ވާހަކަ މުނިފޫހިފިލުވުން

ފޯވީތީ މިހިތް ކަރުނުން..(ހަތްވަނަ ބައި)

އަޒްކީ ، ދެން އޮންލައިން

ވަރަށް ވިސްނުމަށްފަހު ސަނަމް ގޮތެއް ނިންމިއެވެ. ސިލްމާ ކައިރީގައި ހަބީބާ ބޭންދުމަށްފަހު އޭނާ ގެއަށް އައެވެ. ކޮޓަރިއަށް ވަދެ ޝަޖާހު ދިން ކާޑު ހޯދަން ފެށިއެވެ. މާބޮޑު މަސައްކަތެއް ނުކޮށް އެނދުގެ ހެޑްބޯޑް މަތީގައި އޮތް ކާޑު ފެނިއްޖެއެވެ. އެނދުގައި އިށީނުމަށްފަހު ފޯނު ނުގާ އެނަމްބަރަށް ގުޅައިލިއެވެ.

Ads by MWSC

***************

ހެނދުނުގެ ނާޝްތާގެ އިންތިޒާރުގައި މޭޒުކައިރީގައި އިން ޝަޖާހު އިނީ ފޯނުން ޙަބަރު ކިޔާށެވެ. ބަދިގޭގައި މައުރާއާ އެކު މާހްރީންއާއި ތީންވެސް ހަރަކާތްތެރިވަމުން ދިޔައެވެ. އެހާ ހެނދުނާވެސް މާހްރީންގެ މޫނުމަތިން ފެންނަނީ ތާޒާކަމެވެ. މާހްރީންއަށް ވުރެ އެތައް އަހަރެއް ހަގު ތީންގެ މޫނުމަތިންވެސް އެހާ ތާޒާކަމެއް ނުފެނެއެވެ. ކަރުގައި އަޅުވައުލެވިފައިވާ އޭޕްރަން ނަގާ މައުރާ އަތަށް ދިއްކޮށްލުމަށްފަހު ޕޭންކޭކު ތަށި ހިފައިގެން ކާމޭޒާ ދިމާލަށް މާހްރީން ހިނގައިގަތެވެ. ފުރިޖުން ޖޫސް ޖަގާއި މޭޕްލް ސިރަޕް ފުޅި ނަގައިގެން ތީންވެސް މާހްރީންގެ ފަހަތުން ދިޔައެވެ. ޕޭންކޭކު ތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު ޝަޖާހުއާ ޖެހިގެން ކަނައަތް ފަރާތު ހުރި ގޮނޑީގައި މާހްރީން އިށީނެވެ. ޖޫށް ޖަގާއި މޭޕްލް ސިރަޕް ފުޅި ބެހެއްޓުމަށްފަހު ތީން އެނބުރި ދިޔައީ ކޮށާފައި ހުރި މޭވާ ޓްރޭ ބަލައެވެ.

" ޒެކް ހޭލައިފިތަ ތީން..؟ " މޭވާ ޓްރޭ ހިފައިގެން އައި ތީން ކައިރީގައި ޝަޖާހު އެހިއެވެ.

" މިހާރު ހޭލާ ކަންނޭނގެ އުޅޭނީ... މިގުޅާލަނީ.. " ޖީބުގައި އޮތް ފޯނު ނަގަމުން ތީން ބުންޏެވެ. އޮފީހަށް ދާން ތައްޔާރުވެގެން އަންނަ ރޫވިން ފެނުމުން ޝަޖާހު ހިނިތުންވެލިއެވެ.

" ހިތަށް އަރާ ވިނީގެ ފަރާތުން ފެންނަ މިކަހަލަ މަންޒަރުތައް ޒެކްގެ ފަރާތުން ފެންނާނީ ކޮން ދުވަހަކުން ބާއޭ.. " ޝަޖާހު ބުނެލިއެވެ. ތީންގެ ހަރަކާތްތަކަށް ލަސްކަމެއް އައެވެ. އެއްޗެއް ބުނަން ހިތަށް އެރީއެވެ. އެހެނަސް މަސްލަހަތަށްޓަކައި ހިމޭނުން ހުއްޓެވެ. ހެނދުނުގެ ސަލާމް ގޮވައިލުމަށްފަހު ޝަޖާހުގެ އަނެއްފަރާތުގައި ހުރި ގޮނޑިދަމާލާފައި ރޫވިން އިށީނެވެ.

