ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

ކުރެވޭ އެންމެ ކުޑަކުޑަ ކަމަކުންވެސް އޭނާ ލޯބިވާ މީހުންގެ ދިރިއުޅުން ހަލާކުވެދާނެކަން ރާޔާ އަށް ވިސްނެއެވެ. ކޮންމެފަދަ ކަމެއް ކުރާކަށްވެސް ދައިސް ޖެހިލުންނުވާނެކަން ޔަގީނެވެ. އެހިނދު ދައިސްގެ ބަސް ގަބޫލުކޮށް އެތަނަށް ދާންވީތޯ އަމިއްލަ ނަފުސު ސުވާލުކޮށްލިއެވެ.

Ads by Hajj Corporation

* * * * *

ޖީލާންގެ ގޭ ސިޓިންގްރޫމްގައި ތިބިއިރު ކޮންމެ މީހެއްގެ މޫނުމަތީގައިވެސްވީ ބަޔާންކުރަން ދަތި އަސަރުތަކެކެވެ. ކުރިން ރޭ ވާހަކަތައް ނިންމައިލި ހިސާބުންކަމުގައިވެސް ވެދާނެއެވެ. ދެން ކަންތައްވީގޮތް ކޮންމެވެސް ވަރަކަށް އަނޫކްއަށް އެނގުނު ނަމަވެސް އޭނާ ވެސް އިނީ ހިނގި ހުރިހައި ކަމެއް އެނގެން ބޭނުންވެފައެވެ. އެހައި ބޮޑެތި ކަންތައްތަކެއް ހިނގައިގެން ދިޔައިރު އެކަން ރާޔާ އޭނާއަށް ސިއްރުކޮށްފާނެ ކަމަކަށް ކުޑަކޮށްވެސް އަނޫކް ހިއެއްނުކުރެއެވެ. ހިތަށް އެހައި އަސަރުކޮށްފައިވީ އެހެންވެއެވެ. ފިރިހެނަކަށްވެ ހުރެ އޭނާގެ އާއިލާއަށް އެއްވެސް ރައްކައުތެރިކަމެއް ނުދެވުނީއޭ ހީވާތީއެވެ. އެންމެނަށް ވަކިވަކިން ބަލައިލަމުން އެހިމޭންކަން ނައްތައިލީ ޖީލާންއެވެ. އޭނާ ވާހަކަތައް ފެށީ ހަށިފުރާ ދޫކޮށްލި ނޭވައާ އެކުއެވެ. މިރޭ ކޮންމެހެންވެސް އެހުރިހައި ވާހަކަތަކެއް ކިޔައިދީ ނިންމަން އޭނާ ބޭނުންވެއެވެ.

*****

މަޑުމަޑުން ތަޅުގައިހިފައި ދައިސް އަނބުރައިލިއެވެ. ކޮޓަރިއަށް ވަތް ގޮތަށް ޔުނާލް ތަޅުލީކަން އެނގުނީ ދޮރު ނުހުޅުވުމުންނެވެ. އަނގައިން ފާޑެއްގެ އަޑެއް ލައްވައިލަމުން ލައިގެން ހުރި ޖިންސްގެ ޖީބުތެރަށް އޭނާ އުނދަގުލުން އަތްކޮށްޕައިލިއެވެ. ރާޔާއާ ކައިވެނިކުރި ދުވަހުން ފެށިގެން އެ ގޭގެ ހުރިހައި ދޮރެއްގެ ޑަބަލް ތަޅުދަނޑިފަތި ޚާލިދު ވަނީ އޭނާއަށް ދީފައެވެ. މިއަދު އޭގެ ބޭނުމެއްވެސް ޖެހިއްޖޭ ހިތަށް އެރުމުން ދައިސްގެ ތުންފަތުގައި ދުވެލީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ތަޅުދަނޑިފަތިން ފަހަރަކު ތަޅުދަނޑިއެއް ނަގައި ތަޅުވަޅަށް އޭނާ ކޮށްޕަމުންދިޔައެވެ. އިރުކޮޅެއްފަހުން ދޮރުހުޅުވުމާއެކު ދައިސްގެ ހިނިތުންވުން ފުންވެލިއެވެ. ދޮރު ބޮޑަށް ހުޅުވައިލަމުން އޭނާ އެތެރަށް ވަނެވެ. އެނދުގައި ނިދިފައިއޮތް ޔުނާލްފެނި އޭނާގެ ހިތުގައި ހިނގަމުންދިޔަ ޖަޒުބާތުތައް ކޮންޓްރޯލްކުރުން ދަތިވިއެވެ. ދޮރުވެސް އެ ހުރިގޮތަށް ބަހައްޓައިފައި އޭނާ ޔުނާލްއާ ދިމާއަށް މިސްރާބުޖެހިއެވެ. އެނދާ ދިމާއަށް ގުދުވެލުމާއެކު މަޑުމަޑުން އެހަށިގަނޑުގައި ދައިސް ބީހެން ފެށިއެވެ. މީހެއްގެ ފިރުމުންތައް އިހުސާސުވެ އުނދަގޫވެގެން ޔުނާލް އަށް ހޭލެވުނީއެވެ. އެއާއެކު އޭނާއާ ދިމާއަށް ގުދުވެއޮތް ދައިސް ފެނި ޔުނާލްގެ ދެލޯ ތަންމިނަށް ހުޅުވައިލެވުނެވެ. އަނގައި ތެރޭން ނުކުތް ބާރު ހަޅޭކާއެކު ދައިސް ކޮށްޕައިލަން ޔުނާލް ތެޅިފޮޅިގަތެވެ. ވަގުތުން އިހުނަށްވުރެ ބާރަށް ޔުނާލްގެ ހިމަ ހަށިގަނޑުގައި ދައިސް އޮޅުލައިގަތެވެ. އެދެއަތުގެ ތެރޭގައި އެ ހަށިގަނޑު އެއްކޮށް ގައިދުކޮށްލީ ގުޑިނުލެވޭނެ ފަދައިންނެވެ.

