ވާހަކަ މުނިފޫހިފިލުވުން

ފޯވީތީ މިހިތް ކަރުނުން..(ހަވަނަ ބައި)

އަޒްކީ ، ދެން އޮންލައިން

" އަލްޙަމްދުލިﷲ.... ވަރަށް ބޮޑަށް ޝުކުރިއްޔާ.. ސަނަމްގެ ކެއްކުން ވަރަށް ފުރިހަމަ.. ވަރަށް މީރު ހުރިހާ އެއްޗެއްވެސް.." ޝަޖާހު ބުންޏެވެ.

Ads by STELCO

" އެހެންތަ.. ބޭބެ ސައިބޮއެފިންތަ.. އަޅުގަނޑު ހުންނާނެ ބަރަބޯ މަސްހުނި ހަދާފަ.. ވަރަށް އުފާވާނެ ހެނދުނު ސައިގަ ބޭބެ ބައިވެރިވިއްޔާ.." ސަނަމް ދަޢުވަތު ދިނެވެ.

" އާނ ޔަގީނެއްނު.. ހިނގާ އަވަހަށް.. " ޝަޖާހު އާއެކޭ ބުނަން ތައްޔާރަށް ހުރި ފަދައެވެ. ސަނަމްގެ ފަހަތުން ޝަޖާހު ގޮސް އެގެއަށް ވަނެވެ.

ސަނަމްއާއި އޭނާގެ މަންމައާއެކު ހެނދުނުގެ ނާޝްތާ ކުރަމުން ދިޔަ ޝަޖާހުގެ ހިތްވަނީ ޝުކުރުން ފުރިފައެވެ. ސަނަމްގެ ފަރާތުން އޭނާއަށް ފެންނަމުން ދިޔަ ކޮންމެ ހަރަކާތަކަށް ހިތާހިތުން ތައުރީފުކުރެވެމުން ދިޔައެވެ. ސަނަމްއަކީ ދިރިއުޅުމެއް އުޅެން އެނގޭ ހަރުދަނާ ކުއްޖެއްކަން އެނގުނެވެ. ސަނަމް ފުރަތަމަ ފެނުނީއްސުރެން ހިތުގައި އާލާވަމުން ދިޔަ އެދުމަށް އަމިއްލަ ނަފްސު ދޭ އެއްބާރުލުން ދިޔައީ ބޮޑުވަމުންނެވެ.

" ބޭބެ ފުރުމުގެ ކުރިން އަދި ވާނެ މިގެއަށް އަންނަން.. " ސަނަމް ބުންޏެވެ.

" ވަރަށް ބޮޑަށް މާފުކުރޭ ދަރިފުޅާ.. ބޭބެ މިއަދު ހަވީރު ފުރަން ހަމަޖެހިފައި އޮތީ.. އެކަމަކު އަދި އެއްފަހަރު މިރަށައް އަންނަން ޖެހިދާނެހެން ހީވަނީ.. މިކޮޅަށް އައިއްސިއްޔާ ޔަގީނުންވެސް މިގެއަށް އަންނާނަން " ޝަޖާހު ބުންޏެވެ.

" މިއޮތީ ބޭބެގެ ކާޑު.. އެއްވެސް ކަމަކު ބޭނުމިއްޔާ ލަދުނުގަނެ މިނަމްބަރަށް ގުޅާލާތި... ބޭބެއަށް ވާވަރުގެ ކަމެއް ފަހުން އިރާދަކުރެއްވިއްޔާ ކޮށްދޭނަން.. " ކާޑުގައި ހިފަމުން ސަނަމް ބޯޖަހައިލިއެވެ. އަދިވެސް އެއްފަހަރު ޝުކުރު އަދާކުރުމަށްފަހު ޝަޖާހު އެގެއިން ނިކުތެވެ.

**************

މެންދުރު ނަމާދުކޮށްގެން ޝަޖާހު އައި އިރުވެސް ރޫވިން ނުހޭލައެވެ. ނަމަވެސް މިފަހަރު އަޅާނުލާ ދާން ޝަޖާހުގެ ހިތް އެއްބަހެއް ނުވިއެވެ. ރޫވިން ހޭލަންދެން އޭނާ ރޫވިންގެ ކޮޓަރީގެ ދޮރުގައި ތަޅަމުން ގޮވަމުން ދިޔައެވެ. ކަންނެތް ގޮތަކަށް ރޫވިން ތެދުވެގެން އައިސް ދޮރު ހުޅުވައިލިއެވެ.

