އަންނަ ސެމްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފައިވާ ޖުމްހޫރީ ޕާޓީގެ ސްލޮޓުތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިބުމުގެ ފުރުސަތު އެބައޮތްކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ޖުމްހޫރީ ޕާޓީއަކީ ސަރުކާރު ކޯލިޝަންގައި އޮތް ޕާޓީއެއް ނަމަވެސް މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެޕާޓީން ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ނުކުރާކަން ވަނީ ހާމަކޮށްފަ އެވެ. ޖޭޕީގެ ރިޔާސީ ޓިކެޓު އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އަރުވާފައިވާއިރު އެޕާޓީން ދަނީ ބައެއް ކަންކަމުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
މީގެ ކުރިން ރައީސް ޞާލިހު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުން ކޯލިޝަންގައި ތިއްބެވުމަކީ ދަތިތަކެއް ކުރިމަތިވެދާނެ ކަމެއްކަމަށް ވިދާޅުވެފަ އެވެ. އެހެންނަމަވެސް ކޯލިޝަން ރޫޅާލިކަން ރަސްމީކޮށް އެމަނިކުފާނު އިއުލާނެއް ނުކުރައްވަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެނޑިޑޭޓަކަށް ކެމްޕޭން ފަށާ ހިސާބުން ކޯލިޝަންގައި ތިބެން ދަތިވާނެ ކަމަށް ރައީސް ވިދާޅުވެފައި ވިޔަސް ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ. ޖެޕީ އަދިވެސް އޮތީ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ސަރުކާރާ އެއްކޮށް މަސައްކަތްކުރަން އެ ބޭފުޅުން ތިއްބެވިއްޔާ ޖޭޕީ ސްލޮޓްގައި ވިޔަސް ފުރުސަތު އެ ބޭފުޅުންނަށް އޮންނާނެ," މިއުވާން ވިދާޅުވި އެވެ.
މިއުވާން މިފަދައިން ވިދާޅުވިއިރު އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ގިނަ ބޭފުޅުންތަކެއް ވަނީ ސަރުކާރުގެ އެކި މަގާމުތަކުން ވަކިކޮށްފަ އެވެ. މިއުވާން ވިދާޅުވީ ސަރުކާރު މަގާމުތަކުން ވަކިކުރަނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރަން ހުރަސްއެޅޭތީ ކަމަށެވެ. އެނޫން ފަރާތްތައް ކޮންމެ ޕާޓީއެއްގައި ތިބިނަމަވެސް މަގާމުތަކުން ވަކިކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތްކަމަށްވެސް މިއުވާން ވިދާޅުވި އެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ރައީސް ނަޝީދާއިއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތަކެއްވެސް ކުރިއަށް ދިޔަ އެވެ. އެހެންނަމަވެސް ރައީސް ނަޝީދު ހުށަހެޅުއްވި ބައެއް ޝަރުތުތަކަށް ގާސިމް އެއްބަސްވެވަޑައިގަންނަވަން އުޒުރުވެރިވުމުން މަޝްވަރާތައް ހުއްޓުނެވެ.
އޭގެ ފަހުން ރައީސް ޞާލިހާއިއެކު ޖޭޕީން އެއްބަސްވުންތަކަކަށް އައިސްފައިވާކަމުގެ ވާހަކަތަކެއް ދެކެވެ އެވެ. އެގޮތުން އިންތިހާބުގެ ދެވަނަ ބުރަކަށް ދާނަމަ ވާދަކުރާ ކެނޑިޑޭޓަކަށް އަނެއް ކެނޑިޑޭޓު ތާއީދުކޮށް ކޯލިޝަން ހެދުމަށް ރައީސް ޞާލިހާއި ގާސިމް އެއްބަސްވެވަޑައިގެންފައިވާކަމަށް ވާހަކަ ދެކެވެ އެވެ.
ސަރުކާރު ކޯލިޝަންގައި މިވަގުތު އޮތް ޕާޓީތަކުގެ ތެރެއިން ރައީސް ޞާލިހަށް ތާއީދު ކުރައްވަން ނިންމީ އަދާލަތު ޕާޓީން އެކަންޏެވެ. އަންނަ ރިޔާސީ އިންތިހާބުގައި ރައީސް މައުމޫނުގެ އެމްއާރުއެމްއިން ތާއީދު ކުރާ ކެނޑިޑޭޓެއް އަދި ހާމައެއް ނުކުރެ އެވެ.