ޕީޕީއެމްއަކީ ރައްޔިތުން ގުނބޯ ހައްދާނެ ބައެއް ނޫން: ރައީސް ޔާމީން

ޕީޕީއެމްއަކީ ރައްޔިތުން ގުނބޯ ހައްދާ ޕާޓީއެއް ނޫން ކަމަށާއި, ޕީޕީއެމްއަކީ ރައްޔިތުންނަށް އިހުތިރާމު ކުރާ ޕާޓީއެއްކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއިން މިރޭ އިހަވަންދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްއަކީ ވިސްނުމާއި ފިކުރުގެ ގޮތުން އެމްޑީޕީއާ ވަަރަށް ތަފާތު ބައެއް ކަމަށެވެ. އަދި ޕީޕީއެމްއަކީ ރައްޔިތުން ގުނބޯ ހައްދާ ޕާޓީއެއް ނޫން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
''އަޅުގަނޑުމެންނަކީ ރައްޔިތުން ގުނބޯ ހައްދާ ބައެއް ނޫން.'' އެ މަނިކުފާނު ވިދާޅުވިއެވެ.
ހަމައެހެންމެ ޕީޕީއެމްއަކީ ރައްޔިތުންނަށް އިހުތިރާމު ކުރާ ބައެއް ކަމަށާއި, ރައްޔިތުންނަކީ ތަނަވަސް ވިސްނުމަކުން ވިސްނާ ބައެއްކަން ގަބޫލުކުރާ ބައެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން ކައިރިއަށް އައިސް ކޮށް ނުދެވޭނެ ކަންތަކުގެ ވާހަކައެއް ނުދައްކާނެ ކަމަށެވެ. އަދި ޕީޕީއެމްއަކީ ރައްޔިތުންނަށްވާ ވަޢުދުތަކުގައި ކުލަ ޖައްސައިދީ, ރައްޔިތުންގެ ހުވަފެންތައް ޙަޤީޤަތަކަށް ހަދާނެ ޕާޓީއެއްކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.