ޚަބަރު ސިޔާސީ

އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ދަރުބާރަށް ހުރަސް އަޅަނީ ރައީސް ޞާލިހު އަންގަވައިގެން: ޑިމޮކްރެޓްސް

ޙައްވާ އިނާޝާ ، ދެން އޮންލައިން
ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ | ފޮޓޯ: މިހާރު

އިންތިޚާބީ ރައީސް އާއި އިންތިޚާބީ ނައިބް ރައީސް ހުވާ ކުރެއްވުމުގެ ދަރުބާރަށް ހުރަސް އެޅުމަށް އެމްޑީޕީން މަސައްކަތް ކުރަނީ ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވެ ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ އެންގެވުމަކަށް ކަމަށް ދަ ޑިމޮކްރެޓްސް ޕާޓީން ބުނެފިއެވެ.

Ads by Hajj Corporation

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސް އިން މިހެން ބުނެފައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުން އެ މަނިކުފާނު ވަކި ކުރުމަށް އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް، އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވާކުރައްވައިފިނަމަ އެ ހުވާ ގަބޫލު ނުކުރާނެ ކަމަށް ސަރުކާރު ހިންގާ މައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ބުނެފައި ވާތީ އެކަމަށް އިޝާރަތް ކޮށެވެ.

އެގޮތުން މިކަމަށް އިޝާރަތް ކުރައްވާ ދަ ޑިމޮކްރެޓްސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިންތިޚާބީ ރައީސް އާއި އިންތިޚާބީ ނައިބް ރައީސް ހުވާ ކުރެއްވުމުގެ ދަރުބާރަށް ހުރަސް އެޅުމަށް އެމްޑީޕީން މަސައްކަތް ކުރަނީ ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ އެންގެވުމަކަށް ކަމަށެވެ.

ހަމަ އެހެންމެ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުން ލައްވައި ކުރައްވަން އުޅުއްވާ ހުތުރު މަސައްކަތްޕުޅު ކުށްވެރިކުރާ ކަމަށް ޑިމޮކްރެޓްސް އިން ބުނެފައި ވެއެވެ.

ރައްޔިތުންގެ ނިންމުމަށާއި ޤާނޫނުއަސާސީގެ ހުރުމަތަށާއި ޑިމޮކްރަސީގެ އަސާސްތަކަށާއި މަކާރިމުލް އަހްލާގުގެ ހަމަތަކަށް ރުޖޫއަވެ ވަޑައިގަތުމަށް އިލްތިމާސް ކުރާކަމަށް ވެސް ޑިމޮކްރެޓްސްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމަށް ފަހު އެ ޕާޓީން އިއްޔެ ބުނެފައި ވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 29 ވަނަ ދުވަހު ހުށައަޅަން ޖެހޭނެ ކަމަށާއި އިންތިޚާބީ ރައީސް ހުވާ ކުރުމުގެ  ރަސްމިއްޔާތު ކުރިއަށް ގެންދަން ބޭނުންފުޅު ވަނީ އިތުބާރު އޮތް ރައީސަކާއެކު ކަމަށެވެ. މީގެ އިތުރުން އިތުބާރު ނެތް ރައީސަކާއި އެކު ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފިނަމަ ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ކެބިނެޓަށް އެމްޑީޕީގެ ތާއީދެއް ނުލިބޭނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!