ކުޅިވަރު ފުޓްބޯޅަ

ރިޗާލިސަންގެ ހިތްގައިމު ލަނޑާއެކު ބްރެޒިލްއިން ސާބިއާގެ މައްޗަށް ކުރިހޯދައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ރިޗާލިސަންގެ ހިތްގައިމު ލަނޑަކާއެކު ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ އެއް ބާރު ކަމަށްވާ ބްރެޒިލްއިން ސާބިއާގެ މައްޗަށް ކުރި ހޯދައިިފިއެވެ.

Ads by MWSC

މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވެ ސާބިއާގެ ޑިފެންޑަރު ސްޓްރަހިންޖާ ޕަވްލޮމިޗްއަށް ވަނީ ރީނދޫ ކާޑެއް ދައްކައިފައެވެ. އޭނާއަށް މި ކާޑު ދެއްކީ ބްރެޒިލްގެ ނޭމާއަށް ކުރި ފައުލަކާ ގުޅިގެންނެވެ.

މެޗުގައި ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅެމުންދިޔައީ ބްރެޒިލްގެ ޓީމުންނެވެ. އެ ޓީމަށް ލިބުނު ފުރަތަމަ ކޯނަރު ނޭމާ ނަގައިދިންއިރު އެ ބޯޅަ ދިޔައީ ވަރަށް ރީއްޗަށް ކާވް ވެގެން ގޯލާ ދިމާލަށެވެ. އެހެން ނަމަވެސް ކީޕަރު ވަނީ އެ ބޯޅަ ދިފާއު ކޮށްފައެވެ.

މެޗުގެ 34ވަނަ މިނެޓުގައި ބްރެޒިލްގެ ރަފީނިއާއަށް ގޯލެއް ޖެހުމަށް ތަނަވަސް ފުރުސަތެއް ލިބުނެވެ. އެހެން ނަމަވެސް މުޅިން ހުސްކޮށްހެން ހުރެ އޭނާ ފޮނުވާލި އެ ބޯޅަައިގައި ބާރެއް ނެތްއިރު ދިޔައީ ކީޕަރާ ދިމާލަށެވެ.

މެޗުގެ 40ވަނަ މިނެޓުގައި ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ މަތިން ދިން ބޯޅައެއްގައި ސާބިއާގެ ޑިފެންޑަރުންނަށް ހެދުނު ގޯހަކުން ބްރެޒިލްގެ ވިނީޝިއަސް ޖޫނިއާއަށް ލިބުނެވެ. އެހެން ނަމަވެސް، އެ ބޯޅަ ސާބިއާގެ ޑިފެންޑަރުން ވަނީ ހުށިޔާރު ކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ އެއް ޓީމަކަށް ވެސް ގޯލެއް ނުޖެހިއެވެ. ފުރަތަމަ ހާފު ޑޮމިނޭޓް ކޮށްގެން ކުޅުނީ ބްރެޒިލްްއިންނެވެ.

ދެވަނަ ހާފު ފަށައިގެން މާ ގިނައިރުތަކެއް ނުވެ އަނެއްކާވެސް ބްރެޒިލްގެ ރަފީނިއާއަށް ލަނޑުޖަހަން ހުސް ފުރުސަތެއް ލިބުނެވެ. ސާބިއާގެ ޑިފެންޑަރުންނަށް ހެދުނު ގޯހަކުން ހޯދި މި ބޯޅަ މާ އެދެވޭ ގޮތެއްގައި އޭނާއަށް ބޭނުން ކުރެވޭ ގޮތެއް ނުވިއެވެ. އެ ބޯޅަ ދިފާއުކުރީ ސާބިއާގެ ކީޕަރު މިލިންކޮވިޗްއެވެ.

މެޗުގެ 49ވަނަ މިނެޓުގައި ބްރެޒިލްއަށް ސާބިއާގެ ޑީއޭރިއާ ރޮނގާ ކައިރިން ހިލޭ ޖެހުމެއް ލިބުނެވެ. ނޭމާ ފޮނުވާލި އެ ހިލޭޖެހުން ގޮސް ޖެހުނީ ސާބިއާގެ ވޯލްގައި ތިބި ކުޅުންތެރިންގެ ގައިގައެވެ. މެޗުގެ 60ވަނަ މިނެޓިގައި އޭރިއާ ބޭރުން ބްރެޒިލްގެ އެލެކްސް ސޭންޑްރޯ ފޮނުވާލި ބޯޅަ ޖެހުނީ އަރިމަތީ ދަނޑީގައެވެ.

ބްރެޒިލްއިން މި މެޗުގައި ފުރަތަމަ ލީޑު ނެގީ 62 ވަނަ މިނެޓުގައި ރިޗާލިސަންއެވެ. އެ ބޯޅައަކީ ނޭމާ ތަނަވަސްކޮށްދިން ފުރުސަތަކުން ވިނީޝިއަސް ޖޫނިއާ ފޮނުވާލި ބޯޅައެއް ކީޕަރު އަތުގައި ޖެހިފައި ރީބައުންސަށް ނުކުތުމުން ރިޗާލިސަން ފޮނުވާލި ބޯޅައެކެވެ.

މެޗުގެ ދެވަނަ ގޯލު 73ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ރިޗާލިސަންއެވެ. ވިނީޝިއަސް ނަގައިދިން ހުރަހަކުން އޭނާ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ ބައިސިކަލް ކިކަކުންނެވެ.

މި މޮޅާއެކު ބްރެޒިލް އޮތީ ގުރޫޕް ޖީގެ އެއްވަނައިގައި ތިން ޕޮއިންޓާއެކުގައެވެ. އެ ގުރޫޕުގައި ހިމެނޭޭ ސްވިޒަލޭންޑުން މި އަދަދަށް ޕޮއިންޓު ހޯދައިފައި ވީ ނަމަވެސް ދެވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ.

ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕްގެ އެންމެ ވަރުގަދަ އެއް ޓީމަކީ ބްރެޒިލްއެވެ. މުބާރާތުގެ ތަށި ކާމިޔާބު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ފޭވަރިޓުންނަކީ ވެސް އެއީއެވެ. ބްރެޒިލްއަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ވެސްމެއެވެ. 1930އިން ފަށައިިގެން ވާލްޑް ކަޕްގައި އަބަދުވެސް މި ޓީމުން ވާދަކުރަމުން އަންނައިރު އެންމެ ގިނަ ފަހަރަށް ތަށި ކާމިޔާބު ކޮށްފައިވާ ޓީމަކީ ވެސް މިއީއެވެ، އެ ޓީމުން ވަނީ ފަސް ފަހަރަށް ވާލްޑް ކަޕްގެ ތަށި އުފުލައިލައިފައެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!