ވާހަކަ

މަގޭ ހާލު ބުނެދެން މިތުރާއޭ... (އެއްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
މަގޭ ހާލު ބުނެދެން މިތުރާއޭ... (ޓްރެއިލާރ) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެއްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދެވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތިންވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތަރުވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނުވަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދިހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެގާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސާދަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަނަރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސޯޅަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސަތާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ވިހިވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެކާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައުވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަންސަވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައްބީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަހުބައި)

މެންދުރުގެ އެންމެ ހޫނުގަދަ ވަގުތެވެ. އުޑު މެދުގައި ހުރި އިރުގެ ހޫނުން ޖައްވުގައިވެސް ހީވަނީ މަޑު އާތްވެއް އުފެދިފައިވީހެނެވެ. އެހެންވެ ކަންނޭނގެއެވެ. މަގުތައް މަތީގައިވެސް މީހުން ހަރަކާތްތެރިވާލެއް އެހެންދުވަސް ދުވަހަށްވުރެ މަދެވެ. މަޑު ދުވެއްޔެއްގައި ސައިކަލުގައި އައިސް ބަނދަރުމަތީގައި ހިޔާދީފައި ހުރި ބިޔަ ގަހެއްގެ ދޮށަށް އާރިޒް މަޑުކޮށްލިއެވެ. ލޮލުގައި އަޅައިފައިވި އަވިއައިނު ނަގަމުން މޫނުގައި ހިއްލައިފައިހުރި ކުދި ދައުތިކިތައް ޖީބުން ނެގި ރުމާލުން ފުހެލިއެވެ. ރަށުގެ ނެރާ ދިމާއަށް އޭނާ ނަޒަރު ހުއްޓައިލިއެވެ. އަދި ދެވަނަ ސިކުންތު އަތުކުރީގައި އޮތް ގަޑިއަށް ނަޒަރު ހިންގައިލަމުން ހަށިފުރާ ނޭވާއެއް ދޫކޮށްލުމަށްފަހު ޖީބުން ފޯނު ނެގުމާއެކު އޭގެން ކޮންމެވެސް ނަންބަރެއް ހޯދައިލަމުން ގުޅައިލިއެވެ.

Ads by MWSC

"ޒާންޓެ.. ކޮބާ އަންނާކަށް ނުވޭތަ؟ ލޯންޗު އެހެރަގެން އަންނަނީ.." އެކޮޅުން ފޯނު ނެގުމާއެކު އާރިޒް ބުނެލިއެވެ. އެއަޑުގައި ކޮންމެވެސް ވަރެއްގެ ހާސްކަމެއް އެކުލެވިފައި ވިއެވެ. އެކޮޅުން ވާހަކަދެއްކި ޒާމިންގެ ވާހަކަތަކަށް ހޫން ލައްވައިލަމުން އޭނާ ފޯނުކޯލު ކުރުކޮށްލިއެވެ. އޭގެ އިރުކޮޅެއް ފަހުން އޭނާގެ ސައިކަލު ކަރިރީގައި އައިސް މަޑުކޮށްލި ޒާމިން ފެނިފައި ކޮންމެވެސް ވަރަކަށް އާރިޒްގެ މޫނުމަތީގައިވި ހާސްކަން ފިލިއެވެ.

"ކޮބާ.. ހުރިހާ ކަމެއް ހަމަޖެހިއްޖެތަ؟" ޒާމިންގެ މޫނަށް ބަލައިލަމުން އާރިޒް އެއްސެވެ. ފުންނޭވައެއް ދޫކޮށްލަމުން ހިނިތުންވެލި ޒާމިން ނިކަން އަވަހަށް ބޯޖަހައިލިއެވެ. އެވަގުތު ނެރުން ވަދެގެން އައި ހުދުކުލައިގެ ބޮޑު ލާންޗަށް ދެމީހުންގެ ނަޒަރު ދަތުރުކޮށްލިއެވެ. ސައިކަލުން ފައިބަމުން ދެމީހުންވެސް ކުރިއަށް ޖެހިލީ ކަމަކަށް ތައްޔާރުވެލާފަދަ ގޮތަކަށެވެ. ލާންޗް ބަނދަރާ ކައިރިކޮށްލުމާއެކު އާރިޒް އާއި ޒާމިން އެދިމާލަށް މިސްރާބު ޖެހިއެވެ. ލާންޗުން ފައިބަމުންދިޔަ މީހުނާ ގާތްވެލަމުން ހިނިތުންވެފައި ޒާމިން ސަލާމް ގޮވައިލިއެވެ. ޖީބުގައި އޮތް ފޯނު ރިންގްވާން ފެށުމުން އާރިޒްއަށް ޖެހުނީ އެމީހުނާ ދުރަށްޖެހިލާށެވެ. ގުޅަނީ އެރަށު ހޮސްޕިޓަލު ހިންގުމަށް ހަވާލުވެހުރި ވެރިޔާކަމުން އެކޯލަށް ޖަވާބު ދިނުން މުހިންމުކަން ވިސްނި އަތުގެ އިޝާރާތުން ޒާމިންއަށް އެކަން އަންގައިލިއެވެ.

