ވާހަކަ މުނިފޫހިފިލުވުން

ފޯވީތީ މިހިތް ކަރުނުން ( އެގާރަވަނަ ބައި)

އަޒްކީ ، ދެން އޮންލައިން

" އާރ ޔޫ އޯކޭ.. " ސަނަމްއާ ދިމާލަށް ބަލައިލަމުން ނިއަލް އެހިއެވެ. އެހިނދު ރަނަކްއާއި މިކައިލާ ހައިރާންވެފައި ސަނަމްއާ ދިމާލަށް ބަލައިލިއެވެ. ސަނަމް ހިނިތުންވާން މަސައްކަތް ކުރަމުން ބޯޖަހައިލިއެވެ. އޭނާގެ މޫނުމަތިން ހިސާބެއްގެ ކަންބޮޑުވުން ފެންނަން ހުއްޓެވެ.

Ads by Sosun Fihaara

" ކިހިނެއްވީ؟ ނިއަލް ދަންނަންތަ ސަނަމް..؟ " ރަނަކް އެހިއެވެ.

" ނޫން... " ނިއަލް ޖަވާބު ދިނެވެ.

" އެއީ ދެންމެ ފާހަނައިން ނިކުތްތަނުން ފާޑެއްގެ މީހެއް އައިސް ޖެހިގަނެފަ ދިޔައީ.. އެގަޑީ ވެއްޓެން އުޅެނިކޮށް ހީ ހެލްޕްޑް މީ.. " ވީގޮތް ކިޔައިދިނީ ސަނަމްއެވެ. ރަނަކްގެ ހިތުގައި ނިއަލްއަށް ދެވިފައިވާ އިޙުތިރާމާއި ޤަދަރު އިތުރުވިއެވެ.

" އޯހް.. ދެޓްސް ސޯ ނައިސް އޮފް ޔޫ ނިއަލް.. އަހަރެމެންގެ ރަޙުމަތްތެރިޔާއަށް އެހީތެރިވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ.. " ރަނަކް ހީނލަމުން ބުންޏެވެ. އެއީ ކަމެއް ނޫން ކަމަށް ބުނެ ނިއަލްވެސް ހިނިތުންވެލިއެވެ.

*************

އެކި ވާހަކައިގައި ތިބެގެން ކަމުން ދިޔައިރު ވަގުތު ދާ ގޮތެއް ވެސް އެމީހުންނަށް ރޭކާނުލައެވެ. ސަނަމް ފިޔަވައެވެ. ކާ ހިތް ކެނޑި އިރުއިރުކޮޅާ ގަޑިއަށް ބެލެމުން ދިޔައީ ސިލްމާއާ މެދުގައި ވިސްނޭ ވަރުންނެވެ. ސިލްމާ ކައިރީގައި މައުރާ ބައިންދާފައި އައި ނަމަވެސް އެގޮތަކީ ސަނަމް އެހާ ހިތްހަމަޖެހޭ ގޮތެއް ނޫނެވެ. ސިލްމާގެ ސަބަބުން އެއްވެސް މީހަކަށް އުނދަގޫވާކަށް ސަނަމް ނޭދެއެވެ.

" ސަނަމް... ކާއެއްޗެހި ނުބައީތަ؟ " މިކައިލާ އަހައިލިއެވެ.

" ހަވީރު ސައިބުއީމަ މާބޮޑަށް ބަނޑުފުރިފައި ހުރީމަ ނުކެވިގެން މިއުޅެނީ.. " ސަނަމް ބުންޏެވެ.

" ހެއި ރަނަކް!! އަހަރެން އެބަޖެހޭ ވަރަށް މުހިންމު ކަމަކު ތަނަކަށް ގޮސްލަން.. ދެން މިރެއަށް ނިންމާލާފަ ހިނގާ ދޯ ގެއަށް ދާން.. " ނިއަލް ބުންޏެވެ. އެކަމާ އެއްބަސްވަމުން ރަނަކްއާއި މިކައިލާވެސް އެއްޗެއް ބުނެލިއެވެ. ވެއިޓަރު ކައިރީގައި ބިލް ގެންނަން ބުނީ ނިއަލްއެވެ. ކެއުމަަށް ފައިސާވެސް ދެއްކީ އޭނާއެވެ. ނިއަލްއާއި ރަނަކް ކުރީގައި ތިބެގެން ހަތަރު މީހުން އެކީގައި ހިނގާލާފައި ގޮސް ރެސްޓޯރެންޓުން ނިކުތެވެ. ބާއްޖަވެރި ރެއަކަށް އެދެމުން ނިއަލް އޭނާގެ ސައިކަލަށް އަރާ ނައްޓާލިއެވެ.