" ޒެކް އެބަ އާދޭ.. " ފޯނު ބޭއްވުމަށްފަހު ޖީބަށް ލަމުން ތީން ބުންޏެވެ.

" ވަރަށް މުހިންމު ވާހަކައެއް ދައްކާލަން އެބައޮތް.. ޒެކް އަންނަން ދެން މަޑެއް ނުކުރެވޭނެ.. ތީން ފަހުން ޒެކް ކައިރީގައި ބުނެދީ.. " ޝަޖާހު ބުންޏެވެ. ތީން ބޯޖަހައިލަމުން މާހްރީން ކައިރީގައި ހުރި ގޮނޑި ދަމާލާފައި އިށީނެވެ.

" އަހަރެން މިކޮޅަށް އައި ދުވަހު މާހީ ކައިރީގައި ބުނީމެއްނު އެރަށުން ދިމާވި ކުއްޖެއްގެ ވާހަކަ.. ވިނީއަށްވެސް އެނގެއެއްނު އެކުއްޖާ އަހަރެންގެ ފުރާނަ ސަލާމަތްކޮށްދިން ކަން.. އެމަންޖެ މަންމަ ބަލިވެގެން މިއަދު މާލެ އެބައާދޭ.. އަހަރެންގެ އެހީއަކަށް އެދިފައިވީ.. ބައްޕަ ބޭނުން އެމީހުން ރިސީވް ކުރަން ވިނީ ދާން.. އަދި ހޮސްޕިޓަލްގައި ދޭން ޖެހޭ އެހީތެރިކަމެއް މިގޭ ކޮންމެވެސް އެކަކު ދޭން.. " ޝަޖާހު ބުންޏެވެ.

" ބައްޕަ ތިބުނީ އަހަރެންގެ ރަށު ކުއްޖެއްގެ ވާހަކަތަ؟ ކާކު އެއީ... ؟ އަހަރެން ނުދަންނަ މީހެއް ވަރަށް ނޫޚޭނެ އެރަށުގައި.. ދަންނަ މީހެއް ވިއްޔާ އަހަރެންނަށް އެމީހުންނާއެކު ހޮސްޕިޓަލުގައި އުޅެވިދާނެ.. " ތީން ބުންޏެވެ.

" އަސްލުވެސްތަ ތީން.. ވަރަށް ރަނގަޅު ހިޔާލެއް ތީ.. އެމީހުންނަށް އެނގޭ މީހަކު ވިއްޔާ ތަންކޮޅެއް ހިތްހަމަވެސް ޖެހޭނެތާ.. އެމަންޖެއަށް ކިޔަނީ ސަނަމް.... އެހާ ރަނގަޅު ކުއްޖެއް ބައްޕަ އަދި ދުވަހަކުވެސް ނުދެކެން.. " ސަނަމްގެ ނަން އަޑުއިވުމާއެކު ކައްޓެހެން އިންތަނުން ތީންއަށް ތެދުވެވުނެވެ. މޫނުމަތިން އިންތިހާއަށް ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. ތީންއަށް ވީ ގޮތް ފެނި އެންމެންގެ ނަޒަރު ތީންއަށް އަމާޒުވެލިއެވެ. އެމީހުންގެ މޫނަތަކުން ފެނުނީ ހައިރާން ކަމެވެ.

" ކިހިނެއްވީ ތީން.. " ތީންގެ އަތުގައި ހިފައިލަމުން މާހްރީން އަހައިލިއެވެ. އައި ރުޅީގައި ތީންއަށް މާހްރީންގެ އަތް ފޮޅުވައިލެވުނީ ބޭއިޙްތިޔާރުގައެވެ. އެހިނދު ހިތްހަމަނުޖެހިފައި ތީންއަށް ރޫވިން ގޮވައިލިއެވެ. ރޫވިން އެއްޗެކޭ ބުނުމުގެ ކުރިން މާހްރީން އަތުގެ އިޝާރާތުން އެކަން މަނާ ކުރިއެވެ.

