ޚަބަރު ސިޔާސީ

ޑީއާރުޕީގެ ލީޑަރ އެޕާޓީން އިސްތިއުފާދީފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޑީއާރުޕީގެ ލީޑަރ އަބްދުﷲ ޖާބިރު އެޕާޓީން އިސްތިއުފާދެއްވައިފިއެވެ.

Ads by Sosun Fihaara

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް ޕާޓީ ކަމުގައިވާ ޑީއާރުޕީން ޖާބިރު އިސްތިއުފާ ދެއްވާފައި މިވަނީ އެޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވަނިކޮށެވެ. އެޕާޓީ އުވާލަން ނިންމާފައިވަނީ އެއްވެސް ހަރަކާތެއް ނުހިންގާތީ ކަމަށްވެސް އީސީއިން ވަނީ ބުނެފައެވެ.

ސިޔާސީ ޕާޓީގެ ގާނޫނު ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް ޑީއާރްޕީއަށް ގާނޫނުގެ ދަށުން ދެވުނު ތިން މަސް ދުވަހުގެ މުއްދަތު އޮކްޓޫބަރު 25، 2022 އަށް ހަމަވިއިރު 3،000 މެންބަރުން ޑީއާރްޕީގައި ހަމަވެފައެއްނުވެއެވެ.

ޑީއާރުޕީގެ ލީޑަރޝިޕާއި ޖާބިރު ހަވާލުވެފައިވަނީ 2019 ވަނަ އަހަރުއެވެ. މެމްބަރުން ހަމަނުވެ ޕާޓީ އުވާލަން އީސީއިން ނިންމުމުން ޖާބިރުވަނީ އެމައްސަލަ ކޯޓަށް ހުށައަޅާފައެވެ. އެހެންނަމަވެސް އެމައްސަލަ ކޯޓުން ބަލައިގަނެފައެއް ނުވެއެވެ.

ޖާބިރު މީގެ ކުރިން ވިދާޅުވި ގޮތުގައި ޑީއާރުޕީގެ ޓިކެޓުގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރައްވާނެއެވެ. އެހެންނަމަވެސް ޕާޓީ އުވާލަން ނިންމާފައިވާއިރު އިންތިހާބުގައި ވާދަކުރައްވާނެކަމެއް ނުވަތަ ނޫންކަމެއް އޭނާ ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ.

އަދި ޑީއާރްޕީ އުވާލައިފިނަމަ އިތުރު ސިޔާސީ ޕާޓީއެއް އުފައްދަވާނެކަމަށް ޖާބިރުވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!