" މިކީ.. އަހަރެންނަށް ލޯބިވެވިއްޖެ ކަންނޭނގެ.. " ނިއަލް ދިޔަ ދިމާލަށް ބަލަން ހުރުމަށްފަހު ރަނަކް ބުނެލި ގޮތުން މިކައިލާއަށް ހެވުނެވެ.

" ތިހާ އަވަހަށް ލޯބިވޭތަ؟ " މިކައިލާ ބުންޏެވެ.

" ވެވިދާނެ..... ފުރަތަމަ ނަޒަރުންވެސް ލޯބިވެވިދާނެ.. " ސަނަމް އެހެން ބުނެލިއިރު އޭނާގެ ހިތުގައި ކުރެހިފައިވީ އައިދްގެ ތަސްވީރެވެ. އައިދް އޭނާއަށް ބަލާލާ ގޮތެވެ. އެބަލައިލުމުން ސަނަމްގެ ހަށިގަނޑުގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހޭ ގޮތާއި އޭނާގެ ތުންފަތަށް ވެރިވާ ލަދުރަކި ހިނިތުންވުމެވެ. ގެއަށް ދިޔަ މަގުމަތީގައި ރަނަކްގެ ދުލުން ހުއްޓާ ނުލާ އިވެމުން ދިޔައީ ނިއަލްގެ ވާހަކައެވެ. ނިއަލްއަކީ ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުން ދާ މީހެއް ކަމާއި މުއްސަނދި ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅުކަން ރަނަކް އެމީހުންނަށް ބުނެދިނެވެ. އެދެމީހުން ދިމާވީ މީސްމިޑިއާގެ ޒަރިއާއިން ކަމާ ފުރަތަމަ ރަނަކްއާ ވާހަކަ ދައްކަން ފެށީ ނިއަލް ކަމުގައި ބުންޏެވެ.

ގެއަށް އާދެވުމާއެކު ރަނަކްއާއި މިކައިލާއަށް ޝުކުރުއަދާކޮށްފައި ސަނަމް ގޮސް ކޮޓަރިއަށް ވަނެވެ. ސިލްމާ އެކަނިން އިންތަން ފެނި މައުރާ ކޮބައިތޯ ސަނަމް ސުވާލުކުރިއެވެ. ތީން މައުރާއަށް ގޮވައި ގެންދިޔަ ވާހަކަ ބުނުމުން އެއީ ތީން ގަސްދުގައި ކުރިކަމެއްހެން ސަނަމްއަށް ހީވިއެވެ. ސަނަމް އޭނާ ގަނެގެން ގެނައި އެއްޗެހިތައް ސިލްމާއަށް ދައްކަމުން ދިޔައެވެ. ގިނަ އެއްޗެހި ގަނެދިނީ ހަދިޔާއެއްގެ ގޮތުން ރަނަކް ކަމުގައި ބުންޏެވެ. އެހުރިހާއިރު ސިލްމާގެ ފަރާތުން ތަފާތު ހިމޭން ކަމެއް ފާހަގަވެ ކިހިނެއްވީތޯ ސަނަމް ސުވާލުކުރިއެވެ. އޭނާ ލަސްވުމުން ހިތްހަމަނުޖެހުނީ ކަމަށ ހީކޮށް  ސިލްމާ ކައިރިން މައާފަށް އެދުނެވެ.

" ވިޔަފާރިކޮށް ނިންމާފަ އެމީހުން ބޭނުންވީ ކާން ދާން.. އަހަރެންނަށް ނުކެރުނު ނޫނެކޭ ބުނާކަށް.. " ސަނަމް އިތުރަށް ބުނެދިނެވެ.