" ސަނަމްއަށް އެހީވެދޭން އަހަރެން ނުދާނަން.. އެއީ ބޮޑު ޤާތިލެއް... " އެހެން ބުނިއިރު ތީންގެ ދެލޯ ފެންކަޅިވެއްޖެއެވެ. މަރްޙޫމް ބޭބެގެ ހަނދާނުންނެވެ.

" ތީން ކޮންކަހަލަ ވާހަކައެއް ތިދައްކަނީ.. ސަނަމް އެއީ ނުލާހިކު މައުސޫމުކޮށް ހުންނަ އަހްލާޤު ރަނގަޅު ހިތްހެޔޮ ކުއްޖެއް.. އެކަހަލަ ކުއްޖަކު ޤާތިލަކަށް ވެދާނޭ އަހަރެންގެ ހިތެއް ނުބުނޭ.. އެހެންނޫނަސް ޤާތިލަކަށް ވެއްޖިއްޔާ އޮންނާނީ ޖަލުގައެއް ނޫންތަ؟ " ޝަޖާހު ބުންޏެވެ.

" ނޫން ބައްޕައަށް ތިހީވަނީ އަދި ރަނގަޅަކަށް ނޫން.. ކޮންމެ ޤާތިލެއް ޖަލުގަ ނޯވެދާނެ.. ބައްޕައަށް ސަނަމް އެއީ ކިހާވަރެއްގެ މީހެއް ކަމެއް ނޭނގޭތީ ތިހެން ތިބުނަނީ.. " ތީން ބުންޏެވެ.

" ބައްޕާ... " އެވީހާއިރު ސިޑިމަތީގައި އެމީހުންގެ ވާހަކަ އަޑުއަހަން ހުރި ރުޒައިކް ގޮވައިލިއެވެ. " ތީން އެބުނަނީ ރަނގަޅު ވާހަކައެއް ކަމަށްވެސް ވެދާނެ ދޯ.. ބައްޕައަށްވުރެ ބޮޑަށް އެރަށު މީހެއްގެ ގޮތް ތީންއަށް އެނގޭނެ ދޯ.." ވާހަކަ ދައްކަމުން ރުޒައިކް އައިސް މޭޒު ކައިރިއަށް ހުއްޓުނެވެ.

" ތިހެންވީއިރު ތީން ކިޔާ ދީބަލަ ތިބުނާ ކަހަލަ މީހަކަށް ސަނަމް ވިގޮތެއް.. އޭރުން ދޯ އަހަރެމެންނަށްވެސް ގޮތެއް ނިންމޭނީ.. " ޝަޖާހު ބުންޏެވެ. ތީންގެ ކޮނޑުގައި އަތް އަޅުވައިލަމުން ކުރިއަށް ދިއުމަށް ރުޒައިކް ބުންޏެވެ.

" ސަނަމް އެއީ... އެއީ... އަހަރެންގެ މަރްޙޫމް ބޭބެގެ އަންހެނުން.. އަހަރެންގެ ބޭބެ މީގެ ތިން އަހަރު ކުރިން މިދުނިޔެއާ އަލްވަދާޢު ކީ ސަނަމްގެ ސަބަބުން.. އަބަދުވެސް ސަނަމް އުޅުނީ އަހަރެންގެ ބޭބެ މުށުތެރެއަށް ލައިގެން.. އެދުވަހުވެސް ބޭބެ ބޯވަ ނަގަން ދިޔައީ އެ ސަނަމް ކިޔާވަރުން.. އޭނައާ ހެދި ބޭބެ ދިޔައީ.. އެދުވަހު ގެއިން ނިކުތްގޮތަށް ބޭބެ އެނބުރި ގެއަކަށް ނައި.. އެހެން ލޯންޗެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި އަހަރެންގެ ބޭބެ މަރުވީ.. އެކަމުގެ ހިތާމައިން އަދި އަދަށްވެސް އަހަރެންގެ މަންމައަށް އަރައި ނުގަނެވޭ.. އެތައް ގޮތަކުން ސަނަމް އެއީ ގާތިލެއް.. އަހަރެންގެ ބޭބެ ޤާތިލް.. އަހަރެންގެ މަންމަގެ ހުރި އެންމެ ފިރިހެން ދަރީގެ ޤާތިލް.. އަހަރެމެންގެ އުފާތަކުގެ ޤާތިލް.. " ތީން ރޯންފެށުމުން ކުރިއަށްވުރެ ބޮޑަށް ރުޒައިކްއަށް ތީން އޭނާގެ ގަޔާ ކައިރިކޮށްލެވުނެވެ. ޝަޖާހު އިރުކޮޅަކުން ހިމޭންވެފައި އިނެވެ. މާހްރީން ތީންގެ އަތުގައި ފިރުމައިލިއިރު ރޫވިން ޝަޖާހު ވާހަކަ ދައްކާނެ އިރެއްގެ އިންތިޒާރުގައި އިނެވެ. ސަނަމްގެ ވާހަކަ އަޑިއިވުމުން އެކަމުގައި ސަނަމްގެ އެއްވެސް ކުށެއް ރޫވިންއަށް ފާހަގައެއް ނުވިއެވެ. ބަދަލުގައި ސަނަމްއާ މެދުގައި ހަމްދަރުދީ ވެވުނެވެ.

