ޚަބަރު ރައްޔިތުންގެ މަޖިލިސް ސިޔާސީ

މަޖިލީހުގެ ރިޔާސަތުގައި އިންނަން ޖެހޭނީ މެޖޯރިޓީ އޮތް އެމްޑީޕީގެ މެންބަރެއް: މެމްބަރު އިސްމާޢިލް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަންޖެހޭނީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ މެންބަރެއްކަމަށާއި، މިފަހަރު ބަހަނާއަށް ދީއްލާލުމެއް ނެތްކަމަށް ދުވާފަރު ދާއިރާގެ އެމްޑީޕީ މެންބަރު އިސްމާޢީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އޭނާ މިހެން ވިދާޅުވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހަޅަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

މީގެ ކުރިންވެސް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވެއެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގައި ތާއީދު ހޯދުމުގެ ގޮތުން މައްސަލަ ވަނީ އަނބުރާ ގެންގޮސްފައެވެ. ނަމަވެސް އެމްޑީޕީއަށް އިންތިޚާބު ނާކާމިޔާބުވުމާއި ގުޅިގެން، އަނެއްކާވެސް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށް ނިންމީއެވެ.

"ކުޑަނަމަވެސް ޚިޔާނާތެއް ވެފައިވާނަމަ އެކަމެއް ބެލުމަށް ބޮޑުކޮށް ތާއީދު! އަވަސް ކުރައްވާ! އެކަމަކު އެމްޑީޕީ މެޖޯރިޓީ މަޖިލީހުގެ ރިޔާސަތުގައި އިންނަން ވާނީ އެމްޑީޕީގެ މެންބަރެއް! މިކަން އަވަހަށް ތަރުތީބުކޮށްދެއްވުމަށް ލީޑަރޝިޕަށް ގޮވާލަން! އެކި ބަހަނާއަށް ދީއްލާލުމެއް ނެތި!"

މީގެ ކުރިން 54 މެންބަރުންގެ ސޮޔާއެކު ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާއިރު، އެމައްސަލަ އަނބުރާ ގެންގޮސްފައިވަނީ ޑިމޮކްރެޓްސްއާއެކު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މަސައްކަތްކުރުމުގެ ނިޔަތުގައެވެ. ނަމަވެސް ޑިމޮކްރެޓްސްއިން ވަނީ އެއްވެސް ކެންޑިޑޭޓަކަށް ތާއިދުނުކުރުމަށް ނިންމާފައެވެ. އިންތިޚާބުގެ ދެވަނަ ބުރުގައިވެސް އެމްޑީޕީ ނާކާމިޔާބުވުމާއި ގުޅިގެން އެޕާޓީން ބޭއްވި ޤައުމީ މަޖިލީހުގައި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ހުށަހެޅުމަށް އެޕާޓީގެ މެންބަރުން ވަނީ އެދިވަޑައިގެންފައެވެ.

އެޕާޓީން މަޢުލޫމާތުދޭގޮތުގައި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުގެ އެންމެ ބޮޑު ބޭނުމަކީ މަޖިލީހުގެ މެޖޯރިޓީ އެޕާޓީއަށް އޮވެމެ، ރިޔާސަތުގައި ހުންނަން ޖެހޭނީ އެޕާޓީގެ މެންބަރެއްކަމުގައި އެޕާޓީން ދެކޭތީއެވެ. އަދި އެ މަޤާމަކީ އެޕާޓީއަށް ނުހަނު މުޙިއްމު މަޤާމެއްކަމަށްވެސް އެޕާޓީގެ ބައެއް މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.

މަޢުލޫމާތުލިބިފައިވާ ގޮތުގައި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ އަދަދަށް ސޮއި ވަނީ ހަމަވެފައެވެ.

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަޤާމުގައި ހުންނަވާ ބޭފުޅަކު އެ މަޤާމުން ވަކިކުރަން ހުށަހެޅޭނީ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ ސޮޔާއިއެކުއެވެ. އެއީ މިހާރު ތިއްބެވި 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮއެވެ. މިހާރު މަޖިލީހުގައި ތިއްބަވަނީ އެމްޑީޕީއަށް ނިސްބަތްވާ 55 މެންބަރުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!