" މަންމަ ރުޅިއެއް ނާދޭ ސަނަމް ދެކެ.. ދަރިފުޅު ހިތްހަމަޖެހޭ ކަމެއް ކޮށްލީމަ މަންމަ ކީއްވެ ރުޅި އަންނަންވީ..؟ " ސިލްމަ ބުންޏެވެ.

" ދެން އެހެންވީއިރު މަންމައަށް ކިހިނެއްވެފަ ތިއިންނަނީ.. ؟ ހުން އަންނަނީތަ؟ " ސަނަމް ތެދުވެގެން އައިސް ސިލްމާ ކައިރީގައި އިށީނދެ ނިތްކުރީގައި އަތް ޖައްސާލިއެވެ.

" ނޫނެކޭ ދަރިފުޅާ.. އެހާ އަވަހަށް ކަންބޮޑުނުވެބަލަ...!! " ސަނަމްގެ އަތްތިރިކޮށްލަމުން ސިލްމާ ބުންޏެވެ. އެއަށްފަހު އެއަތްތިލައިގާ ބާރަށް ހިފަހައްޓާލައިފިއެވެ. " ސަނަމް!! މަންމަ ބޭނުން ދަރިފުޅު ކައިރީގައި މުހިންމު ވާހަކައެއް ދައްކަން.."

" ކިހިނެއްވީ އަނެއްކާ..؟؟ މީހަކު މަންމައާ ދިމާލަށް އެއްޗެއް ބުނީތަ؟ ތީން އެއްޗެކޭ ބުނީތަ؟ " އަވަސް އަވަހަށް ސަނަމް އަހައިލިއެވެ. ސިލްމާ ދެފަރާތަކަށް ބޯހޫރައިލިއެވެ.

" އިހަށް އެވާހަކަ ދެއްކުމުގެ ކުރިން މަންމަ ބޭނުން ސުވާލެއް ކޮށްލަން.. ދަރިފުޅު އަވަސް މުސްތަޤުބަލެއްގައި މީހަކާ އިންނަން ގަސްދު ކުރަންތަ؟ " ސިލްމާ އަހާލިއެވެ. ސަނަމް އިސްޖަހައިލިއެވެ.

" މަންމާ.. ނޭނގެ ކީއްވެ ކަމެއް.. އައިދް ނޫން އެހެންމީހަކާ ދޭތެރޭ ވިސްނާލެވުނަސް ހީވަނީ ބޮޑު ކުށެއް ކުރެވޭހެން.. ނީންނާކަށް ނޫން.. އެކަމަކު ފާޑަކަށް އުނދަގޫވަނީ.. އެހެންނޫނަސް އަހަރެން ކަހަލަ ހުވަފަތް ވެފައިވާ މީހަކާ އިންނާނީވެސް ކާކު...؟ " ސަނަމް ބުންޏެވެ.

" ޒުވާން އުމުރުގައި ތިގޮތަށް ހުވަފަތްވުމަކީ އެކަމުގެ އަދަބު ދުނިޔެއުމުރު ތިމާއަށް ލިބެންޖެހޭނެކަމަށް ހީކޮށްގެން ހުންނަންޖެހޭ ކަމެއް ނޫން އެއީ ތިމާގެ ކުށުންވީ ކަމެއްނޫން. އެއީ ﷲ ގެ ނިޔާފުޅު. ދެވަނަ ފަހަރަށްވެސް އަދި ތިންވަނަ ފަހަރަށްވެސް ކައިވެނި ކުރެވޭނެ މަގު ތަނަވަސްވެފައި ވަނިކޮށް އެކަމަށް ފުރަގަސްދޭ އެއްޗެއް ނޫން. އެއީ ތިމާ ފާފަވެރިވެދާނޭ ކަމެއް. އުފަލަކީ ކޮންމެ އިންސާނަކަށްވެސް ޙައްޤު އެއްޗެއް. އެހެންވީމަ އެ އުފާވެރިކަން ހޯދަން މަސައްކަތްކުރަންވާނެ." ސިލްމާ ބުންޏެވެ.