"އަޅުގަނޑުގެ ނަމަކީ ޒާމިން.. ދެން އެހުރީ އާރިޒް.. ތީ ޖުމާނާ ދެއްތޯ.." ލާންޗްއިން ފޭބި ޓީމާ ހަވާލުވެ އެންމެ އިސްކޮށްހުރި މީހާއާ މުހާތަބުކޮށް ޒާމިން އަހައިލީ އަދަބުވެރިކަމާއެކުއެވެ. އޭނާ ހިނިތުންވެލަމުން ޒާމިންގެ ސުވާލަށް ޖަވާބު ދިނެވެ.

"ދަތުރު ކިހިނެއްތޯ.." ޖުމާނާއާއެކުގައި ކުރިއަށް ހިނގައިގަންނަމުން ޒާމިން އެއްސެވެ. "ވަރަށް ހިތްހަމަޖެހޭ.. ނުލާހިކު ރީތި މަޑު ދުވަހެއްނު.." ޒާމިންގެ ވާހަކަތަކުގައި ބައިވެރިވެލަމުން ޖުމާނާ ބުންޏެވެ. "މިކޮޅަށް ދުރުވޭ.. އަޅުގަނޑުމެންގެ ވޭނުގަ ހޮސްޕިޓަލާ ހަމައަށް ގެންގޮސްދޭނެ.." އެއްފަރާތެއްގައި ޕާރކްކޮށްފައި އޮތް ހުދުކުލައިގެ ވޭނަށް އިޝާރާތްކޮށްލަމުން ޒާމިން ބުނެލިއެވެ. އެއާއެކު ޖުމާނާއާ އެކުގައި ދެންތިބި މީހުންވެސް އައިސް ވޭނަށް އަރައި ހަމަޖެހިލިއެވެ. ފަހަތަށް އެނބުރިލަމުން އެދިމާއަށް އައި އާރިޒްއަށް ބަލައިލައި ޒާމިން ބޯޖަހައިލީ ހުރިހައިކަމެއްވެސް ދިޔައީ ރަނގަޅަށޭ ބުނެލުމުގެ ގޮތުންނެވެ. ފަނޑު ހިނިތުންވުމެއް ޒާމިންއާ ބަދަލުކޮށްލަމުން އާރިޒް އައިސް އެތަނުގައި ހުއްޓުނެވެ. "ޒިމާމް ގުޅީ.. އެމީހުނަށް ރަށަށް އާދެވުނުތޯ ބަލަން ވެގެން.. އަހަރެން ބުނިން މިހާރު ހޮސްޕިޓަލަށް ދިއުމަށް ދަތުރުފަށަނީއޭ.. އެކޮޅުތިބި މީހުނަށް އަވަހަށް ރެޑީވާން އަންގާށޭ.." ކުރުގޮތަކަށް ޒިމާމްއާ ދެއްކި ވާހަކަތަށް އާރިޒް އޮޅުންފިލުވައި ދިނެވެ. އަދި ވޭން ދުއްވަންއިން މީހާއަށް ހޮސްޕިޓަލާ ދިމާއަށް ދަތުރުފެށުމަށް އަންގައިލިއެވެ. ވޭން ސްޓާރޓް ކޮށްލުމާއެކު ޒާމިންގެ ކޮނޑުގައި ޖަހައިލަމުން އަވަހަށް ހިނގާށޭބުނެ ސައިކަލު ޕާރކް ކޮށްފައިހުރި ދިމާއަށް އާރިޒް މިސްރާބުޖެހިއެވެ.

