މިދައުރުގައި އެތެރޭގެ ރައްކާތެރިކަން ވަރަށް ބޮޑަށް ކަށަވަރު ކުރެވިފައިވާކަމަށް ބުނުމުން ވައްޑެގެ ހޫނު ރައްދެއް!
މި ރިޔާސީ ދައުރުގައި ރާއްޖޭގެ އެތެރޭގެ ހަމަޖެހުމާއި ރައްކާތެރިކަން ވަރަށް ބޮޑަށް ކަށަވަރު ކުރެވިފައިވާކަމަށް ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ހޫނު ރައްދެއް ދެއްވައިފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމް އެފެއަރޒް އަލީ ނަޒީރު ވިދާޅުވީ ހޯމް މިނިސްޓްރީގެ މަސައްކަތްތައް ބޮޑަށް ބައްޓަން ކުރެވިފައިވަނީ ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށާއި، ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތްތައް ކުރުމަށެވެ. އަދި ވިދާޅުވީ ރައްޔިތުން އެންމެ ބޮޑަށް އެދޭ އެއްއެދުމަކީ ވެސް ރާއްޖޭގެ އެތެރޭގެ ހަމަޖެހުމާއި ސަލާމާތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދެބިތިބުން ކަމަށެވެ.
ސްޓޭޓް މިނިސްޓަރުގެ ވާހަކައަށް ރައްދު ދީ ވައްޑޭ ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާގެ ވާހަކަ ހަނދާން ކޮށްފައެވެ.
"މި ފަސް އަހަރުތެރޭ މާލޭ މެދުގައި ބޮމެއް ގޮއްވާލައި މަޖިލިސް ރައީސްގެ ފުރާނަ ކިރިޔާ ސަލާމަތްވީ. މި ފަސް އަހަރުތެރޭ ވަރަށް އަނިޔާވެރި އެތައް ގަތުލެއް ހިނގައިފި. މި ފަސް އަހަރުތެރޭ ތިޔަބޭފުޅުން އަޅާނުލާ ތިއްބައި ޖަލުތައް ހަނގުރާމަވެރި ހާލިތަކަކަށް ބަދަލުވެއްޖެ" ވައްޑޭ ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާގެ ޝަރީއަތް ލަސްވެ އިންސާފުލިބުން ލަސްވަނީ ރައީސް ޞާލިހް އަނގަވައިގެން ކަމަށް ނަޝީދަށް ތާއިދު ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.