ރައީސްގެ އަނބިކަނބަލުން، ބަޙްރައިންގެ މުހިންމު ދެ މުއައްސަސާއަކަށް ޒިޔާރަތްކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ބަޙްރައިންގެ ކިންގް ޙަމަދު ޔުނިވަރސީޓީ ހޮސްޕިޓަލް (ކޭ.އެޗް.ޔޫ.އެޗް)އަށާއި ބަޙްރައިން އިންސްޓިޓިއުޓް އޮފް ޕާރލްސް އެންޑް ޖެމްސްޓޯން (ޑީ.އޭ.އެން.އޭ.ޓީ.)އަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައިފިއެވެ.
މެޑަމް ފަޒްނާ ވަނީ ބަޙްރައިންގެ ކިންގް ޙަމަދު ޔުނިވަރސީޓީ ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގައި އެ ހޮސްޕިޓަލުގެ އޮންކޮލޮޖީ ޑިޕާޓްމަންޓަށް ޒިޔާރަތްކުރައްވައި ކެންސަރު ބަލި ތަޙައްމަލުކުރަމުންދާ ބަލިމީހުންނަށް ސައިކޮލޮޖިކަލް ސަޕޯޓްދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. މީގެ އިތުރުން އެ ހޮސްޕިޓަލުން ފޯރުކޮށްދޭ އެންމެފަހުގެ ޒަމާނީ ޞިއްޙީ ޚިދުމަތްތަކާއި ޚިދުމަތް ދިނުމުގައި ގެންގުޅޭ އުސޫލުތަކާއި އެތަނުގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސްޓްރެޓެޖީތަކާ ގުޅޭގޮތުން މަޢުލޫމާތު މެޑަމް ފަޒްނާ ވަނީ އޮޅުންފިލުވައިފައެވެ.
މުހައްރަޤް ގަވަރނަރޭޓްގައި ހުންނަ ކިންގް ޙަމަދު ޔުނިވަރސީޓީ ހޮސްޕިޓަލަކީ މަތީ ފެންވަރުގެ މެޑިކަލް ފެސިލިޓީތަކާއެކު އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ، ފަރުވާދިނުމުގެ އެންމެޒަމާނީ ގޮތްތަކަށް އަހުލުވެރިވެފައިވާ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް، ޓެކްނިކަލް އަދި އިދާރީ މުވައްޒަފުންނަށް ތަމްރީނުދިނުމާއި މެދުކެނޑުމެއްނެތި މުވައްޒަފުންގެ މަސައްކަތުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން އެ ހޮސްޕިޓަލުން އަންނަނީ އެކަޑަމިކް އިންސްޓިޓިއުޓްތަކާއި ގުޅިގެން މަސައްކަތްކުރަމުންނެވެ.
ބަޙްރައިން އިންސްޓިޓިއުޓް އޮފް ޕާރލްސް އެންޑް ޖެމްސްޓޯން އަކީ ބަހްރެއިންގެ ޒަމާންވީ މުތީ ތާރީޚު ދައްކުވައިދޭ، އަދި މުތީ ޓެސްޓްކޮށް ދިރާސާކުރުމުގެ ރޮނގުން ޚާއްޞަވެފައިވާ، އަދި އެތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ޤާއިމުކޮށްފައިވާ ދުނިޔޭގެ ފެންވަރުގެ ޖެމޮލޮޖިކަލް ލެބޯޓްރީއެކެވެ. މިތަނަކީ ބަޙްރައިންގެ ވަލީއަޙްދު އަދި ބޮޑުވަޒީރު ސަލްމާން ބިން ޙަމަދް އަލް އީސާ އަލް ޚަލީފާގެ އިރުޝާދުގެ ދަށުން 2017ވަނަ އަހަރު އުފެއްދި ތަނެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބަޙްރައިންއަށް ވަޑައިގަންނަވާފައި ވަނީ ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައެވެ.