ޚަބަރު ސިޔާސީ

100 އަހަރަށް ޖަލަށްލެވޭ ވަރަށް ދަޢުވާކުރި ނަމަވެސް ޤައުމަށްޓަކައި މި ކުރާ މަސައްކަތް ހުއްޓައެއްނުލާނަން: މުޙައްމަދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ޔޯގާ މައްސަލައިގައި އޭނާއަށް ކުރަނީ ސިޔާސީ ގޮތުން ބިރުދެއްކުމަށްޓަކައި ކުރާ ދަޢުވާތަކެއް ކަމަށާއި, 100 އަހަރަށް ޖަލަށްލެވޭ ވަރަށް ދަޢުވާ އުފުލައި ޝަރީޢަތް ކުރި ނަމަވެސް ޤައުމަށްޓަކައި ކުރައްވާ މަސައްކަތް ހުއްޓާނުލައްވާނެކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ކުރިއަށްދިޔަ ވަގުތު ބަޔަކު ދަނޑުތެރެއަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން މުޙައްމަދު އިސްމާޢީލްގެ މައްޗަށް ދެ ދަޢުވާއެއް ވަނީ އުފުލައިފައެވެ. އެއީ ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދަޢުވާއާއި، ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ދަޢުވާއެވެ.

އެ ދަޢުވާތަކާ ގުޅިގެން އިއްޔެ ހަވީރު ވަނީ އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ކްރިމިނަލް ކޯޓުން ނިކުމެވަޑައިގެން ޗެނަލް 13 އަށް ދެއްވި އިންޓަވިއުއެއްގައި މުޙައްމަދު އިސްމާޢީލް ވިދާޅުވީ މި ދުވަސްވަރަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރައްވައި ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވާ ދުވަސްވަރު ކަމަށާއިި, އޭނާއަކީ އެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅެއް ކަމަށެވެ.

''އޭގެތެރޭގައި އަޅުގަނޑު ހުންނާތީވެ އަދި ޕާޓީގެ އެކިއެކި ހަރަކާތްތައް ހިންގުމުގައި އެންމެ އިސްކޮށް އަޅުގަނޑު ހުންނާތީވެ މިކަންކަން ހުއްޓުވައި ބިރުދެއްކުމުގެ ގޮތުން ދަޢުވާކުރަނީ.''

މުޙައްމަދު އިސްމާޢީލް ވިދާޅުވީ އޭނާއާމެދު ކުރެވޭ ތަޙްޤީޤެއް އަދި ޝަރީޢަތެއް ވެސް ބަލައެއް ނުގަންނަކަމަށެވެ. އަދި މިއީ އެމްޑީޕީން ބޭނުންވާ ލާދީނީ ފިކުރު ރާއްޖޭގައި ހިންގުމަށްޓަކައި ބިރުދެއްކުމުގެ ގޮތުން ކުރާ ދަޢުވާތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

''25 އަހަރެއް ނޫން, 50 އަހަރު ނުވަތަ 100 އަހަރުގެ ތުހުމަތުގައި [100 އަހަރަށް ޖަލަށްލެވޭ ވަރަށް ދަޢުވާ އުފުލައި] ޝަރީޢަތް ކުރަން ސަރުކާރުން ބޭނުންވި ނަމަވެސް އަޅުގަނޑުމެން މި ޤައުމަށްޓަކައި މި ދިވެހި ވަޠަނަށްޓަކައި ދިވެހި ރައްޔިތުންނަށްޓަކައި ރައީސް ޔާމީނަށްޓަކައި ކުރާ މަސައްކަތް ހުއްޓައިލާފަ އަޅުގަނޑުމެން ގެއަކަށް ނުވަންނާނަން.''

މުޙައްމަދު އިސްމާޢީލް ވިދާޅުވީ ކިތަންމެ ވަރަކަށް ބިރުދެއްކި ނަމަވެސް ރައީސް ޔާމީނަށް 2023 ކާމިޔާބު ކޮށްދެއްވުމަށްޓަކައި ކުރެއްވެވެން ހުރި ހުރިހާ ކަމެއް ސާބިތުކަމާއެކީ ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

  1. ރަސީ

    ފަސާގޯނި އުފުލީ އެހެންވެ ދެއްތޯ