ތިން ޤައުމަކަށް ސަފީރުން އައްޔަންކުރަން މަޖިލީހުން ރުހުންދީފި
ތިން ޤައުމަކަށް ސަފީރުންނަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ ސަފީރުކަމަށް ހ.ޖެހޭވައި އިބްރާހިމް ޝަހީބު އައްޔަން ކުރުމަށާއި, މެލޭޝިޔާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް ހ.މާލޭތިލަ ޢަލީ ޙުސައިންދީދީ އައްޔަން ކުރުމަށާއި, އެމެރިކާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް މއ.އަތަމާވިލާ ޢަބްދުލްޣަފޫރު މުޙައްމަދު އައްޔަންކުރުމަށް ރުހުން ދިނުމަށެވެ.
މި ތިން ބޭފުޅުން އެ މަޤާމުތަކަށް އައްޔަންކުރަން ރުހުންދޭން ފާސްކުރީ އެ ވަގުތު ޖަލްސާގައި ތިއްބެވި 47 މެންބަރުންގެ ތެރެއިން 46 މެންބަރުންގެ ވޯޓާއެކުއެވެ.
ޢަބްދުލްޣަފޫރު މުޙައްމަދަކީ މި ވަގުތު ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅާއެވެ. މީގެ ކުރިން އޭނާ ވަނީ އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމު ވެސް ފުރުއްވައިފައެވެ.
އިބްރާހިމް ޝަހީބަކީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. 1991 އިން ފެށިގެން އޭނާ ގެންދަވަނީ ޚާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަމުންނެވެ.
ޢަލީ ޙުސައިންދީދީއަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ޔޫރަޕިއަން ޔޫނިއަނަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަން ކުރައްވައި ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.