ނައްތާލީ ބޭނުންނުކުރާ، ބާ ލިޔެކިޔުންތަކެއްކަމަށް އެފްއެސްއެމް އިން ބުނެފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ލިޔެކިޔުންތަކެއް ކޮންކްރީޓް މެޝިނަކަށް އަޅައި، ނައްތާލަމުން ދިޔަ މަންޒަރު މިއަދު ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާތީ، އެއީ ބޭނުންނުކުރާ، ބާ ލިޔެކިޔުންތަކެއްކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނީގެ މުވައްޒަފަކު މިއަދު އާންމުކުރި ވީޑިއޯގައި ފެންނަނީ ކޮންކްރީޓް މެޝިނަކަށް، ލިޔުންތަކެއް އަޅައި ގަށަމުންދާ މަންޒަރެވެ. މި މަންޒަރު ރެކޯޑުކުރި މުވައްޒަފު މިހާރު ވަނީ ސަސްޕެންޑުކޮށްފައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި ވީޑިއޯ ޢާންމުވުމާއެކު ގިނަ ބަޔަކު ދަނީ އެފްއެސްއެމް އަށް ބޮޑެތި ފާޑުކިޔުން އަމާޒުކުރަމުންނެވެ.
މި ފާޑުކިޔުންތަކަށް ރައްދު ދެމުން އެ ކުންފުނިން ވަނީ ވީޑިއޯއިން ފެންނަނީ ގިނަ އަހަރުތަކެއް ވަންދެން ގުދަންކުރެވިފައި ހުރި ލިޔުންތަކެއްކަމަށާއި، އެއީ އެއްވެސް ގޮތަކަށް މިހާރު ބޭނުން ހިފޭ ލިޔުންތަކެއް ނޫންކަމަށް ބުނެފައެވެ.
"ވީޑިއޯއިން ފެންނަނީ، ގިނައަހަރުތަކެއް ވަންދެން ގުދަން ކުރެވިފައި ހުރި އަދި މިހާރު އެއްވެސް ގޮތަކުން ކުންފުންޏަށް ބޭނުންވާނޭ ފަދަ ލިޔެކިއުންތަކެއް ނޫން" އެ ކުންފުނީގެ މީޑިއާ އޮފިޝަލް ވިދާޅުވިކަމަށް "މިހާރު" ނޫހުގައި ބުނެފައިވެއެވެ.
އެ ކުންފުނިން ވަނީ ޙަޤީޤަތް އޮޅޭގޮތަށް ވީޑިއޯ ދައުރުނުކުރުމަށާއި ކަސްޓަމަރުންގެ ހިތްތަކުގައި އެ ކުންފުންޏާމެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް މަސައްކަތްނުކުރުމަށް ގޮވައިލައިފައެވެ.
މި ވީޑިއޯ އާންމުވުމާއެކު ގިނަ ބަޔަކު ދަނީ ވެރިކަން ބަދަލުވާން ކުޑަ ދުވަސްކޮޅަކަށްވެފައި އޮއްވައި މިފަދަ މަންޒަރެއް ފެނުމުން، މިކަން ތަޙުޤީޤު ކުރުމަށް ގޮވައިލަމުންނެވެ.
މި މައްސަލައާ ގުޅިގެން ގޭގައި މަޑުކުރުމަށް އަންގާފައިވަނީ އެ ކުންފުނީގެ މީޓަރު ޓެކްނީޝަން އަޙްމަދު އަނީސްއެވެ. އޭނާއާ ހަވާލުކުރި ޗިޓުގައި ބަލަމުންދާ މައްސަލައަކާ ގުޅިގެން ގޭގައި މަޑުކުރުމަށް އަންގައިފައިވެއެވެ.