ރަށުގެ ހޮސްޕިޓާ ހުންނަނީ ބަނދަރާ ނުހަނު ކައިރީގައިކަމުން މާދިގު ދަތުރެއް ކުރާކަށް ނުޖެހުނެވެ. ވޭން އައިސް މަޑުކޮށްލުމާއެކު އޭގެން ފައިބަންފެށި ޑޮކްޓަރުންގެ ޓީމަށް ހޮސްޕިޓަލުގައި މަސައްކަތްކުރާ ސްޓާފުންގެ ފަރާތުން ހޫނު މަރުޙަބާއެއް ކިއެވެ. އިސްވެހުރެ އެމީހުނަށް މަގުދައްކަމުން ކުރިއަށް ދިޔައީ ޒިމާމެވެ. ހިތްހަމަޖެހިފައިހުރި ފަދައަކުން ޒިމާމާ ވާހަކަދައްކަމުން ކުރިއަށްދިޔަ ޖުމާނާގެ ފަހަތުން ދެންތިބި މީހުން އައެވެ. އެވަގުތު ތަންކޮޅެއް ދުރުގައި ހުއްޓިގެންހުރި އާރިޒްގެ ލޮލުގައި ހިނިއައިސްފައި ގާތުގައިހުރި ކުއްޖަކާ ވާހަކަދައްކަމުން ވޭނުން ފޭބި އަންހެންކުއްޖާ އަޅައިގަތެވެ. ހަށިގަނޑު އިހުނަށްވުރެ ސީދާކޮށްލުމާއެކު ކަޅިޖަހާލަންވެސް ހަނދާންނުވެފައި އެދިމާއަށް ބަލަހައްޓައިގެން އާރިޒްއަށް ހުރެވުނީ ކީއްވެކަމެއް ނޭނގެއެވެ. އަލަށް ފެނުނު އެސޫރައިން ކޮންމެވެސް ކަހަލަ އަސަރުތަކެއް އެހިތަށް ކުރުވައިފިކަން ގައިމެވެ. އެހެންނޫންނަމަ އާރިޒްއަށް ވަށައިގެންވި ހުރިހައިކަމެއްގެ މަތިން ހަނދާންނައްތައިލައިފައި އެގޮތަށް އެކުއްޖަކާ ދިމާއަށް ބަލަން ނުހުރެވުނީސްކަން ޔަގީނެވެ. އޭނާއަކީ އެއްވެސް އިރެއްގައި އަންހެންކުދިންނާ ދޯޅުވެ ފެންނަހައި ކުއްޖަކަށް ބަލައިހެދި މީހެއް ނޫންވިއްޔާއެވެ. ކުއްލިއަކަށް މިވީ ކިހިނެއްކަމެއް ޚުދު އޭނާއަށްވެސް ބުނެދޭކަށް ނޭނގެއެވެ. އެނގޭހައިވެސް ކަމަކީ އެ ރީތިކަމުން ހިތަށް ބުނެދޭން ނޭނގޭފަދަ ގޮތްތަކެއް ވެއްޖެކަމެވެ. ހުއްޓުންއަރައިފައި ހުރި އާރިޒްއަށް ހަމަމިބަށް އާދެވުނީ އޭނާގެ ކޮނޑުގައި ޖަހައިލަމުން ޒާމިން ގޮވައިލުމުންނެވެ. އެތެރަށް ދާންވީކަންވެސް އޭނާއަށް އިހުސާސުވީ ދެނެވެ. މަޑުމަޑުން ދެފަރާތަށް ބޯހޫރައިލަމުން އާރިޒް ކުރިއަށް ހިނގައިގަތްއިރު އަދިވެސް އެދެލޯ ކުރިމަތީގައި އެއަންހެންކުއްޖާގެ ރީތި ސޫރަ ސިފަވަމުން ދިޔަކަހަލައެވެ.