" ކިހިނެއްވީތަ މަންމަ އަނެއްކާ ކުއްލިއަކަށް ތިވާހަކަ ތިދައްކަނީ..؟ "

" މީގެ އިރުކޮޅެއްކުރިން ޝަޖާހުގެ ދެމަފިރިން މިކޮޓަރިއަށް އައި.. އެމީހުން ބޭނުންވަނީ....... އެމީހުންގެ ޅީދަރިއަކަށް ސަނަމް ހަދަން.. އެމީހުން އެދެނީ ރޫވިންއާ ސަނަމް ކައިވެނިކުރަން.. " ސިލްމާގެ ވާހަކަ އިވިފައި ސަނަމް މަޑުމަޑުން ސިލްމާގެ އަތުތެރޭގައި އޮތް އޭނާގެ އަތް ދަމައިގަތެވެ.

" މިގޭ މީހުންނަކީ ވަރަށް ރަނގަޅު ބައެއް މަންމާ.. ރަޙުމު ހީވެ، ހަމްދަރުދީވެގެން އެމީހުން ކޮންމެފަދަ ކަމެއްވެސް ކޮށްދީފާނެ.. އަހަރެން ކިހިނެއް އެކަމަށް އާނ ބަސް ބުނާނީ.. ކާކު ބޭނުންވާނީ އެމީހެއްގެ އަލަތުކައިވެނި ހުވަފަތް މީހަކާ ކުރަން.. "

" ހެޔޮނުވާނެ ސަނަމް... ތިކަހަލަ ވާހަކަ ނުދައްކާ..!! މަންމަގެ އުމުރުން ދުވަހަކަށްވުރެ ދުވަހެއް މައްޗަށް ދާއިރު މަންމަގެ އޮތީ އެންމެ އެދުމެއް.. އެއީ ހެޔޮލަފާ މީހަކާ ރަނގަޅު ކައިވެންޏެއް ކުރެވި އުފަލުގައި ދިރުއުޅޭތަން ދުށުން.. ރޫވިންއަށް ވުރެ ރަނގަޅު ކުއްޖަކާއި މިފަދަ އާއިލާއެއް ސަނަމްއަށް ލިބޭނެހެން ހީވޭތަ؟ " ސިލްމާގެ އަޑުގައިވީ އާދޭހެވެ. ސަނަމް ފުންނޭވައެއް ދޫކޮށްލިއެވެ.

" އަހަރެންނަށް ވިސްނާލަން ވަގުތު ދީ.. " ސަނަމް ބުންޏެވެ.

" މީހުން ބުނެއެއްނު އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނޭ. މިހާރު ތިވަނީ އުސްގަނޑަކާ ހަމައަށް ދިޔުމުގެ މަގުމަތީގައި. ހިތްވަރުކޮށް ކުރިއަށްދޭ. އެއްވެސް އަޅަކަށް އެކަލާނގެ ދެރަގޮތެއް މިންވަރު ނުކުރައްވާނެ. އެއްގޮތަކަށްވެސް ބިރުގަންނާނެ ކަމެއްނެތް. ހުރިހާ ފަހަރަކު އެއްގޮތެއްނުވާނެ. އަދި އެއްގޮތް ވިޔަސް އެކަމުގައި އަހަރެމެން އިންސާނުންނަށް ކުރެވޭނެ އެއްވެސްކަމެއް ނޯންނާނެ. ދެވަނަ ފަހަރަށް އަދި ތިންވަނަ ފަހަރަށް ކައިވެނި ރޫޅުނަސް ނޫނީ އެހެންކަމެއް ދިމާވިޔަސް ކައިވެނި ކުރެވޭނެ މަގު ފެންނަން އޮތްނަމަ އެމަގަކުން ކުރިއަށްދޭ. އެންމެ މޮޅު ގޮތަކީ އިސްތިޚާރާކުރުން. " ސިލްމާ ނަސޭހަތްތެރިވިއެވެ. ސަނަމް ބޯޖަހައިލުމަށްފަހު އިންތަނުން ތެދުވެގެން ގޮސް ބާޒާރު ކޮށްގެން ގެނައި ކޮތަޅުތައް ނަގާ އަލަމާރިއަށް ލިއެވެ. އެއަށްފަހު ތުވާލި ހިފައިގެން ގޮސް ފާހާނާއަށް ވަނެވެ.

