ފަތުރުވެެރިކަމުގެ ދާއިރާއިން، ކެމްބޯޑިއާއާއެކު ގުޅުން ބަދަހި ކުރަން މަޝްވަރާ ކުރައްވައިފި
ފަތުރުވެރިކަމުގެ ދާއިރާއިން، ދިވެހިރާއްޖެއާ ކެމްބޯޑިއާއާ ދެމެދު ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމާ، އެ ޤައުމުގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވައިފައިވަނީ، ކެމްބޯޑިއާގެ ބޮޑުވަޒީރުގެ އަރިހަށް، އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން ދައްކުވައިދޭ ދަތުރުފުޅެއްގެ ގޮތުގައި ނައިބު ރައީސް ސިފަކުރެއްވިއެވެ. އަދި މި އަހަރަކީ ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 28 އަހަރު ފުރޭ އަހަރުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެޤައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ގާތުން ގުޅިގެން މަސައްކަތްކުރުމާއި އަދި ދެޤައުމުން ގުޅުން ޤާއިމުކޮށްފައިވާ ދާއިރާތަކުން ދޭދޭ ގުޅުންތަކާއި ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށް އެދޭކަން ދެބޭފުޅުންގެ ވާހަކަފުޅުގައި ފާހަގަކުރައްވައިފައެވެ.
މީގެ އިތުރުން ދެ ބޭފުޅުން ވަނީ ދަނޑުވެރިކަމާއި މަތީ ތަޢުލީމާއި ވިޔަފާރި އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންތައް ވަރުގަދަ ކުރުމާގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަށް ތަޢުރީފުކުރައްވައި ފަތުރުވެރިކަމުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދު އެއްބާރުލުން އިތުރުކުރުމަކީ ދެ ޤައުމަށްވެސް އެކަމުގެ މަންފާކުރާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އިއާދަކުރަނިވި ހަކަތައާއި މޫސުމަށް އަންނަ ބަދަލުތަކާއި އަދި އިޤްތިޞާދު ސިންދަފާތު ކުރުންފަދަ ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ދެޤައުމުގެ އެންމެ އިސްވެރިންގެ ދަތުރުފުޅުތަކަކީ ދެ ޤައުމުގެ ގުޅުން މަތީ ހަރުފަތަކަށް ގެންދިއުމަށް މަގު ފަހިވެގެންދާނެ މުހިންމު ކަމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކަކީ ދެ ޤައުމަށްވެސް ގިނަ ފައިދާތަކެއް ލިބިގެންދިޔަ އަދި އަދި މިހާރަށްވުރެ ފުޅާދާއިރާއެއްގައި ދެ ޤައުމުގެ ދެމެދު އެއްބާރުލުން އިތުރުކުރުމާ ގުޅުން ބަދަހިކުރުމަށް މަގުކޮށިގެންދާނެ މަޝްވަރާތަކެއްކަމުގައި ޔަޤީންކުރައްވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ކެމްބޯޑިއާގެ ބޮޑުވަޒީރު މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ވަނީ ރާއްޖެއާއި ކެމްބޯޑިއާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިޔަށް އޮތްތަނުގައިވެސް އިތުރަށް ބަދަހިވެގެންދިއުމަށާއި މިހާރު ގުޅުން ޤާއިމުކޮށްފައިވާ ދާއިރާތަކާއި އިތުރު ދާއިރާތަކުން ދެޤައުމުގެ ދެމެދު ގުޅުންތައް އިތުރަށް ބަދަހިވެގެންދިއުމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.