" ވިނީ މިއަދު ނަމާދުވެސް ނުކުރަންތަ ތިއޮންނަނީ.. ބައްޕައަށް ހީނުވޭ ފަތިސް ނަމާދު ކުރިހެނެއްވެސް.. އަބަދުވެސް ބުނަމެއްނު އެހެން ހުރިހާ ކަމަކަށްވުރެ ނަމާދު އިސްކުރައްޗޭ.. " ޝަޖާހުގެ އަޑުގައިވާ ނުރުހުން އިހުސާސްވެ ރޫވިން ވަގުތުން މައާފަށް އެދުނެވެ. އޭރުވެސް ރޫވިންގެ ދެލޯ ރަނގަޅަށް ނުހުޅުވެއެވެ. ފެންވަރައިގެން ނަމާދަށް މިދަނީއޭ ބުނެ ރޫވިން ދޮރު ލެއްޕީ ޝަޖާހުގެ ހުއްދަ ލިބުމުންނެވެ.

ޝަޖާހުއާއި ރޫވިން މެންދުރުގެ ކެއުން ކުރިއަށް ގެންދިޔައީ ކޮންޓްރެކްޓް ޑީލަންރުންނާ އެކީގައި ކެފޭއެއްގެ ތެރެއިންނެވެ. ދެކެވެމުން ދިޔައީ އެމީހުންގެ އަތުން ގަންނަ ބިމުގައި ރޫވިންމެން ހަދަން އުޅޭ ގެސްޓް ހައުސްގެ ވާހަކައެވެ. ހަތަރު ބުރިއަށް ހަދާ އެގެސްޓް ހައުސް އަކީ ރާއްޖެތެރޭގައި ހަދާނެ އެމީހުންގެ އެގާރަ ވަނަ ގެސްޓް ހައުސްއެވެ. ވާހަކައިގައި ތިއްބާ ރޫވިންގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނަށް އަރާފައި އޮތް ނަން ފެނި ރޫވިންގެ މޫނުމައްޗަށް ނުތަނަވަސްކަން ވެރިވިއެވެ. ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުނީ މަސައްކަތުގެ ވަގުތުގައި އޭނާ ފޯނު ނުނަގާނެކަން އެނގި ހުރެ އެމީހަކު ގުޅާތީއެވެ. ފޯނު ސައިލެންޓަށް ލުމަށްފަހު އަނެއްކާވެސް ރޫވިން ވާހަކަ ދައްކަން ފެށިއެވެ. ދެވަނަ ފަހަރަށްވެސް ރިންގުވާން ފެށުމުން އަނެއްކާވެސް ފޯނު ސައިލެންޓް ކޮށްލުމަށްފަހު ބޭއްވިއެވެ. ތިންވަނަ ފަހަރަށް ރިންގުވާން ފެށުމުން އެތާ ތިބި އެހެންމީހުންގެ ނަޒަރުވެސް ރޫވިންއަށް އަމާޒު ވެއްޖެއެވެ.

" ކާކުތަ އެގުޅަނީ..؟ ނަގާފަ ބުނަންވީނު ބިޒީއޭ.. " ޝަޖާހު ބުންޏެވެ. ބޯޖަހައިލަމުން އިންތަނުން ތެދުވެ ފޯނު ހިފައިގެން ތަންކޮޅެއް ދުރަށް ރޫވިން ޖެހިލިއެވެ.

" ކިހިނެއްވީތަ ތިވަރަށް ތިގުޅަނީ.. ތަނައްގަ ރޯވީތަ..؟ ނޭނގޭތަ އަހަރެން ބިޒީވީމަ ކަމެއް ފޯނު ނުނަގަނީ..؟ ދެން އަހަރެން ނުގުޅަނިސް އަހަރެންނަށް ގުޅައިގެން ނުވާނެ.. " ރުންކުރު ރާގެއްގައި މިހެން ބުނުމަށްފަހު ރޫވިން ފޯނު ކަނޑައިލިއެވެ. ފުންނޭވައެއް ދޫކޮށްލީ މޫނުމަތިން ފެންނަމުން ދިޔަ ނުރުހުމުގެ ކުލަވަރު ފޮރުވައިލަމުންނެވެ.

" ކާކު ގުޅީ.. ؟ " ރޫވިން އަލުން އައިސް މޭޒު ކައިރީގައި އިށީނުމުން ޝަޖާހު އެހިއެވެ.