ރަށަކީ އާބާދީގެ ނިސްބަތުން ބޮޑު ރަށެއް ނަމަވެސް ބޭނުންހައި ޚިދުމަތެއް ރަށު ހޮސްޕިޓަލުން ލިބޭކަށް ނުހުރެއެވެ. އެހެންވެ ދޭތެރަކުން ރަށުގެ ކައުންސިލާ ނުވަތަ ޒުވާނުންގެ ޖަމިއްޔާއާ ގުޅިގެން ހޮސްޕިޓަލުން އެފަދަ ޑޮކްޓަރުންގެ ޓީމްތައް މާލެއިން ގެނެއެވެ. މުޅިންވެސް އެކި ދާއިރާތަކުން ޚާއްސަ ޑޮކްޓަރުންނެވެ. ހަފްތާއަކަށް ބަހާލައިގެން އެކި ދުވަސްތައް މަތިން އެކި ޑޮކްޓަރުންގެ ޚިދުމަތް ލިބޭނޭ އިންތިޒާމު ހޮސްޕިޓަލުން ވަނީ ފަހިކޮށްދީފައެވެ. ޖުމާނާމެންގެ ޓީމަކީވެސް އެފަދައިން މާލޭގެ މަޝްހޫރު ހޮސްޕިޓަލަކުން ގެނެވުނު ޑޮކްޓަރުންގެ ޓީމެކެވެ. ހަފްތާއެއް ވަންދެން ރަށުގައި އެމީހުން ވެސް މަޑުކުރުމަށް ހަމަޖެހިފައި އޮތްއިރު އެ ޓީމްގެ ކަންތަކާ އެންމެ ގާތުން ހަވާލުވެ ތިބީ އާރިޒާއި ޒާމިންއެވެ.

އާރިޒް އަކީ ޒިމާމްގެ ދަށުން މަސައްކަތް ކުރުމަށް ހަވާލުވެ ހުންނަ ފަރާތެވެ. ގިނަ ކަންކަން ޒިމާމާ ހަމައަށް ގެންގޮސްދެނީ އާރިޒްއެވެ. އޭނާ މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމެއްގެ ސަބަބުން ޒިމާމްއަށް ކޮންމެ ކަމެއްގައިވެސް އެންމެ ފުރަތަމަ ހޯދެނީ އާރިޒްގެ ޚިޔާލެވެ. އެއީ މުޅި އެތަނުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދެވަނައެއް ނެތްފަދަ ޒުވާނެއްކަން ގައިމެވެ. މަސައްކަތުގައި އާރިޒްއަށް ގިނަގުނަ ކުރިއެރުންތައް ލިބެނީވެސް އެހެންވެއެވެ.

އުމުރުން ހަތާވިސް އަހަރު ވީއިރުވެސް އާރިޒްގެ ހަޔާތުގައިވީ ފަޅުކަމެވެ. އާއިލާއޭ ބުނެވޭނެ އެއްވެސް ބައެއް މިދުނިޔޭގައި އޭނާގެ ނެތެވެ. ހުއްޓަސް ހުރީ މަންމަ ފަރާތު ދައްތައެކެވެ. ޅައުމުރު މައިންބަފައިންނާއެކު އޭނާ ދިރިއުޅެމުން އައީ ބައްޕަގެ ރަށުގައެވެ. އެހެނަސް ކުއްލި ގޮތަކަށް އެދެމީހުންވެސް އޭނާއާ ވަކިވެގެން ދިއުމުން އެއުމުރުގައި އޭނާ ބިކަވީއެވެ. ބައްޕަ ފަރާތު އާއިލާގައި އޭނާ ބެލެހެއްޓޭނެފަދަ އެއްވެސް މީހަކު ނެތުމުން ބޮޑުދައިތަ ގާތަށް މަންމަގެ ރަށަށް ބަދަލުވާން އޭނާއަށް މަޖުބޫރުވީއެވެ. އޭރު ބޮޑުދައިތަގެވެސް އޭނާއާ އެއް އުމުރެއްގެ ފިރިހެންކުއްޖެއްގެ އިތުރުން ހަގަށް ދެ އަންހެންކުދިން ތިއްބެވެ. އުފުލަން ޖެހިފައިވި ޒިންމާތައް އިތުރުވުމުން ބޮޑުދައިތަ ހިތްހަމަނުޖެހުނެއްކަމަކު މަދުފަހަރަކު ނޫނީ އޭނާއާ ދިމާއަށް އެއްޗެއް ނުބުނެއެވެ. ރަށު މީހުންގެ ކުރިމަތީގައި އަމިއްލަ އަގުވެއްޓިދާނެފަދަ އެއްވެސް ކަމެއް ކުރަން ބޭނުންނުވާތީ ހިތާދެކޮޅަށްވިއަސް އޭނާ ބަލައިގަތީއެވެ. ހިތްހެޔޮކަމާއެކު އަނގައިން ނުބުންޏެއްކަމަކު އޭނާގެ މައްޗަށް ރައްކައުތެރިވާނެ ބައަކު ވުމުން އެވަރުންވެސް އާރިޒްއަށް ފުދުނެވެ. އިތުރު އެއްވެސް ކަމަކާ ޝަކުވާކުރަން އޭނާ ބޭނުންނުވީ އެހެންވެއެވެ. އަމިއްލަ ދަރިންނެކޭ އެއްފަދަ ނުކުރި ނަމަވެސް ރަށުގައި ކިޔަވައިދެވެން އޮތް އެންމެ މަތީ ފެންވަރަށް ބޮޑުދައިތަ އާއި ޅިޔަނު އޭނާއަށް ކިޔަވައިދިނެވެ. މިއަދު އޭނާ އެ ހުރި މަޤާމަށް އައުމުގައި އެމީހުންގެ އަތެއްވެސް ވާކަން ފަހަރެއްގައިވެސް އާރިޒް ހަނދާންނައްތައެއް ނުލައެވެ. ބީރައްޓެހިކަން އުޅެ ބޮޑުވި ގެއިން އަދިވެސް އިހުސާސުވިއެއްކަމަކު ޝުކުރުކޮށްލަނީ އެސަބަބަށްޓަކައެވެ. ދުނިޔެއަކީ ހިތްއެދޭހައި ކަމެއް ފުރިހަމަވާނެ ތަނެއް ނޫންކަން އޭނާ އަބަދުވެސް ހަނދާނުގައި ބަހައްޓައެވެ.

