ބޭންކް ރޭޓުން 01 މިލިއަން ޑޮލަރު ވިއްކާނެ މީހަކު ހޯދަދީބަލާށޭ ރައީސް ޔާމިން ވިދާޅުވި: މުޙައްމަދު
ބޭންކު ރޭޓުން 01 މިލިއަން ޑޮލަރު ވިއްކާނެ މީހަކު ހޯދައިދިނުމަށް އެދިވަޑައިގެން ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމު ގުޅުއްވިކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ވަނީ ވ.އާރަށު މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގ އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދަޢުވާގެ އަޑުއެހުމެއް ކުރިއަށް ގެންގޮސްފައެވެ.
މި މައްސަލައިގައި ދެން ދަޢުވާ އުފުލާފައިވަނީ ފެލިދޫ ދާއިރާގެ ޔޫސުފް ނަޢީމްގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.
މިއަދުގެ އަޑުއެހުމުގައި ކުރިއަށްދަނީ ދިފާޢީ ހެކިވެރިންގެ ހެކިބަސް ނެގުމެވެ. އެ ގޮތުން ފުރަތަމަ ހެކިބަސްދެއްވީ ޢަބްދުﷲ ރަޝީދު ކިޔާ ބޭފުޅެކެވެ. އެއަށްފަހު ހެކިބަސްދެއްވީ މުޙައްމަދު އިސްމާޢީލެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން ދަންނަތާ 15 ވަރަކަށް އަހަރުވެއްޖެ ކަމަށާއި, ރައީސް ޔާމީނަކީ އޭނާއަށް އިތުބާރުކުރައްވާ ވަރަށް ގާތް ބޭފުޅެއް ކަމަށެވެ. އަދި ފައިސާގެ މުޢާމަލާތްތަކުގައި ވެސް ވަރަށް އެހީތެރިވެވަޑައިގަންނަވާ ބޭފުޅެއްކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެހެންމެ މި މައްސަލައިގައި ދަޢުވާ ލިބޭ ޔޫސުފް ނަޢީމަކީ ކުޑައިރުއްސުރެ ވަރަށް ގާތް އަޚެއް ކަމަށް ވެސް މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.
''އެއް ދުވަހަކު ރައީސް ޔާމިން އަޅުގަނޑަށް ގުޅުއްވާ ވިދާޅުވީ ބޭންކް ރޭޓުން 01 މިލިއަން ޑޮލަރު ވިއްކާނެ މީހަކު ހޯދަ ދީބަލާށޭ''
''ސީދާ ދުވަހެއް ދަންނަވަން ނުކެރޭނެ އިނގޭތޯ. 2015 ވަނަ އަހަރުގެ ފަހުކޮޅުގަ އެއީ'' އެއީ ކޮން ދުވަހެއްކަން ހަނދާން އެބަހުރިތޯ ސުވާލު ކުރެއްވުމުން އޭނާ ވިދާޅުވިއެވެ.
އެ ގޮތުން ޔޫސުފް ނަޢީމަށް ގުޅުއްވި ކަމަށާއި, ރައީސް ޔާމީނަށްނަމަ ބެންކު ރޭޓުން ވިއްކަވައިފާނެކަމަށް ޔޫސުފް ނަޢީމް ވިދާޅުވި ކަމަށެވެ. އަދި ފަހުން އެ ފައިސާ ރައީސް ޔާމީނަށް ދެއްވިކަމަށް ޔޫސުފް ނަޢީމް އޭނާ ގާތުގައި ވިދާޅުވިކަމަށް ވެސް މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.
ނަމަވެސް ޔޫސުފް ނަޢީމް ރައީސް ޔާމީނާ ޑޮލަރު ހަވާލުކުރެއްވީ ކިހިނެއްކަމެއް އެނގިވަޑައިނުގަންނަވާކަމަށް މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.