" އަހަރެންގެ ޕީ އޭ ގުޅީ.. ކޮންމެވެސް މީހަކު ބައްދަލުކޮށްލަން އައިސްގެން.. " މޫނުމަތިން ހަމަޖެހޭގޮތް ދައްކަމުން ރޫވިން ބުންޏެވެ. ޝަޖާހުވެސް އިތުރު ސުވާލެއް ނުކޮށް ބޯޖަހައިލަމުން އެމީހުން މެދުކަނޑައިލި ވާހަކަ ފެށިއެވެ.

******************

ޑްރެސިންގް ޓޭބަލްގެ ލޯގަނޑު ކުރިމަތީގައި އިށީނދެ އިނދެ ތައްޔާރު ވަމުން ދިޔަ ތީންގެ ތުންފަތްމަތީގައި ލުއި ހިނިތުންވުމެއް ވިއެވެ. ފިރިމީހާ ގެއަށް އަންނަންވާއިރަށް ވެވުނު އެންމެ ރީއްޗެއް ވެލައިގެން އިންނަން އޭނާ ބޭނުމެވެ. ކަޅުކުލައިގެން ދެލޯ ކައިރި ފަވާލުމަށްފަހު ތުންފަތް ރަތްކުލައިން ފުރާލިއެވެ. އިސްތަށިގަނޑު އެއްކޮށްލާފައި ގެނެސް މައްޗަށްވާ ގޮތަށް އައްސައިލިއެވެ. މޫނު މައްޗަށް ވެއްޓިފައި އޮތް ދެތިން އިސްތަށިކޮޅު ގެންގޮސް ކަންފަތް ބިއްދަށައް ލިއެވެ. އަދިވެސް އެއްފަހަރު ރަނގަޅަށް މޫނު ބަލައިލަމުން އިންތަނުން ތެދުވީ ހިތްހަމަޖެހިގެންނެވެ. ލައިގެން ހުރި ފެހި ކުލައިގެ އަތްދިގު ޓޮޕްކޮޅަށް ދަމައިލުމަށްފަހު ކޮޓަރިން ނިކުންނަން ތީން ހިނގައިގަތެވެ. ސިޑިން ތިރިއަށް ފޭބި ގޮތަށް އޭނާ މިސްރާބު ޖެހީ ބަދިގެއަށް ދިއުމަށެވެ. ރަނގަޅަށް ބަދިގެއަށް ނުވަދެވެނިސް ދުވި ވަހުން ހިތްފުރިގެން އައި ކަހަލައެވެ. އެއީ ފެންވަރަން ވަނުމުގެ ކުރިން އޭނާ ފިހަން އަވަނަށް ލި އޮރެންޖް ކޭކުގެ ވަހެވެ. އޮރެންޖް ކޭކަކީ އޭނާގެ ފިރިމީހާއަށް އެންމެ މީރު ކޭކެވެ. އަތަށް ފޮތި އަންގި ލައްވައިލުމަށްފަހު އަވަން ތެރެއިން ކޭކު ނެގިއެވެ. ހޫނު ކަމުން އިހަށް ހިހޫ ކުރަން ބެހެއްޓުމަށްފަހު ސޭންޑްވިޗް ތައްޔާރު ކުރަން ފެށިއެވެ. ބަދިގެއާ ހަވާލުވެ ހުންނަ މައުވާ އެތަނަށް ވަނީ ތީން ޕާން ކަފަން ހުއްޓައެވެ.

" މައުވާ ކައިރީ ބުނީމެއްނު ކޭކު ފިހެވުނީމަ ނަގާފަ ބަހައްޓައްޗޭ.. އުޅެބަލަ ކޭކު އޭގެއިން ނަގާ ކަފާލަން.. ވަކިން ތައްޓަކަށް ނަގާތީ އިނގޭ..!! މަންމައަށްވެސް ތީގެން ކޭކުކޮޅެއް ގެންދަން އެބަޖެހޭ.. " ތީން ބުންޏެވެ. ތީން އާއި މައުވާއާ ވެގެން ސޭންޑްވިޗް ތައްޔާރުކޮށް ނިންމާލުމަށްފަހު މޭޒުމައްޗަށް އެރުވިއެވެ.

