ޚަބަރު ސިޔާސީ

މަޖިލީހުގެ %77 މެންބަރުންގެ ތާއީދެއް ރައީސް ނަޝީދަކަށް ނެތް: އިސްމާޢީލް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރައްޔިތުން މަޖިލީހުގެ 77 އިންސައްތަ މެންބަރުންގެ ތާއީދެއް ރިޔާސަތަކަށް ނެތްކަމަށް ވިދާޅުވެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު, މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ނަޝީދު ވަނީ މަޖިލީހުގެ ގިނަ މެންބަރުންގެ އިތުބާރު އެ މަނިކުފާނަށް އޮތްކަމަށް ވިދާޅުވެފައެވެ.

ނަޝީދު އެހެން ވިދާޅުވީ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. ޝިޔާމް ވިދާޅުވީ ރިޔާސަތުގައި ރައީސް ނަޝީދު އިންނެވީ ''ކޮމްޕްރޮމައިޒް'' ވެވަޑައިގެންފައި ކަމަށެވެ.

''ގޭ ކުއްޖަކު ހައްޔަރަށް ނުލައި ގޭގައި ބަހައްޓައިގެން ކޮމްޕްރޮމައިޒްވެފައި ތި އިންނެވީ. ސާޅީސް ދެ މެންބަރުންގެ ސޮއި ފައްޔާޟް އަތުގައި އޮވެގެން ކޮމްޕްރޮމައިޒްވެފައި އިޢްޒަތްތެރި ރައީސް ތި އިންނެވީ.''

އެ ގޮތުން ނަޝީދު ވިދާޅުވީ ކޮމްޕްރޮމައިޒް ވެވަޑައިގެންފައިވާ ހާލުކޮޅެއްގައި އެއްވެސް މަޤާމެއްގައި ނުހުންނަވާނެ ކަމަށެވެ.

''އަޅުގަނޑު ހުރިހާ އިޢްޒަތްތެރި މެންބަރުންނަށް ޔަގީންކޮށް އަރުވަން މި ގޮނޑީގައި، މި މަގާމުގައި އަދި އެހެން އެއްވެސް މަގާމެއްގައި ވެސް އަޅުގަނޑު ދުވަހަކ ވެސް ނީންނާނެ ކޮމްޕްރޮމައިޒްވެފައެއް.''

ނަމަވެސް އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު (ބިގޭ) އިސްކޮށް ހުންނަވައިގެން އެ މަނިފާނުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަންގަވަން މަސައްކަތް ކުރެއްވި ކަމަށާއި, ސޮއިކުރެއްވީ އެންމެ 12 މެންބަރުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

''އަދި އަޅުގަނޑަށް ވަރަށް ބޮޑު އިތުބާރެއް އޮވޭ، މި މަޖިލީހުގެ އަޣުލަބިއްޔަތު މެންބަރުން އަދި މާ ބޮޑު އަޣުލަބިއްޔަތު މެންބަރުން އަޅުގަނޑަށް އިތުބާރު ކުރައްވާ ކަމާއި، އަދި މި މަޖިލިސް މި ގެންދާ ގޮތުގައި އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ގެންދެވޭނެކަން.'' ނަޝީދު ވިދާޅުވިއެވެ.

ނަޝީދަށް ރައްދު ދެއްވައި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް އިސްމާޢީލް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަަ މަޖިލީހަށް ވައްދަން މެންބަރުން ސޮއިކުރައްވަން ފެށްޓެވިއިރު އޭނާ ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށާއި, ނަމަވެސް ރާއްޖެ ވަޑައިގެން މިދިޔަ އޮގަސްޓު މަހުގެ 04 ވަނަ ދުވަހުގެ ރޭ އެ ޤަރާރުގައި ސޮއިކުރެއްވި ކަމަށެވެ. އަދި އޭނާ ސޮއިކުރެއްވީ 22 ވަނައަށް ކަމަށާއި, މިހާރު އެ އަދަދު ދެ ގުނަވެފައިވާ ކަމަށެވެ.

އޭގެފަހުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދު ވިދާޅުވާ ވިދާޅުވުމުގައި ސައްހަކަމެއް ނެތަސް, އެ އަދަދުގައި (12 މެންބަރުންކަމަށް ވިދާޅުވި ވިދާޅުވުން) ސައްހަކަމެއް އެބަހުރި ކަމަށެވެ. އަދި ''މިހާރު އޮތީ ފާޅު ވޯޓެއްނަމަ 17 ވޯޓު'' ކަމަށާއި, ''ސިއްރު ވޯޓެއްނަމަ 12 ވޯޓުގެ އިތުބާރެއް.'' ކަމަށެވެ.

އިސްމާޢީލް ވަނީ ރިޔާސަތަށް މަޖިލީހުގެ %77 މެންބަރުންގެ އިތުބާރުނެތްކަން މިހާރު މާބޮޑަށް ވެސް ސާފުވާނެކަމަށް ވިދާޅުވެ, ''ރީތި ގޮތް އިޚްތިޔާރު ކުރެއްވުމަށް'' ނަޝީދަށް ދަންނަވައިފައެވެ.

Ads by Allied Insurance
  1. އިސްލާމްދީނައްލްބިކުރާމީހަކުނަސީދައްތާއީދެއްނުކުރާނެ