*****************

ސިލްމާގެ ބިއްދޮށުގައި އެނދުގައި އޮށޯވެލިތަނުން ސަނަމްގެ ފޯނެއް މެސެޖެއް އައި އަޑުއިވުނެވެ. ތެޅިގަނެފައި އަވަހަށް ބަލައިލީ އެލްގެ މެސެޖަކަށް އުއްމީދުކޮށްގެންނެވެ. އުއްމީދު ކުރި ގޮތާ އެއްގޮތަށް އެލްގެ މެސެޖެއް އައިސްފައިވާތަން ފެނުމުން ސަނަމްގެ ތުންފަތްމަތިން ހިނިތުންވުމެއް ފެނިގެން ދިޔައެވެ.

" ސޮރީ ފަހުން ޙަބަރެއް ނުވެވުނީމަ.. ވަރަށް ބިޒީކޮށް އުޅޭތީ.. ހީކުރަން ސަނަމްގެ ހާލު ރަނގަޅުވާނެ ކަމަށް.. މިހާރުވެސް ވަރަށް ބުރަކޮށް މިއުޅެނީ.. ފަހުން ހަބަރެއްވެލާނަން.. ޓިލް ދެން ޓޭކް ކެއަރ.. " އެލް ފޮނުވި މެސެޖް ސަނަމް ކިޔައިލިއެވެ. މާގިނަ ސުވާލުތަކެއް ނުކޮށް ސަނަމްވެސް އޯކޭ ޖެހުމަށްފަހު މެސެޖް ފޮނުވާލީ ބުރަކޮށް އުޅޭ ވަގުތުގައި އުނދަގޫ ނުކުރަން ވެގެންނެވެ. ނިދުމުގެ ކުރިން ކިޔާ ޒިކުރުތައް ކިޔުމަށްފަހު ނިދަންވެގެން ލޯމަރައިލި ތަނުން ސިލްމާ ކެއްސަން ފެށިއެވެ. ކުރަކިވެފައި އަޑުން ފެންފޮދެއް ދޭށޭ ބުނުމުން ސަނަމް ތެދުވިއެވެ. ސައިޑް ކަބަޑުމަތީގައި ހުރި ޖަގު ނެގިއިރު ހުސްވެފައި ހުރުމުން ސަނަމް ޖަގު ހިފައިގެން ކޮޓަރިން ނިކުންނަން ދިޔައެވެ. ދޮރު ހުޅުވާލިއިރު އެއްފަރާތު ފާރު ކައިރީގައި ހުރި ރޫވިން ފެނިފައި ސަނަމްއަށް ލިބުނީ ސިހުމެކެވެ. ސަނަމް ފެނުމާއެކު ރޫވިން އިސްޖަހައިލަމުން ޖީބަށް އަތް ކޮއްޕާލިއެވެ.

" ސަނަމްއާ ބައްދަލުކޮށްލަން އައިސްފަ ޓަކި ޖަހާލަން އުޅެނިކޮށް ތިނިކުތީ.. " ރޫވިން ބުނެލިއެވެ.

" މިގަޑީގަ..؟ ކީއްކުރަން..؟؟ " ސަނަމް ރޫވިންއަށް ފަސްދިނެވެ.

" މުހިންމު ވާހަކައެއް ދައްކާލަން އޮތީމަ.. ހެނދުނުވަންދެން ވެސް މަޑު ނުކުރެވޭނެތީ.. މިހާރު ސަނަމްއަށްވެސް އެނގިފަ ކަންނޭނގެ އޮންނާނީ ބައްޕަމެން ބޭނުންވާ ގޮތުގެ ވާހަކަ... " ރޫވިން ބުންޏެވެ.

" ހުމްމްމް.. ދެން..؟ " ސަނަމް ބުނެލިއެވެ.

