ޚަބަރު ޝަރުޢީ ދާއިރާ

ޖަރީ ދޯނީގައި ހައްމާދަށް ވަޅިން ހަމަލާދިން އާސިފް 10 އަހަރަށް ޖަލަށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އާސިފް

ލަނޑާ ނަގާ ދޯންޏެއްގެ ތެރޭގައި 2019 ވަނަ އަހަރުގެ ނޮވެމްބަރު ފަހުކޮޅު ރ.މަޑުއްވަރީ ފެހިއަލި, އިސްމާޢީލް ހައްމާދަށް ވަޅިން ހަމަލާދީ މޫދަށް އެއްލައިލި މައްސަލައިގައި އެ ރަށު ބީޗްހައުސް އިސްމާޢީލް އާސިފްގެ 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

Ads by STELCO

އއ.މާޅޮސް ބޭރުގައި އޮތް ''ޖަރީ'' ނަމަކަށް ކިޔާ ލަނޑާ ދޯންޏެއްގައި އާސިފް, ހައްމާދަށް ހަމަލާދިނީ އެ ދެ މީހުންގެ  ދެމެދުގައި އުފެދުނު ދީނީ ޚިޔާލުތަފާތުވުންތަކާއި, ފައިސާއާ ގުޅިގެން ޖެހުނު މައްސަލައިގައިކަމަށް ހައްމާދު ބުނެއެވެ.

ދަޢުވާގައިވާ ގޮތުން ޖަރީ ދޯންޏަކީ ހަރުކަށި ފިކުރުގެ މީހުން ލަނޑާނަގަން ގެންގުޅޭ ދޯންޏެކެވެ. ދަޢުވާގައިވާ ގޮތުން އާސިފް ވަނީ ތިލައިގައި ހަ އިންޗި ހުންނަ ވަޅިއަކުން ހައްމާދުގެ ވައަތު ކޮލަށާއި, ވައަތު ކަންފަތާއި, ވައަތު އަތްތިލައާއި އިނގިލިތަކަށާއި, ތުންފަތަށާއި, ބުރަކަށްޓަށް ހަމަލާދީ މޫދަށް އެއްލާލައިފައެވެ. އެ ގޮތުން ހައްމާދު ފަތާފައި ގޮސް މާޅޮހަށް އެރިއެވެ.

ދަޢުވާއަށް އިންކާރުކޮށް އާސިފް ބުނެފައިވަނީ ހައްމާދު މޫދަށް ފުންމައިލީ އަމިއްލައަކަށް ކަމަށާއި, ނަމަވެސް އަމިއްލަ ދިފާޢުގައި މާރާމާރީއެއް ހިންގި ކަމަށެވެ.

ނަމަވެސް ދައުލަތުން އާސިފާ ދެކޮޅަށް ހުށަހެޅި ހެއްކާ ޤަރީނާއިން ޝައްކެއްނެތް މިންވަރަށް އާސިފްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި, ޙުކުމްކުރީ 10 އަހަރަށް އާސިފް ޖަލަށް ލުމަށެވެ.

ނަމަވެސް ޝަރީޢަތުގެ މަރުހަލާގައި އޭނާ 02 އަހަރާއި 08 މަހަށްވުރެ ގިނަ ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ ތަންފީޒުކުރަންޖެހޭނީ 07 އަހަރާއި 03  މަހާއި 10 ދުވަހުގެ ޖަލު އަދަބެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!