ހަފްލާ ނިންމައިފައި ގެއަށް އައި މަގުމަތީ ދެތިން ފަހަރަށް ރާޔާ ޔުނާލްއަށް ގުޅިއެވެ. ފޯނު ނުނެގުމުން ނޭނގޭ ބިރުވެރިކަމެއް އޭނާގެ ހިތަށް ވެރިވިއެވެ. އެހެނަސް އެއިހުސާސުތައް ރާޔާ ހިންދައިލީ ޔުނާލް އަށް ނިދުނީ ކަމުގައި އަމިއްލަ ހިތަށް ވިސްނައިދެމުންނެވެ. ހަލުވި ފިޔަވަޅުތަކެއްގައި އައިސް ގެއަށް ވަދެވުމާއެކު އޭނާގެ ލޮލުގައި ސޯފާގައި ފާޑަކަށް އިން ޚާލިދު އަޅައިގަތެވެ. ރާޔާ ފެނުމާއެކު އިންތަނުން ޚާލިދަށް ތެދުވެވުނީ ބިރެއް ފެނިފައި ހުރި މީހަކު ފަދައިންނެވެ. ހާސްވެފައި އޭނާއަށް ޔުނާލްގެ ކޮޓަރިއާ ދިމާއަށް ދެލޯ ހިންގައިލެވުނެވެ. ޚާލިދުގެ އަމަލުތައް ހުރިގޮތުން ރާޔާ ސުވާލުއުފެދޭ ގޮތް ވިއެވެ. އެވަގުތު ޔުނާލްގެ ކޮޓަރީ ތެރެއިން އޭނާ ހަޅޭއްލަވައިގަތް އަޑު ސާފުކޮށް ރާޔާ އަށް އިވުނެވެ. ހުރެވުނުތަންވެސް ރާޔާ އަށް ނޭނގުނެވެ. އަތް ދަބަސް ތިރިއަށް ވައްޓައިލުމަށްފަހު އޭނާއަށް އެކޮޓަރިއާ ދިމާއަށް ދުއްވައިގަނެވުނެވެ. ހުޅުވިފައިހުރި ދޮރާ ހަމައަށް އާދެވުނުތަނާ ފަހަތުން އައިސް ޚާލިދު ހިފީ ރާޔާގެ އަތުގައެވެ. ދެފަރާތަކަށް ބޯހޫރައިލަމުން ގަދަކަމުން ކަހަލަ ގޮތަކަށް ދަމައިފައި އެކޮޓަރިއާ ދުރަށް އޭނާ ރާޔާ ގެންދަން ފެށިއެވެ. އޭރު ޔުނާލްގެ ވޭނީ އާހުގެ އަޑު މުޅި ގޭގައި ގުގުމަމުން ދިޔައެވެ. ހުއްޓުން އަރައިފައި ހުޅުވިފައިހުރި ދޮރުތެރެއިން ފެންނަމުންދިޔަ މަންޒަރަށް ބަލަން ރާޔާއަށް ހުރެވުނީ ހިނދުކޮޅަކުއެވެ. ގަދަކަމުން ޚާލިގެ އަތުތެރެއިން ވީއްލި ގަންނަން އޭނާ އުޅުނެވެ. ދޫކޮށްލާށޭ ކިޔައި ރާޔާ ހަޅޭއްލަވައިގަތީ ދައިސްގެ ހަރަކާތްތަކަށް ބަލަން ހުރެއެވެ. އިޚުތިޔާރަކާނުލައި ރާޔާގެ ދެލޯ ފެންކަޅިވެގެން އައީ ޔުނާލްއާ ހަތަރުކަޅި ބައްދަލުވީ ހިނދުއެވެ. ސަލާމަތައް އެދި ކޮއްކޮގެ އަތް ރާޔާއާ ދިމާއަށް ދިއްކޮށްލިއެވެ. އޭރު ބަނޑުހައިވެފައިވާ ސިންގާއެއް ފަދައިން އެހަށިގަނޑުން އުފާހޯދަމުން ދައިސް ދިޔައެވެ. ކަރުބުޑުން ދައިސްގެ ނަން ކިޔައިލަމުން އަޑުގެ ކޮޅަށް ރާޔާ ހަޅޭއްލަވައިގަތެވެ. ސިހުން ލިބުނު ޚާލިދުގެ ދެއަތަށް ބާރުކޮށްލީ އެދެއަތުގެ ތެރެއިން ވީއްލިގެން ރާޔާ ދިޔަނުދޭންވެގެން ކަހަލައެވެ.

