ފޯވީތީ މިހިތް ކަރުނުން.. ( ނުވަވަނަ ބައި)
▾ މި ވާހަކައިގެ ޢަދަދުތައް
ޝަޖާހު ހައިރާންވިއެވެ. ސަނަމް ވިސްނީ ތީންއާ މެދަކު ނޫނެވެ. އޭނާ ވިސްނީ ތީން އަދި ފިރިމީހާގެ މަންމަ ތަލްޔާއާ މެދުގައެވެ. ސަނަމްއަކީ ކޮންކަހަލަ ސާފު ހިތެއް ލިބިފައިވާ ކުއްޖެއްތޯ ޝަޖާހުގެ ހިތަށް އެރިއެވެ.
*************
ދުއްވަމުން ދިޔާ ކާރުގެ ކުރީގައި ޑްރައިވަރު ކައިރީގައި ޝަޖާހު އިންއިރު ފަހަތުގައި ސަނަމްއާއި ސިލްމާ ތިއްބެވެ. ބޭރުން ފެންނަ މާލޭގެ ހަލަބޮލި މަގުތަކަށް އެމީހުން ބަލަމުން ދިޔައީ ހައިރާންވެ އަންތަރީސްވެ އިނދެއެވެ. އެފަދަ މަންޒަރެއް އެމީހުންނަށް ފެންނަ ފުރަތަމަ ފަހަރުވީމައެވެ. ކުރިމަތިން ފެންނަމުން ދިޔަ ބޮޑު ގެއަށް ބަލައިލެވުމާއެކު ތަންމިނަށް ދެމިހުންގެ އަނގަ ހުޅުވިއްޖެއެވެ. ވާހަކަތަކުން އިވޭ ފަދަ ހަވޭލީއެއް ފަދަ ގެއެކެވެ. ބޮޑު ދަގަނޑު ގޭޓާ އަރާ ހަމަވުމާއެކު ގޭޓު އަމިއްލައަށް އެއްފަރާތަކަށް ކެހުނުތަން ފެނި ސަނަމްއާއި ސިލްމާ ސިހިފައި އެކަކު އަނެކަކަށް ބަލައިލިއެވެ. އެމީހުންނަށް ނޭނގުނީ އެގޭޓު ހުޅުވުނީ އެތެރޭގައި އިން ސެކިއުރިޓީ ގާޑު ފިތަކަށް ފިތާލުމުންކަމެވެ. ކުރިމަތިން ފެންނަމުން ދިޔަ ހަނި މަގުން ކާރު ދިޔައިރު ދެފަރާތުގައި ވަނީ ފެހިކަން ގަދަ ގަސްތަކާއި ވިނައެވެ. މަގުގެ ދެފަރާތުގައި ކޮންމެ ފަރާތަކުން ތިން ފޫޓު ދުރުގައި އެއްހަމައެއްގައި އޮރެންޖު ކުލައިގެ ބައްތިތަކެއްވިއެވެ. އެދިގު މަގުގެ ނިމޭ ހިސާބުގައި މެދުގައި ބޮޑު ފެން އަރުވާ ވަޑާމެއް ހުއްޓެވެ. ސަނަމްއަށް އިހުސާސް ކުރެވުނީ ގަނޑުވަރަކަށް ވަދެގެން ދިޔަ ފަދަ އިހުސާސެކެވެ. އެހާވެސް ފެނުނު މަންޒަރުތައް ރީތިވެފައި ފުރިހަމައެވެ. ފެންއަރުވާ ވަޑާން ވަށައިލުމަށްފަހު ކާރު މަޑުކޮށްލީ ގޭގެ ޕޯޓިކޯއަށެވެ.
