ޚަބަރު ސިޔާސީ

އިންތިހާބުގެ މަޝްވަރާއަށް ސަން ސިޔާމް ރައީސް ޞާލިހުގެ އަރިހަށް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ސަން ސިޔާމްއަށް ރައީސް ޞާލިހު އެވޯޑު ދެއްވަނީ

ވެރިކަން ކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްް (އެމްޑީއޭ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ބައްދަލުކުރައްވައިފި އެވެ.

Ads by STELCO

މިބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ރައީސް އޮފީހުގަ އެވެ. ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާމް އަލީ ޒާހިރުގެ ހާޒިރުގައި ކަމަށް މައުލޫމާތު ލިބެ އެވެ.

ރައީސް ޞާލިހާއި ސިޔާމް މަޝްވަރާ ކުރެއްވީ ސީދާ ކޮން ކަމަކާއި ގުޅޭގޮތުންކަން ރަސްމީ ފަރާތަކުން މީޑިއާތަކަށް ކަށަވަރުކޮށްދީފައި ނުވިނަމަވެސް މިއީ މިއަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބާއި ގުޅުންހުރި މަޝްވަރާ ބައްދަލުވުމެއްކަމަށް މައުލޫމާތު ލިބެ އެވެ. ރައީސް ޞާލިހުގެ ވިސްނުންފުޅަކީ ކޯލިޝަނަކާއިއެކު ރިޔާސީ އިންތިހާބަށް ނިކުންނެވުމެވެ. މިހާތަނަށް އައިއިރު ކޯލިޝަނަށް ފެހި ސިގްނަލެއް ދީފައިވަނީ އަދާލަތު ޕާޓީ އާއި އެމްއާރުއެމް އެވެ. މިހާރު ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީގެ ރަސްމީ ނިންމުން އަދި ހާމައެއް ނުކުރެ އެވެ.

ސަން ސިޔާމްގެ އެމްޑީއޭ އަކީ މީގެ ކުރިން އެމްޑީޕީއާއިއެކު ކޯލިޝަން ހެދި ޕާޓީއެއް ނޫނެވެ. އެޕާޓީން މީގެ ކުރިން ބައިއަތު ހިފަމުން ދިޔައީ އިދިކޮޅު ޕީޕީއެމްއާއިއެކު އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްޑީއޭއަކީ ކޯލިޝަން ޕާޓްނަރެކެވެ.

މިދިޔަ އަހަރުގެ ތެރޭގައި ސަން ސިޔާމް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފަ އެވެ. އަދި އިންތިހާބަށް ނިކުންނަވާނީ ގިނިކަންޏާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް އެމްޑީއޭއަކީ ވަރަށް މެމްބަރުން މަދު ޕާޓީއެއްކަމުން ކޯލިޝަނަކާއި ނުލައި އެޕާޓީއަށް އިންތިހާބެއް ކާމިޔާބު ވުމަކީ ނާދިރު ކަމެކެވެ.

މީދޫ ދާއިރާގެ އިތުރުން މ. އަތޮޅުގެ ބައެއް ދާއިރާތަކަކީ ސަން ސިޔާމްގެ އަގުލަބިއްޔަތު އޮންނަ ސަރަހައްދުތަކެކެވެ. އެސަރަހައްދުތަކުގައި އެމްޑީޕީގެ ތާއީދު ކުޑަ އެވެ. އެހެންކަމުން މުޅި ރާއްޖެއިން އަގުލަބިއްޔަތު ނެގުމަށް އެމްޑީއޭގެ ތާއީދަށް އެދިވަޑައިގެންނެވުމަކީ ރައީސް ޞާލިހު ބޭނުންފުޅުވެވަޑައިގަންނަވާނެ ކަމެއްކަމަށް ބެލެވެ އެވެ. ރައީސް ޞާލިހު މީގެ ކުރިން ވަނީ ހުރިހާ ފިކުރުތަކަކާއިއެކުވެސް މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!