"ހަމަ މިހާރު ދޫކޮށްލާ.. އޭތް ކަލެއަކަށް އަޑެއް ނީވޭތަ.. އަހަރެންގެ ކޮއްކޮގެ ގައިން ދޫކޮށްލާށޭ.." ތެޅިފޮޅެމުން ރާޔާ ހަޅޭއްލަވަމުން ދިޔައެވެ. ރޮވިފައިވީލެއް ބޮޑުކަމުން ވާހަކަދެއްކުން އޭނާ އަށް އުނދަގޫވިއެވެ. އެހެނަސް ހިތްވަރު އެލުވައިލާކަށް ރާޔާ ބޭނުމެއް ނުވިއެވެ.

"ކަލޭ ކީއްކުރަންތަ އަހަރެން ތި ހިފާއްޓަނީ.. ކަލެއަކަށް ނުފެނޭތަ އެއޮތް ޖަނަވާރު ކުރަމުން އެދާ ކަންތަކެއް.. ގޮސް އޭނަ ހިފާއްޓަބަލަ.. މިއަދު އަހަރެމެންގެ ބައްޕަގެ މަގާމުގަ ހުރި މީހާއޭ ތިއީ.. ރައްކާތެރިކަން ދޭން ހުރި ދެއަތުން ތިދެވެނީ އަނިޔާކަމެއް ނޭނގޭތަ.. އަހަރެން ގައިން ދޫކޮށްލާށޭ.. އެކަކު އެހީ ނުވިއަސް އަހަރެންގެ ކޮއްކޮއަށް އަހަރެން އެހީވާނަން.. ކަލެއަކަށް އަޑެއް ނީވޭތަ.. ދޫކޮށްލާށޭ.." އުޅަނބޮށީކޮޅުން ޚާލިގެ ގައިގައި ޖަހަން މަސައްކަތް ކުރަމުން ރާޔާ ބުންޏެވެ. އެދެލޮލުން ހޯސްލައިފައި ފައިބަމުންދިޔަ ކަރުނުން ޚާލިދުގެ ހިތަށް ކުޑަވެސް އަސަރެއް ކުރިހެނެއް ހިއެއްނުވެއެވެ. ރާޔާގެ ގައިން ދޫކޮށްލުމުގެ އެއްވެސް ގަސްދެއް އޭނާގެ ނެތެވެ.

"މައިތިރިވެބަލަ.. އެއީ އެވަރު ކަމެއްތަ.. ކަލޭ ނެތީމަ ދޯ ދައިސް އެދަރަޖައަށް ދާން ޖެހުނީ.. މިއީ ލިބުނު ފިލާވަޅެއްކަމަށްބަލާ ދެންވެސް ފިރިމީހާ އަންނައިރު ގޭގަ ހުންނަން އާދަކޮށްބަލަ.."

"އައްޗި.. އަދިވެސް ކަލޭ ދިފާއު ތިކުރަނީ އޭނަތަ.. އަހަރެންގެ ކޮއްކޮގެ އިއްފަތްތެރިކަން ފޭރެމުންދާއިރުވެސް ކަލެއަށް ގޯސްވީ އަހަރެން ދޯ.. ކީއްވެ.. ދައިސް ލާރިގަނޑެއް ދިނީމަތަ.. ކަލެއާ ހަވާލުވެފަ އޮތް އަމާނާތަށްވުރެ ކަލެއަށް މުހިންމީ ފައިސާ ދޯ.." އެންމެ ހިނދުކޮޅަކަށްވެސް މަޑުޖެހިލުމެއްނެތި ރާޔާ އަދިވެސް ހިތްވަރުކުރަމުން ދިޔައީ ޚާލިދުގެ އަތުތެރޭން ސަލާމަތްވާށެވެ.

"ކަލޭމެންނަކީ އެއްއިރަކުވެސް އަހަންނަށް މުހިންމު ބައެއް ނޫން.. އާން.. އަހަންނަށް ތިއިން އެކަކަށްވުރެ ވެސް ފައިސާ މުހިންމު.. އަހަންނަށް ވަރިހަމަ އޭނަ ކަލޭމެނަށް ކޮންމެ ގޮތެއް ހެދިއަސް.. އޭނަގެ ފަރާތުން އަހަރެން ބޭނުންވާ ކަންތައް ފުދޭހާ ހިނދަކު އަހަރެން ހުންނާނީ އޭނާއާ އެއްކޮޅަށް.. ދެންވެސް މައިތިރިވެގެން ހުރެބަލަ.. ދައިސް އެކުރާކަމެއް ކޮށް ނިމުނުއިރަކުން ނޫނީ އަހަރެން ކަލޭ ދޫކޮށެއް ނުލާނަން.." އިތުރަށް ރާޔާގެ ހަށިގަނޑުގައި ބައްދައިގަންނަމުން ޚާލިދު ބުނެލީ އަޑަށް ބާރުލައިފައެވެ.