ކާރުން ފޭބުމަށް ދޮރު ހުޅުވާލައިދިނީ ޝަޖާހުއެވެ. އޭރު ޑްރައިވަރު ޑިކީ ތެރެއިން ސިލްމާގެ ގޮނޑިއާއި ދަބަސް ނަގައިދީފިއެވެ. ޝަޖާހުއާއި ސަނަމްވެގެން ސިލްމާ ގޮނޑީގައި ބޭންދިއެވެ. ޕޯޓިކޯގެ ކޮންމެ ތަނބެއް ކައިރީގައި ރީތި ގަސްތަކެއް ހުއްޓެވެ. ޝަޖާހުގެ ފަހަތުން ދަމުން ސަނަމް އެގަހުގެ ފަތެއްގައި އަތް ހާކައިލީ ރީތިކަމުންނެވެ. ލައްޕާފައިވާ ބޮޑު ދޮރުގެ ވާތް ފަރާތުގައި ހުރި ސްވިޗަކަށް ޝަޖާހު ފިތައިލިތަން ސަނަމްއަށް ފެނުނެވެ. އެއީ ކޮންކަމަކަށް ފިތައިލި އެއްޗެއްތޯ ވިސްނާލުމުން އެއީ ބެލްކަން ސަނަމްއަށް ވިސްނުނެވެ. އެއީ ރަށުގެ ބައެއް ގެތަކުންވެސް ފެންނަ އެއްޗެކެވެ. އިރުކޮޅެއް ނުވެ ބޮޑު ދޮރު ދެފަރާތަށް ހުޅުވިގެން ދިޔައެވެ. ދޮރުގެ އެއްފަރާތުގައި ދޮރުގައި ހިފަހައްޓާލައިގެން ހެވިފައި ހުރީ މާހްރީންއެވެ. ސިލްމާއާއި ސަނަމްވެސް މާހްރީންއަށް ހިނިތުންވުމެއް ދިނެވެ.
" ތިދެމައިންގެ އިންތިޒާރުގައި އިންނަތާ ކިތަންމެ އިރެއް.." ހިތްހެޔޮކަމާއެކު މާހްރީން ބުނެލިއެވެ. އެހެނަސް މީހަކު ދައްކާ ވާހަކައަކަށް ސަމާލުކަން ދިނުމަށްވުރެ ބޮޑަށް ސަނަމްގެ ސަމާލުކަން ހުއްޓިފައިވީ އެބޮޑު ގޭގެ އެކި ދިމާއަށެވެ. ޖާގަ ތަނަވަސް ސިޓިންގރޫމުގައި ވަރުގަދަ ބޮޑު ސޯފާއެއް ހުރިއިރު ސޯފާތަކުގެ މެދުގައި މެދު ސައިޒުގެ ކޮފީ މޭޒެއް ހުއްޓެވެ. ސޯފާތަކާ ދިމާލުން މަތީގައި އެލުވައިފައިވާ ވަރުގަދަ ޗާންދަލިޔާފެނި ސަނަމް ހުރީ އާޝޯޙުވެފައެވެ. ފާރުތަކުގައި ހަރުކޮށްފައިވަނީ ރާއްޖޭގެ ޤުދުރަތީ ޒީނަތްތެރިކަން ދައްކުވައިދޭ މަންޒަރު އެކުލެވޭ ބޮޑެތި ފޮޓޯ ލޯގަނޑުތަކެވެ. މައްޗަށް އަރައިގެންދާ ސިޑި ހުރީ ސޯފާއަށް ވުރެ މާ ދުރުން އެއްފަރާތުގައެވެ. އާއިލާ ހުރިހާ މެންބަރުންނަށް ބައިވެރިވެވޭނެހެން ކުކުޅު ބިހުގެ ބައްޓަމަށް ހުރި ކާމޭޒުމަތީގައި ހުރިހާ ވައްތަރެއްގެ ފުރުޓުހުރި ތައްޓެއް ހުއްޓެވެ. ސަނަމްއަށް ވެފައި ހުރިގޮތް ފެނި މާހްރީން ޝަޖާހުއަށް ބަލައިލަމުން އެމަންޒަރު ދައްކައިލިއެވެ.
" ސަނަމް... ހިނގާ އެތެރެއަށް.. " ސަނަމްގެ ބުރަކަށީގައި މަޑުމަޑުން އަތް ޖައްސައިލަމުން ޝަޖާހު ބުންޏެވެ. ކުޑަކޮށް ސިހުނު ސަނަމް ބޯޖަހައިލުމަށްފަހު ސިލްމާ ގޮވައިގެން ކުރިއަށް ދާން ފެށިއެވެ.