ހޮސްޕިޓަލުގެ އެކި ތަންތަން ބެލުމާއިގެން އުޅުނު މީހުންތަކުގެ ތެރެއިން އާރިޒްގެ ނަޒަރު އިރުއިރުކޮޅުން ގޮސް ހުއްޓެނީ ހިތްގައިމު އެ ސޫރައެވެ. ޝައުޤުވެރިކަމާއެކު ޒިމާމްގެ ވާހަކަތައް އަޑުއަހަމުން އެއަންހެންކުއްޖާ ދިޔައިރު، އާރިޒްގެ ސިއްރުވެރި ނަޒަރުތައް އަމާޒުވަމުން ދާކަމެއް އެކުއްޖާ ނުދެނަ ހުއްޓެވެ. އަމިއްލަ ނަފުސަށް މަޖުބޫރުކޮށްގެންވެސް އެކަން ހުއްޓައިލުން އާރިޒްއަށްވީ ދަތިކަމަކަށެވެ. އިތުރުދިމާއަކަށް ނުބަލާން އޭނާގެ ދެލޯ ހުވާކޮށްގެން ހުރިފަދައެވެ. ހުދުކުލައިގެ ކަށިމައްޗަށް އަރާ ކުރުތާއާއެކު ތިރިން ލައިފައިހުރި ކަޅުކުލައިގެ ފަޔަށް ހިމަ ޖިންސުގައި އެ ސޫރަ ފެންނަލެއް ކިތަންމެހައިވެސް ސާދާއެވެ. ދެންތިބި ކުދިންނާ ޚިލާފަށް މާބޮޑު މޭކަޕެއް ކޮށްފައި ނެތަސް ދޮންދޮން މޫނުގައިވީ ތާޒާކަމެވެ. މައުސޫމުކަމުން ފުރިފައިވި ބޮޑު ދެލޮލާއެކު މަޑު ފިޔާތޮށިކުލައިގެ ތުންފަތުން ހިނިތުންވެލާ ގޮތުން އެރީތިކަން އެތައް ގުނައެއް އިތުރުވާކަމަށް ދައްކައެވެ. އުނަގަނޑާ ހަމައަށް އަންނަ ކަޅުކުލައިގެ ފަންދިގު އިސްތަށިގަނޑު ނިއުޅައިލައިފައި އޮތްއިރު، އަނދިރިކަމުގެ ތެރެއިން ފައުޅުވާ ސާދަވިލޭރޭގެ ހަނދެކޭ އެމޫނެކޭ އެއްވެސް ތަފާތެއް ނެތެވެ. ހިތަށް ވެރިވަމުންދިޔަ ޚިޔާލުތަކާއެކު ކަންބޮޑުވެފައި ކުއްލިއަކަށް އާރިޒްއަށް އިސްޖަހައިލެވުނެވެ. އެހެނަސް ސިއްރުންވިއަސް އެދިމާއަށް ބެލުން އޭނާއަށް ހުއްޓައެއް ނުލެވުނެވެ.

