ޚަބަރު ޝަރުޢީ ދާއިރާ

އާރަށު މައްސަލަ: ނޫޓުތައް ވަކިވަކިން ނުގުނަން, ގުނީ ފައިސާ ބޮނޑިތައް އެކަނި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް ޔާމީން.. ފޮޓޯ: ރާއްޖެ.އެމްވީ

ވ.އާރަށުގެ މުޢާމަލާތުގައި ހިންގި ޚިޔާނާތުގައި ހިމެނޭ 01 މިލިއަން ޑޮލަރަށްވާ ފައިސާ ގުނާފައިވަނީ ނޫޓުތައް ވަކިން ނޫން ކަމަށާއި, ފައިސާ ބޮނޑިތައް އެކަނިކަމަށް ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ ފަރާތްޕުޅުން ހުށަހެޅުއްވި ހެކިވެރިޔާ ޢަބްދުﷲ ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އާރަށު މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގ އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. މި މައްސަލައިގައި ދެން ދަޢުވާ އުފުލާފައިވަނީ ފެލިދޫ ދާއިރާގެ ޔޫސުފް ނަޢީމްގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކާ ގުޅިގެން ހެކިބަސް ނެގުމަށް މިއަދު ބޭއްވި އަޑުއެހުމުގައި އެ މަނިކުފާނުގެ ދިފާޢީ ހެކިވެރިޔާ ޢަބްދުﷲ ރަޝީދު ވިދާޅުވީ ރައީސް ޔާމީން ވިދާޅުވެގެން ޑޮލަރުގެ މުޢާމަލާތެއްގައި ހިމެނޭ ދިވެހި ރުފިޔާ ޔޫސުފް ނަޢީމާ ހަވާލު ކުރެއްވި ކަމަށެވެ. އެ ގޮތުން ދޫވެއްސަށް ގޮސް އެއް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ ބޮނޑިތައް ރައީސް ޔާމީންގެ ހާޒިރުގައި އަތުން ގުނައި, ރައީސް ޔާމީން ސޮއިކުރެއްވި ރަސީދަކާއެކު ގެންގޮސް ޔޫސުފު ނަޢީމާ ހަވާލު ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

ފައިސާތައް ހަވާލުކުރަން ދިޔައީ ކާރެއްގައި ކަމަށާއި, ފައިސާތައް ހުންނާނީ ދެ ދަބަހެއްގައި ކަމަށާއި, އެ ތަކެތި އުފުއްލެވީ އޭނާއާއި މާލޭގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝްކަމަށް ވެސް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

''އަޅުގަނޑުމެން ޔޫސުފް ނަޢީމާ ފައިސާ ހަވާލުކުރުމަށްފަހު އެ ފަރާތުން ފައިސާ ހަމައަށް ލިބިލެއްވިކަމަށް އެ ލިޔުމުގައި ސޮއިކުރައްވައި, އަނބުރާ އެ ލިޔުން ހަވާލުކުރުމަށްޓަކާ ދިޔައީ ދޫވެއްސަށް.''

ނަމަވެސް ޔޫސުފް ނަޢީމް އެ ފައިސާތައް ނުގުނުއްވާ ކަމަށާއި, ރައީސް ޔާމީން ދެއްވާނީ ހަމައަށްކަމަށް ވިދާޅުވެ ރަސީދުގައި ސޮއިކުރެއްވީ ކަމަށް ވެސް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާއިރު, ދިފާޢީ ދެ ހެކިވެރިއެއްގެ ހެކިބަސް ވަނީ ނަގާފައެވެ. އަދިވެސް އިތުރު ދެ ހެކިވެރިއެއްގެ ހެކިބަސް މިއަދު ނަގާނެއެވެ.

Ads by HDC
  1. ބޮނބި

    ފައިސާބޮނޑިތަކާ އޮށްބޮނޑިތަކާ އެކު ޖަލަށްގަޅާލަންވީ.