ޚަބަރު ރައްޔިތުންގެ މަޖިލިސް

އިމްރާނަކީ ހަރުކަށި ފިކުރު އުފައްދާ މެޝިނެއް: ބޮންޑޭ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އިބްރާހިމް ރަޝީދު. ފޮޓޯ: މަޖިލިސް

ހޯމް މިނިސްޓަރު ޝައިޚް އިމްރާނަކީ ހަރުކަށި ފިކުރު އުފައްދާ މެޝިނެއްކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެެއެެވެ.

Ads by STELCO

ބޮންޑޭ އެހެން ވިދާޅުވީ, ހަރުކަށި ފިކުރާ ދެކޮޅަށް ފައުޖެއް އުފައްދައި, ނުރައްކާތަކަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމުގެ މަސައްކަތް ފެށުމަށް ގޮވާލައްވައި އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުށަހެޅުއްވި ޤަރާރަށް ބަހުސް ކުރައްވަމުންނެވެ.

''ސިޔާސީ ކަންކަމުގަ މިހާރު ތިބި ފަރާތްތަކަކީ ބަޣާވާތެއްގެ ތެރެއިން އައިސް ތިބި ބައެއް. އެ މީހުންނަކީ ރަށުތެރޭގަ ނުވަތަ ރައްޔިތުންގެ ކުރިމަތީގަ މިވެނި މީހަކު, އަފްރާޝީމު ގަތުލުކުރީ މިވެނި ބައެކޭ ބުނެފަ އަނެއްކާ ދެވަނަ ފަހަރަށް އެއީ އެބައެއް ނޫނޭ އެހެން ބައެކޭ ކިޔާފަ ވާހަކަދެއްކި މީހުން މިހާރު ތިބީ ހޯމް މިނިސްޓްރީގަ ހޯމް މިނިސްޓަރުކަން ކުރަން ތިބީ.'' ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ މިދިޔަ އަހަރުގެ މޭ މަހުގެ 06 ގައި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާގެ މައްސަލަ ވެސް ހޯމް މިނިސްޓްރީން ބަލަމުންނުދާ ކަމަށެވެ. އަދި ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގައި ތަންފީޒުކުރަންޖެހޭ ޤާނޫނުތައް ތަންފީޒު ކުރަމުން ނުދާކަމަށް ވެސް ބޮންޑޭ ވިދާޅުވިއެވެ.

''ދެން އެވަރު ބަޔަކާ ޤައުމު ހަވާލުކޮށްގެން.. މިހާރު ވެސް ތިބި ޒުވާން ޖީލު މަސްތުވާތަކެތި ބޯންދީގެން.. މީ ހަރުކަށި އުފައްދާ މެޝިނެއް ހޯމް މިނިސްޓަރަކީ މިހާރު. ހަރުކަށި އުފައްދާ މެޝިނެއް އެއީ. 23 ޑިސެމްބަރު އިއްތިހާދަށް މި ރާއްޖެ މިދަނީ. އެއީ މައްސަލައަކީ.'' ބޮންޑޭ ވިދާޅުވިއެވެ.

ވަޙީދު ހުށަހެޅުއްވި ޤަރާރުގައި ވަނީ ހަރުކަށި ފިކުރުގެ އަމަލުތައް ހުއްޓުވުމަށް ފުލުހުންނާއި ސިފައިން އަދި ސަލާމަތީ ކަންކަމާއި ތަންފީޒީ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު އޮތް އިދާރާތަކުގެ މައްޗަށް އެކުލެވޭ ކޮމާންޑެއްގެ ދަށުން އެކުލެވޭ ޚާއްސަ ފައުޖެއް އުފައްދައި, ނުރައްކާތަކަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް ދީނީ ޢިލްމު ދޭ ތަންތަނާއި, މިސްކިތްތައް ބަލަހަންޓަން ފަށަންޖެހޭކަން ވެސް ފާހަގަކުރައްވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!