"ކިހާދެރަކަމެއް.. ކިހިނެއްތަ އަހަރެންނަށް މިވަނީ.. މިހެން އުޅެނިކޮށް އެކުއްޖާއަށް ފެނިއްޖެއްޔާ ކީކޭ ހީކުރާނީ.. ޔަޤީން އަހަރެންމީ ވަރަށް ވިޔާނުދާ މީހެއް ގޮތަށް ކަންނޭނގެ ދެކޭނީ.. ސްޓޮޕް ސްޓޮޕް ސްޓޮޕް.." އަމިއްލަ ނަފުސަށް ބާރުފޯރުވަމުން ކަހަލަ ގޮތަކަށް އާރިޒް ހިތާހިތުން ބުނެލިއެވެ. އޭނާގެ އަމަލުތައް އެހެން މީހަކަށް ފާހަގަވެދާނެތީވެސް އާރިޒް ހުރީ ކަންބޮޑުވެފައެވެ. އަވަސް އަވަހަށް އަނެއްފަރާތަށް އެނބުރެވުނީ ކުރެވެމުންދިޔަ ކަންތައް އެހެން މީހަކަށް ފެންނަން ނޭދޭތީއެވެ.

މުޅި ދުވަސް ހޭދަވެގެން ދިޔައީ އެފަދަ ގޮތަކަށެވެ. އާރިޒް މަސައްކަތް ކުރަމުންދިޔައީ އެމީހުނާ ވީހައިވެސް ދުރުދުރުން އުޅުމަށެވެ. ފުރަތަމަ ދުވަސްކަމުން އެމީހުންގެ ކަންތަކާ ޚުދު ޒިމާމް އަމިއްލައަށް ހަވާލުވުމުން އާރިޒްއަށް ލިބުނީ ބަޔާންކުރަން ދަތި ހަމަޖެހުމެވެ. ހިތް އެކަމާ ނުރުހުން ވިޔަސްއެވެ. އެހެން އުޅެން ހަދައިގެން ޖުމާނާ ފިޔަވައި އިތުރު މީހެއްގެ ނަންވެސް އެނގޭ ގޮތެއް ނުވިއެވެ. ފިކުރު ގިނަވުމުގެ ސަބަބުން ބޮލުގައި މަޑު ރިހުމެއްވެސް ވަނީ އުފެދިފައެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އާރިޒް ބޭނުންވީ އެމީހުން ނުފެންނަ ތަނަކަށް ދާށެވެ. ޒިމާމް ގާތުގައި ބަލިވީކަމުގެ ބަހަނާ ދައްކައިފައި އަވަހަށް ގެއަށް އައީވެސް އެހެންވެއެވެ. މިއީ އެހެންނާ ދުވަހަކުވެސް އޭނާ އުޅުނުގޮތެއް ނޫނެވެ. ހިސާބަކަށް ކުށްވެރިކަމުގެ އިހުސާސުވެސް ކުރެވެމުންދިޔައީ އެހެންވެކަން ގައިމެވެ. ނަމަވެސް އިތުރަށް އެކަމާ ވިސްނާކަށް އާރިޒް ބޭނުމެއް ނުވިއެވެ. ގެއަށް އައިސް ވަތް އާރިޒް އަވަސްވެގަތީ ކޮޓަރިއަށް ދިއުމަށެވެ. އެއްޗެހި ބަދަލުކޮށްލަމުން އެނދަށް އަރައި އޭނާ ދެލޯ މަރައިލީ ނިތުގައި މަޑުމަޑުން އިނގިލީގެ ކުރިން ފިރުމައިލަމުންނެވެ. މެރިގެންދިޔަ އެސްފިޔަތަކުތެ ތެރެއިންވެސް އޭނާ އަށް ސިފަވީ އެރީތި ނިޔަނެތި ސޫރައެވެ. ދެލޯ ހުޅުވައިލުމާއެކު ފުންމައިގެން އެނދުމަތިން އޭނާ ތެދުވީ ކަންބޮޑުވެފައި ހުރި ފަދައަކުންނެވެ.