ޚާލިދުގެ އަތްދަށުން ރާޔާއަށް ސަލާމަތްވުން ފަސޭހަކަމަކަށް ނުވިއެވެ. ތެޅިތެޅިގޮސް މީހާ ވަރުބަލިވީއިރުވެސް އޭނާ ހިތްވަރު އެލުވައެއް ނުލިއެވެ. ކޮއްކޮއަށްޓަކާ އެންމެ ފަހު ވަގުތާ ޖެހެންދެން ރާޔާ ހިތްވަރުކުރިއެވެ. ދެކުދިންގެ ގިސްލުމުގެ އަޑު މުޅި އެޕާރޓްމަންޓްގައި ހިފާލައިފައި ވިއެވެ. ޔުނާލް ދެކޮޅު ހަދައިލާއިރަށް ދައިސްގެ އަތުގެ ހޫނު ހަމަލާއެއް އަމާޒުވެއެވެ. އެމަންޒަރުތައް ބަލަން ކެތްނުވެ ރާޔާއަށް އިސްޖަހައިލެވުނީއެވެ. އޭރުވެސް ސަލާމަތަށް އެދި ދިއްކޮށްލި ޔުނާލްގެ އަތް އެއޮތް ގޮތަށް އޮތެވެ. އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ރާޔާ އަތުވެދާނެކަމަށް އޭނާ އުއްމީދުކުރާ ކަހަލައެވެ.

ދައިސް ހިތްފުރޭވަރު ވުމުން ޔުނާލް އެއޮތް ހާލަށް ދޫކޮށްލައިފައި ކޮޓަރިން ނުކުތެވެ. ކަޝްފުވެފައިވި އެހަށިގަނޑަށް ބަލަން ނުކެރިގެން ކަހަލަ ގޮތަކަށް ޚާލިދު އިސްޖަހައިލަމުން މަޑުމަޑުން ރާޔާގެ ގައިން ދޫކޮށްލިއެވެ. އޭރު ރޮމުން ރޮމުންގޮސް ރާޔާ ހުރި ދިމާއަށް ތިރިވެއްޖެއެވެ. ރާޔާއަށް ބަލައިލުމާއެކު ދައިސްގެ ތުންފަތަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. މޫނުމަތީގައި ހިއްލައިފައިހުރި ދައުތިކިތައް އަތުގެ ނުފުށުން ފުހެލަމުން އޭނާ ހިނގައިގަތީ އެގެއިން ނުކުންނާށެވެ. އެތަންފެނި އައި ރުޅީގައި ރާޔާއަށް އިންތަނުން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ. ދުވެފައިކަހަލަ ގޮތަކަށް ގޮސް ދައިސްގެ ގައިގައި އޭނާ އަތުގައިހުރި ބާރެއް ލައިފައި ތަޅައިގަތެވެ. ހަޑިހުތުރު ބަސްތަކެއް ދުލުން ބޭރުވިކަންވެސް ރާޔާ ނުދެނަހުއްޓެވެ. ވަށައިގެންވީ ކަންތަކާ މެދުގައި ވިސްނުމަށްވުރެ އޭނާގެ ނަފުސު ވަށައިލައިފައިވީ ގަދަ ރުޅިއަކުންނެވެ. ރާޔާގެ ދެއަތުގައި ހިފަހައްޓަމުން ދައިސް އޭނާ ދުރަށް ކޮށްޕައިލިއެވެ. ދެވަނަ ފަހަރަށް ރާޔާގެ ހަމަލާއެއް އަމާޒު ނުވަނީސް އޭނާ އެގެއިން ނުކުތީއެވެ. އެނބުރި ޚާލިދަށް ބަލައިލުމާއެކު ރާޔާ ދަތްކުނޑި ވިކައިލިއެވެ.

