ޚަބަރު

ކޮވިޑް އޮޑިޓް ރިޕޯޓު: ފޮރިން މިނިސްޓްރީން ވެސް ޚަރަދު ކޮށްފައިވަނީ އުސޫލާއި އެއްގޮތަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ފޮރިން މިނިސްޓްރީން ވެސް ޚަރަދު ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

Ads by MWSC

ފޮރިން މިނިސްޓްރީން ކުރި ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި އެމިނިސްޓްރީން ކޮށްފައިވާ ޚަރަދުތަކުގެ ތެރޭގައި ކޮވިޑް-19އާ ގުޅިގެން ރާއްޖެއިން ބޭރުގައި ޙާލުގައި ޖެހިފައިތިބި ދިވެހީންނަށް ދެވުނު ފައިސާގެ އެހީ ވެސް ހިމެނެއެވެ. އެޚަރަދުތައް ކޮށްފައިވަނީ ޒަކާތު ފަންޑުން 3 މިލިއަން ރުފިޔާ އާއި އަދި ފޮރިން މިނިސްޓްރީގެ ބަޖެޓުން ކަމަށް ވެސް ބުނެފައިވެއެވެ.

އޮޑިޓް ރިޕޯޓުން ބުނެފައިވާ ގޮތުގައި، ރާއްޖެއިން ބޭރުގައި ތިބި މެޑިކަލް ދާއިރާއިން ތަޢުލީމު ޙާސިލްކުރަމުން ދިޔަ ދިވެހީންނާއި އިތުރު ބައެއް ދިވެހި ރައްޔިތުން އަނބުރާ ރާއްޖެ ގެނައުމަށް ހިންްގި ޓިކެޓް ޚަރަދު ކޮށްފައިވަނީ ފޮރިން މިނިސްޓްރީންނެވެ. އަދި ރާއްޖެއިން ބޭރުގައި ޙާލުގައި ޖެހިފައިތިބި ދިވެހިންނަށް މާލީ އެހީތެރިކަން ފޯރު ކޮށްދިނުމަށްޓަކައި އެމިނިސްޓްރީން އުސޫލުތަކެއް އެކުލަވާލައިގެން ޚަރަދުކުރި ކަމަށް ވެސް ރިޕޯޓުގައިވެއެވެ.

ޖޫން މަހުގެ 30 ގެ ނިޔަލަށް ކޮވިޑް-19 އާއި ގުޅިގެން ފޮރިން މިނިސްޓްރީން ޚަރަދުކޮށްފައިވަނީ 266،467 ރުފިޔާ ކަމަށް އެމިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ދައްކައެވެ.

އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ސޮއިކުރައްވާ ނެރުއްވާފައިވާފައިވާ ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ފޮރިން މިނިސްޓްރީގެ ހުރިހާ ޚަރަދުތަކެއްވެސް މައިނޑުގޮތެއްގައި ޚަރަދު ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި، މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި އަދި ޚަރަދު ކުރުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެކުލަވާލާފައިވާ އުޞޫލުތަކާއި އެއްގޮތަށް ކަމަށް ބުނެފައިވެއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!