އިޔާޟް, ރައީސް ޞާލިޙަށް: ފާހިޝް ކަންކަން ނުހުއްޓުވައި ދެވަނަ ދައުރެއްގެ ވާހަކަ ނުދައްކަވާ
ފާޙިޝް ޢަމަލުތައް ނުހުއްޓުވައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދެވަނަ ދައުރެއްގެ ވާހަކަ ދެއްކެވުން ރަނގަޅު ނޫންކަމަށް ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ރޭ ޑރ.އިޔާޟް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ރައްޔިތުން ރައީސް ޢަބްދުﷲ ޔާމިނުގެ ސަރުކާރަށް ނޫނެކޭ ބުނެ ރައީސް ޞާލިޙްގެ ސަރުކާރު ގެންނަން ވޯޓު ދިން އެއް ސަބަބަކީ މީހުން ފްރޭމްކޮށް ޖަލަށްލުމާއި ވާނުވާ ޖަހާފައި އެތައް ދުވަހަކު ޖަލު ބަންދުގައި ބޭތިއްބުން ހުއްޓުވުން ކަމަށެވެ. އެކަމަކު މި ސަރުކާރުން އެ ކަންތައް ތަކުރާރު ކުރަން ފަށައިފި ކަމަށް އިޔާޟް ވިދާޅުވިއެވެ.
ޔޯގާ ދުވަސް ފާހަގަކުރަން މިދިޔަ މަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެ ތަނަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ޝައިޚް ފަޟްލޫން މުޙައްމަދު ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ. އިޔާޟް ވިދާޅުވީ ހަމަނުޖެހުން އުފައްދައި ޓެރަރިޒަމަށް އެހީތެރިވާ ބައެއްކަމަށް ފްރޭމްކޮށްގެން ޝައިޚް ފަޟްލޫނާއި ޝައިޚް ނިޝާން ޖަލުގައި ބަންދުކޮށް އެކަކު މިނިވަންވުމުން މި ފެންނަނީ އަނެއްކާ އަލުން ހައްޔަރުކުރަން މަސައްކަތް ފެށި މަންޒަރު ކަމަށެވެ.
އިޔާޟް ވިދާޅުވީ މުޖުތަމަޢުގައި ފެތުރިފައިވާ ފާޙިޝް ޢަމަލުތައް ހުއްޓުވުމަށްވުރެ ބޮޑަށް ނުފެންނަ ކަމަށް ހެދިގެން އުޅޭކަހަލަ ގޮތަކަށް ރައީސް ޞާލިޙްގެ ޢަމަލުތައް ފެންނަ ކަމަށެވެ. އަދި އެ ކަންތައްތައް ރަނގަޅުނުކޮށް ރައީސް ޞާލިޙް ދެވަނަ ދައުރެއްގެ ވާހަކަ ދެއްކެވުން ރަގަޅު ނޫންކަމަށް ވެސް އިޔާޟް ވިދާޅުވިއެެވެ.