމަކު ހިޔެއް ނުވޭ މިކަހަލަ ރަށްރަށުގަ އެހާ ރީތި ކުދިން އުޅޭނެހެނެއް.." ރޫވިން ބުނެލިއެވެ.
" ސިފައަށް ވުރެ ބޮޑަށް ބަލަންވާނީ އެތެރޭގެ ރީތިކަމަށް.. ބައްޕައަށް ކަމުދާ ކުއްޖަކު ފެނިއްޖިއްޔާ ޔަގީންތަ ކައިވެނިކުރަން ވިނީ އެއްބަސް ވާނަންކަން.." އުއްމީދުން ފުރިގެންވާ ބެލުމަކުން ރޫވިންއަށް ބަލައިލަމުން ޝަޖާހު ބުންޏެވެ.

" ބައްޕައަށް ގޯސް ކުއްޖަކު ކަމުދާނޭ އަހަރެންގެ ހިތެއް ނުބުނޭ.. ސޯ ޔެސް.. " ހީނލަމުން ރޫވިން ބުންޏެވެ.

-ނުނިމޭ-

Ads by HDC
  1. ސިމާ

    ވ ރީތި