" ސަނަމްއަށް ބަލާލާފައި ހިޔެއްވެސް ނުވޭ އެހާ ޅައިރިގައި ހުވަފަތް ވެފައި އިން ކަމެއް.. އެކުއްޖާގެ ހިނިތުންވުން އެހުރިހާ އިހުސާސެއް ފޮރުވާފައި ވާ ކަހަލަ.. " ޝަޖާހު ބުނެލިއެވެ. ތީން ޝަޖާހުއަށް ބަލައިލި އެބުނި އެއްޗެއް ޤަބޫލު ނުކުރެވިގެންނެވެ. އޭނާއަށް ޙަމްދަރުދީވުމުގެ ބަދަލުގައި ޝަޖާހު ޙަމްދަރުދީ އެވީ ސަނަމްއަށެވެ.

" އޭނާ ހުވަފަތް އޭނާގެ ކުށުން.. ބައްޕަ އަދިވެސް އޭނާއަށް ތަ ޙަމްދަރުދީވަނީ.. " ތީންގެ އަޑުބާރުވިއެވެ.

" އިނަފް ތީން... ޙަބަރުދާރު ތި އަޑުން ބައްޕައާ ވާހަކަ ދައްކައިގެން ނުވާނެ... " އިންތަނުން ތެދުވެ މޭޒުގައި ޖަހައިލަމުން ރޫވިން ބުންޏެވެ. އޭނާގެ އަޑުގައިވި ހަރުކަށިކަން އިހުސާސްވެ ތީންއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ.

" ވިނީ.. ސިޓް... " އަމުރުވެރި ގޮތަކަށް ޝަޖާހު ބުންޏެވެ. " ތީން.. ތީންގެ އާއިލާއަށް ދިމާވި ހިތްދަތި ހާދިސާއަށް ފަހު އަހަރެމެން އެންމެންވެސް ތީން އާއި ތީންގެ މަންމައާ މެދު ޙަމްދަރުދީވޭ.. އެކަމަކު ތީންގެ ބޭބެގެ މަރުގަ ސަނަމްގެ ކޮންކުށެއް އޮތީ.. ތިދަފަ ކިތަންމެ ހާދިސާއެއް ދިމާވޭ.. އެފަދަ ހާދިސާތައް ދިމާވާ ކޮންމެ ފަހަރަކު ކޮންމެވެސް މީހަކު ކުށްވެރިކޮށް ޤާތިލަކަށް ހަދަން ވެއްޖިއްޔާ ކޮބާ ސަލާމަތެއް.. ﷲގެ ނިޔާފުޅަށް ރުހެން ދަސްކުރަންޖެހޭނެ.. "

" މާފު ކުރޭ ބައްޕާ... ބައްޕަ މިގެއަށް ސަނަމް ގެނެޔަސް އޭނާއަށް އަހަރެންގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބޭނެ.. އަހަރެންގެ ނަޒަރުގަ އޭނަ އަބަދުވެސް ވާނީ ޤާތިލަކަށް.. " މިހެން ބުނުމަށްފަހު ތީން ރޮމުން ކޮޓަރިއަށް ދިއުމަށް ދުއްވައިގަތެވެ.