"ހަނދާން ކުރާތި.. އަހަރެންގެ ކޮއްކޮއަށް ތިހެން ހަދާފަ ކަލޭމެން އެކަކަށްވެސް ސަލާމަތެއް ނުވެވޭނެ.." އިންޒާރެއް ފަދައިން ރާޔާ ބުނެލިއެވެ. އެއަޑު އިވިފައި ޚާލިދު ޖަހައިލީ ނުލަފާ ހިނިގަނޑެކެވެ. އިތުރަށް އެތަނުގައި މަޑުކުރަން ނުހަދައި އޭނާ ގޮސް ކޮޓަރިއަށް ވަނީއެވެ. ރޮވެން ފެށުމުން އަނގަމަތީގައި އަތްއަޅައި ރާޔާ ބާރުކޮށްލިއެވެ. އަދި ލަސްހިނގުމެއްގައި ނުކެރިހުރެ އައިސް ޔުނާލްގެ ކޮޓަރީ ދޮރުމަތީގައި އޭނާ މަޑުކޮށްލިއެވެ. ރަޖާގަނޑުން ހަށިގަނޑު ނިވައިކޮށްލައިގެން ރޯން އޮތް ޔުނާލް ފެނި ރާޔާގެ ހިތް ފިސްފިސްވީ ކަހަލައެވެ. ހިންދިރުވައިލަމުން އޭނާއަށް އިސްޖަހައިލެވުނީ ކުށްވެރިއަކު ފަދައިންނެވެ. މަޑުމަޑުން ކޮޓަރީތެރަށް ވަންނަމުން އޭނާ އައިސް އެނދުގެ އެއްފަރާތުގައި އިނށީދެލިއެވެ. އަދި ގުދުވެލުމާއެކު ޔުނާލްގެ ގައިގައި އޭނާ ބައްދައިލީ ވަރުބަލިވެފައިވާ މީހަކު ފަދައިންނެވެ. ރާޔާ އަތްލުމާއެކު ސިހިފައި ޔުނާލް ތެޅިގަތެވެ. ބިރުގެންފައި އޭނާ ވީވަރު ރާޔާއަށް އިހުސާސުވުމާއެކު އިތުރަށް އޭނާއަކަށް ކެތެއްނުވިއެވެ. މަޑުމަޑު ގިސްލުމުގެ އަޑު ބާރުވަމުންގޮސް ރާޔާއަށް އަޑުން އަޑުނަގައި ރޮއެގަނެވުނެވެ. ދޮންތައާ ދިމާއަށް އެނބުރިލަމުން އެމޭގައި ޔުނާލް ފޮރުވިގަތީ ހިމާޔަތަށް ބޭނުންވެފައިވީ ވަރުންނެވެ. އެކަކު އަނެކަކުގެ ހަށިގަނޑުގައި ބައްދައިލަމުން ދެކުދިން ކަރުނަ އަޅައި ރޮމުންދިޔައީ ކުރާނެ ކަމެއް ނުވިސްނިފައި ތިބި ބަޔަކު ފަދައިންނެވެ. ވެދިޔަ ކަންތައް ކިތަންމެ ބޭނުންވިއަސް ބަދަލު ނުކުރެވޭނެކަން ވިސްނުނު ހިނދު ރާޔާގެ ހިތަށް އެރި ތޫނު ތަދުގައި އޭނާއަށް ދެލޯޖައްސައި ބާރުކޮށްލެވުނެވެ. ޔުނާލްގެ ކިބައިން އޭނާ ތަކުރާރުކޮށް މަޢާފަށް އެދެމުންދިޔައީ ކޮއްކޮ އެންމެ ބޭނުންވި ވަގުތު ރައްކާތެރިކޮށްދޭން ނާދެވުމުންނެވެ. ބަހެއްވެސް ނުބުނި ތަނުގައި ޔުނާލްގެ ރުއިން އިތުރަށް ބާރުވެލީއެވެ.

އެ ހާދިސާއަށް ހަފުތާއެއް ވެގެން ދިޔައިރު ޔުނާލްގެ މުޅި ތަބީއަތްވަނީ ބަދަލުވެފައެވެ. ކޮޓަރިން ނުނިކުމެ އެތައް އިރަކު ވިސްނައި ފިކުރު ކުރުމުގައި އޭނާ ހޭދަކުރެއެވެ. ކެއިން ބުއިމުގެ އިތުރުން ކިޔެވުމާވެސް އޭނާ މުޅީން ދުރުވީއެވެ. އެއްވެސް މީހަކާ އަނގައިން ނުބުނާ ތަނުގައި މީހަކު ފެންނަ ހިސާބަށްވެސް ނުކުންނާކަށް އޭނާ ބޭނުމެއް ނުވެއެވެ. ކަންތައް ބޮޑުވެފައި ރާޔާ ހުރީ ހަދާނެ ގޮތެއް ނުވިސްނިފައެވެ. އޮފީހުން ބޮޑު ޗުއްޓީއެއް ނެގީ ޔުނާލް އެކަނި ބަހައްޓަން ބޭނުންނުވުމުންނެވެ. ރާޔާއާ އެކުގައި ޖީލާން ވެސް ގިނަ ވަގުތު އެގޭގައި ހޭދަކުރަން ފެށިއެވެ. ޔުނާލް އަށް އެހީވާނެ ގޮތަކާމެދު ޚުދު ޖީލާން ވެސް ދިޔައީ ވިސްނަމުންނެވެ. އެގޮތަށް އެގެއަށް އައިސް އުޅުމުގެ ތެރޭގައި ސިޓިންގްރޫމްގައި އޭނާ އާއި ރާޔާ ވެގެން ހަރުކުރި ސެކުއިރިޓީ ކެމެރާމަތިން ޖީލާން ހަނދާންވާގޮތް ވިއެވެ. އަދި ވަކިން ރާޔާ އާއި ޔުނާލްގެ ކޮޓަރީގައި ވެސް ހަރުކުރި ކެމެރާތައްމަތިން އޭނާ ހަނދާންވިއެވެ. އެވާހަކަތައް އަވަހަށް ރާޔާއަށް އޭނާ ކިޔައިދިނީ އޭގައި އެރޭވީ ކަންތަކުގެ ހެކި ހުންނާނެކަމަށް ބުނަމުންނެވެ. ކެމެރާތައްމަތިން ރާޔާ ހަނދާންވީވެސް ދެނެވެ. ފިކުރުބޮޑުވެފައި ވީވަރުން އޭގެމަތިން އޭނާ ކުޑަކޮށްވެސް ހަނދާން ނެތީއެވެ. އެކެމެރާތައް ރާޔާ ގޭގައި ހަރުކުރީ ޚާލިދު ނެތް ވަގުތެއްގައެވެ. ރާޔާ ނެތީސް ޔުނާލްއަށް ކަމެއްވެދާނެކަމަށް ބަލައިފައެވެ.