" ހާދަ ވަސް ރަނގަޅޭ!! ޒެކް އައީތަ؟ " ސިޑިން ފައިބައިގެން އަންނަމުން ދިޔަ މާހްރީން ބުންޏެވެ. ތީން މާހްރީންއަށް ބަލައިލަމުން ދެފަރާތަކަށް ބޯހޫރައިލިއެވެ. އެންމެ ފުރަތަމަވެސް ތީންގެ ލޮލުގައި އަޅައިގަތީ މާހްރީން ލާފައިވާ ހެދުމެވެ. ހިމަ ތޮޅި ހަށިގަނޑެއްގެ ވެރި މާހްރީން ލާފައިވަނީ ރަތްކުލައިގެ ދިގު މެކްސީއެކެވެ. ކަޅުކުލައިގެ ކްލަޗްއެއް އަތުގައި އޮތް އިރު އަރައިގެން ހުރީ ހަމައެކުލައިގެ ހައި ހީލްސްއަކަށެވެ. އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލާފައިވާއިރު މޭކަޕް ކޮށްފައިވާލެއް ފުރިހަމަކަމުން އޭނާގެ އުމުރަށްވުރެ އެތައް ގުނައެއް ހަގު ކަމަށް ދައްކައެވެ. އުމުރުން ފަންސާހުގެ ކުރީ އަހަރުތައް ގުނަމުންދާ މާހްރީން އަކީ ފެޝަނަށް ލޯބިކުރާ މީހެކެވެ. ތިން ކުދިންގެ މަންމައަކަށް ވިޔަސް މާހްރީންއަށް ބަލާލާފައި އެއީ އެއީ ތިންކުދިންގެ މަންމައެކޭ ނުބުނާނެއެވެ.

" ޒެކް ބުނި އިރުކޮޅަކުން މިއަންނަނީއޭ.. މިއަދު ކޮން ޙަފްލާއަކަށް ތި ދަނީ.. ؟ " ތީން އަހައިލިއެވެ.

" ބިޝާރާގެ ދަރިއެއްގެ ބޭބީ ޝަވަރ އޮތީމަ އެތަނަށް މިދަނީ.. އާދޭވޭލެއް ތަންކޮޅެއް ލަސްވެދާނެ.. މަންމައަށް ކޭކު ކޮޅެއް ފްރިޖަށް ލާފައި ބައިންދައްޗެ.. ޒެކް އައިމަ ބުނާތި މަންމަ ނާންނަނިސް ނުނިދައްޗޭ.. " މާހްރީން ބުންޏެވެ.

" ލައްބަ.. އެކަމަކު ދިޔުމުގެ ކުރިން ބުނެދީފާނަންތަ ތީ ކޮންތާކުން ގަތް ކްލަޗެއް ކަން.. ވަރަށް ރީތި.. " މާހްރީން އެކޭ އެއްގޮތަށް ތީން އަކީވެސް ޒަމާނީ ފެޝަން ތަކަށް ލޯބި ކުރާ މީހެކެވެ. ތީންގެ ހެދުން އެޅުމާ މޭކަޕްވެސް ކުރަނީ މާހްރީން ނަމޫނާއަކަށް ބަލައިގެންނެވެ. ތީންގެ އެންމެ ބޮޑު އަމާޒަކަށް ވެފައި އޮންނަނީ ހުރިހާ ގޮތަކުންވެސް މާހްރީންގެ ތައުރީފާއި ލޯބި ހޯދުމެވެ. ކްލަޗްގައި އަތް ހާކައިލަމުން މާހްރީން ހިނިތުންވެލިއެވެ.

" ލޯބި ދޯ.. މާސިތާ ސިންގަޕޫރުން އައި އިރު ގެނެސްދިން ހަދިޔާއެއް މީ.. ވަރަށް ލަސް އެބަވޭ ތީން.. ހަނދާންކޮށް ޒެކް ކައިރީގައި އެހެން ބުނެދޭތި.. ދަނީ ދެން.." މިހެން ބުނެ މާހްރީން އޭނާގެ ފަރިހިނގުމުގައި ދާން ހިނގައިގަތެވެ. މާހްރީން ނިކުންނަން ދެން ބަލަން ހުރުމަށްފަހު ތީން އަނެއްކާވެސް އައިސް މޭޒު ކައިރީގައި މަޑުކޮށްލިއެވެ. މައުވާ ކައިރީގައި ސައި ގެންނަން ބުނުމަށްފަހު ފޯނު ނެގުމަށްފަހު ރުޒައިކްއަށް ގުޅައިލިއެވެ. ގޭގެ މައި ދޮރާ ދިމާއިން ފޯނު ރިންގުވާ އަޑު އިވުމުން ތީން އެދިމާލަށް ބަލައިލިއެވެ. އޭރު ރުޒައިކް ގޭތެރެއަށް ވަދެގެން އަންނަނީއެވެ. ދެމީހުން އެކަކު އަނެކަކަށް ބަލައިލުމާއެކު ލޯބިވެތި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ސޯފާގައި އަތުގައި އޮތް ކޯޓައި ދަބަސް ބޭއްވުމަށްފަހު ރުޒައިކް ގޮސް ތީން ކައިރިއަށް ހުއްޓުނެވެ.