" ސަނަމް އެމީހުންނަށް ޖަވާބެއް ދިނުމުގެ ކުރިން އަހަރެން ބުނެލަން ބޭނުން ވާހަކައެއް އެބައޮތް.. މިކަމުގަ ސަނަމްއަށް އެއްވެސް މަޖުބޫރީއެއް އޮތްކަމަށް ދެކިގެން ނުވާނެ.. ފަހަރެއްގައި ހީވެދާނެ ބައްޕަ ސަނަމްއަށް ކޮށްދިން ކަންތަކުގެ ބަދަލު އެދެނީއޭ.. އެހެނެއް ނޫން.. ބައްޕައަށް ސަނަމް ވަރަށް ކަމުގޮސްގެން ކައިވެނީގެ ވާހަކަ ދެއްކީ.. ފަހަރެއްގައި ބައްޕަކޮށްދިން ހެޔޮ ކަންތައްތަކުގެ ބަދަލުގައި ސަނަމް ބޭނުންވެދާނެ އާއެކޭ ބުނަންވެސް.. އެކަމަކު އެހެން ނުހެދުން އެދެން.. އަހަރެން ބޭނުންވަނީ އަހަރެން ނޫނީ އަހަރެންގެ ހުރި ކަމުދާ ސިފަތަކެއްގެ ސަބަބުން ސަނަމް ކައިވެންޏަށް އެއްބަސްވާން.. ކޮންމެ ގޮތެއް ވިޔަސް ސަނަމް ދޭ ޖަވާބެއް ވަރަށް ވިސްނާފަ ދޭތި.. ކޮންމެ ޖަވާބެއް ދިނަސް މިގޭ އެންމެންގެ ހިތްވެސް ސަނަމްއަށް ހެޔޮވާނެ.. " ރޫވިން ބުންޏެވެ. ސަނަމް ފުން ނޭވައެއް ދޫކޮށްލުމަށްފަހު ބޯޖަހައިލުމުން ރޫވިން އެނބުރި ދާން ހިނގައިގަތެވެ.

***************

ކޮޓަރިއަށް އައިސްވަން ފިރިހެން މީހާ އާ ދިމާލަށް އެނދުގައި އިން އަންހެންމީހާ ލޯ އަޅައިލިއެވެ. އޭނާ ހިތްހަމަނުޖެހިފައިވާ ވަރު މޫނުމަތިން ހާމަވާން ހުއްޓެވެ.

" އެއަންހެނާ ކައިރިއަށް ގޮސްފައި ދޯ މިރޭވެސް ތިއައީ.. ތިކަން ހުއްޓާށޭ ބުނެފީމެއްނު.. ކިތަންމެ ވަރެއް ވިޔަސް އަހަރެން އޭނާއާ ގަބޫލެއް ނުވާނަން... " އަންހެން މީހާ އިންތަނުން ތެދުވަމުން ބުންޏެވެ.

" މަންމަ ކިތަންމެ ހިތްހަމަނުޖެހުނަސް މިކަމެއް ނުހުއްޓޭނެ.. ނުވެސް ހުއްޓުވޭނެ.. ކޮންމެ ގޮތެއް ވިޔަސް މަންމައަށް ނިމުނީނު ބޭނުންވާ ގޮތަށް ކަންތައް ވަނިކޮން.. އަހަރެންގެ ޕާސަނަލް ލައިފާ ބެހުމުގެ ހައްޤު މަންމައަކަށް ލިބިގެނެއްނުވޭ.،. " ފިރިހެންމީހާ ބުންޏެވެ.

" ނޫނޭވާ ސާބަސް.. އެއަންހެނާގެ އަވައިގާ ޖެހި އަހަރެންނާ ދިމާލަށްވެސް ބޭނުން އެއްޗެއް ކިޔަން ފެށީތަ؟ އޭނަގެ ކިބައިން ކަލެއަށް ކޮންކަމެއް ފެނިގެން ތިވަރު ތިވަނީ.. " އަންހެންމީހާ ވާހަކަ ދެއްކީ މަޑުން ނަމަވެސް އެއަޑުގައިވީ އިންތިހާއީ ރުޅިއެވެ.