" އަހަރެން ވިސްނައިދޭނަން... " މިހެން ބުނެ ރުޒައިކް ތީންގެ ފަހަތުން ހިނގައިގަތެވެ. ޝަޖާހު ފުންނޭވައެއް ދޫކޮށްލަމުން ދެފަރާތަކަށް ބޯހޫރައިލިއެވެ.

" ކަންބޮޑުނުވޭ.. އެމީހުން ކައިރިއަށް ހޮސްޕިޓަލަށް މައުރާ ފޮނުވަފާނަން.. ޝަޖާހު އެވަރަށް އެކަމާ ނުވިސްނާ.. ޝަޖާހުގެ ފުރާނަ ސަލާމަތްކޮށްދިން މީހަކީ އަހަރެމެންނަށްވެސް މުހިންމު މީހެއް.. ނޫންތަ ވިނީ.؟ " ޝަޖާހުގެ އަތްމަތީގައި އަތް ބާއްވައިލަމުން މާހްރީން ބުންޏެވެ. މާހްރީންއާ އެއްބަސް ވުމުގެ ގޮތުން ރޫވިން ބޯޖަހައިލިއެވެ.

" ނޫން މާހީ.. މައުރާ ފޮނުވާކަށް ބޭނުމެއްނޫން.. އަހަރެންގެ އާއިލާގެ ފަރާތުން ދާނެ މީހަކު ބޭނުންވަނީ.. އެމީހުންނަށް ބޮޑަށް ބޭނުންވާނީ އަންހެނެއްގެ އެހީތެރިކަމެއް.. އެހެންނޫންނަމަ ޙުދު އަހަރެން ދާނީ.. " ޝަޖާހު މާޔޫސްވެފައި އިނދެ ބުންޏެވެ.

" އަހަރެން ހުއްޓާ ޝަޖާހު އެއްވެސް ކަމަކާ މާޔޫސްވާކަށް ނުޖެހޭނެ.. އަހަރެންނާ ވިނީ އާ ދެމީހުން އެމީހުންގެ ކަންތައްތަކާ ހަވާލު ވެއްޖައިން.. މައުރާ!!!! އިދުރީސް ކައިރީ ބުނޭ ދެމީހަކަށް ހުރެވޭނެހެން ކޮޓަރިއެއް ތައްޔާރުކުރަން.." މާހްރީން ބުންޏެވެ. މައުރާ ލައްބައޭ ބުނި އަޑު އިވުނެވެ. ޝަޖާހު ހިނިތުންވެލަމުން މާހްރީންއަށް ޝުކުރު އަދާކުރިއެވެ. މާހްރީން ފަދަ އަނތްބަކާއި ރޫވިން ފަދަ ދަރިއަކު ލިބުނީތީ އޭނާ އުފާކުރެއެވެ.

******************

" ތީން ބައްޕައާ ވާހަކަ ތިދެއްކީ އެންމެ ރަނގަޅަކަށް ނޫން.. މީހަކާ އޮތް ޒާތީ މައްސަލައެއް ތިގޮތަށް ބައްޕަގެ ކުރިމަތީގައި ފާޅު ކުރީމަ ވާނީ ކިހިނެއް.. ؟ " އެނދުގައި އިން ތީންގެ ކުރިމަތީގައި ހުއްޓި ހުރި ރުޒައިކް ބުންޏެވެ.

" ޒާތީވުމޭ!؟ އަހަރެންގެ ބޭބެ މަރާލި މީހާދެކެ ރުޅި އައުމަކީ ޒާތީވުންތަ؟ ޒެކްވެސް ތިހުރީ ހަމަ އެ ސަނަމް މިގެއަށް ގެންނަން އެއްބަސްވެގެން ދޯ.. " ތީން ބުންޏެވެ. ރުޒައިކް ފުންނޭވައެއް ދޫކޮށްލިއެވެ. ތީން ރޯތަން ބަލަން އޭނައަށް ކެތެއް ނުވެއެވެ. ތީން ކައިރީގައި އިށީނުމަށްފަހު ވަރަށް ލޯބިން ކަރުނުން ތެމިފައިވާ ތީންގެ ދެކޯތާފަތް ފޮހެލައި ދިނެވެ.