އަވަސް އަރުވައިލައިފައި ޖީލާންއާ އެކުގައި އެތަކެތި ރާޔާ ޗެކް ކުރިއެވެ. ފަނޑުވިއަސް ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވީ އެރޭގެ ހުރިހައި މަންޒަރެއް އޭގައި ހުރިތަން ފެނިފައެވެ. ވަގުތުން އެހިފައިގެން ގޮސް އޭނާ އެމައްސަލަ ޕޮލިހަށް ހުށައެޅިއެވެ. އެންމެ ހިނދުކޮޅެއްވެސް އެއަނިޔާވެރީންނަށް ހަމަޖެހިގެން ތިބުމަށް ދޭކަށް ރާޔާ ބޭނުމެއްނުވިއެވެ. ހެކި އޮތުމުގެ ސަބަބުން ފުލުހުންގެ ތަހުގީގަށް ނުހަނު ފަސޭހަވިއެވެ. މައްސަލަބަލައި އެކަން ނިމިދިޔައީ ރާޔާ ހީކުރިވަރަށްވުރެ އަވަހަށެވެ. ދައިސް އާއި އެކުގައި ޚާލިދުވެސް ވަގުތުން ފުލުހުންގެ ބެލުމުގެ ދަށަށް ހާޒިރުކުރެވުނެވެ. ކޯޓުން މައްސަލަބަލައި ދެމީހުންގެ މައްޗަށް ޖަލު ހުކުމް އިއްވުމުން ކުޑަވިއަސް ހަމަޖެހުމެއް ރާޔާއަށް ލިބުނެވެ. އެއުފާވެރި ޚަބަރު ޔުނާލްއަށް ދިނުމުންވެސް އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ފައުޅެއް ނުވިއެވެ. އެގޮތުގައި ދުވަސްތައް ވޭތިވަމުން ދަނިކޮށް ޔުނާލް ބަލިވާންފެށީ ކުއްލިއަކަށެވެ. އެއްޗެއް އަރުތެރެއިން އެތެރެވާއިރަށް ހޮޑުލެވި މީހާ އެނބުރުން އަރާގޮތް ވަނީއެވެ. ޔުނާލް ގޮވައިގެން ޑޮކްޓަރަށް ދައްކަން ރާޔާ ދިޔައީ ގަދަކަމުންނެވެ. ހަދާނެ ގޮތް ހުސްވެ އިތުރުގޮތެއް ނުވިސްނުމުންނެވެ. ޔުނާލް ބަލިވެއިންކަމުގެ ޚަބަރު ލިބުނީ އެދުވަހުއެވެ. ހެދި ޓެސްޓްތަކުން އެކަން އެނގުމުން ރާޔާގެ ރިހޭފައި މައްޗަށް ފޮއެ ވެއްޓުނު ކަހަލައެވެ. ޔުނާލް ކުރަމުންދިޔަ ހިތާމަ ދެގުނަވީއެވެ.

ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ދިޔައެވެ. ދެތިން ފަހަރު އެ ހައްޔަރުން ސަލާމަތްވާން ހިތަށް އެރި ނަމަވެސް އެހިތްވަރު ކުރާކަށް ޔުނާލްއަކަށް ނުކެރުނެވެ. ބޭނުންނުވިއެއްކަމަކު ބަނޑުގައިވީ ކުޑަކުޑަ ފުރާނައާމެދުގައި އޭނާއަށް ފިކުރުކުރެވެއެވެ. ނޭނގޭ ޖަޒުބާތުތަކެއް އެ ތުއްތު ކުއްޖާއަކަށްޓަކައި ހިތުގައި އުފަންވިއެވެ. ކޮންމެފަދަ ހަނގުރާމައެއް ކުރަން ޖެހުނަސް އެފުރާނަ ދުނިޔެއަށް ގެންނަން އޭނާ ނިންމީ އެހެންވެއެވެ. ކޮއްކޮގެ ނިންމުމަށް އިހުތިރާމުކުރުން ނޫންހެން ގޮތެއް ރާޔާއަކަށް ނެތެވެ. ކޮންމެ ކަމެއްގައިވެސް އެއްބާރުލުންދޭން އޭނާ ހުރީ ތައްޔާރަށެވެ. ޔުނާލްގެ މިޒާޖަށް މާބޮޑު ބަދަލެއް ނަޔަސް ދުވަސް ގާތްވަމުން ދިޔަ ވަރަކަށް އެކަނިމައި އެކަނި ޚިޔާލަކަށް ގެއްލިހުރެ އޭނާ ހިނިތުންވާތީ ރާޔާ ދުއްޓެވެ. އެ ތުއްތު ފުރާނައާ ބައްދަލުވުމަށް ޔުނާލް އުއްމީދުކުރާވަރުފެނި އޭނާ ހައިރާންވެސް ވެއެވެ. ކޮއްކޮގެ މައުސޫމުކަން ވިސްނި އިތުރަށް ހިތަށް ތަދުވެއެވެ.

