ޚަބަރު ސިޔާސީ

ގެސްޓުހައުސްގެ ވިޔަފާރި ފަށާފައިވަނީ މަޖިލީހުން، ނަޝީދުގެ ވެރިކަމުގެ ކުރިން: ރައީސް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ގެސްޓު ހައުސްގެ ވިޔަފާރީގެ ހަގީގީފެށުން ފެށިފައިވަނީ އެމްޑީޕީ ވެރިކަމަށް އައުމުގެ މާކުރިން މަޖިލީހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

Ads by MWSC

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ކ. ގުރައިދޫއަށް ވަޑައިގެން އެރަށުގެ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ރާއްޖޭގައި ގެސްޓު ހައުސްގެ ފެށުން އައީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ނޫން ކަމަށާއި އެއީ އޭގެ ކުރިން މަޖިލީހުގެ ގަރާރަކުން ފެށުނު ކަމެއްކަމަށެވެ.

"ސަރުކާރަށް ލާޒިމުކުރާ ގަރާރު މަޖިލީހުން ފާސްކުރީ 2008 ވަނަ އަހަރުގެ ކުރީކޮޅު. އޭރު މަޖިލީހުގައި ތިއްބެވި ބޭފުޅުން މި ތިއްބެވީ، މޫސާ މަނިކު، އަބްދުﷲ ޝާހިދު، މާރިޔާ ދީދީ، އަޅުގަނޑު ހިތުން މަހުލޫފު ވެސް އެތާ އިންނަވާނެ އަދި އަޅުގަނޑު ވެސް އެތާ ހުރިން އެ ދުވަސްކޮޅުގައި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މައުމޫންގެ ސަރުކާރުން ނިންމާފައި އޮތް ނިންމުން ބަދަލު ކޮށްފައިވަނީ އެމްޑީޕީ ފުރަތަމަ ވެރިކަން އައުމުގެ ކުރިން، މަޖިލީހުގެ ތެރެއިން ކަމަށެވެ. އަދި މިގަރާރު ފާސްވީ އެއްފަހަރަށް ވުރެ ގިނަ ފަހަރު މަޖިލީހަށް ފޮނުވައިގެން ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި ހަމައެހެންމެ ރައީސް ވިދާޅުވީ އެމްޑީޕީގެ ކުރީގެ ސަރުކާރުން (ރައީސް ނަޝީދުގެ ސަރުކާރު) ގެސްޓުހައުސްގެ ވިޔަފާރި ޕްރޮމޯޓް ކުރަން މަސައްކަތްކުރެއްވި ކަމަށާއި މި ފުރުސަތު ރަށްރަށަށް ލިބިގެން ދިޔައީ 2008 ވަނަ އަހަރުގެ ކުރީކޮޅު މަޖިލީހުން ފާސްކުރި ގަރާރަކުންކަމަށެވެ.

ރާއްޖޭގެ ރަށްރަށުގައި މިހާރު ދަނީ ފުޅާދާއިރާއެއްގައި ގެސްޓުހައުސްގެ ވިޔަފާރިކުރަމުންނެވެ. އަދި މި ވިޔަފާރި ރާއްޖެއަށް ތައާރަފްކޮށްދީ ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދީފައިވަނީ އެމްޑީޕީން ކަމަށް އެޕާޓީއަންނަންނީ ވަކާލާތު ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!