މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވަނިކޮށް މެޖިސްޓްރޭޓް ނިޝާރު އިސްތިއުފާ ދެއްވައިފި

ބ.ގޮއިދޫ ކޯޓުގެ މެޖިސްޓްރޭޓް އަޙްމަދު ނިޝާރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޖޭއެސްސީން ވިދާޅުވި ގޮތުގައި މެޖިސްޓްރޭޓް ނިޝާރު އިސްތިއުފާ ދެއްވާފައިވަނީ މިއަދުއެވެ.
ނިޝާރު އިސްތިއުފާ ދެއްވާފައިވަނީ މަޤާމުގެ ހައިސިއްޔަތާއި ޒިންމާ ނަހަމަގޮތުގައި ބޭނުން ކުރައްވައިގެން ނާޖާއިޒު މަންފާއެއް ހޯދުމުގެ ގަސްތާއެކު މަސައްކަތް ކުރައްވާފައިވާ ކަމަށް ސާބިތުވެ, މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ.
އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިހާރު ވަނީ ފޮނުވައިފައެވެ.
ނިޝާރާ ގުޅޭ ގޮތުން ޖޭއެސްސީން ބެއްލެވީ ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ދަޢުވާއެއްގައި ދަޢުވާ ލިބުނު ފަރާތާއެކު އޮތް ވިޔަފާރި މަސްލަހަތެއްގެ ސަބަބުން އެ ޤަޟިއްޔާ ބެއްލުމުން މެޖިސްޓްރޭޓް ނިޝާރު ތަނާޒުލުވެވަޑައިގަތުމަށްފަހު, އެ ޤަޟިއްޔާ ބެއްލެވުމަށް އެހެން މެޖިސްޓްރޭޓަކު އައްޔަން ކުރެވިފައިވަނިކޮށް އަމިއްލައަށް އެ ޤަޟިއްޔާ ބެއްލެވުމާ އަލުން ހަވާލުވެވަޑައިގެންނެވި މައްސަލައެވެ.