"މިދެން ކޮންފަދަ ކަމެއްތަ.. އެހެންނާވެސް އަހަންނަށް އަންހެންކުދިން ފެނޭ.. އެކަމަކު.. އެކަމަކު ދުވަހަކުވެސް މިފަދަ ގޮތެއް ނުވޭ.. ދެން މިއަދު ކީއްވެތަ މިހެންމިވަނީ.. އަހަންނަށް ކޮންކަހަލަ އިހުސާސުތަކެއްތަ މިކުރެވެނީ.. ހިތް އަވަސްވެ ކަންބޮޑުވަނީ ކީއްވެ.. އަހަރެންގެ ފަރާތުން ގޯސްއަޑެއް ފެތުރޭކަށް ބޭނުމެއްނޫން.. އަހަރެންމީ އަޚުލާޤު ދަށް މީހެއް ނޫންވިއްޔަ.. ހިތް ނުތަނަވަސްވަނީ އެހެންވެކަންނޭނގެ.. އެކުއްޖާއަށް ފެނިދާނެތީ މާބޮޑަށް އަހަރެން ކަންބޮޑުވީ.. ހިނދުކޮޅަކަށްވިއަސް ދުރަށް އަންނަ ބޭނުންވީ އެހެންވެ.. އެކަމަކު.. އަދިވެސް އެ ސޫރަ ދެކިލަން ބޭނުންވަނީ ކީއްވެތަ.. އެއްގޮތަކަށްވެސް މިކުރެވޭ އިހުސާސުތައް ދެނެގަންނާކަށް ނޭނގެ.." މަޑުމަޑުން މޭގައި ފިރުމައިލި އާރިޒްގެ ހިތުގައިވިއެވެ.

ހަވީރުއަތަށް އަޅައިލިއިރު އަވިމަޑުވެ ލުއިލުއި ރޯޅިތައް ޖެހެން ފަށައިފިއެވެ. ޖައްވުގައިވި ހޫނުކަންވެސް އެރޯޅިތަކުގެ ސަބަބުން ކުޑަވެއްޖެކަހަލައެވެ. ފިނިޖެހިލުމާއެކު ކުދިވެރިން ގޮވައިގެން ގޭގެއިން މީހުންވެސް ނުކުމެ އުޅޭތަން ފެނެއެވެ. ގޭގައި އޮވެވެސް އެފިކުރުތަކަށް ލުޔެއް ނުލިބުމުން އާރިޒް ގަސްދުކުރީ ގެކުރިމަތީގައި އޮންނަ އަތިރިމައްޗަށް ނުކުމެލުމައެވެ. ކަޅުކުލައިގެ ޓީޝާރޓަކާއި ކްރީމް ކުލައިގެ ސޯޓެއް ލުމަށްފަހު ސައިޑް ޓޭބަލް މަތީގައި އޮތް ފޯނު ނަގަމުން އޭނާ މިސްރާބުޖެހީ ކޮޓަރިން ނުކުންނާށެވެ. މިއަދު ކާހިތްވެސް އޭނާ ނުވާފަދައެވެ. ހެނދުނު ބޯލި ސައިފޮދާއެއްކޮށް ހުރިއިރު ބަނޑުހައިވާކަން އޭނާ އަށް އިހުސާސުވެސް ނުވަނީއެވެ. މުޅިން އެހެން ދުނިޔެއަކަށް ދެވިގެންއުޅޭ މީހެކޭ އާރިޒްއެކޭ އެއްވެސް ތަފާތެއް ނެތެވެ.

އަތިރިމައްޗަށް ފައިބަމުން އެއްފަރާތުގައިހުރި ބިޔަ ނިކަގަހުގައި އެލުވައިފިހުރި ހެއްލޭ ޖޯލިތަކުން ޖޯއްޔެއްގައި އާރިޒް އޮށޯވެލިއެވެ. އަދި ކުރިމަތިން ފެންނަން އޮތް މޫދުގެ ހިތްގައިމުކަމަށް ހިތާއި ނަފުސު ދޫކޮށްލިއެވެ. ކުދި ކުދި ރާޅުތައް ގޮނޑުދޮށަށް ބީއްސާއަޑު މުޅި މާހައުލުގައި ހަރުލައިފައި ހުއްޓެވެ. ހިތްހަމަޖެހިފައި އޮތް ފަދައަކުން އާރިޒް ހިނިތުންވެލިއެވެ. އެވަގުތު ރާޅު ބީއްސާއަޑާ އެކުވެގެން އައި އަންހެންވަންތަ ލުއި ހުނުމެއްގެ އަޑު އާރިޒްގެ ކަންފަތުގައި ޖެހުނެވެ. އެދިމާއަށް އޭނާގެ މޫނު އަނބުރައިލެވުނީ ގަސްދަކާނުލައެވެ. ޖުމާނާއާ ވާހަކަ ދައްކަމުން ހިނިއައިސްފައިހުރެ އެދިމާއަށް އައި ކުއްޖާ ލޮލުގައި އަޅައިގަތުމާއެކު އާރިޒްއަށް އިންތަނުން ތެދުވެވުނީ ކިހިނެއްކަންވެސް ނޭނގުނެވެ. ހިތްދަމައިގަންނަފަދަ އެރީތި ހިނިތުންވުމަށް ބަލަހައްޓައިގެން އާގަނމަވެފައި އޭނާއަށް ހުރެވުނީއެވެ. އެއްލިކަޅިއަކުން އެއަންހެންކުއްޖާއަށް އާރިޒް ފެނުމާއެކު ފަނޑު ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އެއާއެކު އާރިޒްގެ ތުންފަތްވެސް ދެފަރާތަށް ދެމިގެންދިޔައީ ބޭއިޚުތިޔާރުގައެވެ. ޖުމާނާގެ ލޮލުގައި އާރިޒް އަޅައިގަތުމާއެކު އެތަނަށް އައިސް މަޑުކޮށްލިއެވެ.