" ބައްޕާ... " ތަންކޮޅެއް ދުރުން އިވުނު އަޑަށް ޝަޖާހު ސިހިފައި ބަލައިލިއެވެ. އޭރު ސިޑިމަތިން ދުވަމުން ކަހަލަ ގޮތަކަށް ރަނަކް އަންނަނީއެވެ.
" ރަންކޮ އައީތަ؟ ނުވެސް ބުނެލާ.. " ރަނަކް އައިސް ޝަޖާހު ގައިގައި ބައްދައިލުމުން ޝަޖާހު ބުނެލިއެވެ.
" އާނ!! ޝަޖާހުގެ ދަރި ބޮޑުވެއްޖެ މިހާރު... " ސަމާސާ އެކުލެވިފައިވާ ރާގެއްގައި މާހްރީން ބުންޏެވެ. ރަނަކްގެ ހިނިތުންވުން މަޑުމަޑުން ފަނޑުވާން ފެށީ އޭނާގެ މައިންބަފައިން ކައިރީގައި ތިބި ނުދަންނަ ދެމީހުން ފެނިފައެވެ.
" މީ އަހަރެންގެ އެންމެ ހަގުދަރިފުޅު އަދި އެންމެ އަންހެން ދަރި.. ރަނަކް.. ރަންކޮ މީ ސަނަމް އަދި އޭނަގެ މަންމަ ސިލްމާ.. " ޝަޖާހު ތައާރަފް ކޮށްދިނެވެ.
" އޯވްހް.. މީ ދޯ ސަނަމް އަކީ.. " ރަނަކްގެ އެހެން ބުނުމުން ޝަޖާހު އާއި މާހްރީން ހައިރާންވެފައި ރަނަކްއާ ދިމާލަށް ބަލައިލިއެވެ. ކޮންމެވެސް މީހަކު ރަނަކް ކައިރީގައި ސަނަމްގެ ވާހަކަ ދައްކައިފިކަން ޔަގީންވިއެވެ. އެމީހުންނަށް ބޮޑަށް ޝައްކު ކުރެވުނީ ތީންއަށެވެ. ސަނަމް ސަލާމަށް އަތް ދިއްކޮށްލުމުން ރަނަކް ސަނަމްގެ އަތުގައި ހިފައި ސަލާމް ކޮށްލުމަށްފަހު ހިނިތުންވެލައިފިއެވެ. އެއަށްފަހު ސިލްމާއާ ވެސް ސަލާމް ކުރިއެވެ. ޝަޖާހު ނޯކަރަކަށް ގޮވައިލުމަށްފަހު ސަނަމްއާއި ސިލްމާ އެމީހުންނަށް ޙާއްސަ ކުރެވިފައިވާ ކޮޓަރިއަށް ގެންދިއުމަށް ބުންޏެވެ.
" ރަންކޯ!! ކާކު ރަންކޮ ކައިރީގައި ސަނަމްގެ ވާހަކަ ދެއްކީ.. ތީން ތަ؟ " ތީންގެ އަތުގައި ހިފައިގެން ސޯފާތަކާ ދިމާލަށް ދަމުން ޝަޖާހު އެހިއެވެ.
" ނޫން.. މިކީ!! އެދުވަހު ބައްޕަމެން އެވާހަކަ ދެއްކިއިރު މިކީ އަޑުއަހަން ހުރީ.. ތީން ސަނަމްއޭ ކިޔައިގެން ދެއްކި ހުރިހާ ވާހަކަތަކެއް އަހަރެންނަށް ކިޔައިދިން.. އެކަމަކު ބައްޕާ އެކަމުގަ ސަނަމްގެ ކުށަކީ ކޮބާ.. ؟؟ އަހަރެން ސަނަމްއާ މެދު ހަމްދަރުދީވަން... " ރަނަކްގެ ވާހަކަތައް އިވިފައި ޝަޖާހުއާއި މާހްރީން އެކަކު އަނެކަކަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. އޭނާގެ އެހުންނަ ހިތްތިރިކަމާއި އޯގާތެރިކަމުގެ ސިފައަކީ އެމީހުން ރަނަކްގެ އެސިފައަކާ މެދު އެންމެ ފަޚުރުވެރިވާ ސިފައެވެ.