ޔުނާލްގެ ބަނޑަށް އަށްމަހުގައި ފެންވަރަން އުޅުމުގެ ތެރޭ ފާޚާނާތެރަށް ކައްސައިލައިގެން އޭނާ ވެއްޓުނެވެ. ބަނޑު ޖެހުނު ގޮތަކުން އެރި ތަދު ނުފިލާ އެމާރޖެންސީގައި އޭނާ ގެނެވުނީ ހޮސްޕިޓަލަށެވެ. ޑޮކްޓަރު ބެލުމަށްފަހު ވަގުތުން އިރުޝާދު ދިނީ ލަސްނުކޮށް އޮޕެރޭޝަންކޮށް ކުއްޖާ ނެގުމަށެވެ. ޔުނާލްގެ ހާލަތު ހިނދެއް ހިނދަކަށް ދައްވަމުން ދިޔައީތީއެވެ. ރާޔާއާ އެކުގައި އެހުރިހައި ކަމެއްގައި އެންމެ ގާތުން އުޅުނީ ޖީލާންއެވެ. ރޮވިފައި އިން ރާޔާއަށް ހިތްވަރުދޭން އޭނާ މަސައްކަތްކުރިއެވެ. އެހެނަސް ރާޔާގެ ކަންބޮޑުވުމާއި ނުތަނަވަސްކަން ފިލާގޮތެއް ނުވިއެވެ.

އޮޕެރޭޝަން ކުރަން ވެއްދިތާ އިރުކޮޅެއް ފަހުން ނަރުސްކުއްޖަކު ދޮރުހުޅުވައިލައިފައި ނުކުތެވެ. އެކުއްޖާގެ މޫނުމަތީގައިވި އަސަރުތަކުން އިންތަނުން ތެދުވެވުނު ގޮތްވެސް ރާޔާއަށް ނޭނގުނެވެ. އަވަހަށް އެކުއްޖާއާ ގާތަށް ޖެހިލަމުން ޔުނާލްގެ ހާލު އޮޅުންފިލުވުމަށް އުޅުނެވެ.

"ސޮރީ.. ވީ ޓްރައިޑް.. ބަޓް ވީ ކާންޓް ސޭވް ހާރ.. ޝީ ޑަޒްންޓް ހޭވް މަޗް ޓައިމް.. ވޯންޓްސް ޓް މީޓް ޔޫ.." ރާޔާގެ އަތުގައި ފިރުމައިލަމުން އެކުއްޖާ ބުނެލިއެވެ. އޭނާގެ މޫނުގައިވީ ހަމްދަރުދީއެވެ. އިވުނު ވާހަކަތައް ގަބޫލުކުރަން ދަތިވެ ރާޔާއަށް ދެފަރާތަށް ބޯހޫރައިލެވުނެވެ. އެކުއްޖާގެ ފަހަތުން އެތެރަށް ވަނީ ނުކެރިހުރެއެވެ. އޭރު ޔުނާލް އޮތް އެނދުގެ ވަށައިގެން ނަރުހުންނާ ޑޮކްޓަރުން ހަރަކާތްތެރިވަމުން ދިޔައެވެ. ވަރުބަލިވެފައި އޮތް މީހަކުފަދައިން ރާޔާއާ ދިމާއަށް ޔުނާލް އަތް ދިއްކޮށްލިއެވެ. އެއަތުގައި ހިފައި ބާރުކޮށްލެވުމާއެކު ރާޔާގެ ބަޑި ފަޅައިގެން ދިޔައެވެ. ހުރިހައި އިރު ހިފަހައްޓަމުންދިޔަ ކަރުނަތައް ދެލޮލުން އޮހޮރިގަތީ ހުއްދައެއްނެތިއެވެ. "ޕްލީޒް ޑޯންޓް ގޯ.." ޔުނާލްއަށް ބަލައިލަމުން ރާޔާއަށް ބުނެވުނީ ސިއްރެއް ފަދައިންނެވެ. އެއާއެކު ގަދަކަމުން ހިނިތުންވެލަން ޔުނާލް މަސައްކަތްކުރިއެވެ. އަމިއްލަ އަށްވެސް ދެން އޭނާއަށް މާ ވަގުތެއް ނެތްކަން ވިސްނުނީ ކަހަލައެވެ. ތަންކޮޅެއް ދުރުގައި ހުރި ނަރުސްކުއްޖެއްގެ އަތުގައި އޮތް ތުއްތު ކުއްޖާއަށް ޔުނާލް ބަލައިލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. ޔުނާލް ބަލައިލި ދިމާއަށް ރާޔާ ވެސް ބަލައިލިއެވެ. އެނާއަށް ހިންދިރުވައިލެވުނީ އެތުއްތު ތުއްތު ރުއިމުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ދެވަނަ ފަހަރަށް ޔުނާލްއަށް ރާޔާ ބަލައިލިއިރު ޔުނާލް ވެސް އޮތީ ރާޔާއަށް ބަލާށެވެ. އެދެލޮލުން ރާޔާ ގާތުގައި އެދެމުންދިޔައީ ކޮންކަމަކަށްކަން އެވަގުތު ބަސްމޮށުންތެރިކަމަކާ ނުލައިވެސް ރާޔާ ދެނެގަތެވެ. ތުންފިއްތައިލަމުން ލަސްލަހުން ރާޔާއަށް ބޯޖަހައިލެވުނީ ހަދާނެ ގޮތް ހުސްވެފައިވީ މީހަކު ފަދައިންނެވެ. ޔުނާލްގެ އެންމެ ފަހު ނޭވާ ދޫކުރީވެސް އެގޮތުގައި ލޯބިވާ ދޮންތަގެ އަތުގައި ހިފައިލައިގެން އޮވެއެވެ. އެހިނދުކޮޅު ރާޔާގެ މުޅި ދުނިޔެ އެފުށް މިފުށަށް ޖެހިގެންދިޔަ ކަހަލައެވެ.

