ޚަބަރު ޝަރުޢީ ދާއިރާ

ޔޯގާ ހަމަނުޖެހުން: 16 މީހެއްގެ ޝަރީޢަތް މިއަދު ފަށަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ބޭއްވި ވަގުތު, އެ ތަނަށް ވަދެ, އެކަމާ ދެކޮޅަށް އަޑުއުފުލި މައްސަލައިގައި 16 މީހެއްގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ ޝަރީޢަތް މިއަދު 14:00 ފެށުމަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.

Ads by STELCO

މި މައްސަލައިގައި 18 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މި މަހުގެ 03 ގައެވެ. މި މައްސަލައިގައި ދަޢުވާ އުފުލާފައިވާ ޝައިޚް ފަޟްލޫން މުޙައްމަދާއި, ޝައިޚް އާދަމް ނިޝާންގެ ޝަރީޢަތް މިހާރު ވަނީ ފަށާފައެވެ.

ފަޟްލޫނާއި ނިޝާންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ދަޢުވާއެވެ. އެ ދަޢުވާ ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލާނެއެވެ.

މި މައްސަލައިގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލްގެ މައްޗަށް ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދަޢުވާއާއި، ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ދަޢުވާ އުފުލައިފައެވެ.

މި މައްސަލައިގައި ދެން ހިމެނޭ މީހުންގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ ތެރޭގައި ޓެރަރިޒަމްގެ ޢަމަލެއްކުރުމުގެ ދަޢުވާއާއި, ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދަޢުވާއާއި, ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ދަޢުވާއާއި, ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދަޢުވާއާއި, ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ދަޢުވާ ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!