ތަޢުލީމީ މެނިފެސްޓޯ ތަންފީޒުކުރެވުނީ ކިހާވަރަކަށްތޯ ސުވާލު ކުރުމުން ޖަވާބެއް ދެއްވަން ކެރިވަޑައެއްނުގެންނެވި

މި ސަރުކާރުގެ ތަޢުލީމީ މެނިފެސްޓޯ ތަންފީޒުކުރެވުނީ ކިހާވަރަކަށްތޯ ސުވާލު ދެންނެވުމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢަލީ އެ ސުވާލަކަށް ޖަވާބެއް ނުދެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މިނިސްޓަރާ ތިން ސުވާލެއް ކުރެއްވިއެވެ. އޭގެތެރެއިން އެންމެފަހު ސުވާލަކަށް ކުރެއްވީ ''ތަޢުލީމީ މެނިފެސްޓޯ ތަންފީޒުކުރެވުނީ ކިހާވަރަކަށްތޯ'' މި ސުވާލެވެ.
ޖަވާބު ދެއްވަން ލިބިވަޑައިގެންނެވި ފުރުސުތުގައި މިނިސްޓަރު ޖަވާބު ދެއްވީ ފުރަތަމަ ދެ ސުވާލަށެވެ. ފަހު ސުވާލަކަށް ޖަވާބެއް ނުދެއްވައެވެ.
އެ ގޮތުން ނިޒާމީ މައްސަލައެއް ނަންގަވައި ޝިޔާމް އެކަން ފާހަގަކުރެއްވިއެވެ. ނަމަވެސް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އެކަމާ ބެހޭ ގޮތުން އެއްޗެއް ވިދާޅެއްނުވެ, އެހެން މެންބަރަކަށް ފުރުސަތު ދެއްވިއެވެ.
ދާދިފަހުން ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި މި ސަރުކާރުގެ ވަޢުދުތަކާބެހޭ ގޮތުން ފިޝަރީޒް މިނިސްޓަރާ ވެސް ސުވާލު ކުރެވުނެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ އެއަށް ޖަވާބެއް ދެއްވަން އެނގިވަޑައިނުގަންނަވާ ކަމުގައެވެ.