" ޔޫ ލުކް ބިއުޓިފުލް ލަވް.. " ތީންގެ އުނަގަނޑުގައި އަތް އަޅުވާލައި ނިތުގައި ބޮސްދެމުން ރުޒައިކް ބުންޏެވެ. " ވާއު.. އޮރެންޖް ކޭކް ދޯ.. ތެންކްސް ލޯބީ.. "

ރުޒައިކްއަށް އެންމެ ހިނދުކޮޅަކުވެސް ކެތެއް ނުވިއެވެ. މޭޒު ކައިރީގައި އިށީނުމަށްފަހު އަމިއްލައަށް ކޭކު ކޮޅެއް ނަގައި ތައްޓަށް ލައިގެން ކާން ފެށިއެވެ. ރުޒައިކްއަށް ސައި ތަށި ކައިރިކޮށްލައި ދިނުމަށްފަހު ތީންވެސް ރުޒައިކްއާ ދިމާލުގައި ހުރި ގޮނޑި ދަމާލާފައި އިށީނެވެ.

" މިރޭ އަހަރެން ގޮވައިގެން މަންމަ ކައިރިއަށް ދާނަން ދޯ.. މިއަދުވެސް ގުޅާފަ ބުނި ޒެކް ނުފެންނަތާ ގިނަ ދުވަސް ވީ ވާހަކަ.. ޒެކް ގޮވައިގެން އައިސް ބަލާށޭ ބުނީ " ތީން ބުންޏެވެ.

" ބިޒީވީމަ ހަމަ ނުދެވެނީ.. މިރޭވެސް އެބައޮތް ރައްޓެހިންނާއެކު ކެއުމެއް.. މިހާރު އާއެކޭ ބުނެވިއްޖެ އެމީހުން ކައިރީ.. ދެން ނުކެރޭނެ ކެންސަލް ކޮށްލާކަށް.. އަހަރެން ތީން އެގެއަށް ޑްރޮޕްކޮށްލަ ދީފަ ދާނީ.. އޯކޭއެއްނު.. " ރުޒައިކް ބުންޏެވެ.

" އެކަމަކު ޒެކް.. އަހަރެންގެ މަންމަ ކައިރިއަށް ޒެކް ނުދާތާ ކޮންދުވަހެއް.. ރައްޓެހިންނާ އެކު އަބަދުވެސް ދަމެއްނު.. މިރޭ ނުދިޔަސް އެއީ އެވަރުކަމެއް ނޫނެއްނު.. "

" އަހަރެން މަންމަ ކައިރިއަށް ނުދިޔަސް ހާލު ބަލަމެއްނު.. ދެން ތިކަހަލަ ޝަކުވާ ނުކޮށްބަލަ ތީން.. އެނގެއެއްނު އަހަރެން އެހާ ހިތްހަމަޖެހޭ ކަމެއް ނޫންކަން.. " ރުޒައިކް ހިތްހަމަނުޖެހިއްޖެކަން އެނގުމުން ތީން ހިމޭންވިއެވެ. އިތުރަށް އެވާހަކައިގައި ހިފާ ދަމަން ވެއްޖެނަމަ ޒުވާބަކަށް ބަދަލުވެދާނެއެވެ. އެގޮތް ތީން ނޭދެއެވެ. ބައެއް ފަހަރު ރުޒައިކްގެ އަމަލުތައް އޭނާގެ މަންމަ ތަލްޔާއާ މެދު ހުންނަ ގޮތުން ދެރަވިނަމަވެސް އެކަން ފާޅު ނުކުރަނީ ރުޒައިކް ހިތްހަމަނުޖެހި ޒުވާބަކަށް ބަދަލު ވެދާނެތީއެވެ.