" އެހެންތަ؟؟ ރަންކޮއާއި މިކީ ކުރާ ކަންތައްތަކުގައި ސަނަމްވެސް ބައިވެރި ކުރުވައްޗެ.. ބައްޕަ ދެކެނީ ސަނަމްވެސް އެއީ ބައްޕަގެ ދަރިއެއްގެ ގޮތުގައި.."
" ތިކަމާ ހާސްނުވޭ ބައްޕާ.. އަހަރެން ޑިއުޓީގަ ނޫޅޭ ގަޑިއެއްފަހުން ސަނަމް ބަހައްޓާނީ ކައިރީގައި އަބަދުވެސް.. މިހާރުވެސް ވަރަށް ބޭނުން ގޮސް ވާހަކަ ދައްކާލަން.. މާޝާﷲ ސަނަމް ހުންނަނީވެސް ހާދަ ލޯބިކޮށޭ.. ޔަގީން ފިރިހެން ކުދިން މޮޔަވާނެ ސަނަމް ފެނުނީމަ.. ވިނީ ދޮންބެއަށް ފެނިއްޖެތަ؟ ހާދަ ގުޅޭނޭ ވިނީ ދޮންބެއާ.. " ރަނަކް ދެއްކި ވާޙަކަތަކުން ޝަޖާހުއާއި މާހްރީންއަށް ހެވުނެވެ. ރަނަކްގެ ދުލުން ބަޔާން އެކުރީ މިވީހާ ދުވަހު ޝަޖާހު ހިތުގައި އަޅައިގެން އުޅުނު އެދުމެވެ. ސަނަމް އޭނާގެ ޅީ ދަރިއަކަށް ވުމަކީ މިހާރު އޭނާއަށް ލިބޭނެ އެންމެ ބޮޑު އުފަލެވެ. މިހާރު ވިސްނެނީ ސަނަމް ރަށައް ދިޔުމުގެ ކުރިން އޭނާގެ އެދުން ސަނަމްއާއި އޭނާގެ މަންމަގެ ކުރިމަތީގައި ފާޅު ކުރާނެ ގޮތެކެވެ.
***************
ކޮޓަރިއަށް އައިސް ވަންގޮތަށް ތީން ޑްރެސިންގް ޓޭބަލް މަތީގައިވާ ހުރިހާއެއްޗެއް ތިރިއަށް އުކައިލިއެވެ. އެއަޑަށް އެނދުގައި ގޭމް ކުޅެން އޮތް ރުޒައިކް ސިހިފައި ތެދުވިއެވެ. އޭނާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ތީން އައި ގޮތަށް ސޯފާމަތީގައިވާ ކުޝަންތައްވެސް އުކާލައިފިއެވެ. މޭޒުމަތީގައި ހުރި ބިއްލޫރު ވާސްވެސް ފާރުގައި ޖެހިޖެހީނު ފުނޑުފުނޑުކޮށްލައިފިއެވެ. އަތުގައި އޮތް ގޭމްޕެޑް އެނދަށް ދޫކޮށްލުމަށްފަހު ރުޒައިކް އައިސް ތީންގެ ދެއަތުގައި ހިފިއެވެ.
" މޮޔަވީތަ ތީން.. ކިހިނެއްވެގެން ތިއުޅެނީ.. " ރުޒައިކް ހަޅޭއްލަވައިގަތެވެ. އޭނާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ނުތަވަސްކަމެއްވެސް ވިއެވެ. ފެންނަމުން މިދަނީ ދުވަހަކުވެސް ތީންގެ ފަރާތުން ފެނުނު ކަންތައްތަކެއް ނޫނެވެ. ތީން އެހާ ރުޅި އައިސްފައި ހުއްޓާ އޭނާއަށް ފެނުނު މީ ފުރަތަމަ ފަހަރެވެ.
