އެވިޑް ކޮލެޖާއި ތުލުސްދޫ ކައުންސިލު ގުޅިގެން ތުލުސްދޫގައި ޓްރެއިނިންގ ސެންޓަރެއް ގާއިމުކުރަނީ

ކ.ތުލުސްދޫގައި ޓްރެއިނިންގ ސެންޓަރެއް ގާއިމުކުރުމަށް ތުލުސްދޫ ކައުންސިލާއި, އެވިޑް ކޮލެޖާ ދެމެދު މެމަރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.
މިއީ ތުލުސްދޫގައި ތަޢުލީމީ ރަނގަޅު ޖީލެއް ބިނާކުރުމުގެ މަގުސަދުގައި ރަށުގައި ތިބެގެން މަތީ ތަޢުލީމު އުނގެނުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ގާއިމުކުރެވުނު އެއްބަސްވުމެކެވެ.
ތުލުސްދޫގައި ހިންގޭ މި ޓްރެއިނިންގް ސެންޓަރުން ތުލުސްދޫގައި ހުރެގެން އެވިޑް ކޮލެޖުން ހިންގާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އެ ގޮތުން ހިންގޭ ކޯސްތަކުގެ މައުލޫމާތު އެވިޑް ކޮލެޖާއި ތުލުސްދޫ ކައުންސިލުން ލިބޭނެއެވެ. އެ ކޯސްތަކުގައި ކިޔަވައިދެނީ އެވިޑް ކޮލެޖްގެ ލެކްޗަރާސްއިންނެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާޤް ރަޝާދު ވިދާޅުވީ މިފަދަ ކަމެއް ކާމިޔާބުކަަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ރަށު ކައުންސިލާއި އިދާރާތަކުން ލިބޭ އެއްބާރުލުން ފާހަގަކުރާ ކަމަށެވެ. އަދި މިފަދަ ކަންކަން ފުރިހަމައަށް ހިންގުމަށްޓަކައި މަޝްވަރާގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.
ތުލުސްދޫ ކައުންސިލުން ވަނީ މިފަދަކަމެއް ރަށުގައި ކުރިއަށް ގެންގޮސްދޭތީ އެވިޑް ކޮލެޖަށް ޝުކުރު އަދާކޮށްފައެވެ. އަދި ކޯސްތަކުގައި ބައިވެރިވާ ފަރާތްތަކަށް ވީހާވެސް ފަސޭހަވާނެ ގޮތަށް ކަންކަން އިންތިޒާމު ކޮށްދެއްވުމަށް ވެސް ތުލުސްދޫ ކައުންސިލުން ވަނީ އެދިފައެވެ.
އެވިޑް ކޮލެޖްގެ ފަރާތުން ވަނީ ތުލުސްދޫގައި އޯޕަންޑޭއެއް ބާއްވައި ކޯސްތަކާ ގުޅޭ މަޢުލޫމާތު ވެސް ހިއްސާކޮށްފައެވެ. އަދި މި އޯޕަންޑޭގައި ވަނީ ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ކޯސްތަކުގައި ރެޖިސްޓްރީ ކުރެވިފައެވެ.