" ތީން!! ވިސްނާލަބަލަ!! ތީން އެއީ ޤާތިލެއް ގޮތުގައި ދެކުނަސް އެންމެނެއް އެގޮތަކަށް ނުދެކޭނެއްނު.. އޭނާ ބައްޕަގެ ފުރާނަ ސަލާމަތް ކޮށްދިނުމުން އެކަމަށް ޝުކުރުވެރިވުމުގެ ގޮތުން ބައްޕަ ކޮށްދެން އުޅޭ ކަމަކަށް އަހަރެމެން ހުރަސް އަޅަން ވެދާނެތަ؟ މިހާރުވެސް ކުދި ކުދި ކަންތައްތަކާ ބައްޕަ އެހުންނަނީ އަހަރެމެން ދެކެ ހިތްހަމަނުޖެހިފައި.. " ތީންއަށް ވިސްނައިދޭން މަސައްކަތް ކުރަމުން ރުޒައިކް ބުންޏެވެ.

" އަހަރެމެން ދެކެއެއް ނޫން.. ޒެކް ދެކެ.. ޒެކްއަށް ޒިންމާދާރުވާން އަދިވެސް ނޭނގެނީ.. ވިނީ ދޮންބެއަށް ހުރިހާ އެއްޗެއް ލިބި ޒެކް ހުންނަން ޖެހޭނީ ހުސް އަތާ.. ބައްޕަގެ ރުހުން ހޯދަން އެސަނަމް މިގެއަށް ގެންނަން އެއްބަސް ވުމުގެ ބަދަލުގަ ތަންކޮޅެއް ޒިންމާދާރުވެބަލަ..!! "

" ޔޫ ނޯވ ވަޓް.. ތީންގެ ރުޅި މަޑުވީމަ އަހަރެންނަށް ގުޅާ.. ޒުވާބު ކުރާކަށް އަހަރެން ބޭނުމެއް ނޫން.. " އިންތަނުން ތެދުވެގެން ކޮޓަރިން ނިކުންނަން ރުޒައިކް ހިނގައިގަތެވެ.

******************

ކަނޑުގެ ލޮނުގަނޑު ކަފަމުން ބާރު މިނުގައި ދުއްވަމުން އައި ލޯންޗް ތެރޭގައި ސަނަމް އިނީ މޭނުބައި ކުރާ ގޮތް ވެފައެވެ. އޭނާގެ ކޮނޑުގައި ބޯއަޅައިލައިގެން ސިލްމާ އިނެވެ. ސަނަމް އޭނަގެ ފޯނުން މެސެޖުކުރަމުން ދިޔައީ އެލް އަށެވެ. މާލެ އަންނަން ޖެހުނު ވާހަކަ އެލްއާ ހިއްސާ އެކުރެވުނީ އަދި ކިރިޔާ އެވެ. އެލް ފޮނުވި މެސެޖް ކިޔާފައި ސަނަމްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެލް ސަނަމްގެ މަންމައަށް އަވަސް ޝިފާއަކަށް އެދިފައި އޮތެވެ. އަދި މާލޭގައި އުޅޭއިރު ބަލައިގެން އުޅުމަށް ބުނެފައި އޮތެވެ. އަބަދުވެސް އޭނާގެ ދުއާ ސަނަމްއާއި ސަނަމްގެ މަންމައާ އެކުގައި ވާނެ ކަމުގައިވެސް ބުނެފައި އޮތެވެ.

މާލޭ ފަޅުން ލޯންޗް ވަނުމާއެކު ޝަޖާހު ފޮނުވާފައި އޮތް ނަމްބަރަށް ސަނަމް ގުޅިއެވެ. ޖަވާބު ދިނީ ވަރުގަދަ ފިރިހެންވަންތަ އަޑަކުންނެވެ. އެމީހާގެ އަޑު ހުރި ގޮތުން ކޮންމެވެސް ވަރަކަށް ޖެހިލުންވެފައި އިނދެ މާލެ ވަދެއްޖެ ކަމުގައި ސަނަމް ބުންޏެވެ.

" ކޮން ދިމާލަކަށް ކައިރި ކުރީ.. " ބޭރުމަގުން ކާރު ދުއްވަމުން ދިޔަ ރޫވިން އެހިއެވެ. ދޭނެ ޖަވާބެއް ސަނަމްއަށް ނޭނގުނެވެ. ދެވަނަ ފަހަރަށްވެސް ރޫވިން އެސުވާލު ކޮށްލިއެވެ. މިއީ ކޮން ދިމާލެއްތޯ ސަނަމް ލޯންޗުގެ ކައްޕި ކައިރީގައި އެހީ ލަދުން އިނދެއެވެ.