" ދޫކޮށްލާ އަހަރެން އަތުން ޒެކް.. އެންމެ ފަހުން އެސަނަމް މިގެއަށް އައިސްފި.. އަހަރެންނަށް އޭނާއާ އެއް ގެއެއްގަ ނޫޅެވޭނެ.. އޭނާއާ އެއްފުރާޅެއްގެ ދަށުގައި އަހަރެންނަށް ހަމަޖެހިގެން އެންމެ ނޭވާއެއްވެސް ނުލެވޭނެ.. އޭނަ ފެނުމުން އަހަރެންގެ ލޭހޫނުވެ ކެކިގެން ދޭ.. އޭނަ މިގެއިން ނެރޭ ޒެކް.. އޭނަ މިގެއިން ނެރޭ!! " މޮޔަވެފައިވާ މީހަކު ފަދައިން ބާރު އަޑުން ތީން ކިޔަމުން ދިޔައެވެ. ރުޒައިކް ތީން ހަމައަކަށް އަޅުވަން ވާހަކަ ދެއްކޭތޯ އުޅުނެވެ. ނަމަވެސް އޭނާގެ އަޑެއް ނާހާ، އޭނާ ދައްކާ ވާހަކައަކަށް ނުބަލާ ސަނަމްއާ ދިމާލަށް އެއްޗެތި ގޮވަމުން ދިޔައެވެ. އެންމެ ފަހުން ރުޒައިކް ކައިރިއަށްވެސް ރުޅި އަންނަ ގޮތްވިއެވެ. ތީންގެ ނަމަށް ބާރުލާފައި ގޮވައިލަމުން ތީންގެ ކަންފަތްމަތީގައި ޖަހައިފިއެވެ. ހަޅޭކުގެ އަޑު އެއްފަހަރުން ކެނޑިގެން ދިޔައެވެ. ތަދުވީ ވަރުން ތީންގެ ބޮލަށް އެނބުރުން އެރިއެވެ. މީހާ ހަމައަކަށް އަޅުވާލަމުން ކޮލުގައި އަތް ޖައްސާލައިގެން ހުރެ ރުޒައިކްއާ ދިމާލަށް ބަލައިލިއިރު ތީންގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފަށައިފިއެވެ. ކުރެވުނު ކަންތަކާ ރުޒައިކް ދެރަވީ ދެނެވެ. އޭނާގެ ރުޅި ގަނޑު ފިނިވެ ތީން އާ ކައިރިއަށް ފިޔަވަޅެއް އަޅައިލުމަށްފަހު ރަތްވެފައިވާ ކޯތާފަތުގައި ފިރުމައިލަން އުޅުނެވެ. ނަމަވެސް ތީން ޖެހުނީ ދުރަށެވެ. ރުޒައިކް ވާހަކަ ދައްކަން އުޅުނު ހިނދު ހުޅުވިފައިވާ އެކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލި އަޑަށް އެދެމީހުން އެއްފަހަރާ ބަލައިލިއެވެ. ދޮރުމަތީގައި ހުރީ ބޭރަށް ދާން ތައްޔާރުވެގެން ހުރި މިކައިލާއެވެ.
" އިޒް އެވްރީތިންގް އޯކޭ.. " އެހެން އަހަލިއިރު އޭނާގެ ލޮލުން ފެންނަމުން ދިޔައީ ނުތަނަވަސް ކަމެވެ.
" ކިހިނެއްވީ މިކީ ކަމަކުތަ؟ " ހަމަޖެހޭގޮތް ދައްކަމުން ރުޒައިކް އަހައިލިއެވެ.
" އޭ ޓީ އެމްއަށް ދާން ބޭނުންވެގެން.. ޒެކް އާއެކު ދާން ކަމަށް.. " އެހިސާބުން އަނެއްކާވެސް ތީންގެ ރުޅިގަނޑު ފަޅައިގެން ގޮސްފިއެވެ.
