ރައީސް ޔާމީން މިނިވަން ކުރަން ކުރެވެން ހުރި ކޮންމެ ކަމެއް ކުރާނެކަމުގެ ޔަޤީންކަން ދެން: ޝިޔާމް
ރައީސް ޔާމީން އަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ކުރެވެން ހުރި ހުރިހައި މަސައްކަތެއް ކުރާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެެ.
އިދިކޮޅުން ބުރާސްފަތި ދުވަހު ފެށި "ހޯޕް ކޮންފަރެނެސް" ނިންމައިލުމަށް ރޭ "ދުއްޕާން" މި ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަށް އަނިޔާ ކުރުމަކީ ކެތްކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެ މަނިކުފާނަކީ ދިވެހި ރައްޔިތުންގެ އުއްމީދު ކަަމަށެވެ.
އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ކުރެވުނު ކޮންމެ ކަމެއްވެސް ކުރައްވާނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވަނީ ވިދާޅުވެފައެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ)ގެ ބޮޑު ޚިޔާނާތުގެ އެންމެ އަޑީގައި ތިބި މީހުން ތިބީ ފިނި ކޮޓަރީގައި ކަަމަށާއި، އެއީ ފާސިޤުންކަން ފާހަގަކުރައްވައި، އެފަރާތްތަކަށް ޝިޔާމް ފާޑުވިދާޅުވިއެވެ.
ރައީސް ޔާމީންގެ ޖާނީ ދުޝްމަނެއްގެ ގޮތުގައި ހުރި، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަކީ، ރައީސް ޔާމީނާ ދެކޮޅަށް ބޭނުން ކުރާ ހެކި ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ މައްސަލައިގައި ރައީސް ޔާމީންގެ ފަހަތުން އުޅޭއިރު، ފެންނަނީވެސް އެ މަނިކުފާނު އެކަނި ކަމަށާއި، ޚިޔާނާތުގެ ބޮޑު ލިސްޓެއް އޮތްއިރު، މި ޚިޔާނާތާ ގުޅިގެން އެންމެ ފުރަތަމަ ދަޢުވާވެސް އުފުލައިފައިވަނީ ރައީސް ޔާމީންގެ މައްޗަށް އެކަނި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ރައީސް ޔާމީން އެކަނި މި މީހުންނަށް ފެންނަނީ. މިއީ ސިޔާސީ ކަމެއް ނޫންތޯ؟ ބޮޑު ލިސްޓެއް އޮތޭ. މި ސަރުކާރުގެ ކެބިނެޓް މިނިސްޓަރުންވެސް އެ ލިސްޓުގަ އޮތޭ."
ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ އިސް ފަަރާތްތަކަށް ދަޢުވާތައް އުފުލަން އުޅުނުއިރު، އުންސުރު ހަމަނުވާ ކަަމަށް ބުނެ ދަޢުވާތައް އުފުލައިފައިނުވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ޕީޕީއެމުން ކުރަނީ ޤައުމީ މަސައްކަތެއް، ޤައުމު އަލުން އަނބުރާ ހޯދުމުގެ މަސައްކަތް."
އޭނާ އިތުރަށް ވިދާޅުވީ އިންޑިއާއާ ގުުޅިގެން ރައީސް ޔާމީންގެ ވެރިކަން ވައްޓައިލުމަށް އޭރުގެ އިދިިކޮޅު ފަރާތްތަކުން މަސައްކަތް ކުރި ކަމަށާއި، އެގޮތުން 2018 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރެއްވި ޙުކުމަކީ ބަޣާވަތެއް ގެނައުމަށް ކުރެއްވި ޚުކުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.