" ބަނޑު ފުރިއްޖެ.. ކޭކު ކޮޅެއް ބާކީ އިނިއްޔާ ބައިންދާލާތި ފްރިޖްގަ.. މިދަނީ ފެންވަރާލަން.. " އިންތަނުން ތެދުވެ ހިނގައިގަތުމުގެ ކުރިން ރުޒައިކް ބުންޏެވެ. ރުޒައިކް ދިއުމާއެކު ތީން ފުންނޭވައެއް ދޫކޮށްލިއެވެ. ސައިބޯ ހިތް ކެނޑި ކުރިމަތީގައި ހުރި ސައިތަށި ދުރަށް ޖައްސައިލިއެވެ. އެވަގުތު ބަދިގެއާ ތަންކޮޅެއް ދުރު ނޫން ހިސާބެއްގައި ހުރި ގެސްޓް ރޫމުން ނިކުތް މިކައިލާ ފެނި ތީންގެ ދެބުމަ ގޮށްޖެހުނެވެ. ތީން ފެނުމުން މިކައިލާ ހިނިތުންވެލިއެވެ. ފޯނާ ކުޅެމުން އައިސް މިކައިލާ މޭޒު ކައިރިން ގޮނޑިއެއް ދަމާލާފައި އިށީނެވެ. އުމުރުން ބާވިސް އަހަރުގެ މިކައިލާ އަކީ ޝަޖާހުގެ އެއްބަނޑު އަންހެނެއް ކަމަށްވާ ޖިޔާގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެމީހުން ދިރިއުޅުން ލަންކާއަށް ބަދަލު ކުރީ މީގެ ދިހަ އަހަރު ކުރިން ޖިޔާ ލަންކާ މީހަކާ އިނދެގެންނެވެ. އޭގެ ފަހުން ދުވަސްކޮޅު ކޮޅުން މިކައިލާ މާލެ އަންނާނެއެވެ. އައިސް ހުންނާނީ އެގޭގައެވެ. މިކައިލާއަކީ ތީން އެހާ ގަޔާވާ މީހެއް ނޫނެވެ. އޭނާގެ ހުންނަ ފޮނިބޮޑު ގޮތަކުންނެވެ. ވަރުގަދަ ބުޅި އިސްތަށިގަނޑެއް ލިބިފައިވާ މިކައިލާއަކީ ރީތި ދޮން ކުއްޖެކެވެ.

" މިކީ!! ކޮންއިރަކު އައީ. ؟" ތީން އަހައިލިއެވެ.

" ރޭގަ... ނޭނގޭތަ ތީން އަކަށް.. ޒެކް ނުބުނޭތަ..؟ ގައިމު ޒެކް އަހަރެން އެއަރޕޯޓަށް ރިސީވް ކުރަން އައީވެސް.. " ކޭކު ކޮޅެއް ނަގާ އަނގަޔަށް ލަމުން މިކައިލާ ބުންޏެވެ.

" ނޫން.. ބުނި.. އަހަރެން ހަނދާން ނެތުނީ.. " ތީން ދޮގުހެދިއެވެ. ހަޤީގަތަކީ ރުޒައިކް އެކަހަލަ ވާހަކައެއް ނުދައްކާކަމެވެ.

" ކޭކުގަ އޮރެންޖް ރަހަ ތަންކޮޅެއް މަޑު.. މިގޭ ކުކް ތަ ކޭކު އެޅީ.. މަތީގައި ވިޕް ކްރީމް ކޮޅެއްވެސް ހާކައިލިނަމަ ކިހާ މީރުވިސް.. " ފޯނަށް ނަޒަރު ހުއްޓާލައިގެން އިނދެ މިކައިލާ ބުންޏެވެ. ތީން އަނގަޔަށް ގޮތެއް ހަދައިލީ ވީ ފޫއްސަކުންނެވެ. ކައްކަން ނުވެސް އެނގޭ މީހަކު އޭނާގެ ކެއްކުމަށް ފާޑު ކިޔުމުންނެވެ.

" އެނީވޭ.. ކޮބާ ޒެކް.. ކޮޓަރީގަތަ؟ އެބައަންނަން އެނގޭ.. " އިންތަނުން ތެދުވެ ހިނގައިގަންނަމުން މިކައިލާ ބުންޏެވެ. ކައްޓެހެން ތެދެވެގެން ގޮސް ތީން މިކައިލާގެ ކުރިމައްޗަށް އެރިއެވެ.

