ކަންކަމުގައި ރައްޔިތުންގެ ބަސް ހޯދަން އެމްޑީޕީ ފަސްޖެހޭކަށް ނުވާނެ: ޙަސަން ލަޠީފް

ކަންކަމުގައި ރައްޔިތުންގެ ބަސް ހޯދަން އެމްޑީޕީ ފަސްޖެހޭކަށް ނުވާނެކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވިދާޅުވެއްޖެއެވެ.
ޙަސަން ވިދާޅުވީ ކޮންގްރެސް އަށް ރައީސް މުޙައްމަދު ހުށަހެޅުއްވި ޤަރާރުގައި އޮތީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކީ ކޮބައިތޯ ރައްޔިތުންކުރެ އަހަން ފެންނަ ކަމަށް ކަމަށެވެ. އަދި ނޫސްވެރިޔަކު ސުވާލުކުރާ ކޮންމެ ފަހަރަކު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ވިދާޅުވަމުން ގެންދެ އެއީ ރައްޔިތުންގެ ވޯޓަކުން ނިންމަންޖެހޭ ކަމެއް ކަމަށެވެ.
ޙަސަން ވިދާޅުވީ ރައްޔިތުންގެ ބަހެއް ހޯދުމަށް އެމްޑީޕީއަށް އޮތް ފުރުސަތަކީ އެ ޤަރާރު ފާސްވުން ކަމަށެވެ. އަދި ކަންކަމުގައި ރައްޔިތުންގެ ބަސް ހޯދަން އެ ޕާޓީން ފަސްޖެހޭކަށް ނުވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށާއި, އެ ވޯޓުގެ ނަތީޖާއަކީ ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ފާސްވެއްޖެނަމަ ޤާނޫނުއަސާސީއަށް އެ ބަދަލުތައް ގެނައުމަށް ގޮވާލައްވައި އެމްޑީޕީ ކޮންގްރެސްއަށް ނަޝީދު ވަނީ ޤަރާރެއް ހުށަހަޅުއްވައިފައެވެ. ނަމަވެސް ރައީސް ޞާލިޙް ވަނީ ޤަރާރު އަނބުރާ ގެންދެވުމަށް އެދިވަޑައިގެންފައެވެ.