ޚަބަރު ރައްޔިތުންގެ މަޖިލިސް

ވިލިމާލޭ މުޙްޔިއްދީން ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ފިނިހަކަ ދުވެލީގައި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ވިލިމާލޭގެ މުޙްޔިއްދީން ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ އަމަލީ މަސައްކަތް ފެށޭނެކަމަށް ލަފާކުރެވޭ ތާރީޚެއް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢަލީއަކަށް ވިދާޅެއްނުވެވުނެވެ.

Ads by Hajj Corporation

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވަނީ އެ މަސައްކަތާ ގުޅޭ ގޮތުން މިނިސްޓަރަށް ސުވާލު ދަންނަވައިފައެވެ.

މުޙްޔިއްދީން ސްކޫލަކީ މާލޭގެ ސްކޫލުތަކުގެ ތެރެއިން މަލްޓިޕާޕަސް ހޯލެއް ނެތް ސްކޫލުތަކުގެ ތެރެއިން އެއް ސްކޫލު ކަމަށާއި, 2021 ވަނަ އަހަރުގެ ބަޖެޓުގައި އެ ސްކޫލުގައި
މަލްޓިޕާޕަސް ހޯލެއް އެޅުމަށް ބަޖެޓު ކުރެވުނު ނަމަވެސް އެކަމުގެ ޢަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފައިނުވާކަން އުޝާމް ފާހަގަކުރެއްވިއެވެ. އަދި 2022 ވަނަ އަހަރުގެ ބަޖެޓުގައި ވެސް މި މަސައްކަތް ހިމަނާފައިވީ ނަމަވެސް އަދި މިހާތަނަށް ވެސް މިކަމުގެ ޢަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފައިނުވާތީ، މި މަސައްކަތް ނުފެށި ލަސްވަނީ ކީއްވެތޯއާއި, އަދި މިކަމުގެ ޢަމަލީ މަސައްކަތް ފެށޭނެކަމަށް ލަފާކުރެވޭ ތާރީޚަކީ ކޮބައިތޯ އުޝާމް ސުވާލު ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާރުގެ ޑިޒައިނަށް ހުންނަ މަލްޓިޕާޕަސް ހޯލެއް ނޫނަސް އެ ސްކޫލުގަ ހޯލެއް ހުންނަ ކަމަށެވެ. ނަމަވެސް އެ ތަން ތަންކޮޅެއް ކުޑަ ކަމަށެވެ.

2021 ވަނަ އަހަރު އެ މަސައްކަތް ބަޖެޓު ކުރެވިފައިވާ ކަމަށާއި, ބަޖެޓުކުރެވުމުން އަބަދުވެސް ޕްރޮޖެކްޓްތައް އެކި ކުއާޓާތަކަށް ތާވަލުކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭރު އޮތީ 2021 ވަނަ އަހަރުގެ ފަހު ކުއާޓާގައި އެ މަސައްކަތް ކުރިއަަށްގެންދާ ގޮތަށް ރޭވިފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ގޮތުން އެ ތާވަލާ އެއްގޮތަށް ކޮންސެޕްޓް މަސައްކަތްކޮށް އަދި ޑިޒައިން މަސައްކަތުގެ ތެރޭގައި ސްކޫލާ މަޝްވަރާ ކުރިކުރުމުން ސްކޫލުން އެންގީ އެ ތަނުގައި އެ ސުކޫލުން ބޭނުންވާވަރުގެ ހޯލެއް ނުހެދޭނެކަމުގެ ވާހަކަ ކަމަށެވެ. އަދި އެ ގޮތަށް ހޯލު އަޅާނަމަ, މިހާރު އެ މީހުން ބޭނުންކުރަމުންދާ ސެން ކްލާސްރޫމާއި އިތުރު އިމާރާތްތަކެއް ތަޅައިލަންޖެހޭ ކަމަށެވެ. އެ ގޮތުން އެހެން ލޮކޭޝަނަކަށް މަލްޓިޕާޕަސް ހޯލު ބަދަލުކޮށްދިނުމަށް ސްކޫލުން އެދުނު ކަމަށެވެ.

''ދެން އެހެންވީމަ އަޅުގަނޑުމެން އެހެން ލޮކޭޝަނެއް ފާހަގަކޮށް މިހާރު ކުރެވެމުންދާ މަސައްކަތަކީ އެ ލޮކޭޝަންގެ ކޮންސެޕްޓް ޑިވެލޮޕްކޮށް ޑިޒައިންކުރުމުގެ މަސައްކަތް. މިހާރު ގާތްގަނޑަކަށް ނިމި ދެން އަޅުގަނޑުމެން ވާނީ 14 ސެޕްޓެމްބަރު 2022 އިއުލާނުކުރުމަށް ޓެންޑާއަށް ފޮނުވިފަ. މިނިސްޓްރީން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް އެބަހުރި. ދެން ހަމަ ޓެންޑަރިންގ ނިމުނުހައި އަވަހަކަށް އިއުލާނުކުރެވޭނެ.'' މިނިސްޓަރު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!