ޝުޖާއު, ރިޔާޟަށް: ތީ ބޮޑު ދޮގުވެރިއެއް, ތި އުޅެނީ ރައީސް ޔާމިންގެ ވާހަކަތައް ހަޖަމުނުކުރެވިގެން
އެމްއެމްޕީއާރްސީ ޚިޔާނާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމާ ގުޅުވައި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ދެއްކެވި ވާހަކަތަކަށް މާލޭ ސިޓީ ކައުންސިލުގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް ވަރުގަަދަ ރައްދެއް ދެއްވައިފިއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމިން ވަނީ ދެވަނަ ދައުރެއް ލިބިއްޖެނަމަ ބަލާނީ މީހުން ޖަލަށްލުމުގެ ބަދަލުގައި އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ އަނބުރާ ހޯދުމަށް މަސައްކަތް ކުރެވޭތޯ ކަމަށެވެ.
''އަޅުގަނޑު މިރޭ ވެސް ކަށަވަރުކަން އަރުވާނަން އަޅުގަނޑުމެންނަށް ސަރުކާރު ލިބިއްޖެނަމަ އަޅުގަނޑުމެންގެ މަގުސަދަކަށް ވާނީ މީގަ އުޅޭ މީހުންނަށް އަދަބު ދިނުމެއް ނޫން. އަޅުގަނޑުމެންގެ މަގުސަދަކަށް ވާނީ އަޅުގަނޑުމެންނަށް ސަރުކާރު ލިބިއްޖެނަމަ މި ފައިސާ ރިކަލެކްޓް ކުރުން, ރިކަވާކުރުން.'' އެމްއެމްޕީއާރްސީ ޚިޔާނާތާ ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމިން ވިދާޅުވިއެވެ.
ރިޔާޟް މިއަދު ވިދާޅުވީ އެމްއެމްޕީއާރްސީ ޚިޔާނާތް ހިންގާފަވަނީ ރައީސް ޔާމީނުގެ ވެރިކަމުގައި, އެ މަނިކުފާނުގެ ބައިވެރިވުމާއެކު މުޅި ދައުލަތް ބޭނުންކޮށްގެން ކަމަށެވެ. އަދި މި ސަބަބަށްޓަކައި އެކަނި ވެސް ރައީސް ޔާމިނަށް ދެވަނަ ދައުރެއް ދޭން ނުޖެހޭ ކަމަށެވެ.
ރިޔާޟްގެ ވާހަކަތަކަށް ރައްދު ދެއްވައި ޝުޖާއު ވިދާޅުވީ ރިޔާޟަކީ ކަނޑައެޅިގެން ބުހުތާނު ވާހަކަދައްކަވާ ބޭފުޅެއް ކަމަށެވެ. އަދި އެ ގޮތަށް ކުރިން ވެސް ބޮޑެތި ކަންކަމުގައި ރިޔާޟް އެފަދަ ދޮގު ވާހަކަތައް ދައްކަވާފައިވާކަން ޝުޖާއުގެ ޓުވީޓުގައި ފާހަގަކުރައްވާފައިވެއެވެ.
ރިޔާޟް ތި ހައްދަވަނީ އަނެއްކާ ވެސް ދޮގެއް. ތި ގޮތައް ޝަހީދު ޑރ.އަފްރާޝީމްގެ މަރު ވެސް ސިޔާސީކޮށް ރައްޔިތުންގެ ކުރިމަތީ ދޮގުހެދި ދޮގުވެރިއެއް ތީ.'' ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ރިޔާޟަށް ރައްދު ދެއްވައި ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ރައީސް ޔާމީން ދައްކަވާ ވާހަކަފުޅުތައް ހަޖަމުކުރަން ރިޔާޟަށް އުނދަގޫވާނެކަން އެނގޭ ކަމަށެވެ.
''އެކަމަކު ވެސް ހަޖަމުކޮށްލާ'' ޝުޖާއު ވިދާޅުވިއެވެ.