ކޮމިޓީއަށް ގަޑިއަށް ނާދެވުނީ މައްސަރު ކަންތައް ދިމާވުމުން: މިނިސްޓަރު ނަހުލާ

ރައްޔިތުން މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރުވުން ލަސްވީ މައްސަރު ކަންތައް ދިމާވުމުންކަމަށް ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެއެވެ.
ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން މިދިޔަ ބުދަ ދުވަހުގައި ތާވަލުކުރި ބައްދަލުވުމަށް ނަހުލާ ހާޒިރުވެވަޑައިގަތީ ގަޑި ޖެހުނު ފަހުންނެވެ. އެ ގޮތުން ކޮމިޓީ ހޫނުވެ ބައްދަލުވުން މެދުކަނޑައިލިއެވެ. އެ ދުވަހުގައި ބައެއް މެންބަރުން ވަނީ ހާޒިރުކުރުމުގެ އަމުރެއް ނެރެގެން ނަމަވެސް ނަހުލާ ކޮމިޓީއަށް ހާޒިރުކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ބޭފުޅުން އޭރު ވިދާޅުވީ މިނިސްޓަރު ހާޒިރުވުން ލަސްވީ ކުއްލި ކަމެއް ދިމާވުމުން ކަމަށެވެ.
މިއަދު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ކޮމިޓީ ނިންމައިލި ވަގުތު ނަހުލާ ވިދާޅުވީ ދިމާވި ހާލަތަކާ ގުޅިގެން ހާޒިރުވުން ލަސްވާނެކަމަށް އެ ދުވަހު އަންގާފައިވާނެ ކަމަށާއި, ހާޒިރުވުން ލަސްވީ މައްސަރު ކަންތައް ދިމާވުމުން ކަަމަށެވެ.