*****

"އެ ހާދިސާއަށްފަހު ރައްޔުއަކީ ވެސް މުޅިން އެހެން މީހެއްފަދަ.. ޔުމްނު އަކީ އޭނާގެ މުޅި ދުނިޔެ.. އެއީ ޔުނާ އެންމެ ފަހުން ދޫކޮށްދިޔަ ހަނދާނަށްވީމަ.. އެއީ ކޮންމެ ގޮތަކަށް ލިބުނު ކުއްޖެއް ނަމަވެސް ޔުމްނު ދެކެ ރައްޔު އިންތިހާއަށް ލޯބިވަނީ ޔުނާއަށްޓަކާ.. ޔުނާގެ މަރުގެ ޚަބަރު ދޭން އެދުވަހު އަނޫކްއަށް ގުޅަން ރައްޔުއަށް މަޖުބޫރުވީ އެއީ އަނޫކްގެވެސް ކޮއްކޮއަށް ވީމަ.. ދެންވެސް ކަންތައްވީ ހުރިހާ ގޮތެއް އަނޫކްއަށް އޮޅުންފިލުވައިދޭން އޭނާއަށް ނުކެރުނީ.. ކޮންމެހެން ބުނަން ޖެހުނު އެއްޗެއް ރައްޔު ހާމަކުރީ އެހެންވެ.. ދައިސް ޖަލަށްލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭ އޭނާގެ ގާތުން ރައްޔު ވަރިވީ.. އިތުރަށް އެއިންސާނާއާ އެކު އެއްވެސް ގުޅުމެއްގައި ބަނދެވިފައި ހުންނަން ބޭނުން ނުވުމުން.. ޔުނާ.. ޔުނާ ނިޔާވިތާ ކުޑަ ދުވަސްކޮޅެއް ނުވަނީސް ޖަލުގައި ހުއްޓައި ހާރޓްއެޓޭކެއް ޖެހި ޚާލިދުވެސް ކުއްލި ގޮތަކަށް ނިޔާވީ.. އެޚަބަރު ދޭން ފުލުހުން ރައްޔުއަށް ގުޅި.. އެކަމަކު އެތަނަށް ދާން ރައްޔު ބޭނުންނުވީ އެއީ އެއާއިލާއާ އެއްވެސް ގުޅުމެއްހުރި މީހެއް ނޫންކަމަށް ބުނެ.." ޖީލާންގެ ވާހަކަތައް ނިންމައިލިއިރު ކޮންމެ މީހެއްގެ ދެލޯވެސްވީ ކަރުނުން ތެމިފައެވެ. ބުނާނެ އެއްޗެއް އެކަކުގެ ސިކުނޑިއަކަށް ވެސް ނުވިސްނުނެވެ. ހިމޭންކަން އެންމެންގެ މެދަށް ވެރިވި ހިނދު އަނޫކްގެ މަޑު ގިސްލުމުގެ އަޑު އިވިލިއެވެ. އެއަޑު އިވިފައި ޒައިވާގެ ހިތަށް އިންތިހާއަށް އަސަރުކުރިއެވެ. އަނޫކްއާ ގާތްވެލުމާއެކު އެއަތުގައި ހިފައި ޒައިވާއަށް ބާރުކޮށްލެވުނީ ގަސްދަކާ ނުލައެވެ.

(ނުނިމޭ)

Ads by Ooredoo
  1. ާަަާަާްަާސައީ

    ވަރަށް ރީތި، އަނެއް ބައިގެ އިންތިޒާރުގާ

  2. ޢިޒާން

    ވަރަށް ސަޅި

  3. ީފިފބުބުފބފފނރފ

    ޛދިނފިޖދ8ޖދުޖެ88ދޖދ7ފހޗ7ު4ރ3ިރޖރރފ

  4. ހައިމް

    އަޅެ ނޫން..
    އިތުރަށް ހަމަ ލޯތްބޭ ވެވެނީ..

  5. ވާއު. ކާންޓް ވެއިޓް ފޯ ދި ނެކްސްޓް ޕާޓް. ވަރަށް ރީތި މި ވާހަކަ

  6. ޒައި

    ވާހަކަ ވަރަށް ސަޅި. ކޮންމެ އަންގާރައެއްގަތޯ ނެރެނީ