ޚަބަރު ރައްޔިތުންގެ މަޖިލިސް

ބުރިޖު ސާވޭގައި ބޭނުންކުރި ޕްލެޓްފޯމެއް ފަރަށް އެރުމާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މެންބަރު އަޙްމަދު އުޝާމް. ފޮޓޯ: މަޖިލިސް

ތިލަމާލެ ބުރިޖު ސާވޭގައި ބޭނުންކުރަމުންދިޔަ ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އަރާފައިވާއިރު, އެ ހާދިސާއަށް ހަފުތާއެއްވާން ކައިރީވީއިރު ވެސް ޕްލެޓުފޯމު ނަގަން މަސައްކަތްކޮށްފައިނުވާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމެވެ.

އުޝާމް ވިދާޅުވީ ބުރިޖު ސާވޭގައި ބޭނުންކުރަމުންދިޔަ ޕްލެޓްފޯމެއް މި މަހުގެ 16 ގައި ވިލިމާލޭ ފަރަށް އަރާފައިވާއިރު, އެ ހާދިސާއަށް ހަފުތާއެއްވާން ކައިރީވީއިރު ވެސް, މިހާތަނަށް އެ ޕްލެޓުފޯމު ފަރުމަތިން ނެގުމަށްޓަކައި ބުރިޖުގެ މަސައްކަތް ކުރާ ކުންފުނިން އަދި ސަރުކާރުގެ އިދާރާތަކުން ވެސް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށެވެ.
އުޝާމް ވިދާޅުވީ ޕްލެޓްފޯމުގެ ސަބަބުން ފަަރަށް ލިބެމުންދާ ގެއްލުންތައް ހުއްޓުވުމަށް ޕްލެޓްފޯމު ފަރުމަތިން ނެގުމުގެ ކަންކަން ސަރުކާރުގެ ފަރާތުން މިހާރުން މިހާރަށް ފަށަންޖެހޭ ކަމަށެވެ. އަދި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ބުރިޖު މަޝްރޫޢުގެ މަސައްކަތް ކުރަމުންދާ ފެންވަރު ކަމާ ގުޅުންހުރި އިދާރާތަކުން ވަރަށް ގާތުން ބަލައި މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

''...މިކަމުގައި ހުރި ކަންބޮޑުވުން ރައްޔިތުންގެ މަންދޫބުން މެދުވެރިކޮށް ސަރުކާރާ ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ހުށަހަޅާ މައްސަލައެއް.'' އުޝާމް ވިދާޅުވިއެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނަޢީމް މީގެ ކުރިން ވިދާޅުވެފައިވަނީ ޕްލެޓްފޯމް ފަރަށް އެރުމުން ފަރަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބަލަމުންދާ ކަމަށެވެ. ނަމަވެސް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއްކަމެއް އަދި ދެނެގަނެވިފައިނުވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!