" އަހަރެމެން ތިބި ގޮތާ މިތަން އޮތް ގޮތް ނުފެނޭތަ ތިހެން ތި އަހަނީ.. ނޭނގޭތަ މިފަދަ ގަޑިއެއްގަ ދެމަފިރިންނަށް ޕްރައިވެސީ ދޭން.. ކަލޭ އަބަދު ބޭރަށް ދާންވީމަ މަގޭ ފިރިމީހާ ކައިރިއަށްތަ އަންނަންވީ.. އެއީ ކަލޭގެ ޑްރައިވަރުތަ..؟ ނޫނީ އަހަރެންގެ ފިރިމީހާއާ އަޅައިގަނެގެންތަ ތިއުޅެނީ.. " އައި ރުޅީގައި ތީން ކިޔައިލިއެވެ. ޒެކްއަށް ބާރުއަޑުން ތީންއަށް ގޮވައިލެވުނީ ލިބުނު ހިތްހަމަނުޖެހުމުގައެވެ. މިކައިލާގެ ހިތުގައި ޖެހިއްޖެކަން އޭނާގެ މޫނުމަތިން ހާމަވާން ހުއްޓެވެ. އެތާ އެންމެ ހިނދުކޮޅަކުވެސް ހުންނާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެނބުރި ދާން ހިނގައިގަތްތަނުން ރުޒައިކް ގޮވައިލިއެވެ. އެހެނަސް އެނބުރި ބަލައިވެސް ނުލާ މިކައިލާ އެތަނުން ދިޔައީއެވެ. ރުޒައިކް ތީންއާ ދިމާލަށް ބަލައިލީ އިންތިހާއަށް ހިތްހަމަނުޖެހިގައި ހުރެއެވެ.
" ޔޫ ޑިސްގަސްޓް މީ!! އަހަރެން ދެން އެނބުރި މިކޮޓަރިއަށް އަންނާނީ ތީންގެ ތިރުޅި ގަނޑު ހަމައަކަށް އެޅި އަހަރެން ކައިރީގައި މައާފަށް އެދުމުން... އޭގެ ކުރިން އަހަރެންނަށް ގުޅަން ހިތަށްވެސް ނާރުވާތި.. !!! " މިހެން ބުނެ ސައިޑް ކަބަޑު މަތީގައި އޮތް ވޮލެޓާއި ފޯނު އަދި ކާރުގެ ތަޅުދަނޑި ޖީބަށްލަމުން ރުޒައިކް އެތަނުން ނިކުތެވެ.
**************
އަނދިރިކަން ވެރިވެފައިވާ ކޮޓަރިތެރެއިން ފޯނުގެ ފަނޑު އަލި ފެންނަން ހުއްޓެވެ. ސިލްމާ ކައިރީގައި އޮތް ސަނަމް މެސެޖް ކުރަމުން ދިޔައީ އެލް އަށެވެ. ތީންގެ ވާހަކަ ކިޔައިދިނުމުން އެލް އިންތިހާއަށް ކަންބޮޑުވިކަން ސަނަމްއަށް އިހުސާސް ކުރެވުނެވެ. ތީން ފެންނަ ހިސާބަށްވެސް ނުދިއުމަށް ބުންޏެވެ. ތީންގެ ކަމެއްކޮށްފިނަމަ ނުވަތަ އެއްޗެކޭ ކިޔައިފިނަމަ އޭނާއަށް ރައްދު ދޭންވެސް ސަނަމްއަށް ނަސޭހަތްތެރިވިއެވެ. ބައެއް ފަހަރު ތީން އޭ ކިޔައިގެން އެލް ދައްކާ ވާހަކަތަކުން ސަނަމް ކައިރިއަށް ހިނިއާދެއެވެ. އެލްގެ ވާހަކަތަކުން ތީން އެއީ އޭނާ އެހާ ގަޔާވާ މީހެއް ނޫންކަން ސަނަމްއަށް އެނގުނެވެ.
" އެލް ކީއްވެ އަހަރެންނަށް ތިހާ ކެއަރ ކުރަނީ... ؟ " ސަނަމް އަހައިލިއެވެ. އެސުވާލުގެ ޖަވާބުގައި އޮތް އިރު އޭނާގެ ހިތް އާދަޔާ ހިލާފަށް ތެޅިލިކަން އިހުސާސްވިއެވެ.
" ތީ ކެއަރ ނުކޮށް ދޫކޮށްލާ ވަރުގެ ކުއްޖެއް ނޫން.. އަހަރެންނަށް ވެގެން ވަންޏާ ދުނިޔޭގެ ހުރިހާ އުފަލެއް ސަނަމްއަށް ހޯދައިދޭނަން.. " އެލްގެ ޖަވާބު ފެނިފައި ސަނަމްއަށް ހީނލެވުނެވެ.
