ޚަބަރު ސިޔާސީ

ވަކިން ރިޔާސީ އިންތިޚާބަށް ނުކުންނަން ވިސްނާ ހިސާބުން، ސަރުކާރުގައި ރަނގަޅު މަސައްކަތެއް ނުކުރެވޭނެ: އާތިފު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ވަކިން ރިޔާސީ އިންތިޚާބަށް ނުކުންނަން ވިސްނާ ހިސާބުން، ސަރުކާރާއެކުގައި އިޙްލާސްތެރި މަސައްކަތެއް ނުކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، އަޙްމަދު އާތިފް ވިދާޅުވެއްޖެއެވެ.

އާތިފް މިހެން ވިދާޅުވީ، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، ޖޭޕީން، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ވަކިން ނުކުންނަން ނިންމުމުން ކަމަށް ބެލެވެއެވެ.

އާތިފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރާއެކުގައި ކޯލިޝަން ހެދީ ފަސް އަހަރުގެ ދައުރަކަށް ކަމަށެވެ.

އެހެންނަމަވެސް ވަކިން ރިޔާސީ އިންތިޚާބަށް ނުކުންނަން ވިސްނުން އަންނަ ހިސާބުން ސަރުކާރުގައި ތިބެގެން ރަނގަޅު މަސައްކަތެއް ކުރެވޭނެކަމަކަށް ގަބޫލެއް ނުކުރެވޭ، އެވަރުގެ އިހްލާސްތެރިކަމެއް ނުފެނޭ، ހަމަޖެހޭގޮތަކީ އިސްތިއުފާ ދިނުން

 

އާތިފް މިހެން ވިދާޅުވިއިރު، ސަރުކާރުގެ މަތީ މަޤާމުތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރުން މަޤާމުން ވަކި ކުރުމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ދަނީ ގޮވައިލައްވަމުންނެވެ. އެމްޑީޕީއާއެކު މިހާރު ކޯލިޝަން ހަދައިގެން ތިބި ސިޔާސީ ޕާޓީތަކުގެ ތެރެއިން، މި އަހަރުގެ ރިޔާސީ ރޭހަށް ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ނުކުންނަން ނިންމީ އަދާލަތު ޕާޓީން އެކަންޏެވެ.

މިއަދު އެމްއާރްއެމާ ޖޭޕީން ރިޔާސީ އިންތިޚާބާ ގުޅޭ މަޝްވަރާ ކުރިއިރު، މި ބައްދަލުވުމާ ގުޅޭގޮތުން "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ފާރިސް މައުމޫން ވިދާޅުވީ އެ ބައްދަލުވުމަކީ ޖޭޕީގެ ލީޑަރު ޤާސިމްގެ އެދުމުގެ މަތިން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

އަދި ދެ ޕާޓީން ރިޔާސީ އިންތިޚާބާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ޓީމްތަކެއް ނެގިގެން، ތަފްސީލީ ގޮތެއްގައި އިތުރަށް މަޝްވަރާތައް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

އެމްއާރްއެމްއިން އިއްޔެ ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާވެސް މަޝްވަރާ ކުރައްވާފައެވެެ. އެ ބައްދަލުވުމުގައި ވެސް ނިންމާފައިވަނީ ދެ ޕާޓީން ޓީމްތައް ނަގައިގެން އިތުރަށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!