ޚަބަރު ސިޔާސީ

ރާއްޖޭގެ ކަނޑުން ބައެއް ގެއްލޭ ގޮތަށް އިޓްލޮސްއިން ނިންމީ، ރައީީސް ޞާލިޙުގެ ސިއްރު ސިޓީގެ ސަބަބުން: އަބްދުއްރަޙީމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މޮރިޝަސްއާއި ދިވެހިރާއްޖޭގެ ކަނޑުގެ ފުށުއަރާ ސަރަޙައްދުގެ އިން ކަނޑައަޅައި، ރާއްޖޭގެ ކަނޑުން ބައެއް ގެއްލޭ ގޮތަށް އިޓްލޮސްއިން ޙުކުމް އިއްވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ފޮނުއްވި ޤާނޫނު އަސާސީއާ ޚިލާފު، ސިއްރު ސިޓީގެ ސަބަބުން ކަމަށް ޕީއެންސީގެ ރައީސް، އަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަބްދުއްރަޙީމް މިހެން ވިދާޅުވީ، "ކަނޑުވިއްކުމާ ދެކޮޅު އިއްތިޙާދު"އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކަނޑު ވިއްކައިލުމާ ދިވެހި ރައްޔިތުން ދެކޮޅު ކަމަށާއި، އެކަމާ ދެކޮޅަށް އިއްތިހާދެއް އެކުލަވައިލީ، ޤައުމީ މަސައްކަތެއް ކުރުމަށްޓަކައި ކަމަށެވެ.

"މިއީ ސިޔާސީ މަސައްކަތެއް ނޫނޭ، މިއީ ޤައުމީ މަސައްކަތެކޭ، އެހެންވީމަ، މި މަސައްކަތުގައި، ސިޔާސީ ޙިޔާލުތަފާތުވުންތައް އެއްކައިރި ކޮށްފައި، މިކަމުގައި، އެކީގައި މަސައްކަތް ކުރަން ތިބި ހުރިހައި ފަރާތްތަކާއެކުގައި މަސައްކަތް ކުރަން ފައްޓާށޭ."

އަބްދުއްރަޙީމް އިތުރަށް ވިދާޅުވީ، ސިޔާސީ ވިސްނުން ތަފާތު ވުމަކީ، ޤައުމީ ވިސްނުން ތަފާތުވާން ޖެހޭ ސަބަބެއް ނޫނެވެ.

އޭނާ ވިދާޅުވީ، މީގެ ކުރިންވެސް ދިވެހީންގެ ތެރެއިން މަދު ބަޔަކު، ޤައުމަށް ޣައްދާރުވުމުގެ ސަބަބުން މިފަދަ މައްސަލަތައް ފެންމަތިވެގެން ދިޔަ ކަމަށެވެ.

ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް، ދިވެހީންގެ ތެރެއިން ބަޔަކު އެކަންކަމާ ދެކޮޅަށް ތެދުވެފައިވާ ކަމަށެވެ. އަދި މިއަދު ވެސް ކޯލިޝަނެއް ހަދައިގެން ކުރަމުންދަނި އެފަދަ މަސައްކަތެއް ކަމަށް އަބްދުއްރަޙީީމް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!