ޚަބަރު ސިޔާސީ

ސަރުކާރުން ބޭނުންވަނީ ރާއްޖެއަކީ ހަރުކަށި ފިކުރުގެ ބަޔަކު އުޅޭ ތަނެއްކަން ދައްކަން: އިދިކޮޅު

ރައުފާ ރަޝީދު ، ދެން އޮންލައިން
އިދިކޮޅު ލީޑަރުން އިންޑިއާ އައުޓް މުޒާހަރާއެއްގެ ތެރެއިން.. ދެން އިމޭޖްސް

ސަރުކާރުން ބޭނުންވަނީ ރާއްޖެއަކީ ހަރުކަށި ފިކުރުގެ ބަޔަކު އުޅޭ ތަނެއްކަން ދައްކަން ކަމަށް އިދިކޮޅުން ވިދާޅުވެއްޖެއެވެ.

Ads by STELCO

އިދިކޮޅުން މިފަދައިން ވިދާޅުވީ ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް ގަލޮޅު ބޯޅަދަނޑު ހިމެނޭ ސަރަހައްދުގައި ބޭއްވި އެއްވުމުގެ ބައިވެރިން، ދަނޑު ތެރެއަށް ވަދެގަނެ ހަމަނުޖެހުން ހިންގި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލަށް ދަޢުވާ ކުރުމާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައެވެެ.

އިދިކޮޅުން ވިދާޅުވީ އެދުވަހު ހިނގި ހަމަނުޖެހުމަކީ އިންޑިއާ ސަރުކާރުން ލަފާދީފައިވާ ގޮތަށް އިންޑިއާގެ އަސްކަރިއްޔާއަށް މިޤައުމުގައި ޤާއިމުވެ ތިބުމުގެ ފުރުޞަތު ތަނަވަސްކުރުމަށް ސަރުކާރުން ހިންގި ޢަމަލެއްކަމަށް ބެލެވޭ އެތައް ކަމެއް އެދުވަހު ހިނގާފައިވާ ކަމަށެވެ.

އަދި ރާއްޖެއަކީ ހަރުކަށި ފިކުރުގެ ބަޔަކު އުޅޭ ތަނެއްކަން ދެއްކުމަކީ ސަރުކާރުން ބޭނުންވާ ކަމެއް ކަމަށާއި އެ ހަމަނުޖެހުން ހިނގަން މެދުވެރިވީ ފުލުހުން ފުރުޞަތު ދިނުމުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އިޢުތިރާފްވެފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

“ރާއްޖެއަކީ ހަރުކަށި ފިކުރުގެ ބަޔަކު އުޅޭ ތަނެއްކަން ދެއްކުމަކީވެސް ސަރުކާރުން ބޭނުންވިކަމެއްކަމުގައި ބެލެވޭ. ހަމައެއާއެކު ޕްރޮޖެކްޓްތައް އަވަސްކުރުމުގެ ނަމުގައި އިންޑިއާއިން 100 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމާއި، އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ވަޑައިގެން އުޅުއްވާ ދުވަސްވަރާ ދިމާކޮށް ޕްރިސެކިއުޓަރ ޖެނެރަލް މިފަދަ ދައުވާއެއް ކުރަން ފޮނުވުމަކީ އިއްތިފާގެއް ނޫން” އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިދިކޮޅުން ވިދާޅުވީ އެ ހަރަކާޔް ހިނގައިދިޔަ ވަގުތު މުޙައްމަދު އިސްމާޢީލް ގަލޮޅު ދަނޑަށް ވަދެފައި ނުވާ ކަމަށާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އެ ނިންމުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އެ ނިންމުން އަނބުރާ ގެނައުމަށް އިދިކޮޅުން ވަނީ ގޮވައިލައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!