ޚަބަރު ސިޔާސީ

މުޙައްމަދު އިސްމާޢީލް ހައްޔަރުކޮށްގެން ސަރުކާރަށް ހާސިލުވާނެ ހަމަ އެއްވެސްކަމެއް ނޯންނާނެ: ޝުޖާއު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އިބްރާހިމް ޝުޖާއު / ފޮޓޯ: ދެން އިމޭޖްސް

ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާޢީލް ހައްޔަރުކޮށްގެން ސަރުކާރަށް ހާސިލުވާނެ ހަމަ އެއްވެސްކަމެއް ނޯންނާނެކަމަށް މާލޭ ސިޓީ ކައުންސިލުގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މުޙައްމަދު އިސްމާޢީލް ހައްޔަރުކުރީ ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރަން މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ބަޔަކު އެ ތަނަށް ވަދެ ހިންގި ހަމަނުޖެހުމާ ގުޅިގެންނެވެ.

ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުޙައްމަދު އިސްމާޢީލް ހައްޔަރުކޮށްގެން ސަރުކާރަށް ހާސިލްވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި, މި ސަރުކާރަކަށް މުޙައްމަދު އިސްމާއިލް ޓެރަރިސްޓަކަށް ނުހެދޭނެ ކަމަށެވެ.

ޝުޖާއު ވަނީ ޣައިރުޤާނޫނީ އަމުރުތަކަށް ކިޔަމަންވި އެންމެން މި ވެރިކަން ބަދަލުވުމުން ހޯދޭނެކަމަށާއި, އެ އެންމެންނާ ޤާނޫނު އަރާ ހަމަކުރާނެކަމަށް ވެސް ވިދާޅުވެފައެވެ.

''‏އެ އެންމެންނާ ޤާނޫނު އަރާ ހަމަކުރާނެ. ތާއީދުނެތް ވެރިއެއްގެ ހިމާޔަތުގައި ތިބި އެންމެން މިކަންކަމަށް ފުންކޮށް ވިސްނާނެ ކަމަށް އުންމީދު ކުރަން. ދެން މާ ދުވަހެއް ނެތް.'' ޝުޖާއު ވިދާޅުވިއެވެ.

21 ވަނަ ދުވަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން މުޙައްމަދު އިސްމާޢީލް ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ބަންދަށް ދިނީ ހަތް ދުވަހެވެ. އެއަށްފަހު ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރިއެވެ. އަދި މި މަހުގެ ހަތްވަނަ ދުވަހު އޭނާގެ ބަންދަށް ވަނީ ބަންދަށް 30 ދުވަސް އިތުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ ނިންމުން ބާޠިލް ކުރުމަށް އޭނާގެ ވަކީލުން ފަރާތުން މިހާރު ވަނީ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ވެސް ކޮށްފައެވެ.

Ads by Ooredoo
  1. މޮޔަ ހަސަނު

    ހައްޔަރު ކުރަނި ކަމެއް ހާސިލްކުރާކަށް ނޫން! ކުށެއް ކޮށްގެން އަދަބު ދޭން!