" މަންމައަކަށް ނުވިސްނޭނެ.. އަހަރެން އޭނަ ދެކެ ވަނީ ހަޤީޤީ ލޯބި.. އޭނައަށް ދުވަހަކު އަހަރެންގެ އަނބިމީހާގެ މަގާމު ނުލިބުނަސް އަބަދުވެސް އަހަރެންގެ ލޯބިވެރިއެއްގެ ގޮތުގައި ހުންނާނީ އޭނަ.. ކޮންމެ ރެއަކު އަހަރެން އަންނައިރު ތިގޮތަށް އަހަރެންގެ ކޮޓަރީގަ ނުއިނުން އެދެން.. އަހަރެން ވަރަށް ނިދި އައިސްފައި މިހުރީ.. ޕްލީޒް ލީވް.. " ފިރިހެންމީހާގެ އަޑުގައިވީ ރުންކުރު ކަމެވެ. އަންހެންމީހާ ދަތްކުޑިވިކާލާފައި އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ގުންފައި ޖަހަމުން އެތަނުން ނިކުތެވެ.

******************

ހެނދުނު ސައި ބޮއެ ނިމުނުތަނުން އޭނާ އާ އެކީ ތަނަކަށް ދިއުމަށް ސަނަމް ގާތުން ޝަޖާހު އެދުނެވެ. ސިލްމާ އެކަނިން ބައިންދާފަ ދެވެން ނެތް ވާހަކަ ބުނެ ސަނަމް އުޒުރުވެރިވިއެވެ. ނަމަވެސް ސިލްމާވެސް ގޮވައިގެން ދާ ވާހަކަ ޝަޖާހު ބުނުމުން ސަނަމް ޖެހުނީ އެއްބަސް ވާށެވެ. ކޮންތާކަށްތޯ އެހުމުން ޝަޖާހު ބުނީ އެއީ ސަޕްރައިޒެއް ކަމުގައެވެ. ހަތަރުބުރީގެ އިމާރާތެއްގެ ކުރިމައްޗަށް ކާރުމަޑުކޮށްލުމާއެކު ފުރަތަމަ ކާރުން ފޭބީ ޝަޖާހުއެވެ. އެއަށްފަހު ސިލްމާ ބާލުވަން އެހީތެރިވެދިނެވެ. ސިލްމާއާއި ސަނަމް ގޮވައިގެން ލިފްޓަށް އެރުމަށްފަހު ޝަޖާހު ފިތައިލީ ތިންވަނަ ފަންގިފިލާއަށް ދިއުމަށެވެ. ލިފްޓުގެ ދޮރު ހުޅުވުމާއެކު ސިލްމާގެ ގޮނޑި ކޮއްޕަމުން ޝަޖާހު ނިކުތެވެ. ދެފަރާތަށް ހުރި ދެއެޕާޓްމެންޓުން ވައަތް ފަރާތަށް ހުރި އެޕާޓްމެންޓްގެ ބެލް އަޅައިލިއެވެ. ސަނަމް ހައިރާންވެފައި ތަންކޮޅެއް ފަހަތުގައި ހުއްޓާ ޝަޖާހު އޭނާގެ އަތުގައި ހިފާ ކުރިއަށް ގެނައެވެ. އެވަގުތު އެތެރެއިން ކޮންމެވެސް މީހަކު ދޮރު ހުޅުވާލައިފިއެވެ. ކުރިމަތީގައި ހުރި މީހާ ފެނުމާއެކު އިސާހިތަކު ސަނަމްގެ ދެލޯ ފެންކަޅިވެއްޖެއެވެ.

  1. ފަރޫ

    އައިދު މަންމަ ކައިރިޔަށް އެދިޔައީ. އައިދު މަންމަވެސް ބުނާނީ ރޫވިންއާ އިންނާށޭ. ހާދަ ހީވެޔޭ ސަނަމްގެ މަންމަ މަރުވަންހެން އެއުޅެނީ. ދެން މަންމަގެ ވަސިއްޔަތް އެއީ ރޫވިންއާ މެރީކުރުން. ރޫވިންގެ ގޮތް ކިހިނެއް ސަނަމްއަށް އެނގޭނީ. އެދެމީހުން އެހާ ގިނަވަގުތު ދިމާވީކީނޫން. ތީންގެ ފިރިމީހާ އެފެއާއެއް ހިންގަނީ ދޯ.

  2. އެލް އަކީ ނިއަލް