މަރުތަކަށް އިންސާފު ހޯދައިދޭން ވަޢުދުވި ނަމަވެސް ދައުރު ނިންމާލަނީ ކުށްވެރިން ދޫކުރަމުން: ވައްޑެ

ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވައުދުވެވަޑައިގަތީ މަރުތަކަށް އިންސާފު ހޯދައިދޭންކަމަށާއި ނަމަވެސް އެމަނިކުފާނުގެ ދައުރު ނިންމާލަނީ ވޯޓު ހޯދުމަށްޓަކައި ބޮޑެތި ކުށްވެރިން ދޫކުރަމުންކަމަށް ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވައްޑެ މިފަދައިން ވިދާޅުވީ ރައީސް ޞާލިޙްގެ ވެރިކަމުގެ 4 އަހަރުގައި ޤާތިލުންނާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ހިމެނޭހެން 600 އަށްވުރެ ގިނަ ކުށްވެރިންނަށް އަދަބު ލުއިކޮށްދެއްވާފައިވާ ކަމަށް ނޫހެއްގައި ރިޕޯޓްކުރުމާއި ގުޅިގެންނެވެ.
ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2018 ގައި ވަޢުދުވީ މަރާލެވިފައިވާ އަދި ގެއްލުވާލެވިފައިވާ އެތައް ބަޔެއްގެ މައްސަލަތައް ބަލައި އިންސާފު ޤާއިމުކޮށްދޭން ކަމަށެވެ.
އެހެން ނަމަވެސް އެންމެ މަރެއްގެ މައްސަލަ ވެސް ނުބަލައި ދައުރު މި ނިންމާލަނީ ވޯޓު ހޯދުމުގެ ވަސީލަތަކަށް ބޮޑެތި ކުށްވެރިން ދޫކުރަމުން ކަމަށް ވައްޑެ ވިދާޅުވިއެވެ.
އަފްރާސީމާއި ރިޒްވާނުގެ އިންސާފު ލިބޭނީ ނަސީދު ހައްޔަރުކޮށްގެން ތަހުގީގު ކުރެވުނު ދުވަހަކުން.