ޚިޔާނާތުގެ މުގުލުގައި ތިބި އަދީބާއި ޒިޔަތުގެ ހެކިބަސް ނެގުން އެއް ދުވަހެއްގައި
ވ.އާރަށު މައްސަލައިގައި ދަޢުވާ ލިބޭ ފަރާތްތަކާ ދެކޮޅަށް ދައުލަތުން ހުށަހަޅާ ދެ ހެކިންކަމަށްވާ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔަތާއި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ހެކިބަސް އެއް ދުވަހެއްގައި ނަގާ ގޮތަށް ކްރިމިނަލް ކޯޓުން ހަމަޖައްސައިފިއެވެ.
އާރަށު މައްސަލައިގައި މިހާރު ކުރިއަށްދަނީ ދައުލަތުން ހުށަހަޅާަފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ. އެ ގޮތުން މިއަދަކީ ޒިޔަތުގެ ހެކިބަސް ނަގަން ތާވަލްކުރެވުނު ދުވަހެވެ.
ނަމަވެސް މިއަދު އޮތް އަޑުއެހުމުގައި ނަޢީމްގެ ދިފާޢީ ވަކީލު ވަނީ އެކަމަށް އިޢުތިރާޒުކޮށްފައެވެ. އަދި ޒިޔަތާއި އަދީބުގެ ހެކިބަސް އެއް ދުވަހެއްގައި ނަގާ ގޮތަށް ހަމަޖައްސައިދިނުމަށް ވެސް ވަކީލު އެދިވަޑައިގަތެވެ.
ނަޢީމްގެ ދިފާޢީ ވަކީލު ދެއްކެވި ވާހަކަތަކަށް ރައީސް ޔާމިނުގެ ވަކީލުން ވެސް ވަނީ ތާއީދު ކުރައްވައިފައެވެ.
ޒިޔަތާއި އަދީބުގެ ހެކިބަސް އެއް ދުވަހެއްގައި ނަގާ ގޮތަށް ހަމަޖައްސައިދިނުމަށް އެދިވަޑައިގަތް ސަބަބެއްކަމަށް ދިފާޢީ ވަކީލުން ވިދާޅުވީ އެ ދެ މީހުންގެ ހެކިބަސް ދެ ތާރީޚެއްގައި ނަގައިފިނަމަ އެއް ހެކިވެރިއެއްގެ ބަސްތައް ބަލައި އަނެއް ހެކިވެރިޔާގެ ބަސްތައް ވަކި ގޮތަކަށް ފަރުމާކުރުމުގެ ފުރުސަތު ލިބިގެންދާނެތީއެވެ.
އެ ދެ މީހުންގެ ހެކިބަސް އެއް ދުވަހެއްގައި ނެގުމަށް ދައުލަތުން ވެސް އިޢުތިރާޒެއް ނުކުރެއެވެ. އެ ގޮތުން ޒިޔަތާއި އަދީބުގެ ހެކިބަސް ނަގަން ތާވަލުކުރީ މި މަހުގެ 30 އަށެވެ.
ވ.އާރަށު މައްސަލައިގައި ދަޢުވާ ލިބޭ ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގ އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. ފެލިދޫ ދާއިރާގެ ޔޫސުފް ނަޢީމްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.
ވައްކަމާއި ހިޔާނާތުގެ ކުށް ސާބިތު ވެފައިވާ ބައެއްގެ ހެކިބަސް އެއީ ޢަދުލުވެރި ޝާހިދުންތޯ ނުވަތަ ފާސިޤުންތޯ ؟
ދައުލަތުގެ މާލިއްޔަތުން ވައްކަން ނުކުރާ ޒަމާނެއް ނާދޭ އަބަދުވެސް ވެރިން މާލިއްޔަތުން ވައްކަން ކުރޭ ، މާލިއްޔަތުގައި ފައިސާ ގިނަވާ ވަގުތުގައި ޅިޔަނު ލައްވާ ނޫނީ ރައްޓެއްސަކު ލައްވާ މާލިއްލިއްޔަތު ލޫޓުވުމަކީ މިޤައުމުގެ ވެރިންގެ އާދައެއް ނުންތޯ ؟