ޚަބަރު

ސާއިރާގެ ސުވާލުތަކުން މެންބަރުންގެ އަނގަ ބަންދު ކޮށްލައިފި، ރައްޔިތުންގެ ތައުރީފް!

ދެން އެމްވީ

ރައްޔިތުންގެ މަޖިލީހުން ވަނީ މިނިމަމް ވޭޖްގެ މައްސަލައިގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުމުން ފެނިގެން ދިޔައީ ރައްޔިތުންގެ ހިތްހަމަނުޖެހުން މިކަމުގައި އޮތް މިންވަރެވެ. ސަރުކާރާއި މަޖިލީހުގެ މަސައްކަތްތަކާއި މެދު ރައްޔިތުންގެ ކަންބޮޑުވުން އޮތް މިންވަރެވެ.

ރޭ ބޭއްވި ބައްދަލުވުމުގައި ފާތިމަތު ސާއިރާ ނަމަކަށް ކިޔާ އަންހެނަކު ވާހަކަދައްކާ މަންޒަރު ފެންނަ ވީޑިއޯ މިހާރު މީސް މީޑިއާގައި ދައުރުވަމުން ދާއިރު، ގިނަ ބަޔަކު އަންނަނީ އޭނާ އަށް ޝުކުރާއި ތައުރީފްގެ ބަސްތައް ފޮނުވަމުންނެވެ.

ސައިރާ ބުނީ އިގްތިސާދުގެ ވާހަކަ ދައްކާއިރު ދައްކަނީ ހަމައެކަނި ވިޔަފާރިވެރިންގެ ވާހަކަކަމަށާއި، މަސައްކަތް ކުރާ މީހާގެ ވާހަކަ ނުދައްކާ ކަމަށެވެ. އަދި މިނިމަމް ވޭޖްގެ ވާހަކަ ދައްކާއިރު މަސައްކަތްކުރާ މީހާ އުޅޭ ހާލާއި އޭނާގެ ދިރިއުޅުމުގެ ފެންވަރު ހުރިގޮތަށް ރިއާޔަތް ކޮށް ވާހަކަ ނުދެއްކާކަމަށް ބައެއް ފަރާތްތަކުން ފާހަގަ ކޮށްފައިވެއެވެ. ސާއިރާ ބުނީ އޭނާ ގަބޫލު ކުރާ ގޮތުގައި ޓުއަރިޒަމް އިންޑަސްޓްރީ ގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް 6400 ރުފިޔާ އަކީ އެކަށީގެންވާ އަދަދެއް ނޫން ކަމަށާއި އެއަށްވުރެ މާބައިވަރު ފައިސާ އެމީހުންނަށް ހައްގު ކަމަށެވެ.

"އަޅުގަނޑު ކުރީގެ ފިރިމީހާއަށް އޭނާއަށް ދަރިން ކައިރިއަކަށް ނާދެވޭ. ޗުއްޓީއެއް ނުލިބޭ. އެކަމަކު އާއިލާއާ އެކު ސްޕެންޑް ކުރުމަކީ ވެސް އެއީ ހައްގެއް. އެކަމަކު ރާއްޖޭގައި މި ހައްގުތަކާއި ޑިމޮކްރަސީ މިދެކެނީ ވަރަށް ހަނިކޮށް،" ޝާއިރާ ބުންޏެވެ.

އޭނަ ބުނީ މަޓީ، މަސީ މި ތަންތަނުން މި އުޅެނީ އާންމުންގެ ހައްގުތަކަށް ފައިން އަރަން ކަމަށާއި މިނިމަމް ވޭޖް މިއީ ހައްގެއް ކަމަށެވެ.

މީގެ އިތުރުން ސާއިރާ ވަނީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ މިނިމަމް ވޭޖެއް ފާހެއް ނުވާނެ ކަމަށް ބުނެ މިނިމަމް ވޭޖު ދިނުމާއި ބެހޭގޮތުން ފާޅުގައި ދެކޮޅު ހެއްދެވުމުން އީސާ އަށް ހޫނު ރައްދެއް ދީފައެވެ.

"ޓުއަރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރަމުން އަންނަ މީހުން ހެނދުނުން ފެށިގެން ރޭގަނޑާއި ހަމަޔަށް މަސައްކަތް ތީބޭ. އަޅުގަނޑު ވަރަށް ޑިސްއެޕޮއިންޓުވޭ މެންބަރު އީސަ އަކީ ޓުއަރިޒަމް އިންޑަސްޓްރީގެ މަސައްކަތްތެރިން ރިޕްރެޒެންޓޭޓު ކުރަން ހުންނެވުމަށްފަހު މަޖިލީހަށް ވަޑައިގެން، މިހާރު މަސައްކަތްތެރިންގެ ހައްގުގައި ވާހަކަ ނުދައްކަވާ ބޭފުޅަކަށް ވާތީ. އަޅުގަނޑު ވަރަށް ހިތާމަކުރަން" ސާއިރާ ބުންޏެވެ.

ސާއިރާގެ ވާހަކަތައް ނިންމާލުމުން އީސާ ވަނީ ވާހަކަ ދައްކަވާފަ އެވެ. އީސާ ވިދާޅުވީ އޭނާ މިހާރު ތަމްސީލް ކުރައްވަނީ މަސައްކަތްތެރިން ނޫން ކަމާއި އޭނާއަކީ ވެސް މަސައްކަތްތެރިއެއް ނޫން ކަމަށެވެ. އޭނާގެ ދާއިރާގައި އެންމެ ކުޑަ ވިޔަފާރިތަކުން ފެށިގެން ބޮޑެތި ވިޔަފާރިވެރިން ވެސް އެބަތިބި ކަމަށެވެ.

ސައިރާގެ މިވާހަކަތަކަށް އާންމުންގެ ތައުރީފު ވަރަށް ބޮޑަށް ވަނީ ލިބިފަ އެވެ. އެގޮތުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އޭނާއަށް ތައުރީފުކޮށްފަ އެވެ. އަދި، އާންމުންގެ ހައްގުގައި ވާހަކަ ދެއްކުމަށް ބޭނުން ވަނީ އެފަދަ ކެރޭ މީހުން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!