ޚަބަރު ސިޔާސީ

''ސިޔާސީ ގޮތުން ހަތުރުން, ދީނިއްޔަތުގައި މިތުރުން'' : މައުމޫނުގެ ރައުޔަށް ނަޝީދުގެ ތާއީދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ނަޝީދާއި މައުމޫން. ފޮޓޯ: ރައީސް އޮފީސް

ޝިރުކު އެކުލެވިގެންވާ ޔޯގާގެ ޙުކުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް ''އެއްގަލަކަށް'' އަރުއްވައިފިއެވެ.

Ads by Hajj Corporation

ރައީސް މައުމޫނުގެ މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ފަރާތުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދީނީ ބައެއް ކަންކަމުގައި މުޖުތަމަޢުގައި ޚިޔާލު ތަފާތުވުން އުފެދޭ ގޮތަށް ދީނީ ނަަޒަރުން ރައުޔުތައް ނެރުން ޢާންމުވެފައިވާ ކަމަށެވެ. އަދި އެފަދައިން ނެރޭ ބައެއް ރައުޔުތަކަކީ އިސްލާމީ އުސޫލުތަކާ އެކަށޭނަ ދިރާސާއަށްވުރެ, އެ ރައުޔު ނެރޭ ފަރާތުގެ އަމިއްލަ ވިސްނުމަށް ބިނާކޮށް ނެރޭ ރައުޔުތަކަށްވެފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނާއެކު ވަނީ ރައީސް މައުމޫނުގެ ލިޔުމެއް ވެސް ޢާންމުކޮށްފައެވެ. ''ޙަރާމްވާނީ ހަމައެކަނި މާތް ﷲ ޙަރާމްކުރެއްވި ކަންތައްތަކެވެ.'' މި މައުޟޫޢުގެ ދަށުން މައުމޫން ލިޔުއްވި އެ ލިޔުމުގައި ވަނީ ޔޯގާއާއި މިއުޒިކާއި އުފަން ދުވަސް ފާހަގަކުރުން ފަދަ ކަންކަމަކީ ޙަރާމްކަމެއް ނޫން ކަމަށް ބަޔާންކުރައްވައިފައެވެ.

އެމްއާރްއެމްގެ ބަޔާން ރީޓްވީޓް ކުރައްވައި ނަޝީދު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ''އެމްއާރްއެމްގެ ބަޔާނަށް އަޅުގަނޑު ފުރިހަމައަށް ތާއީދުކުރަން'' މިހެންނެވެ.

މި މައްސަލައިގައި ރައީސް ނަޝީދު މީގެ ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔޯގާއަކީ ޝިރުކެއްކަން ދަންނަ ބޭކަލުންގެ އިޖުމާޢުއެއް ނުވާ ކަމަށެވެ.

''ވަކި ބައެއްގެ ފަލްސަފާއަކީ ދީނުގެ ޙުކުމެއްކަމަށް ބަލައިގަންނަން ދަތި'' މި މަހުގެ 26 ގައި ނަޝީދު ވިދާޅުވިއެވެ.

ޔޯގާއަކީ އޭގައި ޝިރުކު އެކުލެވިގެންވާ ކަމެއް ކަމަށާއި އެއީ މުސްލިމުން ބައިވެރިވުން ހުއްދަކަމެއް ނޫން ކަމަށާއި އެއީ ޙަރާމްކަމެއް ކަމަށް ރާއްޖޭގެ 104 ޢިލްމުވެރިން ނެރުއްވި ފަތުވާގައިވަނީ ބުނެފައެވެ. އޭގެ އިތުރުން ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ވެސް ވަނީ ޔޯގާއަކީ ޙަރާމްކަމެއް ކަމަށް އިއްތިފާޤުވެވަޑައިގެންފައެވެ. ހަމައެހެންމެ އެއީ ޙަރާމް އެއްޗެއްކަމަށް ވިދާޅުވެ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ދީނީ ޢިލްމުވެރިން ގެންދަވަނީ އެކަން ބަޔާން ކުރައްވަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސިޔާސީ މައިދާނުގައި ނުވަތަ ވެރިކަމާ ''ބަގުޑިބެއްދުމުގައި'' މައުމޫނާއި ނަޝީދަކީ ދެ ''ހަތުރުން'' ނެވެ. އެކަމަކު ދީނީ ކޮންމެ ކަމެއްގައި އެ ދެ ބޭފުޅުން އިއްތިފާޤުވެވަޑައިގަންނަވައެވެ.

ދާދިފަހުން ޝައިޚް އަޙްމަދު ސަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިޖުމާޢުއެއް ނެތްކަމުގައި ބުނެ ކޮންމެ ކަމެއްގައި ވެސް ''އިޚްތިލާފީ މައްސަލައެއް'' ކަމުގެ މަކަރުވެރި ލިބާސް ލައްވައި, ދީނަކީ ކުޅިވަރެއްކަމުގައި ހެދުމަކީ ލާދީނިއްޔަތުގެ އަހުލުވެރިން ''އިޖުމާޢު'' ވާ ނުކުތާއެއް ކަމަށެވެ. އަދި އެހެން ހުރިހާ ކަމެއްގައި އެ އުރެންނަކީ ''ހަތުރުވެރިން'' ކަމުގައި ވީ ނަމަވެސް މިފަދަ ކަންކަމުގައި އެ މީހުންގެ ރައުޔު އެއްގޮތް ކަމަށެވެ.

Ads by Allied Insurance
  1. ބަޔެއްމީހުން 30 އަހަރުވަން ދެކަށް ވެރިކަން ކުރީ ބަނގުރާ ގުދަނާއި އޫރުމަސް ގުދަންކޮށް އޭގެ ވިޔަފާރި ހުއްދަދީގެން، ރިބާބޭންކު އުފައްދާ ރިބާ ކެހުން ހުއްދަ ދީގެން !