" އެއީ ކީއްވެ؟ " ސަނަމް އަހާލައިފިއެވެ. ވާހަކައިގެ މިސްރާބު ދާ ގޮތުން ޙުދު އޭނާވެސް ހައިރާން ވެއްޖެއެވެ. އޭނާ އެހެމުން އެލް ހީކުރާނީ އެއްޗަކާ މެދު ވިސްނާލެވި ލަދުގަނެއްޖެއެވެ. އެމެސްޖް ޑިލީޓް ކޮށްލެވޭކަށްވެސް ނެތެވެ. އެލް އެމެސެޖް ބަލައިފިއެވެ. އެތައް އިރެއް ފާއިތުވެގެން ދިޔައިރުވެސް އެލްގެ ފަރާތުން ޖަވާބެއް ނައުމުން ސަނަމް މާޔޫސްވިއެވެ. އޭނާއަށް ކުރެވުނު ސުވާލުން އަނެއްކާ އެލް ހިތްހަމަނުޖެހުނީބާއޭ ހިތަށް އެރިއެވެ.
ވާހަކަ މިދާ މިސްރާބު ވަރަށް ވަރަށް ކަމުދޭ. އެންމެ އިންތިޒާރު ކުރެވޭ ސްޓޯރީ މިއީ މިހާރު. ޓޯޓަލީ އިން ލަވް ވިތް ދިސް. އެލް އަކީ ކާކުތޯ އެނގޭ ހިތުން ކެތް މަދު ވެފަ މި ހުންނަނީ. ވިނީއަށް ނުވެއްޖެނަމަ ސޯ ސޭޑް. ވިނީ އެންޑް ސަމް ގުޅުވަދެއްޗޭ. އެންޑް މިކައިލާ އާ ޒެކް ވެސް. ތީން އިޒް ޓޫ މަޗް. ފޫހި އަންހެނެއް. އެނީ ވެސް. ވެއިޓިންގް ފޯރ ސަޓަރޑޭ ނައު 🙂
ކުރީން ބަޔަށްވުރެވެސް ކުރުކޮށްލާފަ ގެނެސްދިނީ. މިބައިގަ މާބޮޑުކަމެއްނުވި. އެންމެ ދެދުވަހު ވާހަކަ އަޕްކުރާއިރު ވާހަކަ ނެރެނީ ހިތުހުރި ގަޑިއެއްގަ
ސަނަމް ރަނގަޅުނަމަ އެގޮތަށް ގުޅާލާހާ މީހަކާ ގުޅުމެއް ނުބާއްވާނެ. އެވެސް ފިރިހެނެއްކަން އެނގިހުރެ. ނުދަންނަމީހަކާ ކަންކަން ޝެއާއެއް ނުކުރާނެ. ފިރިމީހާނެތްތަން ފޫއްބައްދަން އެހެން ފިރިހެނަކާ އޭނާ ވާހަކަދައްކަނީއޭ ވާހަކައިން ސިފަކުރެވެނީ.
ތި ހާދަ ކަޑަ ވިސްނުމެކޭ. ފިރި މަރުވެފައިވާ އަންހެނަކަށް އެހެން މީހަކާ ވާހަކަ ދެއްކުމުގެހައްޤެއް ނެތޭ ދޯ ތިބުނަނީ. ވާހަކައިގަ ސަނަމްއަށް އަދި ނޭނގޭ އަންހެނެ ކަމެއް ނޫނީ ފިރިހެނެއް ކަމެއްވެސް.
ވާހަކަ ރަނގަޅަށް ނުކިޔާ ކޮމެން ތިކުރަނީ. ކީ ނަމަ އެނގޭނެ ގުޅައިގެން ނޫންކަންވާހަކަ ދައްކަނީ އަދި އެއީ ފިރިހެނެއް ކަން ސަނނަމްއަށް ޔަގިން ނުވާކަން
އަދި އެއީ އަންހެނެއް ނޫނީ ފިރިހެނެއް ކަނެއް ނޭނގެދޯ. އެކަމަކު އެއީ ފިރިމީހާ ނެތްތަން ފޫބެއްދުމެއް ނޫނެއްނު. އެމީހުން ގޯސް ވާހަކައެއް ދައްކަނީ ނޫން ވިއްޔާ.