" ހަ ނަމްބަރު ޖެޓީ.. " ކައްޕަ ބުނި ގޮތަށް ސަނަމް ބުންޏެވެ. އެންމެ ރަނގަޅޭ ބުނުމަށްފަހު ރޫވިން ފޯނު ކަނޑައިލއިލިއެވެ. ލޯންޗުން ފައިބަން ސަނަމްއާއި ސިލްމާއަށް އެހީތެރިވެދިނީ ލޯންޗުގެ ފަޅުވެރިން ކޮޅެކެވެ. ކާރޫބާރު ބޮޑު މަގަށް ސަނަމް ބަލަމުން ދިޔައިރު އެދެލޮލުގައިވީ ހައިރާންކަމެވެ. މިފަދަ މަންޒަރެއް އޭނާއަށް ފެންނަ މި ފުރަތަމަ ފަހަރެވެ. ދުއްވާ އެއްޗެހި ގިނަވެފައި ފައިމަގުގައި އުޅޭމީހުންވެސް އެހާ ގިނައެވެ. އެކަކު ގައިގައި ކޭއްތިނުލައި އަނެކަކަށް ނުދެވެއެވެ. އިރުއިރުކޮޅާ އިވޭ ބަރުގޮނުގެ އަޑުން ކަންފަތް ފަޅައިގެންދާ އުޅޭ ކަހަލައެވެ. ކުރި މައްޗަށް އައިސް މަޑުކޮށްލި ކާރަށް ސަނަމް ބަލައިލިއެވެ. ކާރުގެ ދޮރު ހުޅުވާލާފައި ނިކުތީ ފިރިހެނެކެވެ. އަތް ދިގު ހުދު ގަމިހަކާއި ނޫކުލައިގެ ޖިންސެއްގައި ހުރި އެމީހާގެ ޝަހުސިއްޔަތު ވަރުގަދަ ކަމަށް ދައްކައެވެ.

" އައްސަލާމް އަލައިކުމް!! އަހަރެންނަށް ކިޔަނީ ރޫވިން.. ޝަޖާހުގެ ދަރިއެއް.. ތީތަ ސަނަމްއަކީ؟ " ރޫވިން އަހައިލިއެވެ. އެ އަޑުގައި އެއްވެސް ގާތް ގޮތެއް ނެތެވެ. ސަނަމް ބޯޖަހައިލީ ޖެހިލުންވެފައި ހުރެއެވެ. ސަނަމްގެ ދެލޮލުން ފެންނަމުން ދިޔަ ޖެހިލުންވުން ފެނި ހިނދުކޮޅަކަށް ރޫވިންއަށް އެބޮޑު ދެލޮލަށް ބަލަހައްޓައިގެން ހުރެވުނެވެ. ސަނަމް ހިންދިރުވައިލިއެވެ. ރޫވިންއަށް ސަނަމްގެ އެއަމަލު ކަމުދިޔައީ ކީއްވެ ކަމެއް ނޭނގުނެވެ. ސަނަމްގެ ނާޒުކުކަން ހިތަށް އަރާފައި ހެވެން އުޅުނެވެ. ސަނަމް އެހުރީ ވަރަށް ބިރުގަނެފައިކަން އޭނާ ހުރިގޮތުން އެނގެއެވެ.

-ނުނިމޭ-

Ads by Ooredoo
  1. ސަފީ

    ވާހަކަ ކުރިޔަށްދާލެއް މާބޮޑަށްވެސް ލަހީ. ވަރަށް ކުރު.

  2. ސަފީ

    ވާހަކަ ކުރިޔަށްދާލެއް މާބޮޑަށްވެސް ލަހީ. ވަރަށް ކުރު

  3. ސަމްއަން ހޫ ރިއަލީ ލަވް ޔުއާ ސްޓޯރީ

    ޕްލީޒް ތަންކޮޅެއް ދިގުކޮއް ލިޔެދީބަ !! ވާހަކަ ވަރަށް ރީތި ️️️️️️�����