"ތީ އާރިޒް ދޯ.. ފަހުން ހޮސްޕިޓަލް ތެރޭން ނުވެސް ފެނޭ..." ހިތްހެޔޮ ރާގަކަށް ޖުމާނާ ބުންޏެވެ.

"ލައްބަ.. އަޅުގަނޑަށް ކުޑަކަމެއް ދިމާވެގެން އަވަހަށް އަންނަން ޖެހުނީ.." ޖުމާނާ ގާތުގައި ހުރި އަންހެންކުއްޖާއަށް ނުބަލަން މަސައްކަތް ކުރަމުން އާރިޒް ބުނެލިއެވެ.

"އެހެންތަ.. ޒިމާމް ވެސް ތިކަހަލަ އެއްޗެއް ބުނި.. ރީން އަށް އެނގޭތަ.. ޒާމިންގެ އިތުރުން މީވެސް އަހަރެމެންގެ ޓީމްއާ އެންމެ ގާތުން ހަވާލުވެހުރި އެކަކޭ.. އާރިޒް ކިޔަނީ.. އާރިޒް މީ މެހެރީން އިނގޭ.. އަޅުގަނޑުމެންގެ ޓީމްގަ ހިމެނޭ އެންމެ ޤާބިލް އެއް ޑޮކްޓަރު.." ހިނިއައިސްފައި ހުރި ޖުމާނާ އާރިޒް އާއި މެހެރީން އެކަކު އަނެކަކަށް ތަޢާރަފުކޮށްދިނެވެ. މެހެރީންއަށް ބަލައިލި އާރިޒް ކުޑަކޮށް ބޯޖަހައިލަމުން ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ. އިރުކޮޅަކު އެތަނުގައި ހުރުމަށްފަހު މިދަނީ ރަށުތެރެ ބަލައިލަންކަމަށްބުނެ މެހެރީން ގޮވައިގެން ޖުމާނާ ހިނގައިގަތެވެ. އެދަތުރުގެ އިތުރުންވެސް ދެތިންފަހަރު އެރަށަށް އައިސްފައި ހުރުމުން ރަށުގެ ތަންތަން ޖުމާނާ ދަނެއެވެ. އެހެން މީހެއްގެ އެހީތެރިކަމާ ނުލައި އޭނާ ނުކުމެ އެއުޅެނީ އެހެންވެއެވެ. ޓީމްގެ ދެންތިބި މެންބަރުން ދަތުރުވަރުބަލިވެ އަރާމު ކުރަނީކަމަށް ޖުމާނާ ބުނެލީ ހިނގައިގަންނަމުން އާރިޒް ކުރި ސުވާލަށް ޖަވާބުދިނުމުގެ ގޮތުންނެވެ.

"މެހެރީން... މެހެރް.." އޭނާގެ އަޑު ނީވޭހައި ދުރަށް ޖުމާނާ އާއި މެހެރީން ދިއުމުން އިސްޖަހައިލި އާރިޒްއަށް ބުނެވުނެވެ. އަމިއްލަ އިޚުތިޔާރުން ބޭރުގައި ނަމަވެސް އެނަން ދުލުން ކިޔައިލެވުމުން އޭނާގެ ހިތަށް ކުރުވީ ފޮނިމީރު އިހުސާސެކެވެ. ލުއި ހުނުމެއް އަނގައިން ބޭރުވުމާއެކު ބޮލުގެ ފުއްކިބައިގައި އޭނާއަށް އަތްހިންގައިލެވުނެވެ.

(ނުނިމޭ)

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!