" ޒެކް ފެންވަރަނީ.. " ތީން ބުނެލިއެވެ.

" އޯހް.. އޯކޭ.. ބުނެދީބާ ވަރަށް އަވަހަށް ފްރެންޑެއްގެ ގެއަށް ޑްރޮޕްކޮށްލަދޭން ހިނގާބަލާށޭ.. މިދަނީ މިހާރު ރެޑީވެލަން.. ހަނދާންކޮށް ބުނެދެއްޗެ.. " މިހެން ބުނުމަށްފަހު އެނބުރި ކޮޓަރިއަށް ދިއުމަށް މިކައިލާ ހިނގައިގަތެވެ. އަނގަޔަށް ވައްތަރެއް ޖައްސާލުމަށްފަހު ތީންވެސް އޭނާގެ ކޮޓަރިއަށް ދިއުމަށް ސިޑިން އަރަން ފެށިއެވެ.

******************

ސިލްމާގެ ހުންއައިސް ހުން މަޑުނުވާތީ ހޮސްޕިޓަލުގައި އެޑުމިޓު ކުރެވުނެވެ. ޑެންގީ ހުން ކަން އެނގުނީ ޓެސްޓް ހެދުމުންނެވެ. ގެއަށް ނުގޮސް ހުރިހާ ވަގުތެއް ސަނަމް ހޭދަކުރަމުން ދިޔައީ ސިލްމާ ކައިރީގައެވެ. ހަކުރު މަތިކޮށް ހުރުމުގެ ސަބަބުން ބައެއް ކަހަލަ ފަރުވާތައް ނުދެވި ހާލަތު އިތުރަށް ގޯސްވާތީ ޑޮކްޓަރުން ލަފާ ދިނީ ވީހާވެސް އަވަހަކަށް މާލެ ދިއުމަށެވެ.

" ހަބިއްތާ ދެން ކިހިނެއް ހަދާނީ.. އަހަރެން ކުރިން ދުވަހަކުވެސް ދިޔަތަނެއް ނޫން އެއީ.. މަންމަ ގޮވައިގެން އެކަނި ހޮސްޕިޓަލުގައި އުޅޭނީވެސް ކިހިނެއް.. އަހަރެންނަށް ނުވެސް އެނގޭނެ އުޅޭކަން.. " އޭނާގެ ކަންބޮޑުވުން ފާޅުކުރަމުން ހަބީބާ ކައިރީގައި ސަނަމް ބުންޏެވެ.

" އެކަމަކު ކޮންމެހެންވެސް ދާން މަޖުބޫރުވެއްޖެއްނު.. ދަރިފުޅު ބޭނުމިއްޔާ އިޝާރާގެ ފިރިމީހާ މައުޒް ދަރިފުޅާ އެކު ފޮނުވަންތަ..؟ މާލެއަށް އޭނަ ވަރަށް ފަރިތަވާނެ.. " ހަބީބާ ބުންޏެވެ. ސަނަމް ވަގުތުން އެކަމަށް އިންކާރު ކުރިއެވެ. ދާނެ މީހުން ހުސްވިޔަސް މައުޒް ގޮވައިގެން ދާން އޭނާ ބޭނުމެއް ނޫނެވެ. ވަރަށް ވިސްނުމަށްފަހު ސަނަމް ގޮތެއް ނިންމިއެވެ. ސިލްމާ ކައިރީގައި ހަބީބާ ބޭންދުމަށްފަހު އޭނާ ގެއަށް އައެވެ. ކޮޓަރިއަށް ވަދެ ޝަޖާހު ދިން ކާޑު ހޯދަން ފެށިއެވެ. މާބޮޑު މަސައްކަތެއް ނުކޮށް އެނދުގެ ހެޑްބޯޑް މަތީގައި އޮތް ކާޑު ފެނިއްޖެއެވެ.  އެނދުގައި އިށީނުމަށްފަހު ފޯނު ނުގާ އެނަމްބަރަށް ގުޅައިލިއެވެ.

-ނުނިމޭ-

Ads by Allied Insurance
  1. މައިކާ

    މިި ބައި ވެސް ވަރަށް ރީތި… މާޝާ ﷲ… މި ވާހަކަ އަދި ތަންކޮޅެއް އަވަހައް އަޕްލޯޑް ކޮއްދީބާ…