ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑައަޅާކަށް ނުފެނޭ: ފައްޔާޒު
ރާއްޖޭގެ އިގްތިސާދު މިވަގުތު އޮތް ގޮތުން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާ އަދަދު ދޭން ނުފެންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭ ގޮތުން، މިހާރު ރައްޔިތުން މަޖިލީހުން ބާއްވާ ހިޔާލު ހޯދުމުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، އިންސާނީ ނަޒަރިއްޔާއަކުން ބަލާނަމަ ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑައެޅުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ބުނެވިދާނެ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ، އިންސާނިއްޔަތަށް ބަލާއިރު އަމިއްލަ ހާލަތަށް ވެސް ދިވެހިން ބަލަން ޖެހޭ ކަމަށާއި އެގޮތުން ރާއްޖޭގައި ދެ ލައްކައަށް ވުރެ ގިނަ ބިދޭސީން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މީގެ ތެރެއިން 120000 ބިދޭސީނަކީ ކުޑަ އުޖޫރައެއް ލިބޭ ފަރާތްތަކެއްކަން ވެސް ފާހަގަ ކުރެއްވި އެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގައި ވަޒީފާ އަދާނުކުރާ ދިވެހިންގެ އަދަދު ގާތްގަނޑަކަށް އުޅެނީ 15000-20000 އާ ދެމެދުގަ އެވެ. އަދި ބޭނުންވާ ވަކި ކަހަލަ ވަޒީފާއަކަށް ނޫނީ ވަކި ވަރަކަށް މުސާރަ ނުލިބޭތީ އެއްވެސް ވަޒީފާއަކަށް ނުދާ މީހުންގެ އަދަދު 30000 އަށް އަރަ އެވެ.
"ވަރަށް ލޯ ސެލަރީއެއްގަ މިއުޅެނީ ގާތްގަނޑަކަށް 120000 އެއްހާ ބިދޭސީން. ކޮންސްޓްރަކްޝަން ދާއިރާއާއި މެނުއަލް މަސައްކަތްތަކުގަ. އަޅުގަނޑެއް ގަބޫލެއް ނުކުރަން 64000 މިނިމަމް ވޭޖަށް ކަނޑައަޅައިގެނެއް އެ މަސައްކަތަކަށް ދާނެ މާބައިވަރު ދިވެހިންތަކެއް ތިބޭނެ ކަމަކަށް. އަޅުގަނޑުމެން ބޭނުންވަނީ ބޭރު މީހުން ބޭރުކޮށްފަ ދިވެހިން އެ ވަޒީފާތަކަށް ގެންދަން ކަމަށްވާނަމަ މިނިމަމް ވޭޖް 12000 އަށް ހަދައިގެން އެ އޮބްޖެކްޓިވްއެއް ހާސިލުވާނެ ކަމަށް ގަބޫލެއް ނުކުރެވެ،"
އެކަމާއި ގުޅިގެން ފައްޔާޒު އިތުރަށް ވިދާޅުވީ ދިވެހިންނެކޭ އެއްގޮތަށް ބިދޭސީންނަށް މިނިމަމް ވޭޖް ދޭނަމަ، 270 މިލިއަން ޑޮލަރު އިތުރަށް ދާނެ ކަމަށެވެ. ރާއްޖޭގެ އިގްތިސާދުން އެކަންވާނަމަ ބިދޭސީންނަށް ވެސް މިނިމަމް ވޭޖް ދޭން މައްސަލައެއް ނެތް ކަމަށާއި އަދި މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު ވެސް ބޮޑުކުރުމުގައި ވެސް މައްސަލައެއް ނެތް ކަމަށް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.
އާންމުންގެ ގިނަ ބަޔަކު ހިޔާލު ހުށަހެޅި މި ބައްދަލުވުމުގައި މިނިސްޓަރު އިތުރަށް ވަނީ ރާއްޖޭގެ އިގްތިސާދުގައި ބިދޭސީންނަށް މިނިމަމް ވޭޖް ދޭން ވަރުހުރި ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.