ލިވާތުކުރުން: ފުލުސް އޮފިސަރު ދަޢުވާއަށް އިޢުތިރާފުވެއްޖެ

އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ޢަބްދުއްރަޙްމާން ރަފީޢު (ދޮންދިގު) ގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާއަށް އޭނާ އިޢުތިރާފުވެއްޖެއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރަމުން އައި ޢަބްދުއްރަޙްމާންގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ, ބަންގްލަދޭޝްގެ ޒުވާނެއްކަމަށްވާ އެމްޑީ އަލަމްގީރް (އަލަމްގިރި) އާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ
އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދަޢުވާއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު 13:00 ގައި ބޭއްވި އަޑުއެހުމުގައި އޭނާ ވަނީ ދަޢުވާއަށް އިޢުތިރާފުވެފައެވެ. ކުށަށް އިޢުތިރާފުވުމާއެކު އަވަސް ނިޔާގެ އަޑުއެހުމެއްގައި އަންނަ ބުރާސްފަތި ދުވަހު ޙުކުމް އިއްވާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
ދަޢުވާ ސާބިތުވެއްޖެނަމަ އަންނާނެ އަސާސީ އަދަބަކީ 09 މަހާއި 18 ދުވަހުގެ ޖަލު ޙުކުމެކެވެ. ނަމަވެސް ކުށަށް އިޢުތިރާފުވުމުން އެއަށްވުރެ އަދަބު ލުއިވާނެއެވެ.
މި މައްސަލައިގައި އޭނާއަށް ދަޢުވާކުރީ ޤާނޫނުލްޢުޤޫބާތުގެ ދަށުންނެވެ. ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ވެސް އޭނާއަށް ދަޢުވާކުރިނަމަ 05 އަހަރާއި 07 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ.